ޔޫރޯގައި އަންސޫ ފާޓީ ސްޕެއިން ޓީމުން ފެނިދާނެ: މޮރޭނޯ

ބާސެލޯނާއަށް ކުޅެމުން އަންނަ 16 އަހަރުގެ އަންސޫ ފާޓީ. އޭނާއަށް ސްޕެއިން ސީނިއާ ޓީމުން ފުރުސަތު ދޭން ކޯޗު ހުރީ ތައްޔާރަށް

ބާސެލޯނާއަށް ކުޅެމުން އަންނަ އުމުރުން 16 އަހަރުގެ ފޯވާޑް އަންސޫ ފާޓީއަށް އަންނަ އަހަރު އޮންނަ ޔޫރޯ ފުޓްބޯޅަ މުބާރާތުގައި ވާދަކުރާ ސްޕެއިންގެ ސްކޮޑުން ފުރުސަތު ލިބިދާނެކަމަށް އެޓީމުގެ ކޯޗު ރޮބާޓޯ މޮރޭނޯ ބުނެފި އެވެ. މި ސީޒަނުގައި ބާސެލޯނާގެ ސީނިއާ ޓީމުގައި ހިމެނިގެން ކުޅެމުން އަންނަ ފާޓީއަށް އެ ގައުމުގެ ސަރުކާރުން މިހާރު ވަނީ ސްޕެއިންގެ ރަށްވެހިކަން ދީފަ އެވެ.

ބާސެލޯނާއަށް މި ސީޒަނުގައި މިހާތަނަށް ކުޅެދިން ހަ މެޗުގައި ފާޓީ ވަނީ ދެ ގޯލު ޖަހައިފަ އެވެ. އޭގެތެރެއިން ސްޕެނިޝް ލީގުގައި އޮސަސޫނާ ކޮޅަށް ޖެހި ގޯލާއެކު ފާޓީ ވެފައިވަނީ ލަލީގާއި ބާސެލޯނާއަށް ގޯލު ޖަހައިދިން އެންމެ ޒުވާން ކުޅުންތެރިޔާއަށެވެ. ގިނީ-ބިސާއޫއަށް އުފަން ފާޓީ ސްޕެއިންގެ ރަށްވެއްސަކަށް ވުމުގެ ކުރިން އެ ގައުމުންނާއި ޕޯޗުގަލުން ވެސް އޭނާގެ ރަށްވެހިކަން ހޯދަން މަސައްކަތްކުރި އެވެ. ޕޯޗުގީސް ކޮލެނީއެއްގެ ގޮތުގައި ކުރިން އޮތުމަށް ފަހު މިނިވަންކަން ލިބި 1986 ވަނަ އަހަރުން ފެށިގެން ގިނީ-ބިސާއޫ އަންނަނީ ފީފާގައި ރަޖިސްޓްރީވެ މެޗުތައް ކުޅެމުންނެވެ.

ބާސެލޯނާގައި ފާޓީގެ ހުނަރު ފާހަގަކުރެވުމުން ސްޕެއިންގެ ސަރުކާރުން ފާޓީއަށް އެގައުމުގެ ރަށްވެހިކަން ދިނީ މިދިޔަ މަހުގެ 20 ވަނަ ދުވަހު އެވެ. އަދި، މި ހަފްތާ ފުޓްބޯޅައިގެ މައި އިދާރާ ފީފާއިން ވަނީ ފާޓީގެ ސްޕެއިން ރަށްވެހިކަން ބަލައިގަނެ އެގައުމަށް ކުޅުމުގެ ހުރަހެއް ނެތްކަން ރަސްމީކޮށް އަންގާފަ އެވެ. ނަމަވެސް ޔޫއެފާ ޔޫރޯ 21 އަހަރުން ދަށުގެ ކޮލިފައިންއަށް ނެގި ސްޕެއިންގެ 21 އަހަރުން ދަށުގެ ޓީމުން އެންމެ ފުރަތަމަ ފާޓީއަށް ފުރުސަތެއް ނުލިބުނެވެ. އެކަމަކު ފާޓީއާ އެކު ބާސެލޯނާއަށް ކުޅެމުން އަންނަ ކާލްސް ޕެރޭޒްއަށް އަނިޔާވުމުން ބަދަލުގައި ފާޓީއަށް މިހާރު ވަނީ ސްޕެއިންގެ 21 އަހަރުން ދަށުގެ ޓީމުން ފުރުސަތު ދީފަ އެވެ. ސްޕެއިންގެ ރަށްވެހިކަމަށް ބަދަލުވުމަށް ފަހު އެ ގައުމަށް ފާޓީ ކުޅެދޭ ފުރަތަމަ މެޗަކަށް ވާނީ ޔޫރޯ 21 އަހަރުން ދަށުގެ ކޮލިފައިންގައި އަންނަ އަންގާރަ ދުވަހު މޮންޓެނިގްރޯއާ ދެކޮޅަށް ކުޅޭ މެޗެވެ.

