ޒަލަޓަން ކޯޓްސް ވަރަށް ތަފާތު، ނުހޭން ހުއްޓަސް ހެވޭ

ދުނިޔޭގެ ފުޓްބޯޅައިގެ މިހާރު އެންމެ މޮޅު ކުޅުންތެރިޔަކީ ކޮބައިހޭ އަހައިފިނަމަ އަދިވެސް ގިނަ ބައެއްގެ އިނގިލި އަމާޒުވާނީ ލިއޮނަލް މެސީ ނުވަތަ ކްރިސްޓިއާނޯ ރޮނާލްޑޯ އާއި ދިމާލަށެވެ. އެހެންނަމަވެސް ދުނިޔޭގެ ފުޓްބޯޅައިގައި މިހާރު އެންމެ އާދަޔާ ޚިލާފު އަދި އެންމެ ގިނަބައެއްގެ މުނިފޫހި ފިލުވައިދޭ ކުޅުންތެރިއަކީ ކާކުހޭ އަހައިފިނަމަ ގިނަބައެއްގެ ތަރާތުން އިވޭނީ ސްވިޑުންގެ ޒަލަޓަން އިބުރަހިމޮވިޗްގެ ނަން ކަމަށް ބުނުމީ ދޮގަކަށް ނުވާނެއެވެ.

ޔޫރަޕްގެ މަޝްހޫރު ގިނަ ޓީމުތަކަކަށް ކުޅުމަށްފަހު މިހާރު އެމެރިކާގެ މޭޖަރލީގު ސޮކަރ ގައި ކުޅޭ ޒަލަޓަން އިބްރަހިމޮވިޗަކީ ދަނޑުގަޔާއި ދަނޑުން ބޭރުގައިވެސް ތަފާތު ކުޅުންތެރިއެކެވެ. ބައިނަލް އަގުވާމީ ފުޓްބޯޅައިން މިހާރު ރިޓަޔަރ ކޮށްފައިވާ ޒަލަޓަން މިހާތަނަށް ކުޅެފައިވާ މަޝްހޫރު ޓީމުތަކުގެ ތެރޭގައި އަޔަކްސް، ޔުވެންޓަސް، އިންޓަމިލާން، ބާސެލޯނާ، އޭސީ މިލާން، ޕީއެސްޖީ އަދި މެންޗެސްޓަރ ޔުނައިޓެޑް ހިމެނެއެވެ. ޒަލަޓަން ޔޫރަޕް ދޫކޮށް އެމެރިކާއަށް ބަދަލުވުމާއެކު އޭނާގެ އަޑު މަޑުވާނޭ ކަމުގައި ހީކުރެވުނަސް އެކަން އެހެނެއް ނުވިއެވެ. މިހާރުވެސް އެމެރިކާގެ އެލް އޭ ގެލެކްސީއަށް ކުޅޭ ޒަލަޓަން އަކީ އޭނާގެ ބަހުރުވަޔާއި ޢަމަލުތަކުގެ ސަބަބުން ނޫސްތަކުގެ ފަލަ ސުރުޚީތަކުން ޖާގަ ހޯދާ ކުޅުންތެރިއެކެވެ. އޭނާގެ ޖެހިލުން ކުޑަކަމާއި ހިތަށް އައި އެއްޗެއް އެ އައި ގޮތަކަށް މަޑުޖެހުމެއްނެތި ދުލުން ބޭރުކޮށްލުމަކީ ގިނަ ނޫސްވެރިން ޒަލަޓަންގެ ފަހަތުގައި މުގޯލި އަޅާ މައިގަނޑު އެއްސަބަބެވެ. އޭނާގެ ބައެއް ބުނުންތަކަކީ ކުޅިވަރުގެ ދުނިޔޭގައި ވަރަށް ހިނގާ ޢިބާރާތް ތަކެކެވެ. މި މަހުގެ 3 ވަނަ ދުވަހު ޒަލަޓަންއަށް 38 އަހަރު ފުރިފައިވާ އިރު މިގެނެސްދެނީ އޭނާގެ އެކިއެކި ބުނުންތަކުގެ ތެރެއިން ފާހަގަކޮށްލެވޭ ބައެއް ބުނުންތަކެވެ.  އެ ޢިބާރާތްތައް އިނގިރޭސި ބަހުން ދިވެހި ބަހަށް ގެންނައިރު އޭގައި ހުރި އަސަރެއް ފަހަރެއްގައި ނުހުރުމަކީވެސް އެކަށީގެންވާކަމެކެވެ. އެކަމަކު މި ޢިބާރާތް ތައް ކިޔާލުމުން ޒަލަޓަން އަކީ ކޮންކަހަލަ މީހެއްކަން ހިޔާލަށް ގެންނަން މާ އުނދަގުލެއް ނުވާނެއެވެ.

