ސިޓީ ބަލިވެ އެއް ވަނައިގައި ލިވަޕޫލަށް އަށް ޕޮއިންޓުގެ ލީޑެއް

ވުލްވްސްގެ އަޑަމާ ސިޓީ ކޮޅަށް ގޯލު ޖެހުމަށް ފަހު. ސިޓީ އަމިއްލަ ދަނޑުގައި ބަލިވުމުން ލިވަޕޫލަށް ވަނީ ބޮޑު ލީޑެއް ލިބިފައި

އިނގިރޭސި ޕްރިމިއާ ލީގުގައި އިއްޔެ އަމިއްލަ ދަނޑުގައި ވުލްވްސް އަތުން މެންޗެސްޓަރ ސިޓީ ބަލިވުމުން ލީގުގެ އެއް ވަނައިގައި ލިވަޕޫލަށް އަށް ޕޮއިންޓުގެ ލީޑެއް ލިބިއްޖެ އެވެ. ސީޒަނުގެ ކުރީކޮޅު ލިވަޕޫލަށް އަށް ޕޮއިންޓެއް ލިބުނީ ވުލްވްސް އަތުން ސިޓީ މިރޭ 2-0 އިން ބަލިވުމުންނެވެ.

މިރޭގެ މެޗުގައި އަނިޔާގެ ސަބަބުން ސިޓީގެ ކެވިން ޑި ބްރޭނާ ނުކުޅޭއިރު އެޓީމުގެ ފަރާތުން ފެނުނީ އާދައިގެ ކުޅުމެކެވެ. ފުރަތަމަ ހާފު ގޯލެއް ނުޖެހި ނިމުނުއިރު ދެ ވަނަ ހާފުގައި ސިޓީއަށް ނުރައްކާތެރި މާ ރަނގަޅު ހަމަލާތަކެއް އުފެއްދިފައެއްނުވެ އެވެ. ސިޓީން ގޯލެއް ޖެހުމާ އެންމެ ގާތަށް ދިޔައީ ޑޭވިޑް ސިލްވާ އެވެ. އޭރިޔާ ބޭރުން ސިލްވާ ފޮނުވާލި ޖެހުން އަމާޒުވީ ގޯލުގެ ދަނޑިއަށެވެ. ސިޓީ ކޮޅަށް ވުލްވްސްގެ ދެ ގޯލު ވެސް ޖެހީ މެޗުގެ ފަހު 10 މިނެޓުގަ އެވެ. މި ދެގޯލު ވެސް ކާމިޔާބުކޮށްދިނީ އަޑަމާ ޓްރައޯރޭ އެވެ. ކައުންޓަ އެޓޭކުގައި އުފެއްދި ދެ ހަމަލާގައި ޓްރައޯރޭ ގޯލުތައް ކާމިޔާބުކުރީ މެޗުގެ 80 ވަނަ މިނެޓާއި އިތުރު ވަގުތުގެ ފަހު މިނެޓުގަ އެވެ. މިއީ މިދިޔަ އަހަރުގެ ސެޕްޓެމްބަރުގެ ފަހުން ޓްރައޯރޭ ގޯލެއް ޖެހި ފުރަތަމަ ފަހަރެވެ. އަނެއްކޮޅުން މިއީ 1979 ވަނަ އަހަރުގެ ފަހުން ސިޓީގެ ދަނޑުގައި ވުލްވްސް އަށް ލިބުނު ފުރަތަމަ މޮޅެވެ.

ސީޒަން ފެށިގެން އެއް ފެންވަރެއްގައި ސިޓީއަށް ނުކުޅެވޭއިރު ލީގުގައި އަމިއްލަ ދަނޑުގައި މިހާތަނަށް ކުޅުނު ހަތަރު މެޗުން ފަސް ޕޮއިންޓް އެޓީމަށް ވަނީ ގެއްލިފަ އެވެ. މިދިޔަ ސީޒަނުގައި 98 ޕޮއިންޓާ އެކު ލީގު ކާމިޔާބުކުރިއިރު އެޓީމަށް ގެއްލުނީ އެންމެ ތިން ޕޮއިންޓެވެ. އަދި، އޭގެ ކުރީ އަހަރު އަމިއްލަ ދަނޑުގައި އެޓީމަށް ގެއްލުނީ ހަތް ޕޮއިންޓެވެ. މި ސީޒަނުގައި އަމިއްލަ ދަނޑުގައި ޓޮޓެންހަމް ހޮޓްސްޕާސްއާ ކުޅުނު މެޗު ވަނީ އެއްވަރުވެފަ އެވެ.

މެޗަށް ފަހު ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ބުނީ މެޗުން ބަލިވީ އެޓީމަށް އެންމެ ރަނގަޅަށް ނުކުޅެވުމުން ކަމަށާއި، ބައިނަލްއަގްވާމީ ފުޓްބޯޅައަށް ލިބޭ ބްރޭކަށް ފަހު ޓީމު އިތުރަށް ރަނގަޅުކުރަން މަސައްކަތް ކުރާނެ ކަމަށެވެ.

“އަހަރެމެން މެޗު ފެށީ ރަނގަޅަށް އެކަމަކު ކައުންޓަ އެޓޭކުގަ ގޯލު ވަނީ. މިއަދު މިއީ ގޯސް ދުވަހެއް. ބައެއްފަހަރު އެހެން ވާނެ. މިހާރު މިއޮތީ އިންޓަނޭޝަނަލް ބްރޭކެއް. އޭގެފަހުން އެނބުރި އައިސް ދެން ހުރި މެޗުތަކަށް ދާނީ” މެޗަށް ފަހު ގާޑިއޯލާ ބުންޏެވެ.

ލީގުގެ ފުރަތަމަ އަށް މެޗުން ސިޓީއަށް ލިބިފައިވަނީ 16 ޕޮއިންޓެވެ. އެއް ވަނައިގައި ލިވަޕޫލް އޮތީ މިހާތަނަށް ކުޅުނު ހުރިހާ މެޗެއް ކާމިޔާބުކޮށް 24 ޕޮއިންޓް ހޯދައިގެންނެވެ. ލީގުގައި ދެން ކުޅޭ މެޗުގައި މިމަހުގެ 19 ވަނަ ދުވަހު ރަށުން ބޭރުގައި ސިޓީ ނުކުންނާނީ ކްރިސްޓަލް ޕެލޭސްއާ ދެކޮޅަށެވެ. އެ ހަފްތާ ލިވަޕޫލް ރަށުން ބޭރުގައި މެންޗެސްޓަރ ޔުނައިޓެޑާ ވާދަކުރާނެ އެވެ.

ކޮމެންޓް