ލިވަޕޫލަށް އެހީވީ ނަސީބު، ލެސްޓާއަށް ޕޮއިންޓެއް ހައްގު: ރޮޖާސް

ލެސްޓާގެ ކޯޗު ރޮޖާސް. ރޭ އެޓީމު ލިވަޕޫލް އަތުން ބަލިވީ ފަހުވަގުތު ވަން ޕެނަލްޓީން.

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ލިވަޕޫލަށް މެޗުގެ ފަހު ވަގުތު ޕެނަލްޓީއެއް ލިބި މެޗުން މޮޅުވެވުނީ ނަސީބު އެހީވުމުން ކަމަށާއި، ލެސްޓަ ސިޓީއަށް ޕޮއިންޓެއް ހައްގު ކަމަށް ކޯޗު ބްރެންޑަން ރޮޖާސް ބުނެފި އެވެ.

ރޭގެ މެޗު 1-1 އިން އެއްވަރުވާން ދަނިކޮށް ލިވަޕޫލަށް ޕެނަލްޓީ ލިބުނީ އިތުރު ވަގުތުގެ ފަހު މިނެޓުގަ އެވެ. ލެސްޓާގެ މާކް އޯލްބްރައިޓަން ލިވަޕޫލްގެ ސަޑިއޯ މާނޭއަށް ކުރި ފައުލަށް ލިބުނު ޕެނަލްޓީ ވައްދާލައިގެން ލިވަޕޫލަށް މޮޅެއް ކަށަވަރުކޮށްދިނީ ތަޖުރިބާކާރު ކުޅުންތެރިޔާ ޖޭމްސް މިލްނާ އެވެ.

ރޭގެ މެޗުގެ ފުރަތަމަ ގޯލު މިލްނާ ދިން ޕާހަކުން ފުރަތަމަ ހާފުގެ ފަހުކޮޅު ލިވަޕޫލަށް ކާމިޔާބުކޮށްދިނީ މާނޭ އެވެ. ލިވަޕޫލުން ލީޑުގައި އޮއްވައި މެޗުގައި ލެސްޓާއަށް ނަތީޖާ ހަމަހަމަ ކޮށްދިނީ ޖޭމްސް މެޑިސަން އެވެ.

“އެއީ ވަރަށް އާދައިގެ ޕެނަލްޓީއެއް. އަހަރެންނަށް ގަބޫލުކުރާ ގޮތުގައި އެއީ ޔަގީންކަމާއެކު ރެފްރީއަށް ދެވޭނެ ޕެނަލްޓީއެއް ނޫން. އެއީ އެވަރުގެ ފައުލެއް އެތަނުގަ ނުވޭ. އެކަމަކު ރެފްރީ ޕެނަލްޓީ ދިނުމަށް ފަހު ވީއޭއާރަށް ވެސް އެކަމާ ދެކޮޅަށް ދާން އުނދަގޫވީ ކަންނޭނގެ” ކުރިން ލިވަޕޫލަށް އިރުޝާދުދިން ކޯޗު ބުންޏެވެ.

ރޮޖާސް ބުނީ ޔޫރަޕްގެ ޗެމްޕިއަނުންނާ ދެކޮޅަށް އޭނާގެ ކްލަބުން ދެއްކި ކުޅުމާމެދު ފަހުރުވެރިވާ ކަމަށާއި، އެކަމުން ދައްކުވައިދެނީ ލެސްޓާ ކުރިއަށް ދަނީ ރަނގަޅު މިސްރާބަށް ކަމަށެވެ.

“95 ވަނަ މިނެޓުގައި ޕެނަލްޓީއަކުން ގޯލު ވަނުން ބަލައިގަންނަން އުނދަގޫ. އަހަރެން ގަބޫލުކުރާ ގޮތުގައި އަހަރެމެނަށް މި މެޗުން ޕޮއިންޓެއް ހައްގު” ފަހު ވަގުތުގެ މެޗުން ބަލިވުމުން މާޔޫސްވެފައިހުރި ކޯޗު ރޮޖާސް ބުންޏެވެ.

