ޕްރިމިއާ ލީގު ކޯޗުންގެ ލިސްޓުން އެއް ވަނަ ގާޑިއޯލާ އަށް

އިނގިރޭސި ޕްރިމިއާ ލީގުގެ އާސީޒަން ފެށެން ކުޑަތަން ވަމުންދާއިރު ޓީމުތަކުން ދަނީ އެކަމަށް އެންމެ ފުރިހަމައަށް ތައްޔާރުވަމުންނެވެ. ޓީމުތަކުން ކުޅުންތެރިން ގަނެވިއްކުމުގެ ހަރަކާތުގައި އުޅެމުން ޕްރީ ސީޒަން ދަތުރުތަކުގައި އެކި ދިމަދިމާ އަށް ގޮސް ތަމްރީނުތައް ހަދަމުން މެޗުތައް ކުޅެމުންދާއިރު ކޮންމެ ކޯޗެއްގެ ވެސް ވިސްނުން ހުންނާނީ ސީޒަންގެ ފެށުން ރަނގަޅު ގޮތެއްގައި ގެންދިއުމަށް އެންމެ ފުރިހަމައަށް ތައްޔާރުވުމުގެ މައްޗަށެވެ. އާސީޒަނާ ކުރިމަތިލާއިރު ކޯޗުންގެ ލިސްޓަށް އައި އެންމެ ފާހަގަކޮށްލެވޭ ބަދަލަކީ މައުރީޒިއޯ ސާރީގެ ބަދަލުގައި ޗެލްސީގެ ލެޖެންޑް ފުރޭންކް ލަމްޕާޑް ޗެލްސީ އާއި ހަވާލުވުން ކަމުގައި ނޫނީ ނުވާނެ އެވެ. ވޭތުވެދިޔަ ސީޒަނުގައި އިނގިރޭސި ޗެމްޕިއަންޝިޕްގެ ޑާބީ ކައުންޓީއާ އެކު މަސައްކަތް ކުރުމަށް ފަހު ލަމްޕާޑް މިފަހަރު ޗެލްސީއާ ހަވާލުވުން ވާނީ ސަޕޯޓަރުންނާއި ބެލުންތެރިން ހަމަ ވަރަށް ޝައުގުވެރިވާނޭ ކަމަކަށެވެ.

ޕްރިމިއާ ލީގުގައި މިހާރު ތިބި ކޯޗުންގެ މަސައްކަތާއި ތާރީހަށް ބަލައި އީއެސްޕީއެން އިން ވަނީ އެލީގުގެ 20 ކޯޗުން ރޭންކް ކޮށްފައެވެ. މިލިސްޓަށް ބަލާއިރު ބައެއް މަޝްހޫރު ޓީމުތަކުގެ ކޯޗުންނަށް ލިސްޓުގެ ކުރިން ޖާގަ ލިބިފައިވާއިރު ނަން މަޝްހޫރު އަނެއްބައި ޓީމުތަކުގެ ކޯޗުން ފެންނަނީ ލިސްޓުގެ ނިމޭ ކޮޅުންނެވެ.

1- ޕެޕް ގާޑިއޯލާ (މެންޗެސްޓަރ ސިޓީ)

ގާޑިއޯލާގެ ކޯޗިން ކެރިއަރުގައި މިހާތަނަށް ވަނީ 27 ތަށި ހޯދާފަ އެވެ. އޭނާގެ އެންމެ ފާހަގަކޮށްލެވޭ ކާމިޔާބަކީ ބާސެލޯނާއާ އެކު އެއް ސީޒަނެއްގައި ލަލީގާ އާއި ކޮޕަ ޑެލްރޭ އަދި ޗެމްޕިއަންސްލީގު ހޯދުމެވެ. ވޭތުވެދިޔަ ސީޒަނުގައި މެންޗެސްޓަރ ސިޓީއަށް ޑޮމެސްޓިކް ތިން ތަށި ހޯދައިދިނުމަކީ ވެސް ގާޑިއޯލާގެ ވަނަވަރަށް އިތުރުވި މުހިއްމު ބައެކެވެ. 2008 ގައި ބާސެލޯނާއާ އެކު ކޯޗިން ކެރިއަރު ފެށި ގާޑިއޯލާއަކީ މުޅި ދުނިޔެއަށް ބަލާއިރު ވެސް އެންމެ ކުރީގަ އުޅޭ އެއް ކޯޗެވެ. އެހެންނަމަވެސް 2011 ގައި ބާސެލޯނާއާ އެކު ޗެމްޕިއަންސްލީގު ހޯދިފަހުން އެތަށީގައި އަތްލަން ނުލިބުމަކީ ގާޑިއޯލާގެ ވަރަށް ބޮޑު ކަންބޮޑުވުމަކަށް ހަމަ ޔަގީނުން ވެސް ވާނެ އެވެ.

