ރަށްވެހި ޗެލެންޖް ނިލަންދޫގައި ފަށައިފި

ނިލަންދޫގައި ރޭ ފެށި ރަށްވެހި ޗެލެންޖުގެ ތެރެއިން. - ފޮޓޯ: ޖަމިއްޔަތުއް ޝަބާބް / ނިލަންދޫ

ފ. ނިލަންދޫ ޖަމިއްޔަތުއް ޝަބާބާއި ނިލަންދޫ ޒުވާނުންތަކެއް ގުޅިގެން މިއަހަރުން ފެށިގެން ކޮންމެ އަހަރެއްގެވެސް ބޮޑު އީދުގެ މުނާސަބަތުގައި ނިލަންދޫގައި ބޭއްވުމަށް ހަމަޖެހިފައިވާ “ރަށްވެހި ޗެލެންޖް ފުޓްސަލް މުބާރާތުގައި ރޭ ކުޅުނު މެޗުތަކުން ވަރުގަދަކަމަށް ބެލެވުނު ޓެލެންޓް ބަލިކޮށް ފަހުލަވާނު ތަފާތު ދެއްކިއިރު އެސްޖީސީން ބޮޑުމޮޅެއް ހޯދައިފި އެވެ.

ރޭގެ ފުރަތަމަ މެޗްގައި ފަހުލަވާނާއި ޓެލެންޓްގެ ކުރިމަތިލުމުގައި އެންމެ ބޮޑަށް ފާހަގަވެގެން ދިޔައީ ފަހުލަވާނުގެ ޒުވާން ކެޕްޓަން އީޖާޒް އަބްދުލް ގާދިރުގެ ކުޅުމެވެ. އީޖާޒްވަނީ މުޅިމެޗްގައި ވެސް ތަފާތުމޮޅު ކުޅުމެއްދައްކައި ހެޓްރިކް ހެދުމަށްފަހު މެޗްގެ މޮޅުކުޅުންތެރިޔާގެ މަގާމު ވެސް ހޯދާފަ އެވެ. ދިވެހި ޕްރިމިއާ ލީގުގައި ވާދަކުރާ ނިލަންދޫ ޓީމުގައި ހިމެނޭ ކުޅުންތެރިންގެ އިތުރުން އެންމެ ފަހުގެ ކްލަބް މޯލްޑިވްސް ޗެމްޕިއަންކަން ހޯދި ބީއެމްއެލް ޓީމުގައި ހިމެނޭ އިބްރާހިމް ސިނާހު އާއި އެކު ކުޅެމުންދިޔަ ޓެލެންޓްގެ މައްޗަށް ފުރަތަމަ ހާފުގައި 4 ލަނޑު 2 ލަނޑުން ކުރި ހޯދިއިރު އީޖާޒުގެ 2 ގޯލުގެ އިތުރުން ގޯލްޖެހީ ޒީދާން އާއި އަތީދު އެވެ. ޓެލެންޓްގެ 2 ގޯލް ވެސް ޖެހީ އަހުމަދު ވާފިރު (ވާއްޕެ) އެވެ. 2 ވަނަ ހާފްގައި އީޖާޒް ގޯލެއް ޖަހާ ހެޓްރިކް ހެދިއިރު ފަހުލަވާނުގެ 6 ވަނަ ގޯލް ޖެހީ ޕެނަލްޓީއަކުން ޖަމާލް އެވެ. ޓެލެންޓްގެ ގޯލް ޖެހީ ސިނާހު އެވެ.

ރޭ ކުޅުނު ދެ ވަނަ މެޗްގައި އެސްޖީސީން ވަނީ މަގޫދޫ ބްރަދާސް އެފްސީގެ މައްޗަށް 13 ލަނޑު 0 ލަނޑުން ކުރިހޯދާފައެވެ. ފުރަތަމަ ހާފްގައި އަޒުހާނާއި ފަޒާލް އަދި ފުޓްސަލްގައި މަޝްހޫރު އިބްރާހިމް ޝަނޫންގެ ގޯލްތަކުން 6 ލަނޑު ޖަހާފައިވަނިކޮށް ފަހު ހާފުގައި އެންމެ ބޮޑަށް ފާހަގަވެގެން ދިޔައީ މިދިޔަ އަހަރުގެ ޕްރިމިއާ ލީގުގައި ޓީމު ނިލަންދޫގައި ހިމެނި މިދިޔަ އަހަރު ލީގުގައި ގޯލްޖެހި އެންމެ ޒުވާން ކުޅުންތެރިއެއް ގޮތުގައި ފާހަގަކުރެވުނު އަހުމަދު ޝާނުގެ މޮޅު ކުޅުމެވެ. ކުޅެން އެރިތާ 6 ވަރަކަށް މިނެޓް ތެރޭ ޝާންވަނީ 4 ގޯލްޖަހާ ހުނަރު ދައްކާލާފައެވެ. ޝާންގެ އިތުރުން ދެން ގޯލް ޖެހީ އަޒުހާނާއި ޝަނޫނެވެ. މޮޅު ކުޅުންތެރިޔަކަށް ހޮވުނީ 4 ގޯލް ޖެހި ޝަނޫނެވެ.

މިއަދު މުބާރާތުގެ 4 މެޗެއް ކުޅުމަށްވަނީ ހަމަޖެހިފައެވެ. ހަވީރު ފުރަތަމަ މެޗްގައި ގްރޫޕް ބީގެ ސްޕޯރޓްސް ކްލަބް ފަހުލަވާންއާއި ވައިޕަރސް އެފްސީ ވާދަކުރާއިރު 2 ވަނަ މެޗްގައި ވާދަކުރާނީ ގްރޫޕް ބީގެ ސިއްސުވާލިއާއި ޓެލެންޓެވެ. ރޭގަނޑުގެ ފުރަތަމަ މެޗްގައި ގްރޫޕް އޭގެ ފަހުލަވާން އާއި އެފްސީ ބްރަދާސް ވާދަކުރާއިރު 2 ވަނަ މެޗްގައި ވާދަކުރާނީ ގްރޫޕް ބީގެ އެންވައިޖީއާއި އެސްޖީސީ ޖޫނިއާރސްއެވެ. އެންވައިޖީ ޓީމުގައި އަކްރަމް އަބްދުލްގަނީ އާއި އިސްމާއީލް އީސާ (މެސީ) ގެ އިތުރުން ރިލްވާން ވަހީދު (ކަކާ ރިލޭ) ހިމެނޭއިރު މުބާރާތުގެ ގަވާއިދު ބުނާގޮތުން އަކްރަމް ކުޅެނީ ރަށު ކުޅުންތެރިއެއް ގޮތުގަ އެވެ.

ޗެމްޕިއަންޓީމަށް 15000 ހާސްރުފިޔާގެ ފައިސާގެ އިނާމެއް ހުށަހަޅައިގެން ކުރިޔަށް ގެންދާ  މިމުބާރާތުގެ މެއިން ސްޕޮންސަރަކީ އަލަނާސި ކެފޭ އެންޑް ބިސްޓްރޯއެވެ. ކޯ ސްޕޮންސަރ އަކީ ބޭންކް އޮފް މޯލްޑިވްސް އަދި އާން އަކްއާ ސްޕޯޓްސް އެވެ.  

ރަށްވެހި ޗެލެންޖް ފުޓްސަލް މުބާރާތުގެ މީޑިއާ ޕާރޓްނަރަކީ ފަހުމިނެޓެވެ.

ކޮމެންޓް