ދުނިޔޭގެ ފުރަތަމަ 11 ގައި ހިމަނަން މި ކުޅުންތެރިން ކަމުދޭތަ؟

ފައިސާގެ އެއްވެސް ދަތިކަމެއްނެތިފައި އަދި ބޭނުން ކޮންމެ ކުޅުންތެރިއަކު ޓީމަށް ގެނައުމުގެ ފުރުސަތު އޮތްނަމަ މެޗަށް ނެރޭނީ ކޮން 11 އެއް ހެއްޔެވެ؟ މިއީ ދާދިފަހުން ފުޓްބޯޅަ އެނަލިސްޓުންގެ ޓީމަކާ ކުރިމަތިކުރެވުނު ސުވާލެކެވެ.

އެހެންގޮތަކަށް ބުނާނަމަ މިވަގުތު ފުޓްބޯޅައިގެ ދުނިޔޭގައި ގަދަ 11 އަކީ ކޮބައިހެއްޔެވެ؟ މިސުވާލު ކުރެވުނު އީއެސްޕީއެންގެ 12 އެނަލިސްޓުން ވަކިވަކިން އެމީހުންގެ ލިސްޓު ނެގުމާއެކު އެލިސްޓުތަކުގައި އެންމެ ބޮޑަށް ތަކުރާރުވެފައި ހުރި ނަންތައް ހިމަނައިގެން ގަދަ 11 އެކުލަވާލެވުނެވެ. އެނަލިސްޓުންގެ ގަދަ 11 ހޮވުމުގައި ބައެއް ގަވާއިދުތައް ކަނޑައެޅުނެވެ. ފުރަތަމަ ކަމަކީ ޓީމުގެ ފޯމޭޝަނަކަށް 3-3-4 ކަނޑައެޅުމެވެ. އަދި ކުޅުންތެރިޔާ ހޮވަންވާނީ އެކުޅުންތެރިޔާ އާއްމުކޮށް ކުޅޭ މަގާމަށެވެ. އަދި އެއް ކްލަބަށް ނިސްބަތްވާ ކުޅުންތެރިންގެ އަދަދު ދެއަކަށް ވުރެ އިތުރުވެގެންނުވާނެ އެވެ. މި އުސޫލުތަކަށް ބެލުމަށް ފަހު ހޮވުނު ގަދަ 11 އަށް ބަލައިލަމާ ހިނގާށެވެ.

ގޯލްކީޕަރު: ޔަން އޮބްލަކް

އުމުރު: 26 އަހަރު   ކްލަބް/ގައުމު: އެތުލެޓިކޯ މެޑްރިޑް/ސްލޮވީނިއާ      އަންދާސީ އަގު: 100 މިލިއަން ޔޫރޯ

ލިވަޕޫލްގެ އެލިސަން ބެކާ، ޗެލްސީގެ ކެޕާ އަރިޒަބަލާގާ ނޫނީ ޔުނައިޓެޑްގެ ޑޭވިޑް ޑެހެއާގެ ބަދަލުގައި އޮބްލަކް ނެގުމަކީ ފަހަރެއްގައި ހީކުރިގޮތްކަމަށް ނުވެ ހިނގައިދާނެ އެވެ. އެކަމަކު ގިނަ އެނަލިސްޓުން ދެކޭގޮތުގައި މި މަގާމު އެންމެ ހައްގީ އޮބްލަކަށެވެ. ވޭތުވެދިޔަ ސީޒަނުގައި އޮބުލަކްގެ ގޯލަށް ވަދެފައިވަނީ 38 މެޗުން 29 ގޯލެވެ. އަދި ގޯލެއް ބައިކޮޅަށް ވަނަ ނުދީ 100 މެޗު ހަމަކޮށްފައިވަނީ 178 މެޗު ކުޅެގެންނެވެ. އުމުރާ ބަލާފައި އަދި މިރެކޯޑުތައް މިއަށްވުރެ މައްޗަށް ޖެއްސުމުގެ ފުރުސަތު އޮބްލަކަށް އެބައޮތްކަމަށް ގިނަ އެނަލިސްޓުން ގަބޫލުކުރެ އެވެ.

