މާނޭއާ ގުޅުން ރަގަޅުކަން ދައްކަން ސަލާހް ތަފާތު ވީޑިއޯއެއް ޕޯސްޓްކޮށްފި

ލިވަޕޫލްގެ ދެ ފޯވާޑުން ކަމަށްވާ ސަޑިއޯ މާނޭ އާއި މުހައްމަދު ސަލާހް އާއި ދެމެދު އެއްވެސް ކަހަލަ ނުތަނަވަސް ކަމެއް ނެތްކަން ހާމަކުރުމުގެ ގޮތުން ސަލާހް ވަރަށް ތަފާތު ވީޑިއޯ އެއް ސޯޝަލް މީޑިއާގައި ޕޯސްޓްކޮށްފި އެވެ. މިސްރުގެ ފޯވާޑް މުހައްމަދު ސަލާހް ރޭ ޓްވިޓާގައި ޕޯސްޓްކުރި އެ ވީޑިއޯގައި ފެންނަނީ ވަރަށް ތުއްތު ދެ ކުއްޖަކު މަގެއްގެ މަތީގައި ދުވެފައި އައިސް އެއް ކުއްޖަކު އަނެއް ކުއްޖެއްގެ ގައިގައި ބައްދާލާ މަންޒަރެވެ. މި ވީޑިއޯ މިހާރު ވަނީ ސޯޝަލް މީޑިއާގައި ވަރަށް ބޮޑަށް ވައިރަލްވެފަ އެވެ.

ސަލާހް އާއި މާނޭ އާ ދެމެދު މައްސަލަތަކެއް އުޅޭ ކަމުގެ ވާހަކަތައް ފެތުރެން ފެށީ މިދިޔަ އޯގަސްޓް މަހުގެ 31 ވަނަ ދުވަހު ބާންލީ އާ ދެކޮޅަށް ލިވަޕޫލުން ކުޅުނު މެޗްގައި ހިނގި ހާދިސާއަކާ ގުޅުވައިގެންނެވެ. 0-3 އިން ލިވަޕޫލް ކާމިޔާބުކުރި އެ މެޗްގައި މާނޭ ބަދަލުކުރުމުން އޭނާ ވަނީ ހިތްހަމަނުޖެހުން ފާޅުކޮށްފަ އެވެ. ގަބޫލުކުރެވޭ ގޮތުގައި މާނޭ އެންމެ ބޮޑަށް ހިތްހަމަ ނުޖެހުނީ އޭނާ އަށް ގޯލެއް ޖަހަން ފުރުސަތު ލިބިފައި އޮތް ވަގުތެއްގައި ސަލާހް މާނޭއަށް ބޯޅަ ނުދިނުމުންނެވެ. އެކަމަކު ލިވަޕޫލްގެ މުސްލިމް ދެ ފޯވާޑުންގެ މެދުގައި އެއްވެސް މައްސަލައެއް ނޫޅޭކަން އަންގައިދޭން ސަލާހް މިކުރީ ވަރަށް އާދަޔާހިލާފް ކަމެކެވެ.

ސަލާހް ސޯޝަލް މީޑިއާގައި ޕޯސްޓް ކުރި ވީޑިއޯ

ސަލާހް އާއްމުކުރި ވީޑިއޯގައި އެންމެ އަޅައިގަންނަ ކަމަކަށް ފާހަގަކުރެވުނީ ވީޑިއޯ އިން ފެންނަ ދެ ކުދިންގެ ބޮލުގެ ބަދަލުގައި ސަލާހް އާ މާނޭގެ ބޯ ފެންނަން ހުރުމެވެ. އަދި، އެ ދެކުދިން ދުވަމުން އައިސް ބައްދާލިއިރު މަގުގެ އެއްކޮޅުން ލިވަޕޫލްގެ ކޯޗް ޔާގެން ކްލޮޕް ހިނިތުންވަމުން ހިނގާފައި އަންނަ މަންޒަރު ވީޑިއޯ އިން ފެނެ އެވެ.

މިއަދު ހަވީރު ނިއުކާސަލް ޔުނައިޓެޑާ ދެކޮޅަށް ލިވަޕޫލް ނުކުންނަން ތައްޔާރުވެފައި އޮތް ދަނޑިވަޅެއްގައި ސަލާހް ޕޯސްޓްކުރި މި ވީޑިއޯ އާއެކު އޭނާ އާއި މާނޭ އާ ދެމެދު މައްސަލަތަކެއް އުފެދިފައި ނެތްކަން ސަޕޯޓަރުންނަށް ޔަގީންވާވަރު ސަލާހް މިއޮތީ ކޮށްދީފަ އެވެ.  

ކޮމެންޓް