ދަގަނޑޭ އަކީ އެންމެ މޮޅު މީހާ: ހަމްޕު

ހަމްޕު ގައުމީ ޓީމަށް ފުރަތަމަ ޖަހައިދިން ގޯލަށް ފަހު ދަގަނޑޭއާ އެކު އުފާފާޅުކުރަނީ. ހަމްޕު ވަނީ ދަގަނޑޭ އަށް ވަރަށް ބޮޑަށް ތައުރީފް ކޮށްފައި.

އަލީ އަޝްފާގް (ދަގަނޑޭ) އަކީ އެންމެ މޮޅު ކުޅުންތެރިޔާކަމަށް، ސްރީ ލަންކާގައި މި ވަގުތު ތިބި ދިވެހި ގައުމީ ޓީމުގައި ހިމެނޭ މުހިއްމު ކުޅުންތެރިއެއް ކަމަށްވާ ހަމްޒާ މުހައްމަދު (ހަމްޕު) ބުނެފި އެވެ. ހަމްޕު އޭނާގެ ފޭސްބުކްގައި އިއްޔެ މިހެން ބުނެފައިވަނީ، ގައުމީ ޓީމުން ދަގަނޑޭއަށް ފުރުސަތު ނުދޭ މައްސަލައިގައި އެފްއޭއެމް އާއި ގައުމީ ޓީމުގެ ކޯޗު ޕީޓަ ސެގާޓަށް އެތައް ބައެއްގެ ފާޑު ކިޔުން އަމާޒުވެފައި ވަނިކޮށެވެ.

ހަމްޕު، އޭނާގެ ފޭސްބުކުގައި ކޮށްފައިވާ ޕޯސްޓެއްގައި މިހެން ބުނެފައިވަނީ އޭނާ ނިސްބަތްވާ ބ. އޭދަފުށީގައި އަޝްހާ އީދު ބަންދާއި ގުޅުވައިގެން ކުރިއަށް ގެންދިޔަ ލެވިސްޓާ ކަޕް ފުޓްބޯޅަ މުބާރާތް ދަގަނޑޭ ހިމެނުނު ޓީމު ކާމިޔާބު ކުރި ހަބަރު “ފަހުމިނެޓް” އިން ގެނެސްދިނުމުން އެ ހަބަރު ޝެއާ ކުރަމުންނެވެ.

“އެންމެ މޮޅު މީހާ” ގެ އިތުރުން ދެން ހަމްޕު ބުނެފައިވަނީ ދަގަނޑޭ އަކީ “ރަސްގެފާނު” ކަމަށެވެ. ވަކި މީހެއްގެ ނަން ބުނެފައި ނެތް ނަމަވެސް ހަމްޕު މި ޕޯސްޓް ނިސްބަތްކޮށްފައިވަނީ ރާއްޖޭގައި އުފެދުނު އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާ ދަގަނޑޭއަށެވެ.

Emme molhu meehaa 💙King 👑 Masha allah ☺️

Posted by Hamza Mohamed on Saturday, August 17, 2019
ހަމްޕު އިއްޔެ ފޭސްބުކްގައި ކޮށްފައިވާ ޕޯސްޓް

މިދިޔަ ސީޒަނުގެ ރާއްޖޭގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމާ އެންމެ ގިނަ ގޯލް ޖެހި ކުޅުންތެރިޔާގެ މަގާމް ހޯދާފައިވާ ދަގަނޑޭއަށް ގައުމީ ޓީމުން ފުރުސަތު ނުދޭ މައްސަލައިގައި ގައުމީ ކޯޗު ސެގާޓާއި އެފްއޭއެމަށް ގިނަ ބައެއްގެ ނުރުހުން އަމާޒުވެފައިވާ އިރު، މި މައްސަލައިގައި އެފްއޭއެމުން ވަކި އެއްޗެއް އަދި ނުބުނެ އެވެ. އެހެންނަމަވެސް، ކޯޗު ސެގާޓް އޭނާގެ ނިންމުން ދިފާއުކުރުމަށް އެކި ފަހަރު އެކި ވާހަތައް އަންނަނީ ދައްކަމުންނެވެ. ސެގާޓްގެ ވާހަކަތައް ބައެއް މީހުން “ޖޯކެއް” ގޮތުގައި ސިފަކުރަނީ މިދިޔަ ސީޒަނުގައި 42 ގޯލު ޖަހައި ލަނޑު ލިސްޓުގެ އެއް ވަނަ ހޯދާފައި ވަނިކޮށް ދަގަނޑޭ އަށް ފުރުސަތު ނުދިނުމުންނެވެ.

ބަރާބަރަށް ގައުމީ ޓީމަށް ކުޅެމުން އައި ދަގަނޑޭ އަށް މިހާރުގެ ކޯޗު ސެގާޓް ފުރުސަތު ނުދޭންފެށީ މިދިޔަ އަހަރުގެ މާޗް މަހު ބޫޓާނާ ދެކޮޅަށް މާލޭގައި ކުޅެން އޮތް އޭޝިއަން ކަޕް ކޮލިފައިން މެޗުގެ ކުރިން އޮތް ނޫސްވެރިންގެ ބައްދަލުވުމަށް ހާޒިރުނުވުމުންނެވެ. ސެގާޓް ދަގަނޑޭ އަށް އަދަބެއް ދިނުމުގެ ގޮތުން ޓީމުން ވަކިކުރި ނަމަވެސް ގިނަ ބަޔަކު އުއްމީދުކޮށްގެން ތިބީ މިދިޔަ އަހަރު އޮތް ސާފް ސުޒުކީ ކަޕްގެ ޓީމުގައި ދަގަނޑޭ ހިމެނޭނެ ކަމަށެވެ. އެކަމަކު ރަނގަޅު ފޯމުގައި ހުރި ދަގަނޑޭ އަށް އެ މުބާރާތުން ފުރުސަތު ނުދިންއިރު ދެން ފެނުނީ ކޯޗު ސެގާޓް ދަގަނޑޭ އެއްކޮށް ބާކީކޮށްލި ތަނެވެ.

ވޯލްޑް ކަޕް ކޮލިފައިންގައި ރާއްޖޭގެ ޓީމު ކުޅޭ ފުރަތަމަ މެޗުގައި އަންނަ މަހުގެ ފަސް ވަނަ ދުވަހު ރަށުން ބޭރުގައި ނުކުންނާނީ ގުއާމްއާ ދެކޮޅަށެވެ. ދެ ވަނަ މެޗުގައި އަންނަ މަހުގެ 10 ވަނަ ދުވަހު މާލޭގައި ޗައިނާއާ ދެކޮޅަށް ނުކުންނާނެ އެވެ. ކޮލިފައިންގައި ރާއްޖެ ހިމެނޭ ގްރޫޕް އޭގައި ދެން ހިމެނެނީ ފިލިޕީންސް އާއި ސީރިއާ އެވެ. މިފަހަރުގެ ކޮލިފިކޭޝަނުގައި އެފްއޭއެމްގެ އެންމެ ބޮޑު އަމާޒަކީ އޭޝިއަން ކަޕަށް ކޮލިފައިވުމެވެ.

ކޮމެންޓް