2- ޔާގެން ކްލޮޕް (ލިވަޕޫލް)

ކްލޮޕް ވަނީ މިހާތަނަށް 6 ތަށި ހޯދާފަ އެވެ. އޭގެތެރެއިން އެންމެ ފާހަގަކޮށްލެވެނީ ވޭތުވެދިޔަ ސީޒަނުގެ ޔޫއެފާ ޗެމްޕިއަންސް ލީގު ޓްރޮފީ އެވެ. ލިވަޕޫލަށް ޗެމްޕިއަންސް ލީގު ކާމިޔާބު ކޮށްދީގެން ކްލޮޕް ވަނީ އޭނާއަށް ފާޑުކިޔާ މީހުންގެ އަނގަ ބަންދުކުރުވާފަ އެވެ. ކުޅުންތެރިންނާއި ސަޕޯޓަރުންނަށް ވެސް ކްލޮޕަކީ ވަރަށް ކަމުދާ ކޯޗެކެވެ. އެހެންނަމަވެސް އެމީހުންގެ ނަންބަރު އެކަކަށް ވުމަށް ޕްރިމިއާ ލީގުގެ ތާރީހުގައި އެޓީމުގެ އެއްވެސް ކޯޗަކަށް ނުވެ އޮތްކަމެއް ކްލޮޕް އެބަކުރަންޖެހެ އެވެ. އެއީ ޕްރިމިއާ ލީގު ލިވަޕޫލަށް ކާމިޔާބުކޮށްދިނުމެވެ. 1992 ގައި ޕްރިމިއާ ލީގު ތައާރަފް ކުރުމުގެ ކުރިން 18 ފަހަރު އިނިގިރޭސި ލީގު ހޯދި މިޓީމަށް އަދި ޕްރިމިއާ ލީގު ތަށީގައި އަތްލުމުގެ ފުރުޞަތެއް ނުލިބެ އެވެ.  

3- މައުރީސިއޯ ޕޮޗެޓީނޯ (ޓޮޓެންހަމް ހޮޓްސްޕާސް)

މި ލިސްޓުގެ ތިން ވަނައިގައި ޕޮޗެޓީނޯ އޮތަސް އޭނާއަށް އަދި މިހާތަނަށް އެއްވެސް ތަށްޓެއް ހޯދިފައެއް ނުވެ އެވެ. އޭނާގެ އެންމެ ބޮޑު ކާމިޔާބަކީ ނިމިގެން ދިޔަ ސީޒަނުގައި ޗެމްޕިއަންސްލީގު ފައިނަލުގައި ކުޅުމެވެ. ޕޮޗެޓީނޯ ޓޮޓެންހަމްގައި ހޭދަކުރި ފަސް ސީޒަނުގައި އޭނާވަނީ އެޓީމު ވަރުގަދަކޮށް ޗެމްޕިއަންސް ލީގުން ގަވާއިދުން ޖާގަހޯދާ ޓީމަކަށް ހަދާފަ އެވެ. ޕޮޗެޓީނޯ ފާހަގަކޮށްލެވެނީ މޮޅެތި ކުޅުންތެރިން ގަނެގެން ޓީމަށް ގެނައުމުގެ ބަދަލުގައި ޒުވާން ކުޅުންތެރިންނަށް ފުރުސަތު ދީގެން އެކުޅުންތެރިން ފުޓްބޯޅައިގެ އެންމެ ކުރީ ސަފަށް ނެރޭ ކޯޗެއްގެ ގޮތުގަ އެވެ.

