ސްޕެއިންގެ ކުރީގެ ކޯޗް އެންރީކޭގެ ދަރިފުޅު ކެންސަރު ބަލީގައި މަރުވެއްޖެ

އެންރީކޭ އޭނާގެ ދަރިފުޅު ޒާނާއާ އެކު. ކެންސަރު ބަލީގައި އިއްޔެ ޒާނާ ވަނީ މަރުވެފައި

ސްޕެއިންގެ ގައުމީ ފުޓްބޯޅަ ޓީމާއި، ބާސެލޯނާގެ ކުރީގެ ކޯޗް ލުއިސް އެންރީކޭގެ ނުވަ އަހަރުގެ އަންހެން ދަރިފުޅު ޒާނާ ކަށީގެ ކެންސަރު ބަލީގައި މަރުވެއްޖެއެވެ. މިކަން އިއްޔެ އެންރީކޭ ވަނީ ކަށަވަރުކޮށްދީފައެވެ.

ދަރިފުޅުގެ ކެންސަރު ބައްޔަށް ފަރުވާ ހޯދުމަށް އެންރީކޭ ވަނީ މިދިޔަ ޖޫން މަހު ސްޕެއިންގެ ކޯޗުކަން ދޫކޮށްލާފަ އެވެ. އޭރު ސްޕެއިންގެ ފެޑެރޭޝަނުން ބުނީ އެންރީކޭ ސްޕެއިންގެ ކޯޗުކަން ދޫކޮށްލީ އާއިލީ ކަމެއްގައި އެމަޖެންސީ ވެގެންނެވެ. އެންރީކޭ ސްޕެއިން ޓީމަށް އެންމެ ފަހުން އިރުޝާދުދިނީ މިދިޔަ މާޗް މަހު އެވެ.

އެންރީކޭ ބާސެލޯނާގެ ކާމިޔާބީ ދަރިފުޅާ އެކު ފާހަގަކުރަނީ. ދަރިފުޅުގެ ފަރުވާއަށް އެންރީކޭ ސްޕެއިންގެ ކޯޗުކަން ދޫކޮށްލި

“ފަސް މަސްދުވަސް ވަންދެން ކެންސަރާ ހަނގުރާމަކުރުމަށްފަހު އުމުރުން ނުވަ އަހަރުގައި އަހަރެމެންގެ އަންހެން ދަރިފުޅު ޒާނާ މިއަދު މެންދުރުފަހު ވަނީ މަރުވެފަ. މި މުއްދަތުގެ ތެރޭގައި އަހަރެމެންނަށް ލިބުނު ހެޔޮއެދުމުގެ ބަސްތަކާއ، ދިން ލޯތްބަށް ހުރިހާ އެންމެންނަށް ވަރަށް ބޮޑަށް ޝުކުރު އަދާކުރަން” ޓްވިޓާ ގައި އެންރީކޭ އާއްމުކުރި ބަޔާނެއްގައި ބުނެފައިވެ އެވެ.

ދަރިފުޅަށް ފަރުވާ ކުރުމަށް ވަގުތު ހޭދަކުރަން ޖެހޭތީ އެންރީކޭ އަށް ވަނީ ސްޕެއިންގެ ތިން މެޗު ގެއްލިފަ އެވެ. އޭގެ ފަހުން ސްޕެއިންގެ ފެޑެރޭޝަނުގެ ރުހުމާއެކު އެންރީކޭ ސްޕެއިން ދޫކޮށްލުމުން ބަދަލުގައި އެ މަގާމް މިހާރު އަދާކުރަނީ ރޮބާޓޯ މޮރޭނޯ އެވެ. އާއިލީ ކަމެއްގައި އެންރީކޭ ސްޕެއިން ޓީމު ދޫކޮށްލި ނަމަވެސް ރޯޔަލް ސްޕެނިޝް ފުޓްބޯލް ފެޑެރޭޝަނުގެ އިސްވެރިޔާ ވިދާޅުވީ އެންރީކޭއަށް ސްޕެއިންގެ ދޮރު އަބަދުވެސް ހުންނާނީ ހުޅުވިފައި ކަމަށެވެ.

“އަދި މީގެ އިތުރުން ސެންޓް ޖޯން ޑި ޑިއު އަދި ސެންޓް ޕައު ހޮސްޕިޓަލްގެ ހުރިހާ ސްޓާފުންނަށް، ޑޮކްޓަރުންނާއި ނަރުހުންނާއި ހިލޭ ސާބަހަށް މަސައްކަތްކޮށްދިން ފަރާތްތަކަށް އެފަރާތްތަކުން ބެހެއްޓި ފަރުވާތެރިކަމާއި، ދިން ފަރުވާ އަށް ވަރަށް ބޮޑަށް ޝުކުރު އަދާކުރަން. އަދި ވަކިން ހާއްސަކޮށް ސެންޓް ޖޯން ޑި ޑިއު ހޮސްޕިޓަލްގެ ޕެލިއޭޓިވް ކެއާ ޓީމްގެ ނަން މި ފުރުސަތުގައި ފާހަގަކޮށްލަން” އެންރީކޭ ބުނެފައިވެ އެވެ.