ސްޕެއިންގެ މިހާރުގެ ކޯޗު މޮރޭނޯ ބުނީ އެ ގައުމު ޔޫރޯއަށް ކޮލިފައިވުމުގެ ފުރުސަތު ބޮޑުވެފައި ވާއިރު ފާޓީ ޓީމުގައި ހިމެނުމާ މެދު މިހާރު ވެސް ވިސްނާ ކަމަށެވެ. ކޮލިފައިންގެ ގްރޫޕް އެފްގެ އެއް ވަނައިގައި ސްޕެއިން އޮތީ މިހާތަނަށް ކުޅުނު ހަ މެޗުން ވެސް މޮޅުވެގެންނެވެ.

“އެއްވެސް ޝައްކެއް ނެތް އަންސޫ މި ޓީމާއެކު ހުންނަން އަހަރެން އެދެން. އޭނަ ވަނީ އުމުރުފުރާތައް މިހާރު ވެސް ކަޑައްތު ކޮށްފައި. އަހަރެމެން ގަބޫލުކުރާ ގޮތުގައި އެގޮތަށް ވަކި އަމާޒަކަށް މަސައްކަތް ކުރާ ކުޅުންތެރިންނަށް ފުރުސަތު ދިނުން މުހިއްމު. އަންސޫ ގޯލު ޖަހަން ފަށައިފި ނަމަ އެވަރުގެ ކުޅުންތެރިއަކު އަހަރެމެންގެ ތެރޭގައި ނުހިމަނައި ނުތިބޭނަން” ކޮލިފައިންގައި މިރޭ ރަށުން ބޭރުގައި ނޯވޭއާ ދެކޮޅަށް ނުކުންނަ މެޗުގެ ކުރިން މޮރޭނޯ ބުންޏެވެ.

މޮރޯނޯ އިތުރަށް ބުނީ އަންސޫ ފާޓީގެ އިތުރުން ރަނގަޅު ކުޅުމެއް ދައްކާ ހުރިހާ ކުޅުންތެރިންނަށް ވެސް ޓީމުން މަރުހަބާ ކިޔާނެ ކަމަށެވެ.

“އަންސޫ މިހާރު ވެސް ވަނީ ވަރަށް ގިނަ ކަންކަން ސާބިތުކޮށްދީފައި. އެހެންވީމަ ޔޫރޯ މުބާރާތުގައި އަންސޫ ސްޕެއިން ޓީމުގައި ހިމެނުމުގެ ފުރުސަތު އެބައޮތް” 16 އަހަރުގެ ކުޅުންތެރިޔާއާ ގުޅޭގޮތުން މޮރޭނޯ ބުންޏެވެ.

އުމުރުން އެންމެ ހަ އަހަރުގައި ފާޓީ ސްޕެއިނަށް ބަދަލުވީ އޭނާގެ ދޮށީ ބޭބެ ބްރައިމާ ސެވިއްޔާއަށް ސޮއިކުރުމުންނެވެ. ސެވިއްޔާއަށް އާއިލާއާ އެކު ދިރިއުޅުން ބަދަލުކުރުމަށް ފަހު ފާޓީ އެންމެ ފުރަތަމަ ފެނުނީ އެ ސިޓީގެ ވަކި ޕްރޮވިންސަކަށް ނިސްބަތްވާ ހެރޭރާ ނަމަކަށް ކިޔާ ޓީމަކުންނެވެ. އޭގެ ފަހުން ފާޓީ ވަނީ ސެވިއްޔާގެ ޔޫތު ޓީމުތަކަށް ވެސް ކުޅެފަ އެވެ. ބާސެލޯނާގެ ލަ މާސިއާ އެކަޑެމީއާ ފާޓީ ގުޅުނީ އޭނާގެ އުމުރުން 10 އަހަރުގަ އެވެ. ބާސެލޯނާގެ އެކަޑެމީގައި ފާޓީ ދައްކަމުން އައި ކުޅުމަށް ކޯޗުން ތައުރީފް ކުރިއިރު އެ ކްލަބުން ފާޓީއާ އެކު ރަސްމީ އެއްބަސްވުމަކަށް އައީ މި އަހަރުގެ ޖުލައި މަހުގެ 24 ވަނަ ދުވަހު އެވެ. 2022 ވަނަ އަހަރުގެ ނިޔަލަށް ބާސެލޯނާގެ ސީނިއާ ޓީމާއެކު އެއްބަސްވުމަކަށް ދިއުމަށް ފަހު އެ ކްލަބުގެ ރިސާވް ޓީމަށް ކުޅުމުގެ ކުރިން ފާޓީއަށް އެންމެ ފުރަތަމަ ވެސް ފުރުސަތު ލިބުނީ ސީނިއާ ޓީމުންނެވެ. ސީނިއާ ޓީމުން ލިބުނު ފުރުސަތުގައި ތަފާތު ދެއްކުމުން ފާޓީ މިހާރު ވެފައިވަނީ ބާސެލޯނާގެ ކޯޗު އާނެސްޓޯ ވަލްވޭޑޭގެ ޕްލޭންގައި ހިމެނޭ ކުޅުންތެރިއަކަށެވެ.

ކޮމެންޓް