ލިވަޕޫލާ ޓޮޓެންހަމް އުދުހޭއިރު ސިޓީ އޮޔާދަނީ

ރޭގެ މެޗުގައި ނިއުކާސަލް ކޮޅަށް ގޯލު ޖެހުމަށްފަހު ލިވަޕޫލުގެ ކުޅުންތެރިން

އިނގިރޭސި ޕްރިމިއަރ ލީގުގެ ފުރަތަމަ ބުރުގެ މެޗުތައް ކުޅެ ނިމުނުއިރު ލިވަޕޫލް އެއް ވަނައިގައި ލީޑު ފުޅާކުރިއިރު ޓޮޓެންހަމް ހޮޓްސްޕާސް އިން މެންޗެސްޓަރ ސިޓީ އޮތް ދެ ވަނަ މަގާމް އަތުލައިފިއެވެ. ރޭ އަމިއްލަ ދަނޑުގައި ނިކުކާސަލް ޔުނައިޓެޑާއި ވާދަކޮށް ލިވަޕޫލް 4-0 އިން މޮޅުވިއިރު ޓޮޓެންހަމް ވަނީ އަމިއްލަ ދަނޑުގައި ބޯންމައުތް 5-0 އިން ބަލިކޮށްފައެވެ. އެންމެ ފަހުން އަމިއް ދަނޑުގައި ކްރިސްޓަލް ޕެލޭސް އަތުން ބަލިވި ސިޓީ ރޭވެސް ވަނީ ރަށުން ބޭރުގައި ލެސްޓާ ސިޓީއާ ކުޅުނު މެޗުން 2-1 އިން ބަލިވެފައެވެ.

ރޭގެ މެޗުގައި ލިވަޕޫލުގެ ފުރަތަމަ ގޯލު ޖެހީ ޑޭޔާން ލޮވްރެން އެވެ. ދެ ވަނަ ހާފު ފެށިގެން ތިން ވަނަ މިނެޓުތެރޭ ލިވަޕޫލުން ލީޑު ފުޅާ ކުރީ އެޓީމަށް ލިބުނު ޕެނަލްޓީއަކުން މުހައްމަދު ސަލާހް ވައްދާލި ގޯލުންނެވެ. އެޓީމުގެ ތިނެ ވަނަ ގޯލު 79 ވަނަ މިނެޓުގައި ޖެހީ ޒެރްޑަން ޝަގީރީ އެވެ. ފަހު ގޯލު 85 ވަނަ މިނެޓުގައި ޖެހީ ސަލާހް ތަނަވަސްކޮށްދިން ފުރުސަތެއްގައި ފަހަކަށް އައިސް މޮޅު ކުޅުމެއް ދައްކަމުން އަންނަ ބްރެޒިލްގެ ފަބީނިއޯ އެވެ. މިއީ 2002 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ ފަހުން ހަ ޕޮއިންޓުގެ ލީޑެއްގައި ލިވަޕޫލް އެއް ވަނައިގައި އޮތް ފުރަތަމަ ފަހަރެވެ.

ޓޮޓެންހަމް ހޯދި ބޮޑު މޮޅުގައި އެޓީމުގެ ފަސް ގޯލުގެ ތެރެއިން ދެ ގޯލު ޖެހީ ދެކުނު ކޮރެއާގެ ފޯވާޑް ސޮން ހެއުން މިން އެވެ. އަނެއް ތިން ގޯލުޖެހީ ލޫކަސް މޯރާ އާއި ކްރިސްޓިއަން އެރިކްސަން އަދި ހެރީ ކޭން އެވެ.

ލެސްޓާއާ ވާދަކުރި މެޗުގައި ސިޓީގެ ހަމައެކަނި ގޯލު މެޗުގެ 14 ވަނަ މިނެޓުގައި ބެނާޑޯ ސިލްވާ އެވެ. ލެސްޓާއިން މެޗުގެ ދެ ގޯލުވެސް ޖެހީ ފަހަތުން އަރައެވެ. ފުރަތަމަ ގޯލު 19 ވަނަ މިނެޓުގައި މާކް އޮލްބްރައިޓެން ޖެހިއިރު ދެ ވަނަ ގޯލު 81 ވަނަ މިނެޓުގައި ޖެހީ ރިކާޑޯ ޕެރޭރާ އެވެ. މެޗު ނިމެން އެއް މިނެޓަށް ވެފައިވަނިކޮށް ސިޓީގެ ފައިބަން ޑެލްފަށް ދެއްކި ރަތްކާޑާއެކު އެޓީމުން މެޗު ނިންމާލީ 10 ކުޅުންތެރިންނާއިއެކުއެވެ. މިދިޔަ ސީޒަނުގެ ލީގުގައި ސިޓީ ބަލިވީ ދެ މެޗުންނެވެ. އެ ޓީމުގެ ފޯމު މި ސީޒަނުގައި ދަށްވެފައިވާއިރު ލީގުގައި މިމަހު ވަނީ ތިން މެޗުން ބަލިވެފައެވެ. އަދި، އެންމެފަހުން ކުޅުނު ހަތަރު މެޗުގައި އެޓީމު ކޮޅަށް އަށް ގޯލު ވަދެފައިވެއެވެ.

