ހޮޅުދޫ ނެޓްބޯޅަ ޗެލެންޖުގެ ޗެމްޕިއަންކަން އިރު އުތުރު ވިލި ޓީމު ހޯދައިފި

ޗެމްޕިއަންކަން ހޯދި އިރު އުތުރު ވިލި ޓީމް ތަށްޓާ އެކު. - ފޮޓޯ: އަބްދުﷲ މާހިދު (މާބެ)

ނ. ހޮޅުދޫ ބެންޔަންސް އެސޯސިއޭޝަން ފޯ އޯލް (ބާފާ) ޖަމިއްޔާއިން އެރަށަށް ހުޅުވާލައިގެން ބޭއްވި “ބާފާ ނެޓްބޯލް ޗެލެންޖް 2019” ގެ ޗެމްޕިއަންކަން ފައިނަލުގައި ކުރިބޯށި ޓީމު ބަލިކޮށް އިރު އުތުރު ވިލި ޓީމު ހޯދައިފި އެވެ. އިއްޔެ ހަވީރު ހޮޅުދޫ ނެޓްބޯޅަ ކޯޓުގައި ކުޅުނު ފައިނަލް މެޗުގެ ޗެމްޕިއަންކަން އިރު އުތުރު ވިލި ޓީމުން ހޯދީ ފަސޭހަކަމާ އެކު 50-10 އިން މޮޅުވެގެންނެވެ.

ގައުމީ ޓީމުގެ ކުޅުންތެރިންނާއެކު މުބާރާތުގައި ވާދަކުރި އިރު އުތުރު ވިލި ޓީމު މުބާރާތުގެ ފައިނަލަށް ދަތުރުކުރީ ސެމީ ފައިނަލުގައި ގޮމަ ޓީމް 53-08 އިން ބަލިކޮށްގެންނެވެ. ކުރިބޯށި ޓީމް ފައިނަލަށް ދަތުރުކުރީ އަރާކުރި ޓީމުގެ މައްޗަށް 33-14 އިން ކުރި ހޯދައިގެންނެވެ. އިއްޔެ ކުޅުނު ފައިނަލް މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދީ ޗެމްޕިއަން އިރު އުތުރު ވިލި ޓީމުގެ އައިމިނަތު ރަބާބް އިބްރާހީމް އެވެ.

މުބާރާތުގެ ރަނަރަޕް ޓީމް ކުރިބޯށި. – ފޮޓޯ: އަބްދުﷲ މާހިދު (މާބެ)

މުބާރާތުގެ އެންމެ މޮޅު ހަތް ކުޅުންތެރިންގެ ތެރޭގައި ހިމެނުނީ ޗެމްޕިއަން އިރު އުތުރު ވިލި ޓީމާއި ރަނަރަޕް ކުރިބޯށި ޓީމުގެ ކުޅުންތެރިންގެ އިތުރުން އަރާކުރި ޓީމުގެ ކުޅުންތެރިއެކެވެ. ޗެމްޕިއަން ޓީމުން ގަދަ ހަތެއްގައި ހިމެނުނީ އީމާ އަބްދުއްސައްތާރު، ރަބާބް އަދި އައިމިނަތު ސަލްވާ އެވެ. ކުރިބޯށި ޓީމުން ގަދަ ހަތަކުން ފުރުސަތު ހޯދީ ޒުއްވިޖާ މުހައްމަދު، އައިޝަތު ސިމްނާ އަދި އިރުޝާދާ ރިލްވާން އެވެ. އަރާކުރި ޓީމުން ގަދަ ހަތެއްގައި ހިމެނުނު ހަމައެކަނި ކުޅުންތެރިއަކީ ފާތިމަތު ފަޒްނާ އެވެ. މުބާރާތުގެ 21 އަހަރުން ދަށުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމް ގޮމަ ޓީމުގެ މާހިރަތު ހުނައިފާ ހޯދިއިރު މުބާރާތުގެ އެންމެ މޮޅު ކޯޗަކަށް ހޮވުނީ އިރު އުތުރު ވިލި ޓީމަށް ޗެމްޕިއަންކަން ހޯދައިދިން މަރިޔަމް އާޒިމާ އެވެ. ފެއާޕްލޭ ޓީމުގެ އެވޯޑް އަރާކުރި ޓީމަށް ލިބުނުއިރު އެންމެ ރަނގަޅަށް ސަޕޯޓް ކުރި ޓީމަކަށް ހޮވުނީ ގޮމަ ޓީމެވެ. މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދީ އިރު އުތުރު ވިލި ޓީމުން ޗެމްޕިއަންކަން ހޯދިއިރު ތަފާތު މޮޅު ކުޅުމެއް ދެއްކި ރަބާބް އެވެ.

މުބާރާތުގެ އެންމެ މޮޅު ހަތް ކުޅުންތެރިން. – ފޮޓޯ: އަބްދުﷲ މާހިދު (މާބެ)

އިއްޔެގެ ފައިނަލް މެޗު ޝަރަފްވެރިކޮށްދެއްވީ އެންޓި ކޮރަޕްޝަން ކޮމިޝަނުގެ ނައިބު ރައީސާ އައިމިނަތު މިންނާ އެވެ. މިންނާގެ އިތުރުން ފައިނަލް މެޗު ބައްލަވާލެއްވުމަށް ދާންދޫ ދާއިރާގެ މަޖިލިސް މެމްބަރު ޔައުގޫބް އަބްދުﷲ ވަޑައިގެންނެވި އެވެ.

މިއީ އެރަށަށް ހުޅުވާލައިގެން ބޭއްވި ބާފާ ޖަމިއްޔާއިން ބޭއްވި ހަތަރު ވަނަ ނެޓްބޯޅަ މުބާރާތެވެ. މިފަހަރުގެ މުބާރާތުގައި ހަ ޓީމަކުން ވަނީ ބައިވެރިވެފަ އެވެ. މުބާރާތުގެ މެޗުތައް ކުރިއަށް ދިޔައީ ދެ ގްރޫޕަކަށް ބަހާލައިގެން އެންމެ ކުރި ހޯދާ ޓީމުތައް ސެމީ ފައިނަލަށް ހޮވޭ ގޮތަށެވެ.

ކުއީން އޮފް ދި ޓޯނަމެންޓަށް ހޮވުނު ރަބާބް ޓްރޮފީއާ ހަވާލުވަނީ. – ފޮޓޯ: އަބްދުﷲ މާހިދު (މާބެ)

ހޮޅުދޫ ބާފާ ޖަމިއްޔާއަކީ ކުޅިވަރުގެ އިތުރުން އިޖުތިމާއި ގިނަ ހަރަކާތްތަކެއްގައި ބައިވެރިވާ ޖަމިއްޔާއެކެވެ. އެ ޖަމިއްޔާއިން ކުރިއަށް ގެންދާ އެންމެ ފޯރިގަދަ އެއް މުބާރާތަކީ ކޮންމެ ކުޑަ އީދެއްގައި ބާއްވާ ޒުވާނުންގެ ސޮކާ ކަޕެވެ. މި އަހަރު ވަނީ ސޮކާ ކަޕްގެ 12 ވަނަ މުބާރާތް ކުރިއަށް ގެންގޮސްފަ އެވެ. މި މުބާރާތުގެ އިތުރުން މިދިޔަ ކުޑަ އީދުގައި އެ ޖަމިއްޔާއިން ވަނީ އަންހެން ފުޓްސަލް މުބާރާތެއް ވެސް ކުރިއަށް ގެންގޮސްފަ އެވެ.

ކޮމެންޓް