ނޭމާ ނެތުމަކީ ޕީއެސްޖީ އަށް ލިބޭނެ ގެއްލުމެއް: އެމްބާޕޭ

ޕީއެސްޖީން އެޓީމުގެ ބްރެޒިލް ތަރި ނޭމާ ދޫކޮށްލައިފި ނަމަ އެޓީމަށް އުނދަގޫތަކެއް ކުރިމަތިވާނެކަމަށް ކިލިއަން އެމްބާޕޭ ބުނެފި އެވެ. އެމްބާޕޭ މިހެން ބުނީ ރޭ ފްރެންޗް ލީގުގައި އެޓީމުން ކުޅުނު ފުރަތަމަ މެޗުގައި 3-0 އިން ނިމްސް ބަލިކުރި މެޗަށް ފަހު ދިން އިންޓަވިއުއެއްގަ އެވެ.

ޕީއެސްޖީ ރޭގެ މެޗަށް ނުކުތީ ނޭމާ ނުލަ އެވެ. މީޑިއާ ރިޕޯޓުތައް ބުނާގޮތުން ކްލަބުން ނޭމާ ޓީމުގައި ނުހިމެނީ އޭނާ ވިއްކާލުމުގެ މަސައްކަތް ކުރަމުންދާތީ އެވެ. އެކަމަކު އެޓީމުގެ ކޯޗު ތޯމަސް ތުޗެލް މެޗުގެ ކުރިން ބުނީ ނޭމާ ޓީމުގައި ނުހިމެނީ އަނިޔާގެ ސަބަބުން ކަމަށެވެ.

ރޭގެ މެޗުގައި ޕީއެސްޖީގެ ފުރަތަމަ ގޯލު ލިބުނު ޕެނަލްޓީއަކުން އެޑިންސަން ކަވާނީ ޖެހިއިރު ދެ ވަނަ ގޯލު ޖެހީ އެމްބާޕޭ އެވެ. އެޓީމުގެ ފަހު ގޯލު ކާމިޔާބުކޮށްދިނީ އެންހެލް ޑި މާރިއާ އެވެ. މެޗަށްފަހު އެމްބާޕޭ ބުނީ ސަޕޯޓަރުންނަށް ޓަކައި އެޓީމުން މި ސީޒަނުގައި ކުރިއެރުން ހޯދަން މަސައްކަތް ކުރާނެކަމަށެވެ.

“ދޮގު ހަދާކަށް ނެތިން. އަހަރެމެން ޖެހޭ އެބަ ނޭމާގެ ކަންތަކުގައި ވާގޮތް ބަލަން. ނޭމާ ހުރެގެން ކުޅުމާ ނޭމާ ނެތުމާ މި ޓީމުގަ ތަފާތުތަކެއް އެބަހުރި. އެކަމަކު ސަޕޯޓަރުންނަށް ޓަކައި ޓީމުން މަސައްކަތް ކުރާނަން ކާމިޔާބަށް ދާން” ނޭމާގެ މުހިއްމުކަން ހާމަކުރަމުން އެމްބާޕޭ ބުންޏެވެ.

މި މަހުގެ ނިޔަލަށް ޓްރާންސްފާ ބާޒާރު ބަންދުވުމުގެ ކުރިން ނޭމާ ވިއްކާލުމަށް މަސައްކަތް ކުރަމުން އަންނަ ކަމުގެ އިޝާރާތެއް ޕީއެސްޖީގެ ސްޕޯޓިން ޑިރެކްޓަރު ލިއޮނާޑޯ ވަނީ ދީފަ އެވެ.

“ނޭމާގެ ޓްރާންސްފާގައި މަޝްވަރާތައް އިތުރަށް ކުރިއަށް ކުރިއަށް ގޮސްފި” ޕީއެސްޖީން ނޭމާ ވިއްކާލުމާއި ގުޅޭގޮތުން ލިއޯނާޑޯ ބުންޏެވެ.

ނޭމާ ވިއްކާލުމަށް ކްލަބުން މަޝްވަރާ ކުރަމުން އަންނައިރު އޭނާ އަލުން ގުޅެން ބޭނުންވަނީ ކުރީގެ ކްލަބް ބާސެލޯނާއާ އެވެ. ބާސެލޯނާގެ އިތުރުން ނޭމާ ގެންދަން މަސައްކަތް ކުރާ އަނެއް ކްލަބަކީ ވާދަވެރި ރެއާލް މެޑްރިޑެވެ. އެކަމަކު ދުނިޔެގޭ ރެކޯޑް އަގު ކަމަށްވާ 246 މިލިއަން ޑޮލަރަށް މީގެ ދެ އަހަރު ކުރިން ބާސެލޯނާއިން ޕީއެސްޖީ އަށް ބަދަލުވި ނޭމާ ގެންދަން ބޭނުންވާ ބޮޑު އަގު ދަށްކަން ކްލަބުތަކަށް ވަނީ އުނދަގޫވެފަ އެވެ. ބާސެލޯނާއިން އަންނަނީ ނޭމާގެ ބަދަލުގައި ފިލިއްޕޭ ކުޓީނިއޯ އާއި އުސްމާން ޑެމްބެލޭ ޕީއެސްޖީ އަށް ދޫކޮށްލަން ވިސްނަމުންނެވެ. ނޭމާ އަލުން ގެންނަން ބާސެލޯނާ އަށް ބޮޑު ހަރަދެއް ކުރެވެން ނެތީ މިފަހަރުގެ ޓްރާންސްފާ ބާޒާރުގައި 135 މިލިއަން ޑޮލަރަށް އެތުލެޓިކޯ މެޑްރިޑަށް ކުޅުނު ފޯވާޑް ފްރާންސްގެ އޮންޓުއަން ގްރީޒްމަން ގަތުމުންނެވެ.

ޕީއެސްޖީ އަށް ބަދަލުވުމަށް ފަހު ނޭމާ ވަނީ ލީގުގައި ކުޅުނު 37 މެޗުގައި 34 ގޯލު ޖަހައިފަ އެވެ. ނޭމާގެ ފޯމުގައި ދެމިހުންނަށް އޭނާއަށް ކުރިމަތި އެންމެ ބޮޑު ހުރަހަކީ އަނިޔާވުމެވެ. މިދިޔަ ދެ އަހަރު ވެސް އަނިޔާގެ ސަބަބުން ނޭމާ އަށް ވަނީ ސީޒަނުގެ ބޮޑު ބައެއް ގެއްލިފަ އެވެ.

ރޭގެ މެޗަށް ފަހު ބްރެޒިލްގެ މިޑްފީލްޑަރު މާކީނިއޯސް ބުނީ އެޓީމުގެ ވިސްނުން ހުރީ މެޗުތަކުން މޮޅުވުން ކަމަށާއި، ނޭމާގެ މައްސަލައިގައި ގޮތެއް ނިންމާނީ ބޯޑުން ކަމަށެވެ.

ކޮމެންޓް