4- އުނާއި އެމެރީ (އާސެނަލް)

އެމެރީ ވަނީ މިހާތަނަށް 10 ތަށި ހޯދާފަ އެވެ. އޭނާގެ އެންމެ ބޮޑު ކާމިޔާބަކީ ސްޕެއިންގެ ސެވިއްޔާއާ އެކު ޔްރޮޕާ ލީގު ވިދިވިދިގެން ތިންފަހަރު (2014،2015،2016) ހޯދުމެވެ. އާސެން ވެންގާ އަށްފަހު އާސެނަލާ ހަވާލުވި އެމެރީއާ މެދު އެޓީމުގެ ސަޕޯޓަރުންގެ އުއްމީދުތައް ހުރީ ވަރަށް މަތީގަ އެވެ. އެހެންނަމަވެސް ނިމިގެން ދިޔަ ސީޒަނުގައި އެ އުއްމީދުތަކަށް އެއްވެސް ކުލައެއް ނައެވެ. އެމެރީގެ ޓްރެކް ރެކޯޑަށް ބަލާއިރު އޭނާއަށް އިތުބާރު ނުކުރަންވީ ސަބަބެއް ނެތެވެ. އެހެންނަމަވަސް ޗެމްޕިއަންސް ލީގުން ބާކީވުމުގެ ސިލްސިލާއަށް އެމެރީއަށް ހުއްޓުމެއް ނުގެނެވުން ވާނީ ސަޕޯޓަރުންގެ ކަންބޮޑުވުމަކަށެވެ. އިތުބާރުކުމަކުން ގޯހެއްނެތެވެ. އެހެންނަމަވެސް ކާމިޔާބު ހާސިލްނުވެ ދާ ކޮންމެ ދުވަހަކީ އެ އިތުބާރަށް ލޮޅުން އަރާނޭ ދުވަހެކެވެ.

5- މެނުއެލް ޕެލެގްރީނީ ( ވެސްޓް ހޭމް ޔުނައިޓެޑް)

ޕެލެގްރީނީ ވަނީ މިހާތަނަށް 10 ޓްރޮފީ ހޯދާފަ އެވެ. މެންޗެސްޓަރ ސިޓީ އަށާއި ރެއާލް މެޑްރިޑަށް ވެސް އިރުޝާދު ދީފައިވާ ޕެލެގްރީނީ ވަނީ ސިޓީއަށް 2014 ވަނަ އަހަރު ޕްރިމިއާ ލީގާއި ލީގު ކަޕް ހޯދައިދީފަ އެވެ. ވެސްޓް ހޭމް އަކީ ޕެލެގްރިނީ ކޯޗުކޮށްދޭ  14 ވަނަ ޓީމެވެ. ޕެލެގްރީނީ ފާހަގަކުރެވިފައިވަނީ ޓީމު އެއްފެންވަރެއްގައި ގިނަދުވަހު ހިފަހައްޓާ ކޯޗެއްގެ ގޮތުގަ އެވެ. ވެސްޓް ހޭމް އަށް މިސީޒަނުގައި ކާމިޔާބު ހޯދައިދިނުމަށް ޕެލެގްރީނީ އަކީ އެންމެ އެކަށީގެންވާ ކޯޗުކަމަށް ވެސް ހަމަ ވެދާނެ އެވެ.

