ޔުނައިޓެޑް ވިކްޓްރީ ބަލިކޮށް އެއް ވަނައިގައި މާޒިޔާ ލީޑު ފުޅާކޮށްފި

ޔުނައިޓެޑް ވިކްޓްރީ އާއި މާޒިޔާ މިއަދު ހަވީރު ކުޅުނު މެޗުގެ ތެރެއިން. - ފޮޓޯ: އެފްއޭއެމް

ދިރާގު ދިވެހި ޕްރިމިއާ ލީގުގައި މިއަދު ހަވީރު 6-1 އިން ޔުނައިޓެޑް ވިކްޓްރީ ބަލިކޮށް މާޒިޔާ އިން އެއް ވަނައިގައި ހަތަރު ޕޮއިންޓުގެ ލީޑެއް ނަގައިފި އެވެ. މިއަދުގެ މޮޅާއެކު ދިގު ބްރޭކަށް މާޒިޔާ ދާނީ ހަތަރު ޕޮއިންޓުގެ ލިޑާއެކު އެވެ.

މިއަދުގެ މެޗުން މޮޅުވުން ހަތް މެޗުން 17 ޕޮއިންޓް ލިބިފަ އެވެ. ބްރޭކުގެ ކުރިން މާޒިޔާ އަށް ހަތަރު ޕޮއިންޓުގެ ލީޑެއް ކަށަވަރުވީ 13 ޕޮއިންޓާ އެކު ދެ ވަނައިގައި އޮތް ދަ ގްރާންޑޭ ސްޕޯޓްސް ކްލަބް މި ހަފްތާ ނުކުޅޭތީ އެވެ. ނުވަ ޕޮއިންޓާ އެކު ލީގުގެ ތިން ވަނަ އާއި ހަތަރު ވަނައިގައި ކްލަބް އީގަލްސް އަދި ޓީސީ ސްޕޯޓްސް ކްލަބް މި ހަފްތާގެ މެޗުތައް ކާމިޔާބު ކުރިޔަސް ލިބޭނީ 12 ޕޮއިންޓެވެ.

އަނިޔާގެ ސަބަބުން މުހިއްމު މެޗުތަކެއް ގެއްލުނު ޑިފެންޑަރު ސަމޫހު އަލީ (ސަމުއްޓެ) ވަނީ މިއަދު މާޒިޔާގެ ފުރަތަމަ އެގާރައިގައި ހިމަނައިފަ އެވެ. ވިކްޓްރީ ކޮޅަށް ނުވަ ގޯލު ޖެހި މެޗުގައި ފުރަތަމަ އެގާރައިން ފުރުސަތު ނުލިބުނު ނާއިޒް ހަސަން (ދާދު) މިއަދު ފެށިއިރު އިބްރާހީމް މަހުދީ ހުސައިން (ފޭދޫ އިއްބެ) ދެ ވަނަ ހާފުގައި ކުޅެން އެރީ ބެންޗުންނެވެ.

މާޒިޔާގެ ފުރަތަމަ ދެ ގޯލު ޖެހީ ފުރަތަމަ ހާފުގެ ފަހު ފަސް މިނެޓުގަ އެވެ. ފުރަތަމަ ގޯލު ދާދު ޖެހިއިއިރު ދެ ވަނަ ގޯލު ޖެހީ އަސަދުﷲ އަބްދުﷲ އެވެ. އޭރިޔާ ތެރެއިން ލިބުނު ހަނި ޖާގައަކުން ދާދު ފޮނުވާލި ބާރު ބޯޅަ އަމާޒުވީ ގޯލުގެ ކަނަށެވެ. އޭގެފަހުން ދާދު ޖައްސާލި ބޯޅައެއް ހޯދުމަށް ފަހު އަސަދުﷲ މަތީ ކަނަށް ފޮނުވާލި ބޯޅަ ގޯލަށް ވަނީ ދަނޑީގައި ޖެހިފަ އެވެ. މެޗުގެ 61 ވަނަ މިނެޓުގައި ޔުނައިޓެޑް ވިކްޓްރީގެ ޑިމިޓްރީ ކްލަބަސެލާއު ވަނީ ގޯލެއް ޖަހައި އެޓީމަށް އުއްމީދެއް ގެނެސްފަ އެވެ. އެކަމަކު އޭގެ ދެ މިނެޓު ފަހުން މާޒިޔާއިން މެޗުގެ ދެ ވަނަ ގޯލު ޖަހައި ލީޑު ފުޅާކުރި އެވެ. މި ގޯލު ކާމިޔާބު ކޮށްދިނީ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދި އަސަދުﷲ އެވެ. މިއީ ކޮނޭލިއަސް ސްޓޭވާޓް ނަގައިދިން ހުރަހަކުން ބޮލުން އަސަދުﷲ ޖެހި ގޯލެކެވެ. ތިން ގޯލަށް ފަހު މާޒިޔާއިން ވަނީ ކުޅުން އިތުރަށް ރަނގަޅުކޮށް އިތުރު ތިން ގޯލު ޖަހައިފަ އެވެ. މި ތިން ގޯލުގެ ތެރެއިން ދެ ގޯލު ސްޓެވާޓް ޖެހިއިރު އަނެއް ގޯލު ޖެހީ ސަމުއްޓެ އެވެ. ސަމުއްޓޭ ގޯލު ޖެހީ ފޭދޫ އިއްބެ ނަގައިދިން ކޯނަރަކުން ބޮލުންނެވެ. ކޮނޭލިއަސް މެޗުގައި ޖެހި ދެ ގޯލާ އެކު އޭނާ ވަނީ ލީގުގައި އެންމެ ފަހުން ކުޅުނު ދެ މެޗުގައި ފަސް ގޯލު ޖަހައިފަ އެވެ.

ލީގުގައި މިރޭ ކުޅޭނީ އީގަލްސް އާއި ވިކްޓްރީ ސްޕޯޓްސް ކްލަބެވެ.

ކޮމެންޓް