އިއްބެ ހިތްވަރު ގަދަކުރާތި، މުޅި ފުޓްބޯޅަ އާއިލާ އޮތީ އިއްބެއާއެކު!

އާއިލާގެ މެމްބަރުންގެ ޖަނާޒާގައި އިއްބެ. ގައުމީ ޓީމް އަންނަ މަހުގެ ފަސް ވަނަ ދުވަހު ކުޅޭ މެޗުގައި އިއްބެ ފެންނާނެކަމުގެ ޔަގީންކަމެއް ނެތް. - ފޮޓޯ: ހުސައިން ވަހީދު / މިހާރު

ހދ. ނޮޅިވަރަންފަރުން ފުރައިގެން އެ އަތޮޅު ހަނިމާދޫއަށް ދަތުރުކުރި ލޯންޗެއް ބަންޑުން ޖަހާލައި ފަސް މީހަކު އިއްޔެ މަރުވި ހަބަރާއެކު މުޅި ގައުމަށް ލިބުނީ ބޮޑު ސިހުމެކެވެ. މިއީ 2004 ވަނަ އަހަރު ހިނގި އެނަމާ ބޯޓް ބަންޑުން ޖަހާލުމުގެ ހާދިސާއަށް ފަހު ރާއްޖޭގައި ހިނގި ކަނޑުމަތީގެ އެންމެ ހިތާމަވެރި ހާދިސާ އެވެ. ހާދިސާގެ ހަބަރު އިވުނުތާ މާގިނައިރު ތަކެއް ނުވެ ދެން ލިބުނީ މުޅި ދިވެހި ފުޓްބޯޅަ އާއިލާ ހިތާމައިގެ ބިޔަ ކަނޑަކަށް ގަންބާލި ހަބަރެކެވެ. އެއީ ލޯންޗް ބަންޑުންޖަހާލި ހާދިސާގައި މަރުވި ފަސް މީހުންގެ ތެރޭގައި ގައުމީ ފުޓްބޯޅަ ޓީމުގެ ހުނަރުވެރި މިޑްފީލްޑަރު އިބްރާހިމް ވަހީދު (އިއްބެ ވަހީދު) ގެ ބޮޑު ބޭބެގެ ދެމަފިރިންނާއި، އެދެމަފިރިންގެ ދަރިއަކާއި ކާފަ ދަރިއަކު ހިމެނުނު ވާހަކަ އެވެ.

މި ހަބަރާއެކު ދިވެހި ފުޓްބޯޅައަށް ލޯބިކުރާ އެތައް ބަޔަކު އިއްބެ ވަހީދުއަށް ހަމްދަރުދީ ފާޅުކޮށް ނޮޅިވަރަންފަރަށް އުފަން 23 އަހަރުގެ ކުޅުންތެރިޔާއަށް ކުރިމަތިވި ކުއްލި ހިތާމައިގައި ބައިވެރިވާކަން ސޯޝަލް މީޑިއާ މެދުވެރިކޮށް ހާމަކުރަން ފެށި އެވެ. ވޯލްޑް ކަޕަށް ކޮލިފައިވުމަށްޓަކައި އަންނަ މަހު ރާއްޖެ ކުޅެންޖެހޭ ދެ މެޗަށް ތައްޔާރުވުމަށް ގައުމީ ޓީމާ އެކު އިއްބެ އޭރު ހުރީ ސްރީ ލަންކާގަ އެވެ. އެއާއެކު މުޅި ޓީމްގެ ހުރިހާ މަސައްކަތެއް ހުއްޓާލުމަށް ފަހު ޓީމްގެ މެނޭޖްމަންޓުން އަވަސްވީ މަރުވި އާއިލާގެ މެންބަރުންގެ ޖަނާޒާގައި ބައިވެރިވުމަށް އިއްބެއަށް ރާއްޖެ އާދެވޭނެ ގޮތް ހަމަޖެއްސުމަށެވެ. އެވަރުން އެކަނި ނިންމާލީއެއް ނޫނެވެ. މިދިޔަ އަހަރު އޮތް ސާފް ސުޒުކީ ކަޕްގެ ތަށި ރާއްޖެއަށް ހޯދައިދިނުމުގައި މުހިއްމު ދައުރެއް އަދާކުރި އިއްބެއަށް ކުރިމަތިވި ހިތާމައިގައި ބައިވެރިވާކަން ހާމަކުރުމުގެ ގޮތުން އިއްޔެ ބާއްވަން ހަމަޖެހިފައި އޮތް ގައުމީ ޓީމުގެ ފަރިތަކުރުންތައް ވެސް ކެންސަލްކުރި އެވެ.

މިދިޔަ އަހަރު ސާފް ސުޒުކީ ކަޕް ފުޓްބޯޅަ މުބާރާތުގައި އިއްބެ. އާއިލާގެ މެންބަރުންގެ މަރާއެކު އިއްބެ ވަނީ ގައުމީ ޓީމް ދޫކޮށް ރާއްޖެ އައިސްފައި. – ފޮޓޯ: އިމޭޖަސް.އެމްވީ

ރާއްޖޭގެ އެންމެ މަގްބޫލް އެއް ނޫސް ކަމަށްވާ “މިހާރު” އަށް ދިން އިންޓަވިއު އެއްގައި ރާއްޖޭގެ ފުޓްބޯޅަ އެސޯސިއޭޝަންގެ ޖެނެރަލް ސެކެޓްރީ ހުސައިން ޖަވާޒް އިއްޔެ ވިދާޅުވެފައިވަނީ ގައުމީ ޓީމާއެކު ހުރުމަށްވުރެ އިއްބެއަށް މިވަގުތު މުހިއްމީ އާއިލާ ކަމަށާއި، އެހެން ކަމުން މިވަގުތު މުހިއްމީ އިއްބެގެ އާއިލާއާއެކު ގައުމީ ޓީމު އޮތުން ކަމަށެވެ.

