މިލަދޫގައި ކުރިއަށްދާ އެމްވައިއެމް ޗެލެންޖް ކަޕްގެ ސެމީ ފައިނަލް މިއަދު ކުޅެނީ

ނ. މިލަދޫގައި މި މަހުގެ 13 ވަނަ ދުވަހު ފަށައިގެން ކުރިއަށްގެންދާ ސިކްސް އަ ސައިޑް ފުޓްބޯޅަ މުބާރާތުގެ ސެމީ ފައިނަލް ހޮވުނު ޓީމްތައް ކަށަވަރުވެއްޖެއެވެ. “އެމްވައިއެމް ޗެލެންޖް ކަޕް 2019” ގެ ނަމުގައި ކުޅެމުން އަންނަ މި މުބާރާތުގެ ސެމީ ފައިނަލަށް ދަތުރުކޮށްފައިވާ ހަތަރު  ޓީމަކީ އިންވޭޑާސް އާއި ޗިކޯސް އެފްސީގެ އިތުރުން އަމިޗީ އަދި ޑީ އޮބިއަންސް އެވެ.

މިލަދޫގައި އުފައްދައިފައިވާ އަމިއްލަ ޖަމިއްޔާ އެއް ކަމަށްވާ މިލަދޫ ޔޫތް މޫވްމަންޓުން އިންތިޒާމްކޮށްގެން ކުރިއަށްގެންދާ މި މުބާރާތުގެ ސެމީ ފައިނަލްގެ ދެ މެޗްވެސް ކުރިއަށްދާނީ މިއަދު ހަވީރު އެވެ. މިލަދޫ ފުޓްބޯޅަ ދަނޑުގައި ކުޅުމަށް ހަމަޖެހިފައިވާ ސެމީ ފައިނަލްގެ ފުރަތަމަ މެޗްގައި ބައްދަލުކުރާނީ އިންވޭޑާސް އާއި ޗިކޯސް އެފްސީ އެވެ. އިންވޭޑާސް މުބާރާތުގެ ސެމީ ފައިނަލުން ޖާގަ ހޯދީ ކުޅުނު އެއްވެސް މެޗަކުން ބަލިނުވެ ގްރޫޕް ބީ ގެ އެއް ވަނަ ޓީމްގެ ގޮތުގައެވެ. އެޓީމުން ވަނީ ގްރޫޕް ސްޓޭޖްގައި ކުޅުނު ތިން މެޗްގެ ތެރެއިން ދެ މެޗް ކާމިޔާބުކޮށް އެއް މެޗް އެއްވަރުކޮށްފައެވެ. ތިން މެޗްގައި އިންވޭޑާސް އިން ޖުމްލަ ހަތް ގޯލް ޖެހި އިރު ބައިކޮޅަށް ހަތަރު ގޯލް ވަދެފައިވެއެވެ. އިންވޭޑާސް އާ ދެކޮޅަށް މިއަދު ނުކުންނަ ޗިކޯސް އެފްސީ އަށް މުބާރާތުގެ ސެމީ ފައިނަލުން ޖާގަ ލިބުނީ ގްރޫޕް އޭ ގެ ދެވަނަ ޓީމްގެ ގޮތުގައެވެ. މުބާރާތުގެ ގްރޫޕް ސްޓޭޖްގައި ޗިކޯސް އެފްސީ އިން ދެ މެޗް ކާމިޔާބުކުރިއިރު އެއް މެޗުން ވަނީ ބަލިވެފައެވެ. އެކަމަކު އެޓީމުން ވަނީ މި މުބާރާތުގައި މިހާތަނަށް ނުވަ ގޯލް ޖަހައިފައެވެ. ބައިކޮޅަށް އަދި ވަނީ އެންމެ ދެ ގޯލެވެ.