ބާސެލޯނާގެ ކާމިޔާބީ ފާހަގަކުރާއިރު އެންރީކޭ އޭނާގެ ދަރިފުޅު ޒާނާގެ އަތުގައި ހިފަހައްޓައިގެން. ފަސް މަސް ދުވަހު ހޯދި ފަރުވާގައި އެންރީކޭ ހުރީ ދަރިފުޅު ގާތުގައި

ސްޕެއިންގެ ކޯޗުކަމާ މިދިޔަ އަހަރު ޖުލައި މަހު ހަވާލުވުމުގެ ކުރިން އެންރީކޭ ވަނީ ގާތްގަނޑަކަށް ތިން އަހަރު ދުވަހު ބާސެލޯނާގެ ކޯޗުކަމުގައި އެޓީމަށް ގިނަ ކާމިޔާބީތަކެއް ހޯދައިދީފަ އެވެ. ބާސެލޯނާ އަށް ދެ ފަހަރު ސްޕެނިޝް ލީގު ކާމިޔާބުކޮށްދިން އިރު 2015 ވަނަ އަހަރުގެ ޗެމްޕިއަންސް ލީގު ވެސް އެންރީކޭ ވަނީ އެޓީމަށް ކާމިޔާބުކޮށްދީފަ އެވެ. ބާސެލޯނާގައި ހޯދި ކާމިޔާބީ ފާހަގަ ކުރުމުގައި އެންރީކޭ ވަނީ އޭނާގެ ދަރިފުޅު ޒާނާ ކޮންމެ ފަހަރަކު ވެސް ބައިވެރިކޮށްފަ އެވެ. އަދި، ދަރިފުޅާ އެކު ދަނޑުމަތީގަޔާއި ތަށި ހިފައިގެން ހުރެ އެންރީކޭ ވަނީ އުފާވެރި އެތައް ވަގުތެއް ހޭދަކޮށްފަ އެވެ. އެންރީކޭ ދަރިފުޅާއެކު ނަގާފައިވާ ގިނަ ފޮޓޯތަކެއް މިހާރު ވަނީ ސޯޝަލް މީޑިއާގައި ވައިރަލްވެފަ އެވެ.

“ތިޔަ އެންމެން ކޮންދިން މަސައްކަތް ހަޔާތުގެ ކޮންމެ ދުވަހެއްގައިވެސް އަހަރެމެން ހަނދާންކުރާނަން. އަދި ކުރިމަގުގައި އަހަރެމެން އެކަކު އަނެކަކާ އަލުން ބައްދަލުވާނެ ކަމަށްވެސް އުއްމީދުކުރަން” ސްޕެއިންގެ ގައުމީ ޓީމަށް 62 މެޗު ކުޅެދިން އެންރީކޭގެ ބަޔާނުގައި އިތުރަށް ބުނެފައިވެ އެވެ.

އެންރީކޭގެ ދަރިފުޅުގެ މަރާ ގުޅިގެން އޭނާ ކުރިން އިރުޝާދުދިން ރޯމާ އާއި ސެލްޓަ ވީގޯ އަދި ބާސެލޯނާގެ އިތުރުން ސްޕެއިންގެ ފެޑެރޭޝަނުން ވެސް ވަނީ ހަމްދަރުދީގެ މެސެޖުތައް ފޮނުވައިފަ އެވެ. މި ކްލަބްތަކުގެ އިތުރުން ސްޕެއިންގެ ރެއާލް މެޑްރިޑާއި ދުނިޔޭގެ ފުޓްބޯޅަ އާއިލާ އެއްކޮށް ވަނީ އެންރީކޭގެ ހިތާމައިގައި ބައިވެރިވެފަ އެވެ. ފުޓްބޯޅަ ކުޅުންތެރިންގެ އިތުރުން ސްޕެއިންގެ ބޮޑު ވަޒީރާއި ސްޕެއިންގެ ޓޭބަލް ޓެނިސް ކުޅުންތެރިޔާ ރަފައެލް ނަޑާލް ވެސް ވަނީ އެންރީކޭގެ ހިތާމައިގައި ބައިވެރިވާކަމަށް ބުނެ ޓްވީޓް ކޮށްފަ އެވެ.

ކޮމެންޓް