10 އަހަރަށް ފަހު ކޮލިފައިން މެޗަކުން އިންގްލެންޑް ފުރަތަމަ ފަހަރަށް ބަލިވެއްޖެ

ޔޫއެފާ ޔޫރޯ އާއި ފީފާ ވޯލްޑް ކަޕް ހިމެނޭ ގޮތަށް ކުޅުނު ކޮލިފައިން މެޗުތަކުން 2009 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ ފަހުން ބަލިވެފައިނުވާ އިންގްލެންޑް ރޭ ކުޅުނު ޔޫރޯ 2020 ކޮލިފައިން މެޗުން ބަލިވެ ރެކޯޑަށް ނިމުން އަތުވެއްޖެ އެވެ. ރޭ ކުޅުނު ޔޫރޯ ކޮލިފައިންގެ ގްރޫޕް އޭގައި ރަށުން ބޭރުގައި އިންގްލެންޑް ބަލިވީ ޗެކްރި ޕަބްލިކް އަތުން 2-1 އިންނެވެ. ރޭގެ މެޗުގެ ކުރިން ވޭތުވެދިޔަ 10 އަހަރު ކޮލިފައިންގައި ބަލިނުވެ އެޓީމު ވަނީ 43 މެޗު ކުޅެފަ އެވެ.

ޔޫރޯ އަދި ވޯލްޑް ކަޕް ހިމެނޭ ގޮތަށް ކުޅުނު ކޮލިފައިން މެޗަކުން އިންގްލެންޑް އެންމެ ފަހުން ބަލިވީ 2009 ވަނަ އަހަރު އޮކްޓޫބަރު މަހުގެ 10 ވަނަ ދުވަހު ޔޫކްރޭން އަތުންނެވެ. އެ މެޗުން ޔޫކްރޭން އަތުން އިންގްލެންޑް ބަލިވީ 1-0 އިންނެވެ. އޭގެފަހުން ކޮލިފައިންގައި ކުޅުނު 43 މެޗުގެ ތެރެއިން އެޓީމުން ވަނީ 34 މެޗު ކާމިޔާބުކޮށް 9 މެޗު އެއްވަރުކޮށްފަ އެވެ.

ރޭގެ މެޗުން ބަލިވުމާއެކު އިންގްލެންޑަށް ލިބުނު ނުތަނަވަސް ކަމަކީ އަންނަ އަހަރު އޮންނަ ޔޫރޯ ފުޓްބޯޅަ މުބާރާތުން ޖާގަ ހޯދަން އިތުރު މަސައްކަތެއް ކުރަން ޖެހުމެވެ. ރޭގެ މެޗު ކާމިޔާބުކޮށްގެން އެޓީމަށް އަންނަ އަހަރު އޮންނާ ޔޫރޯއިން ފުރުސަތު ލިބުނީހެވެ. ޔޫރޯއަށް ކޮލިފައިވުމުގެ ފުރުސަތު އިންގްލެންޑަށް އެންމެ އަވަހަށް ލިބެން އޮތީ އަންނަ ހޯމަ ދުވަހު ބަލްގޭރިއާ އަތުން މޮޅުވެ އެރޭ ކުޅޭ އަނެއް މެޗުގައި ކޮސޯވޯ އަށް މޮންޓެނިގްރޯ ބަލިނުކުރެވިއްޖެ ނަމަ އެވެ.