ކަނާތު ބެކް: ޖޯޝުއާ ކިމިޗް

އުމުރު: 24 އަހަރު   ކްލަބް/ގައުމު: ބަޔާން މިއުނިކް/ޖަރުމަނު      އަންދާސީ އަގު: 70މިލިއަން ޔޫރޯ

ބަޔާން މިއުނިކްގެ ކުރީގެ ކެޕްޓަން އަދި ޖަރުމަނަށް ވޯލްޑް ކަޕް ހޯދައިދިން ކެޕްޓަން ފިލިޕް ލާމް ފުރި މަގާމް ފުރުމަކީ އެހެން ކުޅުންތެރިއަކަށް ފަސޭހަކަމަކަށް ނުވާނެ އެވެ. އެކަމަކު ގިނަ އެނަލިސްޓުން ދެކޭގޮތުގައި ކިމިޗް އެކަން ވަރަށް ރަނގަޅަށް އެބަކުރެ އެވެ. ކިމިޗް ހުރީ މިހާރު އޭނާގެ އެންމެ ޓޮޕް ފޯމުގަ އެވެ. ވަރުގަދަ އަށް ޑިފެންސް ކުރަމުން ވެސް މިދިޔަ ސީޒަނުގައި ހެދި 13 ގޯލް އެސިސްޓަކީ ވެސް އެމަގާމު ކިމިޗަށް ދޭންޖެހޭ މުހިއްމު ސަބަބެއްކަމުގައި އެނަލިސްޓުން ދެކެ އެވެ.

ސެންޓަ ބެކް: ވާޖިލް ވެން ޑައިކް

 އުމުރު: 28 އަހަރު   ކްލަބް/ގައުމު: ލިވަޕޫލް/ނެދަލެންޑްސް     އަންދާސީ އަގު: 90 މިލިއަން ޔޫރޯ

ޑިފެންޑަރަކަށް އެންމެ ފަހުން ބެލެންޑިއޯ ލިބުނީ 2006 ގައި އިޓަލީގެ ފަބިއޯ ކަންނަވާރޯ އަށެވެ. ގޯލްޖަހާ ކުޅުންތެރިއެއްގެ ބަދަލުގައި ގޯލު ޖެހިއަނުދޭ ކުޅުންތެރިއަކަށް އެމަގާމު ލިބޭނީ އެކުޅުންތެރިއަކު އާދަޔާ ހިލާފަށް މޮޅުވީމަ އެވެ. މިއަހަރުގެ ޔޫރަޕްގެ އެންމެ މޮޅުކުޅުންތެރިޔާގެ މަގާމު މެސީ އާއި ރޮނާލްޑޯ ފަހަތަށް ޖައްސާލުމަށް ފަހު ވެން ޑައިކް ހޯދުމާ އެކު މިއަހަރުގެ ބެލެންޑިއޯ ވެސް ގެންދާނީ ވެން ޑައިކް ކަމަށް ގިނަބަޔަކު ގަބޫލުކުރެ އެވެ. ވޭތުވެދިޔަ ސީޒަނުގައި ލިވަޕޫލާ އެކު އަދި މިހާރު ނެދަލެންޑްސްގެ ގައުމީ ޓީމުގައި ވެން ޑައިކް އަދާކުރާ މުހިއްމު ރޯލުގެ ސަބަބުން ދުނިޔޭގެ ގަދަ 11ގެ އެއް ސެންޓަ ބެކްގެ ޖާގަ ދޭންޖެހެނީ އޭނާއަށް ކަމަށް އެނަލިސްޓުން ދެކެ އެވެ.

