ފުރަތަމަ ގޯލުން އިތުބާރު ލިބިއްޖެ: ހަޒާޑް

ރެއާލަށް ފުރަތަމަ ގޯލު ޖަހައިދިނުމަށް ފަހު ހަޒާޑް އުފާފާޅުކުރަނީ،

ފަސް އަހަރު ދުވަހުގެ އެއްބަސްވުމެއްގައި ޗެލްސީ ދޫކޮށް މިދިޔަ ޖޫން މަހު ރެއާލް މެޑްރިޑަށް ބަދަލުވުމަށް ފަހު ރޭ އެކްލަބަށް ޖަހައިދިން ފުރަތަމަ ގޯލަށް ފަހު އިތުރު ގޯލުތަކެއް ޖަހަން އިތުބާރު ލިބިއްޖެ ކަމަށް އެޑެން ހަޒާޑް ބުނެފި އެވެ. ރޭ ސްޕެނިޝް ލީގުގައި އަމިއްލަ ދަނޑުގައި ގްރަނަޑާއާ ވާދަކުރި މެޗުން ރެއާލް މޮޅުވީ 4-2 އިންނެވެ.

ރޭގެ މެޗުގެ ފުރަތަމަ ގޯލު މެޗު ފެށިގެން ދެ ވަނަ މިނެޓުގައި ޖެހީ ކަރިމް ބެންޒެމާ އެވެ. ރެއާލްގެ ޖާޒީގައި ފުރަތަމަ ގޯލު ހަޒާޑް ޖަހައިދިނީ ފުރަތަމަ ހާފުގެ އިތުރު ވަގުތުގަ އެވެ. އޭރިޔާ ތެރެއިން ހަޒާޑަށް ލިބުނު ބޯޅަ ގްރަނާޑާގެ ދެ ޑިފެންޑަރުން ކައިރިވި ވަގުތު ހަޒާޑް ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލީ ކީޕަރުގެ ބޯމަތިންނެވެ. ރެއާލަށް ލީޑު އިތުރަށް ފުޅާކޮށްދިނީ ލޫކާ މޮޑްރިޗް އެވެ. އެކަމަކު ގްރަނާޑާގެ ޑާވިން މާޗިސް އާއި ޑޮމިންގޯސް ޑުއާޓޭ ޖެހި ގޯލުތަކުން އެޓީމުން ވަނީ އުއްމީދެއް ހޯދައި ރެއާލް ހާސްކޮށްލައިފަ އެވެ. އެކަމަކު މެޗުގެ އިތުރު ވަގުތުގައި ރެއާލްގެ ހަމޭސް ރޮޑްރިގޭޒް ވަނީ ރެއާލްގެ ހަތަރު ވަނަ ގޯލު ޖަހައިފަ އެވެ. މިއީ މިދިޔަ ދެ ސީޒަނުގައި ބަޔާން މިއުނިކަށް ލޯނު އުސޫލުން ކުޅުމަށް ފަހު އެނބުރި އައިސް ހަމޭސް އެ ކްލަބަށް ޖަހައިދިން ފުރަތަމަ ގޯލެވެ.

“އަހަރެން މިހުރީ ޓީމަށް މޮޅެއް ލިބުމުން ވަރަށް އުފާވެފަ. ކުޅެންޏާ ކޮންމެ ކުޅުންތެރިއަކު ވެސް ބޭނުންވާނެ ގޯލު ޖަހަން. އެކަމަކު އެންމެ މުހިއްމު ކަމަކީ ޓީމަށް މޮޅު ލިބުން. އަހަރެމެން މިއޮތީ ތާވަލުގެ އެއް ވަނައިގައި. އެއީ އަހަރެމެންގެ އަމާޒަކީ” އިތުރު ގޯލެއް ޖަހަން މަގުފަހިކޮށްދިން ހަޒާޑް މެޗަށް ފަހު ރެއާލް މެޑްރިޑް ޓީވީއަށް ދިން އިންޓަވިއުއެއްގައި ބުންޏެވެ.

މި ސީޒަނުގައި ޒިނެދިން ޒިދާނާއެކު އެންމެ ރަނގަޅު ނަތީޖާތައް ރެއާލަށް ނެރެވިފައިނުވާއިރު ގޯލެއް ޖެހިފައިނުވާތީ ބޮޑު އަގުގައި ރެއާލަށް ބަދަލުވި ހަޒާޑަށް ވަނީ ގިނަ ފާޑުކިޔުންތަކެއް އަމާޒުވެފަ އެވެ. އެކަމަކު ފުރަތަމަ ގޯލަށް ފަހު ހަޒާޑް ބުނީ އޭނާއަށް މިހާރު އިތުބާރު ލިބިއްޖެ ކަމަށެވެ.

“އަބަދުވެސް ފުރަތަމަ ގޯލު ޖެހުމަކީ އުނގަދޫ ކަމެއް. އެކަމަކު ފުރަތަމަ ގޯލަށް ފަހު އިތުބާރު ލިބޭނެ ގޯލަށް ޝޫޓުކޮށް އިތުރު ގޯލުތަކެއް ޖަހަން. އަހަރެންގެ އުއްމީދަކީ މި ހައިބަތު ބޮޑު ކްލަބަށް ގިނަ ގޯލުތަކެއް ޖަހައިދިނުން. އަހަރެން ގޯލެއް ކާމިޔާބުކުރުން ޓީމަށް އޮތީ ވަރަށް މުހިއްމުވެފައި” ބެލްޖިއަމްގެ ހަޒާޑް ބުންޏެވެ.

ރެއާލަށް ބަދަލުވުމަށް ފަހު ފުރަތަމަ ކުޅުނު ފަސް މެޗުގައި ހަޒާޑްގެ ފަރާތުން މާ ރަނގަޅު ކުޅުމެއް ފެނިފައެއްނުވެ އެވެ. އެކަމަކު ރޭގެ މެޗުގައި ހަޒާޑް ގޯލު ޖެހުމުން ކޯޗު ޒިދާން ވެސް ބުނީ އެއީ އޭނާއަށް ލިބުނު ބޮޑު ހިތްހަމަޖެހުމެއް ކަމަށާއި ދެން ހަޒާޑްގެ ފަރާތުން ގިނަ ގޯލުތަކެއް ފެންނާނެ ކަމަށެވެ.

ލީގުގައި ރޭ ހޯދި މޮޅާއެކު އަށް މެޗުން 18 ޕޮއިންޓް ހޯދައި ރެއާލް އޮތީ އެއް ވަނައިގަ އެވެ. ދެ ވަނައިގައި 14 ޕޮއިންޓާއެކު އޮތީ ރޭ ރެއާލް އަތުން ބަލިވި ގްރަނާޑާ އެވެ. އެތުލެޓިކޯ މެޑްރިޑް ވެސް 14 ޕޮއިންޓް ހޯދައި ގޯލުގެ ތަފާތުން ތިން ވަނައިގައި އޮތް އިރު ޗެމްޕިއަން ބާސެލޯނާ އޮތީ 13 ޕޮއިންޓާއެކު ހަތަރު ވަނައިގަ އެވެ.

ކޮމެންޓް