ލިވަޕޫލަށް މުހިއްމު މޮޅެއް، ޗެލްސީ ބަލިވުމުގެ ފައިދާ ޓޮޓެންހަމުން ނަގައިފި

އިނގިރޭސި ޕްރިމިއަރ ލީގުގައި ރޭ ރަށުން ބޭރުގައި ބާންލީއާ ވާދަކުރި މެޗު ފަހަތުން އަރައި ލިވަޕޫލުން މުހިއްމު މޮޅެއް ހޯދައިފިއެވެ. ރޭ 1-0 އިން ބަލިވެފައި އޮއްވައި ފަހަތުން އަރައި ތިން ގޯލާއެކު ލިވަޕޫލް މޮޅުވީ 3-1 އިންނެވެ. ރޭ ޗެލްސީ ކުޅުނު މެޗުން ރަށުން ބޭރުގައި 2-1 އިން އަލަށް ޕްރޮމޯޓްވި ވުލްވްސް އަތުން ވަނީ ބަލިވެފައެވެ. ޗެލްސީ ބަލިވުމުގެ ފައިދާ ނެގީ އަމިއްލަ ދަނޑުގައި ސައުތެމްޓެން އަތުން 3-1 އިން މޮޅުވި ޓޮޓެންހަމް ހޮޓްސްޕާސް އެވެ.

ރޭގެ މޮޅާއެކު ލިވަޕޫލް ވަނީ 15 މެޗުން ލިބުނު 39 ޕޮއިންޓާއެކު އެއް ވަނައިގައި އޮތް މެންޗެސްޓަރ ސިޓީއަށް ޕްރެޝަރު ބޮޑުކޮށްފައެވެ. އެޓީމު އެއް ވަނައިގައި އޮތީ 15 މެޗުން ލިބުނު 41 ޕޮއިންޓާއެކު އެވެ. ރޭގެ މެޗުން ބަލިވުމުން ޗެލްސީ ވަނީ ތާވަލުގެ ހަތަރު ވަނައަށް ވެއްޓިފައެވެ. އެޓީމަށް 15 މެޗުން 31 ޕޮއިންޓް ލިބުނު އިރު ރޭ ޓޮޓެންހަމް ތިން ވަނައަށް އެރީ 33 ޕޮއިންޓާ އެކުއެވެ. ރޭ އާސެނަލާއި މެންޗެސްޓަރ ޔުނައިޓެޑް 2-2 އިން އެއްވަރުވުމުން ޗެލްސީއާ ޕޮއިންޓުގެ ގޮތުން އެއްވަރުވެ ގޯލުގެ ތަފާތުން އާސެނަލަށް ލިބެނީ ފަސް ވަނަ އެވެ.

ރޭ ލިވަޕޫލުން ކުޅެން ނުކުތީ މުހިއްމު ކުޅުންތެރިންތަކެއް ނުލައެވެ. އާއްމުކޮށް ފުރަތަމަ އެގާރައިގައި ހިމެނޭ ސަޑިއޯ މާނޭ ރޭގެ މެޗުގައި ފެނިފައި ނުވާއިރު މުހައްމަދު ސަލާހާއި ރޮބާޓޯ ފިރްމީނޯ ކުޅެން އެރީ ބެންޗުންނެވެ. މެޗުގެ ފުރަތަމަ ގޯލު ޖެހީ ބާންލީންނެވެ. ދެވަނަ ހާފު ފެށިގެން ކުޑައިރުކޮޅެއްތެރޭ މި ލަނޑު އެޓީމަށް ޖަހައިދިނީ ޖެކް ކޯކް އެވެ. ބާންލީން މެޗުގައި ލީޑު ނެގުމުން ލިވަޕޫލުން ވަނީ ކުޅުން ރަނގަޅުކޮށް ތިން ގޯލު ޖަހައިފައެވެ. އެޓީމުގެ ފުރަތަމަ ގޯލު ކާމިޔާބުކޮށްދިނީ ތަޖުރިބާކާރު ކުޅުންތެރިޔާ ޖޭމްސް މިލްނާ އެވެ. ދެ ވަނަ ލަނޑު ބަދަލު ކުޅުންތެރިޔާ ރޮބާޓޯ ފިރްމީނޯ ޖެހިއިރު މުހައްމަދު ސަލާހް ދިން ޕާހަކުން އެޓީމުގެ ފަހު ލަނޑު ޖެހީ ޒެރްޑަން ޝަގީރީ އެވެ.

