ދަގަނޑޭ އަކީ ދިވެހިރާއްޖެ އަށް ލެއްވި ނަސީބެއް: ނިޒާމްބެ

ރާއްޖޭގައި މިހާތަނަށް އުފެދުނު އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާ ކަމަށް ގިނަ ބަޔަކު ގަބޫލުކުރާ ޢަލީ އަޝްފާގް (ދަގަނޑޭ) އަކީ ދިވެހިންނަށް ލެއްވި ނަސީބެއްގެ ގޮތުގައި ރާއްޖޭގެ އެންމެ މަގްބޫލް އެއް ކޯޗް މުހައްމަދު ނިޒާމް (ނިޒާމްބެ) ސިފަކޮށްފިއެވެ. ފުރަތަމަ ފަހަރަށް ރާއްޖެއަށް ފުޓްބޯޅައިން ރަން މެޑަލް ހޯދައިދިނުމުގައި މުހިއްމު ދައުރެއް އަދާކުރި ދަގަނޑޭ އާ ގުޅޭގޮތުން މި މޭރުމުން ޓީސީގެ ކުރީގެ ކޯޗް ނިޒާމްބެ ވާހަކަދައްކައިފައިވަނީ 16 އަހަރުން ދަށުގެ ގައުމީ ޓީމްގެ ހެޑް ކޯޗްކަން ހަވާލުކުރުމަށް ރާއްޖޭގެ ފުޓްބޯޅަ އެސޯސިއޭޝަނުން މިދިޔަ ބުރާސްފަތި ދުވަހު ބޭއްވި ރަސްމިއްޔާތުގައި “ފަހުމިނެޓް” އިން ކުރި ސުވާލަކަށް ޖަވާބު ދެމުންނެވެ.

“މީގަ ގަބޫލުކުރަންޖެހޭ އެއް ހަގީގަތަކީ ރާއްޖެއަށް އަނެއްހެން ބުނާ ކަމަށްވަންޏާ ރާއްޖެއަށް ލެއްވި ނަސީބުގެ ތެރެއިން އެއް ނަސީބުގެ ގޮތުގައި އަޝްފާގް އަޅުގަނޑުމެން ބަލައިގަންނަންޖެހޭ. ހަމަ ޔަގީނުންވެސް އަޅުގަނޑު ގަބޫލުކުރާ ކަމެއް ނޫން އެއީ ސީދާ އަނެއް އަޝްފާގެއް ތައްޔާރެއް ނުކުރެވޭނެ އިނގޭތޯ. އެއަށްވުރެ ރަގަޅު އަޝްފާގެއްވެސް ތައްޔާރެއް ނުކުރެވޭނެ.” ދަގަނޑޭ ވަރުގެ ކުޅުންތެރިޔަކު އުފެއްދިދާނެތޯ ކުރި ސުވާލަށް ޖަވާބުދެމުން ކޯޗް ނިޒާމްބެ ބުންޏެވެ.

މިދިޔަ އަހަރުގެ ދިވެހި ޕްރިމިއާ ލީގް ޓީސީ އަށް ކާމިޔާބުކޮށްދިން ކޯޗް ނިޒާމްބެ ބުނީ ދަގަނޑޭ ވަރުގެ ކުޅުންތެރިއަކު ނުއުފެއްދުނު ނަމަވެސް ރާއްޖޭގައި ޓެލެންޓް ހުރި ޒުވާން ކުޅުންތެރިން އެބަތިބި ކަމަށާއި، އޭގެ ތެރެއިން މޮޅު ކުޅުންތެރިންތަކެއް އުފެއްދިދާނެ ކަމަށެވެ.   

“ހުނަރު ހުރި ކުޅުންތެރިއަކު އެއަށްތުރެ ރަގަޅު ކުޅުންތެރިއަކަށް ހަދާލެވިދާނެ. ދެން ބަލަންޖެހޭނީ އޭނަގެ ނަތީޖާ ތަކަކީ ނުވަތަ އޭނަގެ ޕާފޯމެންސަށް ބަލާފަ އޭނަ އެ ނެރޭ ނަތީޖާތަކަކީ ކޮބައިކަން.” ނިޒާމްބެ ބުންޏެވެ.

