ހައްދުންމަތީ ބައިބަލާ މުބާރާތް މިރޭ ފަށަނީ

2017 ވަނަ އަހަރުގެ މުބާރާތުގެ ތެރެއިން. - ފޮޓޯ: ރިއަލް އައިލެންޑް ސޮސައިޓީ

ހައްދުންމައްޗަށް ހުޅުވާލައިގެން އަލްހާއީދު ބަންދުގައި ބާއްވާ މިއަހަރުގެ ރިއަލް ބައިބަލާ ޗެލެންޖް މިރޭ ލ. ގަމުގައި ފެށިގެން ކުރިއަށް ދާނެއެވެ.

ބައިބަލާ އެސޯސިއޭޝަން އޮފް މޯލްޑިވްސްއާ ގުޅިގެން ލ. ގަމު ރިއަލް އައިލެންޑް ސޮސައިޓީއިން އިންތިޒާމް ކޮށްގެން 2017 ވަނަ އަހަރުން ފެށިގެން ކުރިއަށް ގެންދާ މިމުބާރާތުގައި މިއަހަރު ޖުމްލަ ހަ ޓީމެއް ވާދަކުރާއިރު، މުބާރާތް ކުރިއަށްގެންދާނީ ދެ ގުރޫޕަކަށް ބަލާކައިގެންނެވެ.

މުބާރާތުގެ ފުރަތަމަ މެޗުގައި މިރޭ ބައްދަލުކުރާނީ ގުރޫޕް 1ގެ ފިނޮޅު ޖޫނިއާސް އާއި ފިނޮޅު ސްޕޯޓްސް ކްލަބެވެ. މީގެ އިތުރުން ދެން މިގްރޫޕުގައި ހިމެނެނީ ގޯޅި ސްޕޯޓްސް ކްލަބެވެ. ވޭތުވެދިޔަ ދެއަހަރުގެ ޗެމްޕިއަން މުކުރިމަގު އަންޑަގްރައުންޑް ހިމެނެނީ، މުކުރިމަގު އަންބީޓަން އާއި ނިއު ޖެނެރޭޝަން އޮފް ގޯޅި އާއެކު ގުރޫޕް ދޭއްގައެވެ.

މުބާރާތުގެ ޝެޑިއުލް. –

2010 ވަނަ އަހަރުން ފެށިގެން ރިއަލް އައިލެންޑް ސޮސައިޓީއިން ގަމުގައި އަވަށު މުބާރާތެއް ގޮތުގައި އެސޯސިއޭޝަނާ މަޝްވަރާ ކުރެވިގެން ބާއްވަން ފެށި މިމުބާރާތް ރަސްމީ ސިފައެއްގައި ބައިބަލާ އެސޯސިއޭޝަނާ ގުޅިގެން ބާއްވަން ފެށިތާ މިއީ ތިންވަނަ އަހަރެވެ.

މާލޭގައި ކޮންމެ އަހަރެއްގެ ފިތުރު އީދާ ދިމާކޮށް ބާއްވާ މުބާރާތުގެ އިތުރުން، ހައްދުންމަތީ ބައިބަލާ މުބާރާތަކީ މިއެސޯސިއޭޝަނުން ބާއްވާ ދެ ވަނަ މުބާރާތެވެ. މިހާރު އަހަރަކު ދެ ބައިބަލާ މުބާރާތް ކުރިއަށް ގެންދިޔަނަމަވެސް، ކުރިމަގުގައި ވަރަށް އަވަހަށް، މިއަދަދު ހަތަރަކަށް އިތުރުކުރުމުގެ ވިސްނުން ގެންގުޅޭކަމަށް އެ އެސޯސިއޭޝަނުން ވަނީ ބުނެފައެވެ.

މިއަހަރުގެ ހައްދުންމަތީ ރިއަލް ބައިބަލާ ޗެލްނެޖް ފެށުމުގެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވަން ހަމަޖެހިފައިވަނީ ރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމެވެ.

ކޮމެންޓް