ޗެކްރި ޕަބްލިކާ ދެކޮޅަށް މި އަހަރުގެ މާޗް މަހު އަމިއްލަ ގައުމުގައި ކުޅުނު މެޗުން އިންގްލެންޑް ވަނީ ފަސޭހަކަމާ އެކު 5-0 އިން މޮޅުވެފަ އެވެ. ރޭގެ މެޗުގައި ވެސް އިންގްލެންޑުން ވަނީ ފަސް ވަނަ މިނެޓުގައި ހެރީ ކޭން ވައްދާލި ޕެނަލްޓީން ލީޑު ނަގައިފަ އެވެ. މިއީ ޗެކްރި ޕަބްލިކްގެ ލޫކަސް މަސޯޕުސްޓް ރަހީމް ސްޓާލިންއަށް ކުރި ފައުލަކަށް ރެފްރީ ދިން ޕެނަލްޓީއެކެވެ. އެކަމަކު މެޗުގެ ނުވަ ވަނަ މިނެޓުގައި ޗެކްރި ޕަބްލިކުން ވަނީ އެޓީމަށް ލިބުނު ކޯނަރަކުން ގޯލު ޖަހައި މެޗުގެ ނަތީޖާ ހަމަހަމަ ކޮށްފަ އެވެ. މި ގޯލު އެޓީމަށް ކާމިޔާބުކޮށްދިނީ ޔަކުބް ބްރަބެޗް އެވެ. ޗެކްރި ޕަބްލިކް މެޗުން މޮޅުވި ގޯލު 86 ވަނަ މިނެޓުގައި ޖެހީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުތް ޒްޑެނެކް އޮންޑްރާސެކް އެވެ. އިންގްލެންޑާ ދެކޮޅަށް ކުޅުނު މެޗަކީ ޗެކްރި ޕަބްލިކްގެ އޮންޑްރާސެކް ގައުމީ ޓީމަށް ކުޅެދިން ފުރަތަމަ މެޗެވެ. އަނެއްކޮޅުން އޭނާ ގޯލު ޖެހީ ގައުމީ ޓީމުގެ ޖާޒީގައި އިދިކޮޅު ޓީމުގެ ގޯލަށް ފޮނުވާލި ފުރަތަމަ ހަމަލާއިންނެވެ.

މެޗަށް ފަހު އިންގްލެންޑުގެ ކޯޗު ގަރެތު ސައުތުގޭޓް ބުނީ ރޭގެ މެޗަކީ އިންގްލެންޑަށް ލިބުނު ރަނގަޅު ފިލާވަޅެއް ކަމަށާއި ބަލިވުމުގެ ބަދަލު ސަޕޯޓަރުންނަށް ޓީމުން ދޭންޖެހޭނެ ކަމަށެވެ.

“އަހަރެމެން ޖެހޭނީ އެންމެ ރަނގަޅު ގޮތަށް ރައްދު ދޭން. ދެން އޮތް މެޗަށް ތައްޔާރުވާން ދެ ދުވަހެއްވަރު އެބައޮތް. އެ މެޗުގައި ސަޕޯޓަރުންނަށް ޓީމުން އެބަޖެހޭ ރަނގަޅު ކުޅުމެއް ދައްކުވައިދޭން. މިރޭގެ މެޗުން މާ ގިނަ ރަނގަޅު ކަންތައްތަކެއް ނުފެނުނު. އަހަރެމެން ބަލި ގަބޫލުކުރަން އަދި މިއަށްވުރެ ރަނގަޅަށް ކުޅެން ޖެހޭނެކަން ވެސް ގަބޫލުކުރަން” ސައުތުގޭޓް މެޗަށް ފަހު ބުންޏެވެ.

ކޮލިފައިންގައި އިންގްލެންޑް ހިމެނޭ ގްރޫޕުގައި އެޓީމާއި ޗެކްރި ޕަބްލިކަށް ވަނީ 12 ޕޮއިންޓް ލިބިފަ އެވެ. އެކަމަކު ގޯލުގެ ތަފާތުން އަދިވެސް އެއް ވަނައިގައި އޮތީ އިންގްލެންޑެވެ. ތިން ވަނައިގައި އޮތް ކޮސޯވޯ އަށް އަށް ޕޮއިންޓް ލިބިފައިވާއިރު ހަތަރު ވަނައިގައި އޮތް މޮންޓެނިގްރޯ އާއި ފުލުގައި އޮތް ބަލްގޭރިއާއަށް ލިބިފައިވަނީ ތިން ޕޮއިންޓެވެ.

ކޮމެންޓް