ކޮސޯވޯގެ ރެކޯޑަށް އިންގްލެންޑުން ނިމުން ގެނެސްފި

ޔޫރޯ ކޮލިފައިންގެ ގްރޫޕް އޭގައި ރޭ ކޮސޯވޯ 5-2 އިން ބަލިކޮށް އެޓީމުގެ ބަލިނުވެ ދަމަހައްޓަމުން އަދި ރެކޯޑަށް އިންގްލެންޑުން ނިމުން ގެނެސްފި އެވެ. ފީފާގެ މެމްބަރަކަށް މީގެ ތިން އަހަރު ކުރިން ވި ކޮސޯވޯ ވަނީ ރޭގެ މެޗުގެ ކުރިން ކުޅުނު 15 މެޗުން ބަލިނުވެ ހިފަހައްޓައިފަ އެވެ. ފީފާގެ މެމްބަރަކަށް ވީ ފަހުން ވޭތުވެދިޔަ ތިން އަހަރުގެ ތެރެއިން ދެ އަހަރު ދުވަހު އެޓީމު ވަނީ މެޗަކުން ބަލިނުވެ ކުޅެފަ އެވެ.

ރޭގެ މެޗުގެ ކުރިން ކޮސޯވޯއިން ކުޅުނު 15 މެޗުގެ ތެރެއިން 10 މެޗުން މޮޅުވި އިރު ފަސް މެޗު ވަނީ އެއްވަރުވެފަ އެވެ. 2016 ވަނަ އަހަރު ފީފާގެ މެމްބަރަކަށް ކޯސޯވޯ ވެގެންދިޔައިރު ސާބިއާގެ ކިބައިން އެ ގައުމު މިނިވަން ވީ 2008 ވަނަ އަހަރު އެވެ. ދުނިޔޭގެ ރޭންކިންގެ 190 އިން ފެށި ކޮސޯވޯ މިހާރު އޮތީ ރޭންކިންގެ 120 ވަނައިގަ އެވެ.

ރޭގެ މޮޅާ އެކު އިންގްލެންޑުން ވަނީ ޔޫރޯ އަދި ވޯލްޑް ކަޕް ކޮލިފައިންގައި ބަލިނުވެ 43 މެޗު ހަމަކޮށްފަ އެވެ. ކޮލިފައިންގެ މެޗަކުން އިންގްލެންޑް އެންމެ ފަހުން ބަލިވީ 2009 ވަނަ އަހަރުގެ ފަހުކޮޅު ޔޫކްރޭން އަތުންނެވެ.

މެޗު ފަށައިގެން ފުރަތަމަ މިނެޓުގައި ކޮސޯވޯއިން ލީޑު ނެގުމުން އިންގްލެންޑަށް މެޗު އުނދަގޫވާނެކަމަށް ބެލެވުނެވެ. ކޮސޯވޯގެ ފުރަތަމަ ގޯލު އިންގްލެންޑުގެ ޑިފެންޑަރު މައިކަލް ކީންއަށް ހެދުނު ގޯހެއްގެ ފައިދާ ނަގައި ކާމިޔާބުކޮށްދިނީ ވޭލަން ބެރީޝާ އެވެ. އެކަމަކު އޭގެފަހުން އިންގްލެންޑުން ވަނީ ކުޅުން ރަނގަޅުކޮށް ފުރަތަމަ ހާފު ނިމުމުގެ ކުރިން ފަސް ގޯލު ޖަހައިފަ އެވެ. ފުރަތަމަ ގޯލު ކީންގެ އެހީތެރިކަމާ އެކު ސްޓާލިން ޖެހިއިރު ދެ ވަނަ ގޯލު ޖެހީ ހެރީ ކޭން އެވެ. އިންގްލެންޑުގެ ތިން ވަނަ ގޯލަކީ ޖޭޑޮން ސަންޗޯ ނަގައިދިން ހުރަހަކުން ކޮސޯވޯގެ ޑިފެންޑަރު މާގިމް ވޮވޯޑޯ އަތުން ބައިކޮޅަށް ވަން ގޯލެކެވެ. ފުރަތަމަ ހާފު ނިމުމުގެ ކުރިން އިންގްލެންޑުގެ ހަތަރު ވަނަ ގޯލާއި ފަސް ވަނަ ގޯލު ކާމިޔާބުކޮށްދިނީ ޖަރުމަނުގެ ބޮރޫޝިއާ ޑޯޓްމަންޑަށް ކުޅޭ 19 އަހަރުގެ ސަންޗޯ އެވެ. ރޭގެ މެޗުގައި ޖެހި ދެ ގޯލާ އެކު ސަންޗޯ ވެފައިވަނީ ވޭން ރޫނީއަށް ފަހު އެއް މެޗެގައި އެ އަދަދަށް ގޯލު ޖަހައިދިން އިންގްލެންޑުގެ އެންމެ ޒުވާން ކުޅުންތެރިޔާއަށެވެ. 2004 ވަނަ އަހަރު ރޫނީ ކްރޮއޭޝިއާ ކޮޅަށް ދެ ގޯލު ޖެހީ އުމުރުން 18 އަހަރުގަ އެވެ.