1-      “އަހަރެންގެ ހުރި ފުރިހަމަކަމާމެދު އަހަރެންނަށް ހީނުލައެއް ނުހުރެވޭ.”  މިއީ ޒަލަޓަން އޭނާގެ އަމިއްލަ ހުނަރަށް ނިސްބަތްކޮށް ބުނި ބަހެކެވެ.

  • 2-      “ސިންގާ އޭތީގެ އަމިއްލައަށް އިންސާނުންނާއި އަޅައެއް ނުކިޔާނެ.” މިއީ ޕްރިމިއަރލީގުގެ އެހެން ފޯވަޑުންނާއި އަޅާ ބަލާއިރު އޭނާ ހުރި ހިސާބު ބުނެދިނުމަށް އެދުމުން ދިން ޖަވާބެވެ.
  • 3-      “ސްވިޑިޝް ސްޓައިލް؟ ޔުގޯސްލާވިއަން ސްޓައިލް؟ ނޫން އެވާން ޖެހޭނީ ޒަލަޓަންގެ ސްޓައިލަށް” މިއީ އޭނާ ކުޅެނީ ކޮން ކަހަލަ ފުޓްބޯޅައެއްތޯ އެހުމުން ދިން ޖަވާބެވެ.
  • 4-      “ޒަލަޓަން އޮޑިޝަނެއް ނަހަދާނެ” މިއީ ޒަލްޓާންގެ ޓީންއޭޖް ދުވަސްވަރު އާސެނަލްއަށް ޓްރަޔަލް އަކަށް އައުމަށް އޭރުގެ އާސެނަލް ކޯޗް އާސެން ވެންގަރ އޭނާގާތު އެދުމުން ދިން ޖަވާބެވެ.
  • 5-      “ޖޯން ކަރޫ ފުޓްބޯޅައިން ހަދާ ކޮންމެ އެއްޗެއް އަހަރެން ހަދާނީ އޮރެންޖެއް ބޭނުންކޮށްގެން” މިއީ ނޯވޭގެ ސްޓްރައިކަރ ޖޯން ކަރޫ ޒަލްޓާންގެ ފުޓްބޯޅަ ޓްރިކްތަކަކީ ބޭކާރު އެއްޗެއްކަމަށް ބުނުމުން ދިން ޖަވާބެވެ.
  • 6-      “އަހަރެން ފުރަތަމަ ދިޔައީ ވާތް ފަރާތަށް. އޭނަވެސް ދިޔަ. ދެން އަހަރެން ދިޔައީ ކަނާތް ފަރާތަށް. މިފަހަރުވެސް އޭނަ ދިޔަ. ދެން އަހަރެން އަނެއްކާވެސް ދިޔައީ ވާތްފަރާތަށް. މިފަހަރު އޭނާދިޔައީ ހޮޓްޑޯގެއް ގަންނަން” މިއީ މެޗެއްގައި ލިވަޕޫލް ޑިފެންޑަރ ސްޓެފަން ހެންކޮޒް އަށް އޭނާ ހެދިގޮތް ބުނެދިން ގޮތެވެ.
  • 7-      “އަހަރެން ގަންނައިރު އެގަނެވެނީ ފެރާރީއެއް. އެދުއްވާއިރު އެއަށް އަޅަން ޖެހޭނީ ޕްރިމިއަން ޕެޓްރޯލް. ޕެޕް ގާޑިއޯލާ އެއަށް އެޅީ ޑީސަލް. އެއަޅައިގެން ނިކުތީ ކަންޓްރީ ސައިޑަށް. އޭނާ މާ ރަނގަޅުވީސް ފިއަޓެއް ގަތްނަމަ” މިއީ އޭނާ ބާސެލޯނާގައި ގާޑިއޯލާއާއެކު މާބޮޑު ގުޅުމެއްނެތި ހޭދަކުރި ސީޒަނާ ބެހޭގޮތުން ސުވާލުކުރުމުން ދިން ޖަވާބެވެ.
