ސަސްޕެންޝަން ބަދަލުކޮށްލީ ރަނަށް، ނަބީހާ އަކީ ހަމަ މިސާލެއް!

ރަން މެޑަލް ލިބުމުން ނަބީހާ އުފަލުން ރޮނީ. ކާމިޔާބާ ހަމައަށް ދިއުމަށް ބުރަކޮށް މަސައްކަތް ކުރި. - ފޮޓޯ: އެމްއޯސީ

2015 ވަނަ އަހަރު އޮތް އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގެ ތަޖްރިބާއަށްފަހު މިފަހަރުގެ މުބާރާތަށް ދިވެހި ގައުމީ ބެޑްމިންޓަން ޓީމް ތައްޔާރުވީ މީގެ ތިން އަހަރު ކުރިން އެކުލަވާލި ދުރު ރާސްތާ ޕްލޭނެއްގެ ދަށުންނެވެ. އެ ޕްލޭންގެ ދަށުން 11 އަންހެން ކުޅުންތެރިންގެ ސްކޮޑެއް އެކުލަވާލައި އެކުޅުންތެރިންގެ ފެންވަރު އެހެން ހަރުފަތަކަށް ގެންދިއުމަށްޓަކައި މަސައްކަތް ފެށިއިރު އޭގެ ތެރޭގައި ހިމެނުނު އެކަކީ މިފަހަރުގެ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް ގެ އަންހެން ސިންގަލްސް އިވެންޓުން އިއްޔެ ރަން މެޑަލް ހޯދި އާމިނަތު ނަބީހާ އަބްދުއްރައްޒާގް އެވެ.

މޮރިޝަސްގައި މިހާރު ކުރިއަށްދާ މުބާރާތުގެ ބެޑްމިންޓަން އިވެންޓުން ރާއްޖެއަށް ގޯލްޑެއް ހޯދައިދީފާނެ ކަމަށް އޭރުވެސް އެންމެ ބޮޑަށް ބެލެވެމުން އައި އެއްކުޅުންތެރިއަކީ ނަބީހާ އެވެ. އެކަމަކު މިއަހަރުގެ ކުރީކޮޅު ނަބީހާ އާ ކުރިމަތިލާންޖެހުނު ސަސްޕެންޝަނާ ހުރެ އެ އުއްމީދަށް ކޮންމެވެސް ވަރެއްގެ ފަނޑުކަމެއް އައެވެ. އެކަން ނަބީހާ ނެގީ ޕޮޒިޓިވްކޮށެވެ. ކެރިއަރުގެ ޅަފަތުގައި ދަސްކުރަން ލިބުނު މުހިއްމު ފިލާވަޅާއެކު ނަބީހާ ގެ އަޒުމް ކުރީ އިތުރަށް ވަރުގަދަ އެވެ. ނަތީޖާއަކަށްވީ ބައިނަލްއަގްވާމީ މުބާރާތަކުން މިހާތަނަށް ބެޑްމިންޓަނުން އެންމެ ބޮޑު ކާމިޔާބެއް ހޯދި ދިވެހި ކުޅުންތެރިއަކަށް ނަބީހާ ވުމެވެ.

މެޗުން މޮޅުވުމުން ނަބީހާ އުފާފާޅުކުރަނީ. – ފޮޓޯ: އެމްއޯސީ

މިއަހަރުގެ ޖެނުއަރީ މަހުގެ ފަހުކޮޅު ގައުމީ ޓީމުން ނަބީހާ ސަސްޕެންޑްކުރީ ނަބީހާ ބުނެފައިވާ ގޮތުން ނަމަ ގައުމީ ޓީމުގެ ހާޒިރީ ލިސްޓުގައި، ޕްރެކްޓިހަށް ހާޒިރުނުވާ ކުޅުންތެރިންގެ ނަމާ ދިމާލުގައި ނާންނަކަން ފާހަގަކުރުމުންނެވެ. އަދި އެކަން އެގޮތަށް ކުރީ ކޯޗަށް ހާޒިރީގެ ކަންތައްތައް ރަނގަޅަށް ނުބެލި، ޕްރެކްޓިހަށް ހާޒިރުނުވާ ކުޅުންތެރިން ވެސް، ޕްރެކްޓިހަށް ހާޒިރުވި ކަމަށް ބަލައި ފާހަގަޖަހާތީ އެކަމާ ހިތްހަމަނުޖެހިގެން ކަމަށް މީޑިއާގައި ނަބީހާ ކުރިން ވަނީ ބުނެފަ އެވެ.

