މިކިތާރްޔަން ހަ ހަފްތާއަށް ކުޅުމާ ދުރަށް

އާސެނަލްގެ މިޑްފީލްޑަރ އަރްމޭނިޔާގެ ހެންރިކް މިކިތާރްޔަންއަށް އަނިޔާވެ ހަ ހަފްތާއަށް ކުޅުމާދުރަށް ދާނެ ޖެހިއްޖެ އެވެ. މިކިތާރްޔަންގެ އަނިޔާއާއި ގުޅިގެން އާސެނަލުން ނެރުނު ބަޔާނެއްގައި ބުނީ އޭނާގެ ކަނާތު ފައިގެ ކަށިގަނޑެއްގައި ރެނދުލުމުގެ ސަބަބުން ހަ ހަފްތާއަށް ކުޅުމާ ދުރުގައި ހުންނަން ޖެހޭނެ ކަމަށް ލަފާކުރާކަމަށެވެ.

މިކިތާރްޔަން އަށް އަނިޔާވީ މިދިޔަ ހަފްތާ ލީގު ކަޕްގެ ކުއާޓާ ފައިނަލުގައި ޓޮޓެންހަމް ހޮޓްސްޕާސް އަތުން 2-0 އިން ބަލިވެ އާސެނަލް ކެޓި މެޗުގައެވެ. އެމެޗުގެ ދެވަނަ ހާފު އާސެނަލުން ފެށީ އަނިޔާވި މިކްތާރްޔަން ނުލައެވެ. އަނިޔާގެ ސަބަބުން އެންމެ ފަހުން ލީގުގައި އާސެނަލް ބާންލީ ބަލިކުރި މެޗުގައިވެސް މިކްތާރްޔަން ކުޅެފައެއް ނުވެއެވެ. އާސެނަލުން ބުނީ މިކިތާރްޔަން އަށް ފަރިތަކުރުންތަކުގައި ބަރާބަރަށް ބައިވެރިވެވޭނެ ކަމަށް ބެލެވެނީ ހަ ހަފްތާ ފަހުން ކަމަށެވެ.

މިކިތާރްޔަން އަކީ އާސެނަލްގެ އާ ކޯޗު އުނާއި އެމެރީގެ ޕްލޭންގައި ޓީމުގެ ފުރަތަމަ އެގާރައިގައި އާއްމުކޮށް ހިމެނޭ ކުޅުންތެރިއެކެވެ. އުމުރުން 29 އަހަރުގެ މިކިތާރްޔަން އާސެނަލާ ގުޅުނީ މިއަހަރުގެ ޖެނުއަރީ މަހު މެންޗެސްޓަރ ޔުނައިޓެޑުންނެވެ. ހޯސޭ މޮރީނިއޯ ކޯޗުކަމުގައި ޔުނައިޓެޑްގެ ފުރަތަމަ އެގާރައިން މިކިތާރްޔަން އަށް ފުރުސަތު ލިބުނީ މަދު މެޗެއްގައެވެ. އެޓީމުން މިކިތާރްޔަން ދޫކޮށްލީ އާސެނަލްއަށް ކުޅެމުންދިޔަ އެލެކްސިސް ސަންޗޭޒް ގެންނަންވެގެންނެވެ.

އަނިޔާގެ ސަބަބުން ލީގުގައި ކުޅޭ މުހިއްމު މެޗުތަކެއް މިކިތާރްޔަން އަށް ގެއްލޭނެއެވެ. ލީގުގައި މިހާތަނަށް ހަތަރު ގޯލު ޖަހައިފައިވާ މިކިތާރްޔަންއަށް ގެއްލޭ މުހިއްމު މެޗުތަކުގެ ތެރޭގައި ލިވަޕޫލާއި، ޗެލްސީ އަދި މެންޗެސްޓަރ ސިޓީއާ ވާދަކުރާ މެޗު ހިމެނެއެވެ. ލީގުގައި ކުޅުނު 18 މެޗުން 37 ޕޮއިންޓް ހޯދައި އާސެނަލް މިވަގުތު އޮތީ ފަސް ވަނައިގައެވެ.

ކޮމެންޓް