ވުލްވްސް ދަނޑުގައި ރޭ ޗެލްސީ ބަލިވިއިރު އެޓީމުގެ ހަމައެކަނި ލަނޑު ޖެހީ މިވަގުތު ރަނގަޅު ފޯމެއްގައި ހުރި ރުބެން ލޮފްޓަސް ޗީކް އެވެ. މިއީ އެންމެފަހުން ކުޅުނު ތިން މެޗުގައި ލޮފްޓަސް ޗީކް ޖެހި ފަސް ވަނަ ލަނޑެއެވެ. އެކަމަކު ހަތަރު މިނެޓުތެރޭ ޖެހި ދެ ގޯލާއެކު އެޓީމު ވަނީ މެޗުގެ ނަތީޖާ އަނބުރާލައިފައެވެ. ވުލްވްސް ގެ ފުރަތަމަ ގޯލު މެކްސިކޯގެ ފޯވާޑް ރައުލް ހިމެނެޒް ޖެހިއިރު މޮޅުވި ލަނޑު ޖެހީ ޑިއޯގޯ ޔޮޓާ އެވެ..

ސައުތެމްޓަން އަތުން ވެމްބްލީ ސްޓޭޑިއަމް މޮޅުވި މެޗުގައި ޓޮޓެންހަމްގެ ލަނޑުތައް ޖަހައިދިނީ ހެރީ ކޭން އާއި ލޫކަސް މޯރާ އަދި ހެއުން މިއަން ސޮން އެވެ. ރޭގެ މެޗު ބެލުމަށް ސައުތެމްޓަންގެ ކޯޗުކަމާއި އިއްޔެ ހަވާލުވި ރަފްލް ހޭޒަންހުޓްލް ވަނީ މެޗު ބެލުމަށް ދަނޑަށް ގޮސްފައެވެ.

ރޭ ކުޅުނު އެހެން މެޗުތަކަށް ބަލާއިރު އަމިއްލަ ދަނޑުގައި ޓޮޓެންހަމް ވަނީ 1-1 އިން ނިއުކާސަލް އާ އެއްވަރު ވެފައެވެ. ފުލަމް އާއި ލެސްޓާ ސިޓީ ކުޅުނު މެޗުވެސް އެއްވަރުވީ 1-1 އިންނެވެ. ރޭ މެންޗެސްޓަރ ޔުނައިޓެޑާއި އާސެނަލް ވާދަކުރި މެޗުގައި ދެ ފަހަރުވެސް ލީޑު ނެގީ އާސެނަލުންނެވެ. ފުރަތަމަ ލަނޑު އެޓީމުގެ ޑިފެންޑަރ ޝޮކޮޑްރަން މުސްތާފީ ޖެހިއިރު ފުރަތަމަ ހާފް ނިމުމުގެ ކުރިން ޔުނައިޓެޑަށް އެއްވަރުކޮށްދިނީ އެންތަނީ މާޝިއަލް އެވެ. ދެވަނަ ހާފުގައި އާސެނަލަށް ލީޑު ލިބުނީ ޔުނައިޓެޑްގެ ޑިފެންޑަރ މާކޯސް ރޯހޯ އަތުން ބައިކޮޅަށް ވަން ގޯލަކުންނެވެ. އެކަމަކު ޖެހިގެން އައި މިނެޓުގައި ޔުނައިޓެޑަށް މެޗު އެއްވަރު ކޮށްދިނީ ޖެސޭ ލިންގާޑެވެ.

ކޮމެންޓް