  • 8-      “ހަދިޔާއޭ ތިބުނީ ކީއްވެ؟ ބަލަ އޭނައަށް ލިބުނީ ޒަލަޓަން އޭ” މިއީ އޭނާގެ ކުރީގެ ލޯބިވެރިޔާގެ އެންގޭޖްމެންޓް ހަދިޔާއާއި ބެހޭހޮތުން ސުވާލުކުރެވުމުން ޒަލަޓަން ރައްދު ދިންގޮތެވެ.
  • އަހަރުމެން މިހާރު މިބަލަނީ ރަނގަޅު އެޕާޓްމެންޓެއް ފެނޭތޯ. އެ ނުފެނިއްޖެއްނަމަ ރަނގަޅަށްވިއްޔާ ގަންނާނީ މުޅި ހޮޓާ އެއްކޮށް” މިއީ ޕީއެސްޖީ ގެ ކުޅުންތެރިއެއްގެ ގޮތުގައި އޭނާ ދައްކާލެވުނު ހަފުލާގައި ކުރެވުނު ސުވާލަކަށް ދިން ޖަވާބެވެ.
  • 10-  “އެކުޅުންތެރިންނާއި ބެހޭގޮތުން އަހަރެންނަށް މާބޮޑު އެއްޗެއް ނޭނގޭކަމީ ޙަޤީޤަތެއް. އެކަމަކު އެކުޅުންތެރިންނަށް ހަމަ ޔަޤީނުންވެސް އަހަރެންނަކީ ކާކުކަން އެނގޭނެ” މިއީ ފުރާންސް ލީގު1 ގެ ކުޅުންތެރިންނާއި ބެހޭގޮތުން ސުވާލުކުރެވުމުން އޭނާ ދިން ޖަވާބެވެ.
  • 11-   ” އަހަރުމެން ތިބީ ޑުރެސިންގެރޫމްގައި އޭނާގެ ޕްލޭލިސްޓް ބަލަން. އޭގައި ހުރި ޖަސްޓިން ބީބާއާއި، ޖޯނަސް ބުރާދަސް އަދި ސެލީނާ ގޯމޭޒްގެ ބައިވަރު. ވަރަށް ހިތްހަމަ ޖެހުނު ހުރިހާކަމެއްގައި ޑޭވިޑް ބެކަމް ގެ ޓޭސްޓް ހުރީ އެންމެ ރަނގަޅަށް ނޫންކަން އެނގުނީމަ.” މިއީ ޑޭވިޑްބެކަމް ގެ މިއުޒިކް ޓޭސްޓާއި ބެހޭގޮތުން އޭނާ ކޮށްފައި އޮތް ކޮމެންޓެކެވެ.
  • 12-  “ހިތަށް އެރި މީގެ ސަބަބުން އަހަރެން ރިޓަޔަރ ކުރަން ޖެހިދާނެއޭ. އެކަމަކު އަހަރެން އެމީހުންގެ މުޅި ގައުމު ރިޓަޔަރމަންޓަށް ފޮނުވާލިން” މިއީ 2016 ގެ ޔޫރޯ ކޮލިފިކޭޝަންގައި ޑެންމާކު ކޮޅަށް ދެގޯލް ޖެހުމަށްފަހު ޒަލަޓަން ކުރި ކޮމެންޓެކެވެ.
  • 13-  “އަހަންނަށް ގަބޫލެއް ނުކުރެވޭ އައިފެލް ޓަވަރުގެ ބަދަލުގައި އަހަރެންގެ ބުދެއް ބަހައްޓަން އެމީހުން އެއްބަސްވާނެހެންނެއް. އެއީ އަދި ކުލަބު މީހުން ބޭނުންވިޔަސް. އެކަމަކު އެކަން ވެއްޖެނަމަ އަހަރެން މަޑުކުރާނަން. މިއީ ވަޢުދެއް” މިއީ ޕީއެސްޖީގައި މަޑުކުރުމާއި ބެހޭގޮތުން ކުރެވުނު ސުވާލަކަށް ދިން ޖަވާބެވެ.
