ޕްރިމިއާ ލީގުން ބާކީވި ދެކުޅުންތެރިން އަޔަކްސް އަށް ޖަވާހިރަށް

އަޔަކްސްގެ ޓަޑިޗް (ކ) އަދި ބްލިންޑް.

އިނގިރޭސި ޕްރިމިއަރ ލީގުގެ ދެ ކްލަބަކުން ބޭނުން ނެތިގެން ދޫކޮށްލި ނެދަލޭންޑްސްގެ ޑިފެންޑަރު ޑެލޭ ބްލިންޑް އާއިއ ސާބިއާގެ ފޯވާޑް ޑޫސަން ޓަޑިޗް އަޔަކްސް އެމްސްޓެޑަމް އާއެކު މިރޭ ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލަށް ނުކުންނާނެއެވެ. މި ދެކުޅުންތެރިންގެ ތެރެއިން ބްލިންޑް ކުރިން ކުޅެފައިވަނީ މެންޗެސްޓަރ ޔުނައިޓެޑަށެވެ. ޓަޑިޗް ކުޅުނީ މިދިޔަ ސީޒަނުގައި ރެލިގޭޝަނުން ސަލާމަތްވާން މަސައްކަތްކުރި ސައުތެމްޓަން އަށެވެ.

މިދިޔަ އަހަރުގެ ހޫނު މޫސުމުގައި ބްލިންޑާއި ޓަޑިޗް ނިސްބަތުން ކުޑަ އަގަކަށް އަޔަކްސްއަށް ވިއްކާލިއިރު އެވާހަކައަށް ސަމާލުކަން ދިން މީހަކު މަދުވާނެއެވެ. އެކަމަކު މި ދެކުޅުންތެރިންގެ ވަރަށް ބޮޑު އެހީތެރިކަމާއެކު ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލަށް އަޔަކްސް ދަތުރުކޮށްފައިވުމާއެކު ގިނަ ބަޔަކު މިހާރު ގަބޫލުކުރަނީ މިއީ މި ސީޒަންގައި ޓީމަކުން ކުރި އެންމެ ކާމިޔާބު ވިޔަފާރީގެ ގޮތުގައެވެ. މި ދެކުޅުންތެރިންގެ ތެރެއިން 30 އަހަރުގެ ޓަޑިޗް އަޔަކްސް އިން ގަތީ އެންމެ 10 މިލިއަން ޕައުންޑަށެވެ. އަދި، 29 އަހަރުގެ ބްލިންޑް ޔުނައިޓެޑުން އަޔަކްސް އަށް ބަދަލުވީ 14 މިލިއަން ޕައުންޑަށެވެ.

މީގެ ގާތްގަނޑަކަށް ނުވަ މަސް ދުވަސް ކުރިން ސާބިއާގެ ޓަޑިޗް އަޔަކްސް އަށް ބަދަލުވި ފަހުން މި ސީޒަންގައި އޭނާ ވަނީ އެޓީމަށް 34 ގޯލް ޖަހައިދީ 21 ގޯލު ޖަހަން މަގުފަހިކޮށްދީފައެވެ. އަނެއްކޮޅުން ބްލިންޑް ވަނީ އޭނާ އާއެކު އަޔަކްސްގެ ފަހަތަށް ކުޅޭ އުމުރުން އެންމެ 19 އަހަރުގެ މަތިސ ޑި ލިޓް އާއެކު ވަރުގަދަ ޕާޓްނަރޝިޕެއް އުފައްދައިފައެވެ.

މިރޭ ރާއްޖޭގެ ގަޑިން 12 ޖަހާއިރު ފަށާ ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލްގެ ފުރަތަމަ ލެގުގައި ޓޮޓެންހަމް އާ ދެކޮޅަށް އަޔަކްސް އާއެކު ޓަޑިޗް އާއި ބްލިންޑް ނުކުންނައިރު އަޔަކްސް އަށް މި ސީޒަންގައި އިތުރު ދެ ތަށި ހޯދުމުގެ ފުރުސަތު އޮތީ ހުޅުވިފައެވެ.