އެކަމަކު އެކަން ކުރެވުމުން ކޯޗާއި މެނޭޖަރުގެ ކިބައިން މައާފަށް އެދި ފަހުން އެސޯސިއޭޝަނަށް ވެސް މައާފަށް އެދި ސިޓީއެއް ފޮނުވި ކަމަށް އޭނާ ބުނެފައިވެ އެވެ. ކޮންމެ ސަބަބަކާ ހުރެ އެކަން އެގޮތަށް ދިމާވި ނަމަވެސް ނަބީހާގެ ސިކުނޑީގައި އޭރުވެސް އޮތީ އެއް ޓާގެޓެކެވެ. އެސަބަބާހުރެ ބެޑްމިންޓަނުން ގައުމަށް ރަން މެޑެއްޔެއް ހޯދައިދޭން ނަބީހާގެ ހިތުގައި ކަނޑައަޅައިފައި އޮތް އަޒުމަށް ގުނޑުމެއް އެރިޔަދޭކަށް އޭނާ ބޭނުމެއް ނުވި އެވެ.

އުމުރުން އެންމެ ހަތް އަހަރުގައި ބެޑްމިންޓަން ކުޅެންފެށި ނަބީހާގެ ހުވަފެން އެންމެ ފަހުން ހަގީގަތަކަށް ހެދީ އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގެ ބެޑްމިންޓަން އިވެންޓްގެ އަންހެން ސިންގަލްސް ފައިނަލްގައި އިއްޔެ ސީޝެލްސްގެ ކުޅުންތެރިޔާ ފަސޭހަކަމާ އެކު ބަލިކޮށް ރަން މެޑަލް ހޯދައިގެންނެވެ. މިއީ މިހާތަނަށް ބެޑްމިންޓަންގެ ބައިނަލްއަގްވާމީ މުބާރާތަކުން ރާއްޖެއަށް ލިބުނު ފުރަތަމަ ރަން މެޑެއްޔެވެ. މި ޝަރަފާއެކު ނަބީހާ ދެން ކުރިމަތިލީ އޭނާގެ އެއް މާބަނޑު ދައްތަ އާއެކު ޑަބަލްސް އިވެންޓްގެ ފައިނަލް މެޗާ އެވެ. މުބާރާތުގެ އެއް ވަނަ އަށް ސީޑްކޮށްފައިވާ މޮރިޝަސްގެ ޕެއާއާ ވާދަކޮށް މޮޅު ކުޅުމެއް އެމެޗްގައި އެ ދެކުޅުންތެރިން ދެއްކިއެވެ. އެކަމަކު އަމިއްލަ ސަޕޯޓަރުންގެ ބާރު ހަޅޭކާއި، އަމިއްލަ ގައުމުގެ އަމްޕަޔަރުން އޮފިޝަލުންގެ ގޮތުގައި ތިބި ތިބުމުން ހިތްވަރު ލިބިގެން ކުޅެމުން އައި މޮރިޝަސްގެ ކުޅުންތެރިންގެ އަތުން ނަބީހާ އާއި ނަބާހާ ބަލިވީ ދިވެހިން ފަހަރުވެރިވާ ވަރުގެ ފައިޓެއް ދީފަ އެވެ. ނަބީހާއަށް ލިބުނު ހަމައެކަނި މާޔޫސް ކަމަކަށްވީ ދައްތަގެ ކަރުގައިވެސް ރަން މެޑެއްޔެއް އަޅުވާލަން ލިބުނު ރަނުގެ ފުރުސަތު ގެއްލިގެން ދިއުމެވެ.

