ދަސްވެނިވުނު ދަރިވަރުން ޖަހައިދިން ގޯލްތަކުން ޔުނައިޓެޑާއި އާސެނަލް މޮޅުވެއްޖެ

ަޒުވާން ކުޅުންތެރިން ޖަހައިދިން ގޯލްތަކުގެ އެހީގައި ޔޫއެފާ ޔޫރޮޕާ ލީގުގައި ރޭ އިނގިރޭސި ވިލާތުގެ މެންޗެސްޓާ ޔުނައިޓެޑާއި އާސެނަލް ކުޅުނު މެޗްތަކުން އެ ދެ ޓީމް މޮޅުވެއްޖެ އެވެ. ޔޫރަޕްގެ ފުޓްބޯޅައިގެ އެންމެ ދަށް ފަންތީގައި ގުނާލެވޭ ކަޒަކިސްތާނުގެ ލީގް ޗެމްޕިއަން އެފްސީ އަސްޓާނާ އާއި ވާދަކޮށް އަމިއްލަ ދަނޑުގައި މެންޗެސްޓާ ޔުނައިޓެޑް ރޭ 0-1 އިން މޮޅުވިއިރު ރަށުން ބޭރުގައި ޖަރުމަންގެ އެއިންޓްރަކް ފްރެންކްފަޓްއާ ވާދަކޮށް އާސެނަލް މޮޅުވީ 0-3 އިންނެވެ.

2017 ވަނަ އަހަރު ސްވިޑްންގެ ސްޓޮކްހޯމްގައި އޮތް ޔޫރޮޕާ ލީގުގެ ފައިނަލްގައި ނެދަލެންޑްސްގެ އަޔަކްސް ބަލިކޮށް ތަށި ހޯދި މެޗަށް ފަހު މުބާރާތުގައި މެންޗެސްޓާ ޔުނައިޓެޑުން ކުޅުނު ފުރަތަމަ މެޗްގައި އެޓީމުން ޖެހި ހަމައެކަނި ލަނޑު މެޗްގެ 73 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ 17 އަހަރުގެ ފޯވާޑް މޭސަން ގްރީންވުޑް އެވެ. މިއީ ގްރީންވުޑް ޔުނައިޓެޑްގެ ސީނިއާ ޓީމަށް ކާމިޔާބުކޮށްދިން ފުރަތަމަ ގޯލެވެ. އުމުރުން ހަ އަހަރުން ފެށިގެން ޔުނައިޓެޑްގެ އެކަޑަމީގައި ތަމްރީން ހަދަމުން އަންނަ ގްރީންވުޑް ރޭ ކާމިޔާބުކުރި ލަނޑާއެކު އޭނާ ހިމެނިފައިވަނީ ޔުނައިޓެޑަށް ޔޫރަޕްގެ މުބާރާތެއްގައި ގޯލެއް ކާމިޔާބުކޮށްދިން އެންމެ ހަގު ކުޅުންތެރިޔާގެ ގޮތުގަ އެވެ.

ރޭގެ މެޗްގައި ގްރީންވުޑް ޔުނައިޓެޑަށް ލީޑް ނަގައިދިނުމުގެ ކުރިން ވެސް އެޓީމަށް ލަނޑު ޖަހާނެ ގިނަ ފުރުސަތުތަކެއް ލިބުނެވެ. މިގޮތުން ބްރެޒިލްގެ މިޑްފީލްޑަރު ފްރެޑް އަސްޓާނާގެ އޭރިޔާ ބޭރުން ފޮނުވާލި ބާރު ބޯޅައެއް ގޯލް ދަނޑީގައި ޖެހިފައި ނުކުތްއިރު އޭގެ ފަހުން އޭނާ ފޮނުވާލި ހިލޭ ޖެހުމެއް އަސްޓާނާގެ ކީޕަރު ވަނީ ދިފާއުކޮށްފަ އެވެ. މީގެ އިތުރުން ޔުނައިޓެޑްގެ އިނގިރޭސި ފޯވާޑް މާކަސް ރަޝްފޯޑަށް ލަނޑު ޖަހާނެ ގިނަ ފުރުސަތުތަކެއް މި މެޗްގައި ލިބި ބޭކާރުވި އެވެ. ޔުނައިޓެޑް ލީޑް ނެގި ފަހުން އެޓީމްގެ ޑިއޯގޯ ޑަލޯ އަށް އަސްޓާނާގެ ގޯލާ ވަރަށް ކައިރިން ލިބުނު ބޯޅައެއް ފޮނުވާލުމުން ވެސް ދިއައީ ހުރަސް ދަނޑިމަތިން ބޭރަށެވެ. އޭގެ ފަހުން ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުތް ޖެސީ ލިންގާޑް އަސްޓާނާގެ ގޯލާ އަމާޒުކޮށް ފޮނުވާލި ބާރު ހަމަލާއެއް އެ ޓީމުގެ ގޯލްކީޕަރު ނެނާޑް އެރިކް ވަނީ މަތަކޮށްފަ އެވެ. ރޭގެ މެޗްގައި ޔުނައިޓެޑްގެ ގޯލާ އަމާޒުކޮށް އަސްޓާނާ އަށް ހަމަލާއެއް ފޮނުވާލެވިފައެއް ނުވެ އެވެ.