އިނގިރޭސި ޕްރިމިއަރ ލީގަށް ކުޅުންތެރިން ގެންދާ އަގުތަކަށް ބަލާއިރު ބްލިންޑާއި ޓަޑިޗްގެ ފީއަކީ ކުޑަ އަދަދަކަށް ވިޔަސް އަޔަކްސް ގެ ނިސްބަތުން އެ ދެކުޅުންތެރިންގެ ޓްރާންސްފާ ފީއަކީ ބޮޑު ހޭދައެކެވެ. އަޔަކްސް އިން މިހާތަނަށް އެންމެ އަގުބޮޑުކޮށް ކުޅުންތެރިއަކު ގަނެފައިވަނީ 14.63 މިލިއަން ޕައުންޑަށެވެ. އެކަމަކު އެއީވެސް މީގެ 11 އަހަރު ކުރިންނެވެ.

ގިނަ އަދަދެއްގެ ޒުވާން ކުޅުންތެރިން ހިމެނޭ އަޔަކްސް އަށް ބްލިންޑާއި، ޓަޑިޗް ގެންދިޔައީ އެޓީމްގައި މަދުވާ ކަމަކީ ތަޖްރިބާހުރި ކުޅުންތެރިން ކަމަށް ބަލައި އެ ޓީމްގެ ކޯޗް އެރިކް ޓެން ހޭގް އާއި ޑައިރެކްޓަރ އޮފް ފުޓްބޯލް މާކް އޮވަމާސް ނިންމި ނިންމުމަކާ ގުޅިގެންނެވެ.

“އެއީ އަޔަކްސް އިން ނެގި ވަރަށް ބޮޑު ޑިސިޝަނެއް. އެކަމަކު އެ ހަރަދުގެ ފައިދާ މިހާރު ފެނިއްޖެ” ބީބީސީ ސްޕޯޓްސް އާ ވާހަކަދައްކަމުން ނެދަލޭންޑްސްގެ ފުޓްބޯޅައިގެ މާހިރެއް ކަމަށްވާ އެލްކޯ ބޯން ބުނެފައިވެއެވެ.

ސައުތެމްޓަނަށް ޓަޑިޗް ކުޅުނު 162 މެޗްގައި އޭނާއަށް ޖެހުނީ އެންމެ 23 ލަނޑެވެ. އެކަމަކު އަޔަކްސްއާ އެކު އެންމެ 51 މެޗުން އޭނާ ވަނީ އެ އަދަދު ހަމަކޮށްފައެވެ. ނެދަލޭންޑްސްގެ ލީގުގައި މިވަގުތު ދެވަނަ އަށް އެންމެ ގިނަ ގޯލް މި ސީޒަންގައި ޖަހައިފައިވަނީވެސް ޓަޑިޗް އެވެ.

ބްލިންޑް މެންޗެސްޓަރ ޔުނައިޓެޑަށް ގެންގޮސްފައިވަނީ 2014 ވަނަ އަހަރު އެ ޓީމްގެ ކޯޗްކަމާއި ނެދަލޭންޑްސްގެ ލުއި ވެން ހާލް ހަވާލުވުމަށް ފަހު އެވެ. އެކަމަކު ވެން ހާލް އަށް ފަހު އެ ޓީމްގެ ކޯޗް ކަމާއި ޕޯޗްގަލްގެ ހޯސޭ މޮރީނިއޯ ހަވާލުވިފަހުން ބްލިންޑަށް ޓީމުން ޖާގަ ލިބޭ މިންވަރު މަދުވިއެވެ. މިދިޔަ ޖުލައި މަހު އަޔަކްސް އަށް ބްލިންޑް ބަދަލުވިފަހުން އޭނާ ވަނީ ނެދަލޭންޑްސްގެ ލީގުގައި އެ ޓީމުން ކުޅުނު ހުރިހާ މެޗެއްގެ އިތުރުން މި ސީޒަންގެ ޗެމްޕިއަންސް ލީގުގައި މިހާތަނަށް އަޔަކްސް އިން ކުޅުނު 10 މެޗްގައިވެސް މޮޅު ކުޅުމެއް ދައްކައިފައެވެ.

ކޮމެންޓް