މަތިވެރީގައި ބާއްވާ އެންމެ އަގުބޮޑު ފުޓްސަލް މުބާރާތް ފޯރިގަދަ ހިސާބަކަށް

އއ. މަތިވެރީގައި ބާއްވާ އެންމެ ދުވަސްވީ އަދި އަގުބޮޑު ފުޓްސަލް މުބާރާތް މި މަހުގެ 9 ވަނަ ދުވަހު ފަށައި އެރަށުގައި ފޯރިއާއެކު ކުރިއަށް އެބަދެއެވެ. ހެޕީމާކެޓް ޔުނިއަން ސްޕޯޓްސް ކްލަބް ފުޓްސަލް ޓޯނަމަންޓްގެ ނަމުގައި ކުރިއަށްގެންދާ މި މުބާރާތުގައި މިހާތަނަށް ޖުމްލަ 10 މެޗް ވަނީ ކުޅެފައެވެ.

ބައިވެރިވި އަށް ޓީމް ދެ ގްރޫޕަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގައި ރެއާއި ހަމައަށް ކުޅުނު މެޗްތަކުގެ ނަތީޖާތަކަށް ބަލާއިރު ގްރޫޕް ބީ އިން ސެމީ ފައިނަލަށް ހޮވޭ ޓީމްތައް މިހާރުވަނީ ކަށަވަރުވެފައެވެ. މިގޮތުން ގްރޫޕް ބީ ގެ އެއް ވަނަ ޓީމްގެ ގޮތުގައި ސެމީ އަށް ދަތުރުކޮށްފައިވަނީ މިހާތަނަށް މުބާރާތުގެ ގްރޫޕް ސްޓޭޖްގައި ކުޅުނު ތިން މެޗްވެސް ކާމިޔާބުކޮށްފައިވާ މާންސް އެވެ. މާންސް އިން މި މުބާރާތުގައި ކުޅުނު ތިން މެޗްގައި 13 ގޯލް ޖަހައިފައިވާއިރު ބައިކޮޅަށް ވަދެފައިވަނީ އެންމެ ދެ ގޯލެވެ. މާންސްގެ ފަހަތުން ގްރޫޕްގެ ދެވަނަ ޓީމްގެ ގޮތުގައި ސެމީގެ ޖާގަ ކަށަވަރުކުރީ ރޯޔަލް ނައިޓްސް އެވެ. ގްރޫޕް ސްޓޭޖްގައި ރޯޔަލް ނައިޓްސް ކުޅުނު ތިން މެޗްގައި އެޓީމުން ހަތް ގޯލް ޖަހައިފައިވާ އިރު އެޓީމް ކޮޅަށް މި މުބާރާތުގައި ހަމައެކަނި ވަދެފައިވާ ގޯލަކީ މާންސް އަތުން ބަލިވި މެޗްގައި ވަތް ގޯލެވެ.

މި މުބާރާތުގައި އެންމެ ބޮޑު ވާދަވެރިކަމެއް ފެނިފައިވަނީ ގްރޫޕް އޭ އިންނެވެ. މި ގްރޫޕްގެ އެއް ވަނައިގައި މިހާތަނަށް ކުޅުނު ދެ މެޗް ކާމިޔާބުކޮށްގެން ހަ ޕޮއިންޓާއެކު ބޮޑުފޮޅަދޫއަށް ނިސްބަތްވާ އާރްބީޖީ އޮތް ނަމަވެސް އެޓީމަށް އަދި ސެމީގެ ޖާގަ މުޅިން ކަށަވަރެއް ނުވެއެވެ. އެކަމަކު މާދަމާ ރޭ ކުޅެން ހަމަޖެހިފައިވާ ގްރޫޕްގެ ފަހު މެޗް އެންމެ ކުޑަވެގެން އެއްވަރު ކޮށްލިޔަސް ގްރޫޕްގެ އެއް ވަނަ ޓީމްގެ ގޮތުގައި އާރްބީޖީ ސެމީ ފައިނަލަށް ދާނެއެވެ. މާދަމާ ރޭ ކުޅޭ ގްރޫޕް އޭގެ ފަހު މެޗްގައި އަނެއް ކޮޅުން ވާދަކުރާ ޒެނިކް އަށް އަދި މިހާތަނަށް ލިބިފައި އޮތީ ތިން ޕޮއިންޓާއެކު ފައިދާ ތިން ގޯލް ކަމަށްވެފައި މި ގްރޫޕްގެ ދެވަނައިގައި އޮތް އެފްޓީ ވޭލިއެންޓް އަށް ހަ ޕޮއިންޓާއެކު ފައިދާ ހަތަރު ގޯލް އޮތުމާއެކު ސެމީގެ ކުޑަވެސް ފުރުސަތެއް ހޯދެން ޒެނިކްއަށް އޮތީ އެންމެ ލަނޑެއްގެ ތަފާތުން ނަމަވެސް މާދަމާ ރޭއާރްބީޖީ ބަލިކޮށްގެންނެވެ. 0-1 ގެ ނަތީޖާއިން މި މެޗް ޒެނިކް ކާމިޔާބުކޮށްފިނަމަ އާރްބީޖީ އަށް ގްރޫޕްގެ އެއް ވަނަ ކަށަވަރުވެ އެފްޓީ ވޭލިއެންޓާއި ޒެނިކް ހުރިހާ ގޮތަކުން އެއްވަރުވާނެއެވެ. ދެލަނޑުގެ ތަފާތަކުން ޒެނިކް މެޗް ކާމިޔާބުކޮށްފިނަމަ އާރްބީޖީއާއި ޒެނިކް ސެމީ ފައިނަލަށް ގޮސް އެފްޓީ ވޭލިއަންޓް  މުބާރާތުން ކަޓާނެއެވެ. ސެމީ ފައިނަލަށް ނުގޮސް އާރްބީޖީ ކަޓާނީ ތިން ލަނޑުގެ ތަފާތަކުން އެޓީމް ބަލިވެއްޖެ ނަމައެވެ. އެހެން ވެއްޖެ ނަމަ ގްރޫޕްގެ އެއް ވަނަ ޒެނިލް އަށް ލިބި ދެވަނަ ޓީމްގެ ގޮތުގައި އެފްޓީ ވޭލިއަންޓް ސެމީއަށް ހޮވޭނެއެވެ.   

ޗެމްޕިއަން ޓީމަށް 30،500 ރުފިޔާ ދޭގޮތަށް އިންތިޒާމްކޮށްފައިވާ މި މުބާރާތުގެ ސެމީ ފައިނަލްގެ މެޗްތައް ކުޅޭނީ މި މަހުގެ 14 ވަނަ ދުވަހުގެ ރެއެވެ. ފައިނަލް މެޗް ކުޅުމަށް ހަމަޖެހިފައިވަނީ މި މަހުގެ 15 ވަނަ ދުވަހުގެ ރެއެވެ.      

ކޮމެންޓް