ބާސެލޯނާ ބޮޑު ތަފާތަކުން މޮޅުވިއަސް ނިންމާލީ ނުވަ ކުޅުންތެރިންނާއެކު

ސްޕެނިޝް ލީގުގައި ރޭ ބާސެލޯނާ އާއި ސެވިއްޔާ ބައްދަލުކުރި މެޗް ބޮޑު ތަފާތަކުން ބާސެލޯނާ ކާމިޔާބުކުރި ނަމަވެސް ނުވަ ކުޅުންތެރިންނާ އެކު އެޓީމަށް މެޗް ނިންމާލަން ޖެހިއްޖެއެވެ. އަމިއްލަ ރަށުގައި ރޭ ސެވިއްޔާ އާ ދެކޮޅަށް ބާސެލޯނާ އިން ކުޅުނު މެޗް އެޓީމުން ކާމިޔާބުކުރީ 0-4 އިންނެވެ.

ބާސެލޯނާއަށް ރޭގެ މެޗް ނުވަ ކުޅުންތެރިންނާއެކު ނިންމާލަން ޖެހުނީ މެޗް ނިމެން ތިން މިނެޓަށް ވެފައި ވަނިކޮށް ސެވިއްޔާގެ ހަވިއޭ ހެނާންޑޭޒް އަށް ކުރި ފައުލަކާއި ގުޅިގެން ބާސެލޯނާގެ ރޮނާލްޑް އަރައުޔޯ އަށް ރަތް ކާޑު ދެއްކުމުގެ އިތުރުން އެކާޑާއި ގުޅިގެން ހިތްހަމަ ނުޖެހުން ފާޅުކުރުމުގެ ގޮތުން ހިންގި ކަމެއްގެ ސަބަބުން ޑެމްބެލޭ އަށް ދެވަނަ ރީދޫ ކާޑަކާއެކު ރަތް ކާޑެއް  ދައްކައި ދަނޑުން ފޮނުވާލުމުންނެވެ. ފުރަތަމަ ރަތް ކާޑު ދެއްކި އުރުގުއޭގެ އުމުރުން 20 އަހަރުގެ އަރައުޔޯ ރޭ ބާސެލޯނާ އަށް ކުޅުނު މެޗަކީ އެޓީމަށް ލީގުގައި އޭނާ ކުޅުނު ފުރަތަމަ މެޗެވެ.

ރޭގެ މެޗުން ހޯދި މޮޅާއެކު 16 ޕޮއިންޓް ހޯދައިގެން ބާސެލޯނާ ވަނީ ސްޕެނިޝް ލީގު ތާވަލްގެ ދެވަނަ އަށް އަރައިފައެވެ. ދެ ޕޮއިންޓްގެ ތަފާތަކުން ޕޮއިންޓް ޓޭބަލްގެ އެއް ވަނައިގައި ވާދަވެރި ރެއާލް މެޑްރިޑް އޮތް އިރު ބާސެލޯނާ އަށްވުރެ އެންމެ ޕޮއިންޓެއް މަދުން ލިބިގެން ޓޭބަލްގެ ތިން ވަނައިގައި އޮތީ އެތުލެޓިކޯ މެޑްރިޑެވެ. ލީގުގައި މިހާތަނަށް މިއިން ކޮންމެ ޓީމަކުންވެސް އަދި ކުޅެފައިވަނީ އެންމެ އަށް މެޗެވެ.

ރޭގެ މެޗްގައި ބާސެލޯނާ އިން ޖެހި ހަތަރު ލަނޑުގެ ތެރެއިން ތިން ލަނޑު ޖެހީ މެޗްގެ ފުރަތަމަ ހާފްގައެވެ. މެޗްގެ 27 ވަނަ މިނެޓްގައި އުރުގުއޭގެ ފޯވާޑް ލުއިސް ސުއަރޭޒް މޮޅު އޯވަރހެޑް ގޯލެއް ޖަހައި ބާސެލޯނާއަށް ލީޑް ނަގައިދިން އިރު އެޓީމްގެ ދެވަނަ ގޯލް މެޗްގެ 32 ވަނަ މިނެޓްގައި ކާމިޔާބުކޮށްދީފައިވަނީ ޗިލީގެ އަރްތުރޯ ވިޑާލް އެވެ. އޭގެ ދެ މިނެޓް ފަހުން އަނެއްކާވެސް ފެނުނީ ބާސެލޯނާއިން ގޯލެއް ޖަހައި ލީޑް އިތުރަށް ފުޅާ ކުރި ތަނެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ފްރާންސްގެ 22 އަހަރުގެ ފޯވާޑް އޮސްމާނޭ ޑެމްބެލޭ އެވެ. މެޗްގައި ބާސެލޯނާ އިން ޖެހި ފަހު ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ އެޓީމަށް ލިބުނު ހިލޭ ޖެހުމަކުން ކެޕްޓަން ލިއޮނަލް މެސީ އެވެ.

ކޮމެންޓް