ސެންޓަ ބެކް: ކަލީދޫ ކޫލިބަލީ

އުމުރު: 28 އަހަރު   ކްލަބް/ގައުމު: ނަޕޯލީ/ސެނެގޯލް     އަންދާސީ އަގު: 75 މިލިއަން ޔޫރޯ

އެނަލިސްޓުން ދެކޭގޮތުގައި ނަޕޯލީގެ އެންމެ ފަހު މެޗްގައި ޔުވެންޓަސްއަށް ހަދިޔާ ކުރި ގޯލު ފިޔަވައި ކޫލިބަލީގެ ފަރާތުން ދިފާއީ ކުށެއް ފެނިފައެއްނުވެ އެވެ. ކޫލިބަލީ އަކީ އެއް ފެންވަރެއްގައި އެންމެ މޮޅަށްކުޅޭ އިތުބާރުހުރި ޑިފެންޑަރެކެވެ. އޭނައަކީ ބޮލުންނާއި ފައިންވެސް މޮޅަށްކުޅޭ ވިސްނުންތޫނު ކުޅުންތެރިއެކެވެ.

ވާތުބެކް: އެންޑީ ރޮބާޓްސަން

އުމުރު: 25 އަހަރު   ކްލަބް/ގައުމު: ލިވަޕޫލް/ސްކޮޓްލެންޑް   އަންދާސީ އަގު: 60 މިލިއަން ޔޫރޯ

2012 ގައި ރޮބާޓްސަން ކުރި ޓްވީޓެއްގައި ބުނަނީ އަތުގައި ފައިސާ ނެތުމުން ދިރިއުޅުން ފޫހިއެއްޗަކަށް ވެފައިވާކަމަށާއި ވަޒީފާއެއް ވަރަށްބޮޑަށް ބޭނުންވާކަމަށެވެ. އޭރު ޕްރޮފެޝަނަލް ކެރިއަރއެއްގެ އުއްމީދުގައި ހުރި ރޮބާޓްސަން ކުރި އެ ޓްވީޓްގެ ފަހުން މާގިނަދުވަހެއް ނުވެ ގުޅުނީ ސްކޮޓްލެންޑްގެ ތިން ވަނަ ޑިވިޝަންގެ ޓީމަކާ އެވެ. އޭގެފަހުން އޭނާ ފަހަތް ބަލައެއްނުލަ އެވެ. ލިވަޕޫލް މިދިޔަ ސީޒަނުގައި ހޯދި ކާމިޔާބީއާ އެކު މާބޮޑަށް ފާހަގަވެގެން ނުދިއަޔަސް ރޮބާޓްސަން އެއީ އެކާމިޔާބީގެ ވަރަށްބޮޑު ހިއްސާދާރެއްކަމަށް ގިނަ އެނަލިސްޓުން ދެކެއެވެ. އަދި ޑިފެންސް ގައި އޭނާ މުހިއްމު ދައުރެއް އަދާކުރާއިރު އެޓޭކް ގައި ވެސް ރޮބާޓްސަންގެ ހިއްސާ ވަރަށްބޮޑަށް ހިމެނޭ ކަމަށް ގިނަ އެނަލިސްޓުން ދެކެ އެވެ.

މިޑްފީލްޑް: ކެވިން ޑި ބްރޭނާ 

އުމުރު: 28 އަހަރު   ކްލަބް/ގައުމު: މެންޗެސްޓަރ ސިޓީ/ބެލްޖިއަމް    އަންދާސީ އަގު: 130 މިލިއަން ޔޫރޯ

އަނިޔާއާ ހެދި މިދިޔަ ސީޒަނުގެ ގިނަ މެޗްތަކެއް ގެއްލިގެން ގޮސްފައިވާއިރު ވެސް ޑި ބްރޭނާއަށް މިލިސްޓުން ޖާގަ ލިބޭނީ ހަގީގަތުގައި ވެސް އޭނާ ކުޅެފައިވާ މެޗްތަކުގައި އާދަޔާހިލާފު ކުޅުމެއް ދައްކާފައިވާތީ އެވެ. އެނަލިސްޓުން ދެކޭގޮތުގައި ޑި ބްރޭނާ ކުޅުނު ކޮންމެ މެޗެއްގައި ނަތީޖާނެރުމުގައި އޭނާގެ ރޯލް ވަރަށް މުހިއްމެވެ. އޭނާގެ ހަރަކާތްތަކާއި ޕާސްތަކަކީ އިދިކޮޅު ކުޅުންތެރިންނަށް ލަފާކޮށްލަން ވަރަށް އުނދަގޫ ކަންކަންކަމުގައި ގިނަ އެނަލިސްޓުން ދެކެ އެވެ. ޕެޕް ގާޑިއޯލާގެ އިރުޝާދުގެ ދަށުން ޑި ބްރޭނާ ވަނީ އޭނާގެ ކުޅުން އިތުރަށް ތަރައްގީ ކޮށްފަ އެވެ. ޑި ބްރޭނާ އަކީ އެންމެ ގިނަވޯޓް ލިބިގެން މި ލިސްޓުން ޖާގަ ހޯދި އެއް ކުޅުންތެރިޔާ އެވެ.