ލީގުގައި ރޭ ކުޅުނު އެހެން މެޗުތަކަށް ބަލާއިރު މެންޗެސްޓަރ ޔުނައިޓެޑް ވަނީ އަމިއްލަ ދަނޑުގައި 3-1 އިން ހަޑަސްފީލް ޓައުން ބަލިކޮށްފައެވެ. އާކޯޗު އޮލެ ގުނަ ސޯލްޝެއާގެ އިރުޝާދުގެ ދަށުން އަމިއްލަ ދަނޑުގައި ކުޅުނު ފުރަތަމަ މެޗުގައި ތަފާތު ދެއްކީ ޕައުލް ޕޮގްބާ އެވެ. އެޓީމުގެ ފުރަތަމަ ގޯލު ނިމެންޔާ މަޓިޗް ޖެހިއިރު އަނެއް ދެގޯލުވެސް ޖެހީ މެދުތެރޭގައި މޮޅު ކުޅުމެއްދެއްކި ޕޮގްބާ އެވެ. ހޯސޭ މޮރީނިއޯގެ އިރުޝާދުގެ ދަށުން ކުޅުނު މެޗުތަކުގައި ޕޮގްބާއަށް ފުރަތަމަ އެގާރައިން ފުރުސަތު ލިބުނީ މަދު ފަހަރަކު އެވެ. ހަޑަސްފީލްޑުން މެޗުގެ ހަމައެކަނި ގޯލު 88 ވަނަ މިނެޓުގައި ޖެހީ ޑިފެންޑަރ މަތިއަސް ޖޯގެންސަން އެވެ.

ރޭ އާސެނަލް ރަށުން ބޭރުގައި ބްރައިޓަން އާއި ކުޅުނު މެޗު ވަނީ 1-1 އިން އެއްވަރުވެފައެވެ. އާސެނަލްގެ ހަމައެކަނި ގޯލު ފުރަތަމަ ހާފުގައި ޖެހީ ރަނގަޅު ފޯމެއްގައި ހުރި ޕިއޭ އެމެރިކް އޮބާމަޔަން އެވެ. ފުރަތަމަ ހާފުގައި އާސެނަލްގެ ޑިފެންސަށް ހެދުނު ގޯހެއްގެ ފައިދާ ނަގައި ބްރައިޓަން އަށް އެއްވަރުކޮށްދިނީ ޔާގެން ލޮކާޑިއާ އެވެ.

ރޭ ދަންވަރު ކުޅުނު މެޗުގައި އެޑެން ހަޒާޑުގެ ގޯލުތަކުން ޗެލްސީ ވަނީ 2-1 އިން ރަށުން ބޭރުގައި ވެޓްފޯޑް ބަލިކޮށްފައެވެ. ޗެލްސީގެ ދެ ގޯލުވެސް ހަޒާޑް ޖެހިއިރު ރޭ އޭނާ ވަނީ ޗެލްސީގެ ޖާޒީގައި 100 ގޯލު ހަމަކޮށްފައެވެ. ފުރަތަމަ ގޯލު ފުރަތަމަ ހާފުގެ ފަހު މިނެޓުގައި ހަޒާޑް ޖެހިއިރު އޭގެ މިނެޓެއް ފަހުން ވެޓްފޯޑުން އެއްވަރުކުރީ ރޮބާޓޯ ޕެރޭޕާ ޖެހި ގޯލުންނެވެ. މެޗުން ޗެލްސީ މޮޅުވި ގޯލު ހަޒާޑް ޖެހީ 58 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުންނެވެ. ހަޒާޑް ވަނީ ލީގުގައި މިހާތަނަށް 10 ގޯލު ޖަހައި ނުވަ ގޯލު ޖަހަން އެހީތެވެދީފައެވެ.

ފުރަތަމަ ބުރުގެ މެޗުތައް ނިމުނުއިރު 51 ޕޮއިންޓާއެކު އެއް ވަނައިގައި އޮތީ ލިވަޕޫލެވެ. ދެ ވަނައިގައި އޮތް ޓޮޓެންހަމަށް 45 ޕޮއިންޓާއެކު ދެ ވަނަ ލިބޭއިރު ތިން ވަނައިގައި ސިޓީ އޮތީ 44 ޕޮއިންޓާއެކު އެވެ. ހަތަރު ވަނައިގައި އޮތް ޗެލްސީ އަށް 40 ޕޮއިންޓް ލިބިފައިވާއިރު ފަސް ވަނައިގައި އާސެނަލް އޮތީ 38 ޕޮއިންޓާއެކުއެވެ. ސޯލްޝެއާގެ އިރުޝާދުގެ ދަށުން ފުރަތަމަ ދެމެޗުން މޮޅުވި ޔުނައިޓެޑް އޮތީ 32 ޕޮއިންޓާއެކު ހަ ވަނައިގައެވެ.

ކޮމެންޓް