“ފަހުމިނެޓް” އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އިއްޔެގެ ހާދިސާގައި މަރުވި ފަސް މީހުންނަކީ ވެސް އިއްބެއާ އާއިލީ ގުޅުން އޮތް ފަސް މީހުންނެވެ. އޭގެ ތެރޭގައި ހިމެނޭ 30 އަހަރުގެ ފާތިމަތު ގުރައިޝާ އާއި ތިން އަހަރުގެ އީރާ ހަސަން ޝިފާޒް އަކީ އިއްބެ ވަރަށް ގާތް ގުޅުމެއް ބާއްވަމުން އައި ދެމައިން ކަމަށް އެނގިފައިވެ އެވެ.

އިއްބެ ވަނީ ރޭ ހަނިމާދޫގައި އޮތް އާއިލާގެ މެންބަރުންގެ ޖަނާޒާގައި ބައިވެރިވެފަ އެވެ. މި ނޫހަށް އިއްބެގެ އާއިލާގެ މެންބަރަކު މައުލޫމާތު ދިން ގޮތުގައި އިއްބެ އެނބުރި ލަންކާއަށް ދިއުމާ މެދު އަދި ގޮތެއް ނުނިންމާ ކަމަށާއި ބޮޑައް ބެލެވެނީ އާއިލާއާ އެކު ދުވަސްކޮޅަކު ރަށުގައި މަޑުކުރާނެކަމަށެވެ.

ރާއްޖޭގެ އޮންލައިން ނޫހެއް ކަމަށްވާ “އަވަސް” އަށް އިއްޔެ ދިން އިންޓަވިއުއެއްގައި ގައުމީ ޓީމުގެ މެނޭޖަރު ޔާމީން އިބްރާހީމް ވިދާޅުވެފައިވަނީ ގުއާމް މެޗަށް އިއްބެ ޓީމާއެކު ދިއުމާ މެދު މިވަގުތު ނުވިސްނާ ކަމަށާއި މިވަގުތު އެންމެ މުހިއްމީ އިއްބެގެ އާއިލާއަށް މި ކުރިމަތިވި ހިތާމަވެރި ދަނޑިވަޅުގައި އެ އާއިލާ އާއެކު ހުރުން ކަމަށެވެ.

އިއްބެގެ އާއިލާއަށް ކުރިމަތިވި ހިތްދަތި ހާދިސާއާއި ގުޅިގެން އިއްބެއަށް ހިތްވަރު ދިނުމުގެ ގޮތުން ފުޓްބޯޅަ އާއިލާގެ ފުންނާބު އުސް ބައެއް ފަރާތްތަކުން ވެސް އޭނާއަށް ފޯނުން ގުޅައި އިއްބެއަށް ލިބުނު ހިތާމައިގައި ބައިވެރިވާކަން ވަނީ ހާމަކޮށްފަ އެވެ. އޭގެ ތެރެއިން އެކަކީ ޓީސީ ސްޕޯޓްސް ކްލަބުގައި އިއްބެ ކުޅެމުން އައިއިރު އެ ޓީމްގެ ކޯޗަކަށް ހުރި މުހައްމަދު ނިޒާމް (ނިޒާމްބެ) އެވެ.

“އިއްބެ އަށް ގެއްލިގެން އެދިޔައީ އިއްބެ އާ އެންމެ ގާތް އިއްބެ ދަރިއެއްހެން ލޯބިން ގެންގުޅޭ ކޮއްކޮ އަކާއި ދައްތަ އެއް. މިދަނޑިވަޅުގަ އިއްބެ ހިތްވަރު ބަލިނުކޮށް ކެތްތެރިވުމަށް އަދި ހިތާމައިން އަވަހަށް މިންޖުކޮށްދެއްވުން އެދި ދުއާ ކުރަން” 16 އަހަރުން ދަށުގެ ގައުމީ ޓީމާ އެކު މިވަގުތު ގަތަރުގައި ހުރި ނިޒާމްބެ “ފަހުމިނެޓް” އާ ވާހަކަދައްކަމުން ބުނެފައިވެ އެވެ.

ކޮންމެއަކަސް ގައުމީ ފުޓްބޯޅަ ޓީމު ގައުމީ މުހިއްމު މަސައްކަތަކަށް ނުކުންނަން ތައްޔާރުވެފައި އޮތް މުހިއްމު ދަނޑިވަޅެއްގައި ޓީމުގެ މުހިއްމު ކުޅުންތެރިއަކަށް މި ލިބުނު ހިތާމައަކީ ޓީމަށް ކޮންމެވެސް ވަރެއްގެ ހީނަރުކަމެއް އަންނާނެ ކަމެއް ކަމަށް ބެލެވެއެވެ. އެކަމަކު އެއަށްވުރެ ބޮޑަށް ފުޓްބޯޅައަށް ލޯބިކުރާ ގިނަ ދިވެހިންގެ އެދުމަކީ އިއްބެއަށް ލިބިފައިވާ ހިތާމައިން އަރައިގަތުމެވެ. “ފަހުމިނެޓް” ގެ ފަރާތުން އިއްބެ އާއި އާއިލާއަށް އެދެނީ ކެތްތެރިކަމެވެ.  

ކޮމެންޓް