“އަޅުގަނޑު ދަންނަވާނީ މިހާރު މިވާދަކުރާ ޓީމްތަކުގަ، އެންމެ ދުރުން އަޅުގަނޑު ކިޔާލާ ހިތްވަނީ 2014 ގަ އަޅުގަނޑު ފަށައިގެން އައިސް 2018 ގަ ސީޒަން ނިމެންދެން އަޅުގަނޑާ އެއްކޮށް މަސައްކަތްކުރަމުން އައި އީގަލްސް އަދި ޓީސީ މި ދެޓީމްގެ ކުޅުންތެރިން. މިކުޅުންތެރިންތަކަށް ބަލާލަލަމާ ހިނގާ. އަދި އެހެން ޓީމްތަކުންވެސް ނުކުތް ޒުވާން ކުޅުންތެރިން.  ބަލާލަމާ ހިނގާ ކިތައް ހުނަރުވެރި އާ ޒުވާން ކުޅުންތެރިން އަޅުގަނޑުމެންނަށް ގައުމީ ޓީމާ ހަމައަށް ނެރެދެވިއްޖެތޯ. އެހެންވީމަ އޭގެ މާނައަކީ އަޅުގަނޑުމެންގެ އަތުގަ އެބަހުއްޓޭ ޓެލެންޓް.  ދެން އޮތީ އެ ޓެލެންޓް އަޅުގަނޑުމެން އިތުރަށް ތަރައްގީކޮށް ކުރިއަށްދާން ބޭނުންވާ ޕްލެޓްފޯމް ގާއިމްކޮށްދިނުން.” ދިވެހި ރާއްޖޭގެ ކްލަބަށް ފުރަތަމަ ފަހަރަށް ބައިނަލް އަގްވާމީ މުބާރާތެއްގެ ތަށްޓެއް ހޯދައިދިން ކޯޗް ބުންޏެވެ.    

ކްލަބް ގްރީން ސްޓްރީޓްސް އަށް މިހާރު ކުޅެމުން އަންނަ ދަގަނޑޭއާ އެއް ފެންވަރުގެ ކުޅުންތެރިއަކު ދެން ފެނުމަކީ ދުރު ކަމަށް ކަމަށް ނިޒާމްބެ ބުނެފައިވާއިރު މިވަގުތު ދިވެހި ފުޓްބޯޅައިގެ އެންމެ ބޮޑު ބަހުސަކަށް ވެފައި އޮތީ ވޯލްޑް ކަޕާއި އޭޝިއަން ކަޕްގެ ކޮލިފިކޭޝަން ގައި އަންނަ މަހު ގުއާމް އާއި ޗައިނާ އާއި ދެކޮޅަށް ރާއްޖެ ކުޅެންޖެހޭ ދެ މެޗަށް ތައްޔާރުވާން ނެގި ގައުމީ ޓީމުގެ ސްކޮޑުގައި ދަގަނޑޭ ނުހިމެނުނު މައްސަލައެވެ. ދިވެހި ފުޓްބޯޅައަށް ލޯބިކުރާ ގިނަ ބަޔަކު ގަބޫލުކުރާ ގޮތުގައި ރާއްޖޭގައި ދެވޭ އެންމެ ޝަރަފްވެރި ކުޅިވަރު އެވޯޑް ކަމަށްވާ “މިހާރު އެވޯޑްސް” ގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާގެ މަގާމާއި އެންމެ ފަހުން ބޭއްވި ބޭއްވި މޯލްޑިވްސް ފުޓްބޯލް އެވޯޑްސްގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާގް މަގާމް ހޯދި ދަގަނޑޭއަށް މިފަހަރުގެ ސްކޮޑުން ޖާގަ ލިބެންޖެހެއެވެ.

މިފަހަރުގެ ސްކޮޑުން ދަގަނޑޭއަށް ފުރުސަތު ނުދިން މައިގަނޑު ސަބަބެއް ކަމަށް ގައުމީ ޓީމްގެ ކޯޗް ކްރޮއޭޝިއާގެ ޕީޓަރ ސެގާޓް ބުނެފައިވަނީ ދަގަނޑޭ ގެ އުމުރު މާ ދޮށިވުން ކަމަށެވެ. ކޯޗްގެ މި ވާހަކައާއި ގުޅިގެން ގިނަ ބަޔަކު އަންނަނީ ސޯޝަލް މީޑިއާގައި ނުރުހުން ފާޅުކޮށް ކޯޗަށް ވަރަށް ބޮޑަށް ފާޑުކިޔަމުންނެވެ.  

ކޮމެންޓް