މިޑްފީލްޑް: އެންގޯލޯ ކާންޓޭ

އުމުރު: 28 އަހަރު   ކްލަބް/ގައުމު: ޗެލްސީ/ފްރާންސް      އަންދާސީ އަގު: 100 މިލިއަން ޔޫރޯ

ގިނަ އެނަލިސްޓުން ދެކޭގޮތުގައި ކާންޓޭއަކީ ދެތިންކުޅުންތެރިންގެ މަސައްކަތް އެކަނި ކުރާ ކުޅުންތެރިއެކެވެ. އޭނާގެ މަސައްކަތް އެންމެ ބޮޑަށް ފާހަގަވާނީ ޗެލްސީ ކާންޓޭއާ އެކު ކުޅޭ މެޗަކާއި އޭނާއާއި ނުލާ ކުޅޭ މެޗެއް އަޅާކިޔާލީމަ އެވެ. 16-2015 ގައި ލެސްޓަ ސިޓީއިން އިނގިރޭސި ޕްރިމިއާ ލީގު ކާމިޔާބުކުރި އިރު އެޓީމުގެ މުގުލަކީ ކާންޓޭކަމުގައި ވި އެވެ. ރިޔާދް މާރޭޒް އާއި ޖެމީ ވާޑީ އަދި އެހެން ފޯވާޑުންނަށް ބޯޅަ ފޯރުކޮށްދިނުމަށް އެންމެ އިސްރޯލެއް އަދާކުރީ ކާންޓޭ އެވެ. ޖެހިގެން އައި ސީޒަނުގައި ޗެލްސީ އާއި ގުޅި އެޓީމަށް ލީގު ކާމިޔާބު ކޮށްދިނުމުގައި ވެސް ކާންޓޭގެ ދައުރު ވަރަށް ބޮޑެވެ. ކޮންމެއަކަސް ގިނަ އެނަލިސްޓުން ދެކެނީ ކާންޓޭއަކީ މި ލިސްޓަށް ގެނެވުނު ‘ޕްރައިސްލެސް އެޑިޝަނެއް’ ކަމުގަ އެވެ.

މިޑްފީލްޑް: ފްރޭންކީ ޑި ޔޮން

އުމުރު: 22 އަހަރު   ކްލަބް/ގައުމު: ބާސެލޯނާ/ނެދަލެންޑްސް     އަންދާސީ އަގު: 85 މިލިއަން ޔޫރޯ

މިދިޔަ އަހަރުގެ ޔޫއެފާ ޗެމްޕިއަންސް ލީގުގެ ފައިނަލަށް ދިއުމަށް ސިކުންތުކޮޅަކާއި ގާތަށް ދިޔަ އަޔަކްސްގެ މިޑްފީލްޑް ގައި ޑި ޔޮން އަދާކުރި މުހިއްމު ރޯލު ފާހަގަކުރެވުނީ އެޓީމު އެހާ ހިސާބަށް ދިއުމަކުން ނޫނެވެ. އެއަށްވުރެ މާކުރިންވެސް ބޮޑެތި ކްލަބުތަކުން ދިޔައީ ޑި ޔޮން އަށް ފާރަލަމުންނެވެ. އޭގެ ނަތީޖާއެއްގެ ގޮތުން ވޭތުވެދިޔަ ސީޒަނުގެ މެދަކާއި ހަމައަށް ދިޔައިރު އެސީޒަން ނިމުމާއެކު ވަރުގަދަ ބާސެލޯނާއަށް ޑި ޔޮން ބަދަލުވުމުގެ އެންމެހާ ކަންތައްތައް އޮތީ ގާތްގަޑަކަށް ނިމިފަ އެވެ. ހަމަގައިމުވެސް އެނގޭކަމަކީ ބާސެލޯނާގެ ލެޖެންޑް ޒަވީ ހެނާންޑޭޒް އަދާކުރި ރޯލަށް އެހާ ޒުވާން ކުޅުންތެރިއަކު ނަގާނީ އޭނާއާ މެދު ބާސެލޯނާއަށް އޮތް ޔަގީންކަމެއްގެ ބޮޑުކަމުންނެވެ.