ރޮޖާސް އިތުރަށް ބުނީ ރެފްރީ މެޗުގައި ޕެނަލްޓީ ނުދިންނަމަ އެއީ ޕެނަލްޓިއެއް ކަމަށްބުނެ އެއްވެސް މީހަކު އެވާހަކަ ނުދައްކާނެ ކަމަށެވެ.

“މިހާރުގެ ފޯވާޑުން ވަރަށް ވިސްނުންތޫނު ވާނެ. އޭނަ (މާނޭ) ގައިގައި ޖެހުމާއެކު ވެއްޓުނު. ރެފްރީ ޕެނަލްޓީއެއް ނުދިންނަމަ އަހަރެންނަށް ހިއެއްނުވޭ އެއްވެސް މީހަކު އެއީ ހެދުނު ގޯހެކޭ ބުނާނެހެނެއް. ނަސީބު ދެރަކަމުން މިފަހަރު އަހަރެމެނަށް މިކަން ދިމާވީ” ރޮޖާސް ބުންޏެވެ.

ރޭގެ މޮޅާއެކު ލިވަޕޫލް ވަނީ ލީގުގެ ފުރަތަމަ އަށް މެޗުގައި ސަތޭކަ އިންސައްތަ ރެކޯޑް ދަމަހައްޓައިފަ އެވެ. އަދި، ރޭގެ މޮޅާ އެކު އެޓީމު ވެފައިވަނީ ލީގުގެ ތާރީހުގައި ފުރަތަމަ އަށް މެޗުން ދެ ސީޒަނެއްގައި މޮޅުވި ފުރަތަމަ ޓީމަށެވެ. އަނެއްކޮޅުން ޖެހިޖެހިގެން 17 މެޗުން ލިވަޕޫލުން މިހާރު މޮޅުވެފައިވާއިރު މެންޗެސްޓަރ ސިޓީން ހަދާފައިވާ 18 މެޗުގެ ރެކޯޑާ ހަމަކުރަން އެޓީމަށް ބޭނުންވަނީ އެންމެ މެޗެކެވެ. ލީގުގައި ލިވަޕޫލް ދެން އެންމެ އަވަހަށް ނުކުންނާނީ ރަށުން ބޭރުގައި މެންޗެސްޓަރ ޔުނައިޓެޑާއި ދެކޮޅަށެވެ.

ރޭގެ މެޗަށް ފަހު ލިވަޕޫލްގެ ކޯޗު ޔާގެން ކްލޮޕް ވަނީ މެޗު ނިމެން އުޅެނިކޮށް ލެސްޓާގެ ހަމްޒާ ޗޯދުރީ މުހައްމަދު ސަލާހް އަށް ކުރި ފައުލަކީ ސީދާ ރަތް ކާޑެއް ކަމަށް ބުނެފަ އެވެ.

ލީގުގެ ފުރަތަމަ އަށް މެޗުން މޮޅުވެ ލިވަޕޫލް އެއް ވަނައިގައި އޮތީ 24 ޕޮއިންޓާއެކު އެވެ. ދެ ވަނައިގައި 16 ޕޮއިންޓާއެކު އޮތް މެންޗެސްޓަރ ސިޓީ ލީގުގައި މިރޭ އަމިއްލަ ދަނޑުގައި ވުލްވްސް ބަލިކޮށްގެން ލިވަޕޫލާ ދެމެދު އޮތް ފަރަގު ފަސް ޕޮއިންޓަށް ކުޑަކުރެވޭނެ އެވެ. ސިޓީގެ އިތުރުން މިރޭ އާސެނަލް އަމިއްލަ ދަނޑުގައި ބޯންމައުތާ ދެކޮޅަށް ނުކުންނައިރު މެންޗެސްޓަރ ޔުނަޓެޑް ރަށުން ބޭރުގައި ނުކުންނާނީ ނިއުކާސަލް ޔުނައިޓެޑާ ދެކޮޅަށެވެ.  

ކޮމެންޓް