މެޗުގެ ދެ ވަނަ ހާފް ފެށިގެން ކޮސޯވޯއިން ވަނީ ކުޅުން ރަނގަޅުކޮށް ގާތްގާތުގައި ދެ ގޯލު ޖަހައި 5-3 އަށް ނަތީޖާ ބަދަލުކޮށްލާފަ އެވެ. އެޓީމުން މެޗުގައި ޖެހި ދެ ވަނަ ގޯލު ވެސް ކާމިޔާބުކޮށްދިނީ ފުރަތަމަ ގޯލު ޖަހައިދިން ބެރީޝާ އެވެ. ކޮސޯވޯއިން މެޗުގެ ތިން ވަނަ ގޯލު ޖެހީ ލިބުނު ޕެނަލްޓީއަކުން 55 ވަނަ މިނެޓުގައި ވެދާތު މުރީގީ އެވެ. މިއީ ޑިފެންޑަރު ހެރީ މެގުއާ ކުރި ފައުލަކަށް ކޮސޯވޯއަށް ލިބުނު ޕެނަލްޓީއެކެވެ. ދެ ގޯލުގެ ލީޑެއްގައި އޮތް އިންގްލެންޑަށް މެޗުގެ 65 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީ ކޭން އަތުން ވަނީ ބޭކާރުވެފަ އެވެ. ވާދަވެރި މެޗެއްގައި އިންގްލެންޑަށް ލިބުނު ޕެނަލްޓީއެއް އެންމެ ފަހުން ވައްދާނުލެވުނީ 2004 ވަނަ އަހަރުގެ ޔޫރޯގައި ފްރާންސާ ދެކޮޅަށް ކުޅުނު މެޗުގައި ޑޭވިޑް ބެކަމްއަށެވެ.

ރޭގެ މެޗުން ހޯދި މޮޅާ އެކު އެއް މެޗު މަދުން ކުޅޭ 12 ޕޮއިންޓް ހޯދައި އިންގްލެންޑް އޮތީ ގްރޫޕުގެ އެއް ވަނައިގަ އެވެ. މި ގްރޫޕުގެ ދެ ވަނައިގައި މިހާރު އޮތީ ރޭ ރަށުން ބޭރުގައި 3-0 އިން މޮންޓެނިގްރޯ ބަލިކުރި ޗެކްރިޕަބްލިކް އެވެ. އެޓީމަށް ނުވަ ޕޮއިންޓް ލިބިފައިވާއިރު މެޗުން ބަލިވުމުން އަށް ޕޮއިންޓާ އެކު ކޮސޯވޯ ވަނީ ތިން ވަނައަށް ވެއްޓިފަ އެވެ. މި ގްރޫޕުގައި އިންގްލެންޑުން ހަތަރު މެޗު ކުޅެފައިވާއިރު މޮންޓެނިގްރޯ އާއި ކޮސޯވޯ ވަނީ ފަސް މެޗު ކުޅެފަ އެވެ.

ޔޫރޯ ކޮލިފައިންގައި ރޭ ފްރާންސް ވަނީ އަމިއްލަ ދަނޑުގައި 3-0 އިން އެންޑޯރާ ބަލިކޮށްފަ އެވެ. މެޗުގައި ފްރާންސްގެ ގޯލުތައް ކާމިޔާބުކޮށްދިނީ ރަނގަޅު ފޯމެއްގައި ހުރި ކިންގްސްލީ ކޯމާން އާއި ޑިފެންޑަރު ކްލެމެންޓް ލެންގްލޭ އަދި ފޯވާޑް ވިސާމް ބެން ޔެޑާ އެވެ. ރޭގެ މެޗުގައި ވެސް ފްރާންސަށް ލިބުނު ޕެނަލްޓީ އޮންޓުއަން ގްރީޒްމަން އަތުން ވަނީ ބޭކާރުވެފަ އެވެ. މިއީ ހަތަރު ދުވަސްތެރޭ ގްރީޒްމަން އަތުން ބޭކާރުވި ދެ ވަނަ ޕެނަލްޓީ އެވެ. މި ހަފްތާ ކުޅުނު ކޮލިފައިންގެ ފުރަތަމަ މެޗުގައި އަލްބޭނިއާ ކޮޅަށް ގްރީޒްމަން ފޮނުވާލި ޕެނަލްޓީ އަމާޒުވީ ގޯލުގެ ހުރަސް ދަނޑިއަށެވެ.

ރޭގެ މެޗުން މޮޅުވި ނަމަވެސް ފްރާންސް އޮތީ ގްރޫޕް އެޗްގެ ދެ ވަނައިގަ އެވެ. ފްރާންސާ އެއްވަރަށް 15 ޕޮއިންޓް ހޯދައިގެން އެއް ވަނައިގައި އޮތީ ރޭ 4-0 އިން މޯލްޑޯވާ ބަލިކުރި ތުރުކީ އެވެ. ތުރުކީއަށް އެއް ވަނަ ލިބެނީ ހެޑް ޓު ހެޑުން ފްރާންސަށް ވުރެ ކުރި ލިބޭތީ އެވެ. މި ގްރޫޕުގެ ތިން ވަނައިގައި 12 ޕޮއިންޓާ އެކު އޮތް އައިސްލެންޑް ރޭ ވަނީ ރަށުން ބޭރުގައި އަލްބޭނިއާ އަތުން 4-2 އިން ބަލިވެފަ އެވެ.

ކޮމެންޓް