ފޯވާޑް: ލިއޮނަލް މެސީ

އުމުރު: 32 އަހަރު   ކްލަބް/ގައުމު: ބާސެލޯނާ/އާޖެންޓީނާ      އަންދާސީ އަގު: 150 މިލިއަން ޔޫރޯ

މެސީ އަކީ މިޓީމަށް ހުރިހާ އެނަލިސްޓުންގެ އިއްތިފާގުން އައި ހަމައެކަނި ކުޅުންތެރިޔާ އެވެ. މެސީ ފުރަތަމަ ބެލެންޑިއޯ އުފުލާލީ 2009 ގަ އެވެ. އޭގެފަހުން 10 އަހަރު ފާއިތުވެދިޔައިރު ވެސް މެސީ އަކީ ހަމަ މެސީއެވެ. އޭނާއަކީ ފުޓްބޯޅައިގެ ދުނިޔޭގައި އިތުރު ތައާރަފެއް ބޭނުންވާނޭ ކުޅުންތެރިއެއް ނޫނެވެ.

ފޯވާޑް: ކިލިއަން އެމްބާޕޭ

އުމުރު: 20 އަހަރު   ކްލަބް/ގައުމު: ޕީއެސްޖީ/ފްރާންސް     އަންދާސީ އަގު: 200 މިލިއަން ޔޫރޯ

އެމްބާޕޭއާ މެދު އެއްބަޔަކު ދުށީ އެ އެރި ބާރުމިނުގައި އަރާ އަދި ހަމަ އެހާ އަވަހަށް ފައިބައިގެން ދާނޭ ކުޅުންތެރިއެއްގެ ގޮތުގަ އެވެ. އެކަމަކު އެމްޕާބޭގެ ޕްލޭން މުޅިން ތަފާތެވެ. އެރިގޮތަށް އަރާ ބޮންތީގައި ހިފިގޮތަށް އޭނާ އެހެރީ އެގޮތުގަ އެވެ. އެހާ ޅައުމުރުގައި ވެސް ނޭމާ އާއި ކަވާނީ ފަދަ މަޝްހޫރު ކުޅުންތެރިން ތިއްބަސް ޕީއެސްޖީގެ ލީޑަރަކީ އޭނާކަން މުޅި ދުނިޔެއަށް އެދަނީ ސާބިތުކޮށްދެމުންނެވެ. މިހާރު ވެސް ވޯލްޑް ކަޕް ގައި ރެކޯޑް ހަދާ އެތަށި އުފުލާލާފައި ވާއިރު ފްރާންސްގައި ވެސް ހުރިހާ އެވޯޑެއް އެހެރީ ހަމަކޮށްގެންނެވެ. މާގިނަދުވަސްތަކެއްނުވެ އެއަށްވުރެ މަތީ އެވޯޑްތައް އެމްބާޕޭ އުފުލާލާނޭ ކަމާ މެދު ޝައްކުކުރާ މީހަކު މަދުވާނެ އެވެ. ރަހީމް ސްޓާލިން، ސާޖިއޯ އަގުއޭރޯ، އޮންޓުއަން ގްރީޒްމަން، ސަޑިއޯ މާނޭ އަދި މުހައްމަދު ސަލާހް ފަދަ ނަން މަޝްހޫރު އެތައް ފޯވަޑުންނެއް އުޅޭއިރު 12 އެނަލިސްޓުންގެ ތެރެއިން 10 ވޯޓް އެމްބާޕޭއަށް ލިބުމުން އޭނާގެ ފެންވަރު ވަޒަންކޮށްލަން އުނދަގުލެއްނޫނެވެ.