  • 14-  “އަހަންނާއި ނުލާ ކުޅޭވޭ ވޯލްޑްކަޕަކީ އެއްވެސް އެއްޗެއްނޫން. އެހެންވީމާ ވޯލްޑްކަޕް ބަލަން މަޑުކުރުމުގެ އެއްވެސް ބޭނުމެއްނެތް” މއީ ޕޯޗްގަލް އަތުން ބަލިވެ ވޯލްޑްކަޕަށް ކޮލިފައިނުވެ ކެޓުމުން އޭނާކުރި ކޮމެންޓެވެ.
  • 15-  “ނޫން. އަހަރެން އޯޑަރު ކުރީ މަތިންދާ ބޯޓަކަށް. އެ މާ ބާރުވާނެ ދަތުރުކުރާލެއް” މިއީ ޕޯޝޭ އެއް ގަތް ކަމަށް ދެކެވޭ ވާހަކައާއިމެދު ސުވާލުކުރުމުން ދިން ޖަވާބެވެ.
  • 16-  “އަހަންނަށް ހީވީ އަހަރެންގެ ވަށައިގެން 11 ތުއްތުކުދިން އުޅުނުހެން” މިއީ 2015 ގައި ޗެމްޕިއަންސްލީގު ކުއާޓަރފައިނަލްގައި އޭނާއަށް ދެއްކި ރަތްކާޑާއެކު ޗެލްސީގެ ކުޅުންތެރިން އޭނާ ވަށާލައިގެން އުޅުނު އުޅުމަށް ނިސްބަތްކޮށް ބުނި އެއްޗެކެވެ.
  • 17-  “އަހަންނަށް ވަރިހަމަ ކޮންމެ ބަޔަކު މޮޅުވިޔަސް. އަހަރެން މިދަނީ ޗުއްޓީއަށް” މިއީ 2012 ގެ ޔޫރޯއިން ސުވިޑުން ކެޓުމުން އޭނާގެ ޖަވާބެވެ.
  • 18-   “ޒަލަޓަން އަށް އަނިޔާ ވުމަކީ ކޮންމެ ޓީމަކަށްވެސް ވަރަށް ސީރިޔަސް މައްސަލައަކަށް ވާނެ” މިއީ އޭނާއަށް އަނިޔާވުމުން ކޮށްފައިވާ ކޮމެންޓެކެވެ.
  • 19-  ” އަހަންނަށް 11 މަގާމަށްވެސް ކުޅެވިދާނެ. އެއީ މޮޅުކުޅުންތެރިއެއްނަމަ ކޮންމެ މަގާމަކަށްވެސް ކުޅެވޭނެ.” މިއީ އޭނާއަށް އެންމެ ރަނގަޅަށް ކުޅެވެނީ ކޮން މަގާމަކަށްތޯ ކުރެވުނު ސުވާލަށް ދިން ޖަވާބެވެ.
  • 20-  ” އޭނާއަށް އަނިޔާވީ އަހަރެން ގަސްތުގަ ކުރި ކަމަކުން ނޫން. އެކަމަކު ދެން އޭނާ އެގޮތަށް އަހަންނާއި މެދު ތުހުމަތު ކޮށްފިނަމަ އޭނާގެ ދެފައި ބިންދާލާނަން. އަދި އެކަން ކުރާނީ މިފަހަރު ހަމަ ގަސްތުގަ” މިއީ ނެދަލެންޑްސްގެ ރަފަޔަލް ވެންޑަވާތ އަށް އަނިޔާވީ ޒަލަޓަން ގަސްތުގަ ކުރިކަމަކުންކަމަށް ވެންޑަވާތ ތުހުމަތުކުރުމުން އެއަށް ދިން ރައްދެވެ.
