އާސެނަލުން މޮޅަކާ އެކު ސީޒަން ފަށައިފި

އިނގިރޭސި ޕްރިމިއާ ލީގުގައި މިއަދު ރަށުން ބޭރުގައި ނިއުކާސަލް ޔުނައިޓެޑް ބަލިކޮށް އާސެނަލުން އާ ސީޒަނުގެ ފެށުން ރަނގަޅުކޮށްފި އެވެ. 1-0 އިން އާސެނަލް މޮޅުވި މެޗުގެ ހަމައެކަނި ގޯލު ދެ ވަނަ ހާފުގައި ޖަހައިދިނީ ޕިއޭ އެމެރިކް-އޮބާމިޔަން އެވެ.

އާ ސީޒަނަށް އާސެނަލަށް އަލަށް ގެނައި އެއްވެސް ކުޅުންތެރިއަކަށް މެޗުގެ ފުރަތަމަ އެގާރައިން ކޯޗު އުނާއި އެމެރީ ފުރުސަތު ދީފައެއްނުވެ އެވެ. އެޓީމުން މެޗު ފެށީ އިނިގިރޭސި 19 އަހަރުގެ ދެ ކުޅުންތެރިން ފުރަތަމަ އެގާރައިގައި ހިމަނައިގެންނެވެ. އެމެރީ ފުރުސަތު ދިން ދެ ކުޅުންތެރިންނަކީ ޖޯ ވިލޮކް އާއި މިދިޔަ ސީޒަނުގައި ލޯނެއްގެ ދަށުން ޖަރުމަނުގެ ހޮފެންހެއިމް އަށް ކުޅުމަށްފަހު އެނބުރި އައި ރެއިސް ނެލްސަން އެވެ. މިއީ 1998 ވަނަ އަހަރަށް ފަހު އާސެނަލްގެ ފުރަތަމަ އެގާރައިގައި އިނގިރޭސި ޓީނޭޖް ދެ ކުޅުންތެރިން ހިމެނުނު ފުރަތަމަ ފަހަރެވެ. ޒުވާން މި ދެކުޅުންތެރިންނާއެކު ކުރި ބެލެހެއްޓީ އާސެނަލް މޮޅުކޮށްދިން ފޯވާޑް އޮބާމިޔަން އެވެ.

މިއަދުގެ މެޗަކީ ލީގުގައި އޮބާމިޔަން އާސެނަލަށް ކުޅެދިން 50 ވަނަ މެޗެވެ. މި 50 މެޗުގައި އޮބާމިޔަން ވަނީ 33 ގޯލް އެ ކްލަބަށް ކާމިޔާބުކޮށްދީފަ އެވެ. އާސެނަލްގެ ތާރީހުގައި އެޓީމަށް ކުޅުނު އެންމެ މޮޅު ފޯވާޑް ތިއެރީ އޮންރީ އަށް 50 ލީގު މެޗުން ޖެހުނީ 30 ގޯލެވެ.

މެޗުގައި ދެޓީމަށް ވެސް މާ ނުރައްކާތެރި ހަމަލާއެއް ފޮނުވާލެވިފައެއްނުވެ އެވެ. ނިއުކާސަލްގެ ޑިފެންސަށް ހެދުނު ގޯހެއްގެ ފައިދާ ނަގައި ޑިފެންޑަރު އައިންސްލީ މެއިޓްލަންޑް-ނައިލްސް ނަގައިދިން ހުރަސް ކޮންޓްރޯލް ކުރުމަށް ފަހު އޮބާމިޔަން މެޗުގެ 58 ވަނަ މިނެޓުގައި ބޯޅަ ގޯލުގެ ތެރެއަށް ފޮނުވާލީ ހަމަޖެހިލާފަ އެވެ.

ލިބުނު މޮޅާއެކު އާސެނަލަށް ލިބުނު އަނެއް އުފަލަކީ ގޯލެއް ނުވަދެ މެޗު ނިންމާލުމެވެ. މިދިޔަ ސީޒަނުގައި އާސެނަލް އެންމެ ބޮޑަށް ފޯމު ދަށްވީ ރަށުން ބޭރުގައި ކުޅުނު މެޗުތަކުގަ އެވެ. މުޅި ސީޒަނުގެ ލީގުގައި ގޯލެއް ނުވަދެ ރަށުން ބޭރުގައި އެޓީމަށް ނިންމާލެވުނީ އެންމެ މެޗެކެވެ. އެއީ ވެޓްފޯޑާއި ދެކޮޅަށް ކުޅެ މޮޅުވި މެޗެވެ.

މެޗުގެ ދެ ވަނަ ހާފުގައި ކޯޗު އުނާއި އެމެރީ ވަނީ އާ ސީޒަނަށް އެޓީމާ ގުޅުނު ތިން ކުޅުންތެރިއަކަށް ފުރުސަތު ދީފަ އެވެ. އެއީ ފްރާންސްގެ ލިލް އިން އާސެނަލަށް ބަދަލުވި ހުނަރުވެރި ކުޅުންތެރިޔާ ނިކޮލަސް ޕެޕޭ އާއި ރެއާލް މެޑްރިޑްގެ ލޯނެއްގެ ދަށުން އާސެނަލަށް ބަދަލުވި ސްޕެއިންގެ ޒުވާން މިޑްފީލްޑަރު ޑެނީ ސަބަޔޯސް އާއި ބްރެޒިލްގެ ޒުވާން ފޯވާޑް ގެބްރިއެލް މާޓިނެލީ އެވެ.

ލީގުގައި މިރޭ ވުލްވްސް އާއި ލެސްޓާ ސިޓީ ބައްދަލުކުރި މެޗު ނިމުނީ 0-0 އިން އެއްވަރުވެގެންނެވެ. ލެސްޓާގެ ދަނޑުގައި ކުޅުނު މި މެޗުގެ ދެ ވަނަ ހާފުގައި ވުލްވްސްގެ މިޑްފީލްޑަރު ލިއާންޑެ ޑޮންޑެންކާ ވަނީ ގޯލެއް ޖަހައިފަ އެވެ. އެކަމަކު ވީޑިއޯ އެސިސްޓެންޓް ރެފްރީ (ވީއޭއާރު) ގެ އެހީގައި ރެފްރީ ވަނީ ނިންމުން ބަދަލުކޮށްފަ އެވެ. ވީއޭއާރުން ގޯލު ކެންސަލް ކޮށްލީ އެވަގުތު ޑެންޑޮންކާގެ އަތުގައި ބޯޅަ ޖެހުމުންނެވެ. ލީގުގެ އާ ގަވައިދު ބުނާގޮތުން އެއްވެސް ގޮތަކަށް އަތުގައި ޖެހިފައި އުފައްދާ ހަމަލާއަކުން ގޯލެއް ޖެހި ނަމަވެސް އެއީ ގޯލެއް ކަމަށް ނުބެލެވޭނެ އެވެ.

ލީގުގެ ފުރަތަމަ ހަފްތާގެ ފަހު މެޗުގައި މިރޭ ކުޅޭނީ މެންޗެސްޓަރ ޔުނައިޓެޑާއި ޗެލްސީ އެވެ. ޔުނައިޓެޑް ދަނޑުގައި މި މެޗު ފަށާނީ ރާއްޖެ ގަޑިން 20:30 ގަ އެވެ.

ކޮމެންޓް