ނަބީހާ ރަން މެޑަލްއާ އެކު. ބެޑްމިންޓަނުން ބައިނަލްއަގްވާމީ މުބާރާތެއްގައި ރަން މެޑަލް ހޯދި ފުރަތަމަ ކުޅުންތެރިޔަކީ ނަބީހާ. – ފޮޓޯ: އެމްއޯސީ

މިދިޔަ އަހަރު ބޭއްވި “މިހާރު އެވޯޑްސް” ގެ އެންމެ އުއްމީދީ އަންހެން ކުޅުންތެރިއާގެ މަގާމާއި ތިން ވަނަ އަށް އެންމެ މޮޅު އަންހެން ކުޅުންތެރިއާގެ މަގާމު ހޯދި ނަބީހާ އަކީ ގައުމީ އަންހެން ޗެމްޕިއަންކަން ހޯދުމުގެ އިތުރުން ބައިނަލްއަގްވާމީ މުބާރާތްތަކުގައި ގިނަ މެޑަލްތަކެއް ރާއްޖެ އަށް ހޯދައިދީފައިވާ ކުޅުންތެރިއެކެވެ. ފާއިތުވި އަހަރުތަކުގައި ގައުމީ ބެޑްމިންޓަން ޓީމުން ސަރަހައްދުގައި ހޯދި ހުރިހާ ކާމިޔާބީތަކުގައި ނަބީހާގެ ދައުރު ބޮޑެވެ.

ބައިނަލްއަގްވާމީ ފެންވަރުގައި ނަބީހާ މިހާތަނަށް ހޯދައިފައިވާ ގިނަ ކާމިޔާބީތައް އައިސްފައި ހުރީ އޭނާގެ އެއް މާބަނޑު ދައްތަ ފާތިމަތު ނަބާހާ އަބްދުއްރައްޒާގްއާ އެކު ކުޅެފައިވާ ޑަބަލްސް އިވެންޓް ތަކުންނެވެ. މިގޮތުން ނަބީހާ އާއި ނަބާހާ ވަނީ 2017 އަދި 2018 ވަނަ އަހަރު އޮތް ދެކުނު އޭޝިޔާގެ 21 އަހަރުން ދަށުގެ މުބާރާތުގެ އަންހެން ޑަބަލްސް އިވެންޓުން ރިހި މެޑެލް ހޯދައިފައެވެ. މީގެ އިތުރުން މިދިޔަ އަހަރުގެ ޖޫން މަހު މޮރިޝަސްގައި އޮތް ދުނިޔޭގެ ބެޑްމިންޓަން ފެޑެރޭޝަން ގަބޫލުކުރާ ފެންވަރުގެ މުބާރާތަކުންވެސް ނަބީހާ އާއި ނަބާހާގެ ޕެއާ ވަނީ ރިހި މެޑަލް ހޯދައިފައެވެ. އަދި އޭގެ ފަހުން މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ނޭޕާލްގައި އޮތް ޔޮނެކްސް ސަންރައިސް އިންޓަނޭޝަނަލް ބެޑްމިންޓަން ސީރީޒްގެ އަންހެން ޑަބަލްސް އިވެންޓުން ނަބީހާ ވަނީ އޭނަގެ ދައްތަ އާއެކު ލޯ މެޑަލް ހޯދައިފަ އެވެ.

ކޮންމެއަކަސް މިއަހަރުގެ ކުރީކޮޅު ނަބީހާގެ ބެޑްމިންޓަން ކެރިއަރުގައި ތަޖްރިބާކުރަންޖެހުނު ހިތްދަތިކަން ހަނދާން ނައްތާލުމަށްފަހު ކުރި މަސައްކަތުން ދިވެހި ރާއްޖެއަށް އިއްޔެ އޭނާ ހޯދައިދިން ބޮޑު ކާމިޔާބަކީ ކުޅިވަރުގައި ކުރިއަށްދާން މަސައްކަތްކުރާ އެންމެންނަށްވެސް ހުރި ރީތި މިސާލެކެވެ. އުމުރުން އެންމެ 21 އަހަރުގެ އުއްމީދީ ކުޅުންތެރިޔާ ސާބިތު އެ ކޮށްދިނީ ގޮންޖެހުންތަކާއެކު ވެސް ފޯކަސް ގެއްލުވައިނުލައި މަސައްކަތްކޮށްފިނަމަ ކާމިޔާބަކީ ހާސިލްކުރެވޭނެ އެއްޗެއް ކަމެވެ. “ފަހުމިނެޓް” ގެ ފަރާތުން ނަބީހާ ހޯދި ފަހުރުވެރި ކާމިޔާބަށް ހޫނު މަރުހަބާ އެއް ކިޔަމެވެ.     

ކޮމެންޓް

    ބަެަބެ

    ނަބާހާ އެއީ ނަބީހާގެ ކޮއްކޮ 😁