  • 21-  “މޮރީނިއޯ އާއި ގާޑިއޯލާއަކީ އިދިކޮޅު ވިސްނުމުގެ ދެމީހުން. މޮރީނިއޯ އައިސް ކޮޓަރިތެރެ އަލިކޮށްލާއިރަށް ގާޑިއޯލާ އައިސް ފަރުދާ ދަމާލާނެ.” މިއީ އޭނާއާއި ހޯސޭ މޮރީނިއޯ އާއި ދެމީހުންގެ ގުޅުމާއި ބެހޭގޮތުންކުރެވުނު ސުވާލަށް  އޭނާ ދިން ޖަވާބެވެ.
  • 22-  ” އަހަންނަށް އަދި އޭނަޔާ ބައްދަލެއްނުވޭ. އެކަމަކު ބައްދަލުވުމާއެކު އޭނާއާއި ޑޭޓު ކުރާނަން” މިއީ ދުނިޔޭގެ އެންމެ ރީތި އަންހެނާއަކީ ކާކުތޯ ކުރެވުނު ސުވާލަށް ދިން ޖަވާބެވެ.
  • 23-  “އަހަރެން އައީ ރަސްކަލެއްގެ ގޮތުގަ. އަދި އެނބުރި މިދަނީ ލެޖެންޑެއްގެ ގޮތުގައި.” މިއީ ޕީއެސްޖީ އާއި ވަކިވަމުން ބުނި ޖުމްލައެވެ.
  • 24-  ” އެކަހަލަ މޮޅު ކުޅުމަކަށް(ކުޅުންތެރިއަކަށް) އެކަކަށްވެސް ކޯޗުކޮށެއް ނުދެވޭނެ” މިއީ 2012 ގައި އިނގިރޭސި ޓިމުކޮޅަށް އޭނާ ޖެހި އާދަޔާ ޚިލާފު މޮޅު ގޯލަށް ނިސްބަތްކޮށް އޭނާ ބުނި ޖުމުލައެވެ.
  • 25-  ” އަހަރެންނެކޭ ރަލެކޭ އެއްގޮތް. އެއީ ގިނަދުވަސްވާވަރަކަށް ކޮލިޓީ ރަނގަޅުވާއެއްޗެއް.” މިއީ ޒަލަޓަންގެ އުމުރަށް ނިސްބަތްކޮށް ކުރި ކޮމެންޓެކެވެ.
  • 26-  ” އަހަންނަކީ އެންމެ މޮޅު މީހާކަން އަންގައިދޭން ކޮންމެހެން ޓްރޮފީއެއް މުހިއްމެއްނޫން” މިއީ ޓްރޮފީއާއި ގުޅޭގޮތުން ކުރެވުނު ސުވާލަކަށް ދިން ޖަވާބެވެ.
  • 27-  ” މާރަނގަޅު މީހަކަށް ވެއްޖެނަމަ ރޮލާ ކާލާނެ.” މިއީ ރީތިކޮށް ކުޅުމާއި ބެހޭގޮތުން ކުރެވުނު ސުވާލުގެ ޖަވާބެވެ.
  • 28-  ” ޢާއްމުކޮށް ބުނެއުޅެނީ ލެޖެންޑެއްގެ ލަގަބު މިލިބެނީ އެމީހަކު މަރުވީމާކަމަށް. އެކަމަކު މަށަކީ ދިރިހުރި ލެޖެންޑެއް” މިއީ ލެޖެންޑަރީ ސްޓޭޓަސް އާއި ގުޅޭ ގޮތުން އޭނަގެ ކޮމެންޓެވެ.
  • 29-   ” ނިއުޔޯކަށް އައީމަ ފެންނަނީ ސްޓެޗިއު އޮފް ލިބަޓީ. ސުވިޑުން އަށް ދިޔައިމާ ފެންނާނީ ސްޓެޗިއު އޮފް ޒަލަޓަން.” މިއީ އޭނާގެ ސިފައިގައި ހަދާފައިވާ ބުދަށް ނިސްބަތްކޮށްފައި ކުރި ކޮމެންޓެވެ.
  • 30-  “އަހަރެންނަށް ހުވަފެނެއް ބޭނުމެއްނޫން. އަހަންނަކީ ހުވަފެން.” މިއީ އޭނާގެ ހުވަފެނަކީ ކޮބައިތޯ ކުރެވުނު ސުވާލުގެ ޖަވާބެވެ.

ކޮމެންޓް