ފޯވާޑް: ކްރިސްޓިއާނޯ ރޮނާލްޑޯ

އުމުރު: 34 އަހަރު   ކްލަބް/ގައުމު: ޔުވެންޓަސް/ޕޯޗުގަލް    އަންދާސީ އަގު: 90 މިލިއަން ޔޫރޯ

ރޯނާލްޑޯ ތޯ މެސީ ތޯ މި ބަހުސް ކުރެވޭތާ 10 އަހަރަށްވުރެ ގިނަދުވަސް ވީ އެވެ. އެކަމަކު މިދެކުޅުންތެރިންގެ ތެރެއިން މޮޅީ މިވެނި ކުޅުންތެރިއެކޭ ބުނުމަކީ ހަގީގަތުގައި އެއްވެސް މާނައެއް އޮތް ކަމެއްނޫނެވެ. އެ ދެކުޅުންތެރިންނަކީ ވެސް ދުނިޔޭގެ ފުޓްބޯޅައިގެ އެންމެ އުހަށް ވާސިލުވެ އަދި އެހިސާބުގައި އެތައް އަހަރެއް ވަންދެން ތިބި އަދި މިހާރުވެސް އެހިސާބުގައި ތިބި ދެކުޅުންތެރިންނެވެ. އެދެކުޅުންތެރިން ފުރަތަމަ ބެލެންޑޯ ހޯދިފަހުން ވެސް 10 އަހަރުވީ އެވެ. އެކަމަކު މިއަހަރުވެސް އެދެކުޅުންތެރިން އެތިބީ ފީފާގެ އެންމެ މޮޅު ކުޅުންތެރިޔާއަށް ވާދަކުރާ ތިން ކުޅުންތެރިންގެ ތެރޭގަ އެވެ. މިހެން ބުނާއިރު މިދިޔަ އަހަރު ބެލެންޑިއޯ ހޯދި ލޫކަ މޮޑްރިޗް މިހާރު ވީ ހިސާބެއް ވެސް ނޭނގެ އެވެ. މެސީ އާއި ހިލާފަށް ރޮނާލްޑޯ އަށް މި ލިސްޓުން ޖާގަ ލިބުނީ ހުރިހާ އެނަލިސްޓުންގެ ވޯޓާއި އެކުގައި ނޫންކަން ފާހަގަކޮށްލަން ޖެހެ އެވެ. އެހެންނަމަވެސް ރޮނާލްޑޯއަށް މި ލިސްޓުން ޖާގަ ލިބުނީ އެ އުމުރުގައި ވެސް އޭނާގެ ބުރަ މަސައްކަތާއި ހިތްވަރު އަދި އޭނާގެ “ނެވަރ ސޭ ޑައި’ އެޓިޓިއުޑްގެ ސަބަބުން ކަމުގައި އެނަލިސްޓުން ދެކެ އެވެ.

ބެންޗް

ގޯލްކީޕަރު: އެލިސަން ބެކާ    ލިވަޕޫލް/ބްރެޒިލް

ކަނާތު ބެކް: ޓްރެންޓް އެލެކްޒެންޑަ އާނޯލްޑް   ލިވަޕޫލް/އިނގިރޭސިވިލާތް

ސެންޓަ ބެކް: ސާޖިއޯ ރާމޯސް   ރެއާލް މެޑްރިޑް/ސްޕެއިން

ސެންޓަ ބެކް: ޖެރާޑް ޕީކޭ    ބާސެލޯނާ/ސްޕެއިން

ވާތު ބެކް: ޖޯޑީ އަލްބާ      ބާސެލޯނާ/ސްޕެއިން

މިޑްފީލްޑް: ބެނާޑޯ ސިލްވާ   މެންޗެސްޓަރ ސިޓީ/ޕޯޗުގަލް

ފޯވާޑް: އެޑެން ހަޒާޑް      ރެއާލް މެޑްރިޑް/ބެލްޖިއަމް

ފޯވާޑް: މުހައްމަދު ސަލާހް    ލިވަޕޫލް/މިސްރު

ކޮމެންޓް