މި ލިސްޓުގައި ބާކީތިބި ކޯޗުން ތަރުތީބު ކުރެވިފައިވާ ގޮތަކީ ހަ ވަނައިގައި މިފަހަރު  ޔުރޮޕާ ލީގުން ޖާގަ ހޯދި ވުލްވްސް ގެ ކޯޗު ނޫނޯ ސަންތޯސް، ހަތް ވަނައިގައި ސެލްޓިކާއެކު ވިދިވިދިގެން 2 އަހަރު 3 ތަށި (ޓްރެބްލް) ހޯދި އަދި ކުރިން ލިވަޕޫލަށް އިރުޝާދުދިން  މިހާރުގެ ލެސްޓަ ސިޓީގެ ކޯޗް ބްރެންޑަން ރޮޖާސް، އަށް ވަނައިގައި ބާންލީގެ ކޯޗް ޝޯން ޑައިޝް 9 ވަނައިގައި އިނގިރޭސި ގައުމީ ޓިމަށް ކުރިން ކޯޗު ކޮށްދިން މިހާރު ކްރިސްޓަސް ޕެލޭސްގެ ކޯޗް ރޯއީ ހޮޖްސަން، 10 ވަނައިގައި ބޯންމައުތުގެ ކޯޗް އެޑީ ހާވް އެވެ.

މިލިސްޓުގެ ފަހު ދިހަޔަކަށް ބަލާއިރު 11 ވަނައިގައި އޮތީ ވެޓްފޯޑްގެ ކޯޗް ހަވީ ގްރާސިއާ އެވެ. 12 ވަނައިގައި އެވަޓަންގެ ކޯޗް މާކޯ ސިލްވާ އެވެ. 13 ވަނައިގައި އޮތީ ޗެމްޕިއަންޝިޕްގެ ތަށި ނޯވިޗަށް ހޯދައިދީ އެޓީމު ޕްރިމިއާ ލީގަށް ކޮލިފައިކޮށްދިން ކޯޗް ޑެނިއަލް ފާކޭ އެވެ. 14 ވަނައިގައި އެސްޓަން ވިލާ އެނބުރި ޕްރިމިއާ ލީގަށް މިފަހަރު ގެނައުމުގެ މޭސްތިރިޔާ ކަމަށް ވާ ކޯޗު ޑީން ސުމިތު އޮތް އިރު މެންޗެސްޓަރ ޔުނައިޓެޑްގެ ކޯޗް އޮލެ ގުނަ ސޮލްޝެއާ އޮތީ މި ލިސްޓުގެ 15 ވަނައިގަ އެވެ. އަލަށް ޗެލްސީއާއި ހަވާލުވި ފްރޭންކް ލަމްޕާޑް ލިސްޓުގެ 16 ވަނައިގައި އޮތްއިރު 17 ވަނައިގައި އޮތީ ޝެފީލްޑް ޔުނައިޓެޑް ޕްރިމިއާ ލީގަށް ގެނެސްދިން ކޯޗު ކްރިސް ވިލްޑާ އެވެ.  18 ވަނައިގައި ސައުތެމްޕްޓަން ގެ ކޯޗް އޮސްޓްރިއާގެ ރަލްފް ހަސެންހުޓެލް އޮތް އިރު 19 ވަނައިގައި އޮތީ މީގެ ކުރިން ހަލް ސިޓީ އާއި ބާމިންހަމް ޕްރިމިއާ ލީގަށް ޕްރޮމޯޓް ކޮށްދިން މިހާރު ނިއުކާސަލް ޔުނައިޓެޑްގެ ކޯޗް ސްޓީވް ބުރޫސް އެވެ. މިލިސްޓުގެ އެންމެ ފަހަތުގައި އޮތީ ބްރައިޓަން ގެ ކޯޗް ގުރެހަމް ޕޮޓާ އެވެ.

އީއެސްޕީއެންގެ ޕްރިމިއާ ލީގުގެ ކޯޗުންގެ ލިސްޓު މިވަގުތަށް މިހެން އޮތް ކަމުގައިވިޔަސް ސީޒަން ފެށުމާ އެކު މިލިސްޓުގެ ތަރުތީބަށް ބޮޑެތި ބަދަލުތަކެއް އަންނާނޭކަމީ ޝައްކެއްނެތި ޔަގީންވާ ކަމެކެވެ. އަޅެ ބަލަން ތިބެމާ ހިނގާށެވެ.

ކޮމެންޓް