ބައިވެރިވި އަށް ޓީމް ދެ ގްރޫޕަކަށް ބަހާލައިގެން ކޮންމެ ގްރޫޕަކުންވެސް އެންމެ ރަގަޅު ނަތީޖާ ހޯދާ ދެ ޓީމް މުބާރާތުގެ ސެމީ ފައިނަލަށް ހޮވޭ ގޮތަށް އިންތިޒާމްކޮށްގެން ކުރިއަށްގެންދާ މި މުބާރާތުގައި މިއަދު ކުޅޭ ސެމީ ފައިނަލްގެ ދެވަނަ މެޗްގައި ބައްދަލުކުރާނީ ގްރޫޕް އޭ އިން އެއްވަނަ ޓީމްގެ ގޮތުގައި ސެމީ ފައިނަލަށް ދަތުރުކުރި އަމިޗީ އާއި ގްރޫޕް ބީގެ ދެވަނަ މަގާމް ކަށަވަރުކުރި ޑީ އޮބިއަންސް އެވެ. މި ދެޓީމަށް ބަލާލާއިރު އަމިޗީ އަކީ މުބާރާތުގައި ކުޅުނު ހުރިހާ މެޗެއް ކާމިޔާބުކޮށްގެން ސެމީ ފައިނަލަށް އައި ހަމައެކަނި ޓީމެވެ. އަނެއްކޮޅުން ޑީ އޮބިއަންސް އަކީ އެންމެ މަދުން ޕޮއިންޓް ހޯދައިގެން މުބާރާތުގެ ސެމީ ފައިނަލްގެ ޖާގައެއް ކަށަވަރު ކުރި ޓީމެވެ. އެޓީމަށް ގްރޫޕް ސްޓޭޖްގައި ކުޅުނު ތިން މެޗްގެ ތެރެއިން ކާމިޔާބުކުރެވުނީ އެންމެ މެޗެކެވެ. އަނެއް ދެ މެޗް ނިމުނީ އެއްވަރުވެގެންނެވެ. މުބާރާތުގައި މި ދެޓީމުން ޖަހައިފައިވާ ގޯލްގެ އަދަދަށް ބަލައިލާއިރު ތަފާތެއް ފެންނާކަށް ނެތެވެ. ދެޓީމުންވެސް މުބާރާތުގައި ޖުމްލަ ހަތަރު ގޯލް ޖަހައިފައިވާއިރު އަމިޗީ ކޮޅަށް މި މުބާރާތުގައި ވަދެފައިވަނީ އެންމެ ގޯލެކެވެ. ޑީ އޮބިއަންސް ކޮޅަށް ދެ ގޯލް ވަދެފައިވެއެވެ.

ޗެމްޕިއަން ޓީމަށް ޖުމްލަ ހަތް ހާސް ރުފިޔާ ހުށަހަޅައިގެން ކުރިއަށްގެންދާ މި މުބާރާތުގެ ފައިނަލް މެޗް ކުޅޭގޮތަށް ހަމަޖައްސައިފައިވަނީ މި މަހުގެ 21 ވާ ބުދަ ދުވަހު އެވެ. މިއީ ނ. އަތޮޅުގެ ފުޓްބޯޅައިގެ ގަދަ ބާރެއް ކަމަށްވާ މިލަދޫގައި މި މުބާރާތް ބާއްވާ ތިން ވަނަ އަހަރެވެ. މިލަދޫ އިން ވަނީ އަތޮޅު ތެރޭގައި ބާއްވާ އެންމެ އަގުބޮޑު ފުޓްބޯޅަ މުބާރާތް ކަމަށްވާ ސިޔާމް މައުރޫފް ސޮކާ ކަޕް 2017 ވަނަ އަހަރު ކާމިޔާބުކޮށްފައެވެ. ސިޔާމް މައުރޫފް ސޮކަރ ކަޕަކީ ނ. އަތޮޅުގެ ރަށްތަކަށް ހުޅުވާލައިގެން ބާއްވާ މުބާރާތެކެވެ.

ކޮމެންޓް