ޒުވާން ކުޅުންތެރިންނާއެކު އާސެނަލުން ބޮޑު މޮޅެއް ހޯދިއިރު ޔުނައިޓެޑް ގޮތްހުސްވެފައި

ޔޫރޮޕާ ލީގުގައި ރޭ އާސެނަލް ކުޅުނު މެޗް ފަސޭހަކަމާއެކު ކާމިޔާބުކުރިއިރު މެންޗެސްޓަރ ޔުނައިޓެޑް ރޭ ކުޅުނު މެޗް އެއްވަރުވެގެން ނިމިއްޖެއެވެ. އަމިއްލަ ދަނޑުގައި ރޭ ބެލްޖިއަމްގެ ސްޓޭންޑާޑް ލީގް އާ ވާދަކޮށް އާސެނަލް މޮޅުވީ 0-4 އިންނެވެ. މެންޗެސްޓަރ ޔުނައިޓެޑް ރަށުން ބޭރުގައި ނެދަލޭންޑްސްގެ އޭޒެޑް އަލްކްމާރް އާ ދެކޮޅަށް ކުޅުނު މެޗް އެއްވަރުވީ 0-0 އިންނެވެ.

ރޭ އާސެނަލް އާއި ސްޓޭންޑާޑް ލީގް ބައްދަލުކުރި މެޗަށް އާސެނަލް ނުކުތީ އެންމެ ފަހުން އިނގިރޭސި ޕްރިމިއާ ލީގުގައި މެންޗެސްޓަރ ޔުނައިެޑާ ދެކޮޅަށް ކުޅެ އެއްވަރު ކުރި މެޗްގައި ނުކުތް ފުރަތަމަ އެގާރައަށް ދިހަ ބަދަލެއް ގެނެސްގެންނެވެ. ރޭގެ މެޗުން ކޯޗް އުނާއި އެމެރީ ބޮޑަށް ފުރުސަތު ދީފައިވަނީ ޒުވާން ކުޅުންތެރިންނަށެވެ. ރޭ ސްޓޭންޑާޑް ލީގް އާ ދެކޮޅަށް އާސެނަލުން ނެރުނު ޓީމްގެ އެވްރެޖް އުމުރަކީ 22 އަހަރެވެ.

ރޭގެ މެޗްގައި އާސެނަލުން ޖެހި ހަތަރު ލަނޑުގެ ތެރެއިން ތިން ލަނޑު ޖަހައިފައިވަނީ މެޗްގެ ފުރަތަމަ ހާފްގައެވެ. ފުރަތަމަ ގޯލް މެޗްގެ 13 ވަނަ މިނެޓްގައި އާސެނަލަށް ކާމިޔާބުކޮށްދިނީ ބްރެޒިލްއަށް އުފަން އުމުރުން 18 އަހަރުގެ ފޯވާޑް ގަބްރިއެލް މާޓިނެއްލީ އެވެ. އޭގެ ތިން މިނެޓް ފަހުން އާސެނަލަށް ލީޑް ފުޅާކޮށްދިން ގޯލްވެސް ކާމިޔާބުކޮށްދީފައިވަނީ ހަ މިލިއަން ޕައުންޑަށް އާސެނަލަށް މިފަހަރު ގެނައި މާޓިނެއްލީ އެވެ. މިއީ މާޓިނެއްލީ އާސެނަލްގެ ފުރަތަމަ އެގާރައިގައި ކުޅުނު ދެ މެޗްގައި ކާމިޔާބުކުރި ހަތަރު ވަނަ ގޯލެވެ. މީގެ ކުރިން އާސެނަލްގެ ފުރަތަމަ އެގާރައިގައި ހިމެނިގެން އިނގިރޭސި ލީގު ކަޕްގައި ނޮޓިންހަމް ފޮރެސްޓާ ދެކޮޅަށް ކުޅުނު މެޗްގައި މާޓިނެއްލީ ވަނީ ދެ ގޯލް ޖަހައިފައެވެ.

ރޭގެ މެޗަށް ނުކުތްއިރުވެސް އާސެނަލްގެ ސަޕޯޓަރުންގެ އުއްމީދުތައް އެންމެ ބޮޑަށް ގުޅިފައި އޮތީ މާޓިނެއްލީ އާއެވެ. މާޓިނެއްލި އަށް ބޯޅަ ލިބޭ ކޮންމެ ފަހަރަކު އާސެނަލްގެ ސަޕޯޓަރުންގެ ފޯރި ގަދަވާ ކަން ފާހަގަކުރެވުނެވެ. މިދިޔަ ސީޒަންގައި ބްރެޒިލްގެ ހަތަރުވަނަ ޑިވިޝަންގެ ޓީމަކަށް މާޓިނައްލީ ކުޅުނު  ނަމަވެސް ރޭގެ މެޗުން އެކަނިވެސް އޭނާގެ ފެންވަރު ވަނީ ސާބިތުކޮށްދީފައެވެ. ރޭގެ މެޗްގައި މާޓިނެއްލީ ޖެހި ދެ ގޯލަކީވެސް ބަލާލަން ހިތްގައިމު މޮޅު ދެ ގޯލެވެ. ފުރަތަމަ ގޯލް ބޮލުން ޖަހައި ސްޓޭންޑާޑް ލީގްގެ ގޯލްކީޕަރުގެ ބޯ މަތިން ގޯލްގެ ތެރެއަށް ފޮނުވާލިއިރު ދެވަނަ ގޯލަކީ އޭނާގެ ކަނާތު ފައިން ޖަހައި ގޯލްގެ ކަނަށް ވައްދާލި ގޯލެކެވެ.  

