ބޮޑު ތަފާތަކުން ޗެލްސީ ބަލިކޮށް ޔުނައިޓެޑުން އިތުބާރާ އެކު ސީޒަން ފަށައިފި

އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ އަމިއްލަ ދަނޑުގައި 4-0 އިން ޗެލްސީ ބަލިކޮށް އިތުބާރާ އެކު މެންޗެސްޓަރ ޔުނައިޓެޑުން ސީޒަން ފަށައިފި އެވެ.

މެޗަށް ޔުނައިޓެޑް ނުކުތީ ދުނިޔޭގެ އެންމެ އަގުބޮޑު ޑިފެންޑަރުގެ ގޮތުގައި އެ ކްލަބަށް ގެނައި ހެރީ މެގުއާ ފުރަތަމަ އެގާރައިގައި ހިމަނައިގެންނެވެ. މެގުއާގެ އިތުރުން ބޮޑު އަގުގައި އެޓީމަށް ގެނައި ފުލް ބެކް އާރޮން ވަން-ބިސާކާ ވެސް ވަނީ ފުރަތަމަ އެގާރައިގައި ހިމަނައިފަ އެވެ. ޔުނައިޓެޑުން ފެށި ފުރަތަމަ އެގާރައިގައި އެވްރެޖް އުމުރަކީ 24 އަހަރާއި 227 ދުވަހެވެ. މިއީ ލީގުގެ ފުރަތަމަ ހަފްތާގައި ޓީމަކުން ނެރުނު އެންމެ ޒުވާން ފުރަތަމަ އެގާރަ އެވެ. ފީފާގެ ޓްރާންސްފާ ސަސްޕެންޝަން އައިސްފައިވާ ޗެލްސީން ވެސް ވަނީ ފުރަތަމަ އެގާރައިގައި ޒުވާން ގިނަ ކުޅުންތެރިންތަކެއް ހިމަނައިފަ އެވެ. އެންމެ ފާހަގަކޮށްލެވުނީ މިދިޔަ ސީޒަނުގައި ލަމްޕާޑްގެ އިރުޝާދުގެ ދަށުން ޑާބީ ކައުންޓީ އަށް ކުޅުނު 20 އަހަރުގެ އިނގިރޭސި އެޓޭކިން މިޑްފީލްޑަރ މޭސަން މައުންޓް އެވެ. ޗެލްސީގެ މައުންޓުގެ އިތުރުން އެޓީމުގެ ކުރި ބެލެހެއްޓީ ޒުވާން ފޯވާޑް ޓަމީ އިބްރާހީމް އެވެ.

މެޗު ފަށައިގެން ޗެލްސީން މޮޅަށް ކުޅެމުން ދަނިކޮށް އެޓީމަށް މައްސަލަ ދިމާވީ 18 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން ޔުނައިޓެޑުން ލީޑު ނެގުމުންނެވެ. ޔުނައިޓެޑްގެ މާކަސް ރަޝްފާޑް އަށް ކާޓް ޒޫމާ ކުރި ފައުލަށް ލިބުނު ޕެނަލްޓީ ގޯލަށް ވައްދާލީ ރަޝްފާޑް އެވެ. ރަޝްފާޑް ގޯލު ޖެހުމުގެ ކުރިން ޗެލްސީގެ އަބްރަހަމް ފޮނުވާލި ބާރު ބޯޅައެއް ވަނީ ގޯލުގެ ދަނޑީގައި ޖެހިފަ އެވެ. އަދި، ފުރަތަމަ ހާފުގައި މޮޅަށް ކުޅުނު ޗެލްސީ ޓީމުގެ ޑިފެންޑަރު އެމަސަން ޖެހި ބޯޅައެއް ވެސް ދަނޑިއަށް ވަނީ އަމާޒުވެފަ އެވެ.

ދެ ވަނަ ހާފުގައި ޗެލްސީން ކުރިއަށް ޖެހިގެން ކުޅެނިކޮށް ޔުނައިޓެޑުން ވަނީ ކައުންޓަ އެޓޭކުގައި ލިބުނު ފުރުސަތުތަކުގެ ބޭނުން ހިފައި އިތުރު ތިން ގޯލު ޖަހައިފަ އެވެ. ޔުނައިޓެޑްގެ ދެ ވަނަ ގޯލު އެންދްރެސް ޕެރޭރާ ނަގައިދިން ހުރަހަކުން ޖެހީ އެންތަނީ މާޝިއަލް އެވެ. އެ ގޯލަށް ދެ މިނެޓު ނުވަނީސް ޕައުލް ޕޮގްބާ ދިން ހިތްގައިމު ޕާހަކުން ރަޝްފާޑް ވަނީ މެޗުގައި އޭނާގެ ދެ ވަނަ ގޯލު ޖަހައިފަ އެވެ. ޔުނައިޓެޑްގެ ހަތަރު ވަނަ ގޯލު ޕޮގްބާ ދިން ބޯޅައަކުން ޖެހީ ސްވާންސީ ސިޓީން ޔުނައިޓެޑާ ގުޅުނު 21 އަހަރުގެ މިޑްފީލްޑަރު ޑެނިއެލް ޖޭމްސް އެވެ. މެޗުގެ ދެ ވަނަ ހާފުގައި ގޯލެއް ޖަހަން ޗެލްސީން މަސައްކަތް ކުރި ނަމަވެސް އެޓީމުގެ ހަމަލާތައް ހުއްޓުވުމުގައި ޑޭވިޑް ޑެހެއާ އާއި ޔުނައިޓެޑްގެ ޑިފެންސުގައި ތިބި ކުޅުންތެރިން ވަނީ މޮޅު ކުޅުމެއް ދައްކައިފަ އެވެ.

މީގެ ކުރިން ލީގުގައި ޔުނައިޓެޑުން 4-0 އިން ޗެލްސީ ބަލިކުރީ 1965 ވަނަ އަހަރު އެވެ. އޭގެފަހުން 1994 ވަނަ އަހަރުގެ އެފްއޭ ކަޕްގައި ޔުނައިޓެޑުން ވަނީ މި ނަތީޖާ ތަކުރާރުކޮށްފަ އެވެ. މެޗުން ބަލިވުމާ އެކު ޗެލްސީގެ ކޯޗުކަމާ މި ސީޒަނުގައި ހަވާލުވި ފްރޭންކް ލަމްޕާޑަށް ވަނީ ޕްރެޝަރު ބޮޑުވެފަ އެވެ. ޗެލްސީން ދެން އެންމެ އަވަހަށް ކުޅޭނީ ޔޫއެފާ ސުޕަރ ކަޕް މެޗެވެ. އަންނަ ބުދަ ދުވަހުގެރޭ ޗެލްސީ އެ މެޗުގައި ނުކުންނާނީ ޔޫރަޕްގެ ޗެމްޕިއަން ލިވަޕޫލާ ދެކޮޅަށެވެ. ޔުނައިޓެޑުން އަންނަ ހޯމަ ދުވަހުގެ ރޭ ލީގުގައި ނުކުންނާނީ ވުލްވްސްއާ ދެކޮޅަށެވެ.

ކޮމެންޓް