ކަކުލަށް ލިބުނު އަނިޔާއެއްގެ ސަބަބުން ނުވަ މަސްދުވަހު ކުޅުމާ ދުރުގައި ހުރުމަށްފަހު ކެޕްޓަން ބޭންޑް އަޅައިގެން ޑިފެންޑަރު ހެކްޓާ ބެލެރިން އާސެނަލަށް ކުޅުނު ފުރަތަމަ މެޗްގައި އާސެނަލުން ޖެހި ތިން ވަނަ ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ މެޗްގެ 22 ވަނަ މިނެޓްގައި އާސެނަލްއަށް ކުޅެމުން އަންނަ އުމުރުން 20 އަހަރުގެ ޖޯ ވިލޮކް އެވެ. ލަނޑު ޖަހާނެ ގިނަ ފުރުސަތުތަކެއް އާސެނަލުން ތަނަވަސްކުރި ރޭގެ މެޗްގައި އެޓީމުން ޖެހި ފަހު ލަނޑު ކާމިޔާބުކޮށްދިނީ މެޗްގެ 57 ވަނަ މިނެޓްގައި މާޓިނެއްލީ ދިން ބޯޅައަކުން ޑެނީ ސެބަލޯސް އެވެ.

ރޭގެ މެޗުން ހޯދި މޮޅާއެކު އާސެނަލް މިހާރު އޮތީ ހަ ޕޮއިންޓާއެކު ގްރޫޕް އެފްގެ އެއް ވަނައިގައެވެ.

ރޭ މެންޗެސްޓަރ ޔުނައިޓެޑާއި އޭޒެޑް އަލްކްމާރު ބައްދަލުކުރި މެޗް އެއްވަރުވެގެން ނިމުނު އިރު ޔުނައިޓެޑްގެ ފަރާތުން ރޭގެ މެޗްގައިވެސް ފެނުނީ ދަށް ކުޅުމެކެވެ. އެންމެ ފަހުން ޕްރިމިއާ ލީގުގައި އާސެނަލް އާ ދެކޮޅަށް ކުޅުނު މެޗްގައި ނުކުތް ފުރަތަމަ އެގާރައަށް އަށް ބަދަލެއް ގެނެސްގެން ރޭގެ މެޗަށް ޔުނައިޓެޑް ނުކުތް ނަމަވެސް ޑޭވިޑް ޑެހެއާ، ނަމެންޖާ މަޓިޗް، ހުއާން މަޓާގެ އިތުރުން ފްރެޑް ފަދަ ތަޖްރިބާކާރު ކުޅުންތެރިން ރޭގެ މެޗްގެ ފުރަތަމަ އެގާރައިގައި ކުޅެފައިވެއެވެ. އަދި އެންނެ ފަހުން އާސެނަލް އާ ދެކޮޅަށް ކުޅުނު މެޗްގައި ގޯލްޖެހި މެކްޓޮމިނޭ އާއި އިނގިރޭސި ގައުމީ ޓީމްގެ ފޯވާޑް މާކަސް ރެޝްފޯޑް ވެސް ފަހު ހާފްގައި ކުޅެން އަރުވައިފައި ވެއެވެ.

އޭޒެޑް އަލްކްމާރުގެ އަމިއްލަ ދަނޑަށް މިދިޔަ އޯގަސްޓް މަހު ލިބުނު ގެއްލުމަކާއި ގުޅިގެން 50 މޭލު ދުރުގައި އޮތް އެހެން ސްޓޭދިއަމެއްގައި ކުޅުނު ރޭގެ މެޗްގައި ގޯލެއް ކާމިޔާބުކުރުމާއި އެންމެ ގާތަށް ދިޔައީ އޭޒެޑުން ނެވެ. ނެދަލޭންޑްސްގެ 19 އަހަރުން ދަށުގެ ގައުމީ ޓީމަށް ކުޅެމުން އަންނަ ބޯޑޫ ބޮލުން ޖަހައި ޔުނައިޓެޑްގެ ގޯލްގެ ތެރެއަށް ބޯޅަ ވައްދާލި ނަމަވެސް ރެފްރީ ނިންމީ އޮފްސައިޑް ކަމަށެވެ. އަނެއްކޮޅުން މެޗް ނިމެން ދިހަ މިނެޓަށް ވެފައި ވަނިކޮށް އޭޒެޑްގެ ޑިފެންޑަރަކު ރެޝްފޯޑް ވައްޓާލުމާ ގުޅިގެން ޔުނައިޓެޑުން ޕެނަލްޓީ އަކަށް އެޕީލްކުރި ނަމަވެސް ރެފްރީ ޔުނައިޓެޑަށް ޕެނަލްޓީއެއް ދީފައެއް ނުވެއެވެ. އަދި، ޔޫރޮޕާ ލީގުގެ ގްރޫޕް ސްޓޭޖްގެ މެޗްތަކުގައި ވީއޭއާރު ބޭނުން ނުކުރާތީ ރެފްރީގެ ނިންމުން ބަދަލުވުމަކަށް އެއްވެސް ފުރުސަތެއްވެސް ރެއަކު ނެތެވެ.

ރޭގެ މެޗްގެ ނަތީޖާ އާއެކު ގްރޫޕް އެލްގެ އެއް ވަނައިން ޔުނައިޓެޑް ވަނީ ކައްސާލައިފައެވެ. ޔުނައިޓެޑާއި ސާބިއާގެ ޕާޓިޒަން ބެލްގްރެޑް އަށް ހަތަރު ޕޮއިންޓް ލިބިފައި އޮތް ނަމަވެސް ގޯލްގެ ތަފާތުން އެއް ވަނައިގައި މިހާރު އޮތީ ޕާޓިޒަން އެވެ.  

ކޮމެންޓް