ރޭ އާސެނަލް އާއި ޖަރުމަނުގެ ފްރޭންކްފަޓް ބައްދަލުކުރި މެޗްގައި އާސެނަލް އިން ކާމިޔާބުކުރި ތިން ލަނޑުގެ ތެރެއިން ފުރަތަމަ ދެ ލަނޑު ކާމިޔާބުކޮށްދީފައިވަނީ އެ ކްލަބްގެ އެކަޑަމީން ތަމްރީންކުރި ދެ ކުޅުންތެރިންނެވެ. ފުރަތަމަ ލަނޑު މެޗްގެ 38 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ ޖޯ ވިލޮކް އެވެ. އާސެނަލްގެ ދެވަނަ ގޯލް މެޗްގެ 85 ވަނަ މިނެޓްގައި ކާމިޔާބުކޮށްދީފައިވަނީ މި މެޗްގައި ތަފާތު މޮޅު ކުޅުމެއް ދެއްކި ބުކާޔޯ ސާކާ އެވެ. ސާކާ ވަނީ އާސެނަލްގެ ދެވަނަ ގޯލް ކާމިޔާބުކޮށްދިނުމުގެ އިތުރުން ފުރަތަމަ ގޯލާއި ތިން ވަނަ ގޯލް ޖަހަން އެހީތެރިވެދީފަ އެވެ. މިއީ ސާކާ މި ސީޒަންގައި އާސެނަލްގެ ސީނިއާ ޓީމަށް ކުޅުނު ފުރަތަމަ މެޗެވެ.

ރޭގެ މެޗްގައި އާސެނަލް އިން ޖެހި ފަހު ލަނޑު މެޗްގެ 87 ވަނަ މިނެޓްގައި އެޓީމަށް ކާމިޔާބުކޮށްދިނީ އެ ޓީމްގެ އިތުބާރު ފޯވާޑް ޕިއޭ-އެމެރިކް އޮބާމިޔަން އެވެ. ރޭ އާސެނަލް ހޯދި މޮޅަކީ މިސީޒަންގައި އެޓީމް އެންމެ ފަހުން ކުޅުނު ތިން މެޗްގައި މޮޅެއް ނުލިބި ދިއުމަށް ފަހު ހޯދި ކާމިޔާބެކެވެ. ރޭގެ މެޗްގައި އިތުރު ލަނޑުތަކެއްވެސް ޖަހަން އާސެނަލް އަށް ފުރުސަތު ލިބުނެވެ. އެކަމަކު ހަމަ އެއާއެކު އާސެނަލްގެ ޑިފެންސް ލައިންގައި ގިނަ މައްސަލަތަކެއް ފެންނަންހުރިކަންވެސް ރޭގެ މެޗުގައި ފާހަގަކުރެވުނެވެ. އޭގެ ގޯސް ނަތީޖާ މެޗްގައި ނުފެނުމުގެ ހުރިހާ ޝުކުރެއް ހައްގުވަނީ އާސެނަލްގެ ގޯލް ކީޕަރު އެމިލިއާނޯ މާޓިނޭޒް އަށެވެ. ރޭގެ މެޗްގެ ފުރަތަމަ ހާފްގައި އާޖެންޓީނާގެ މާޓިނޭޒް ވަނީ ފްރޭންކްފަޓްގެ ފިލިޕް ކޮސްޓިޗް އަދި އެންޑްރޭ ސިލްވާ ފޮނުވާލި ނުރައްކާތެރި ދެ ހަމަލާ އެއް ހުށިޔާރުކަމާއެކު މަތަކޮށްފަ އެވެ. ރޭގެ މެޗްގައި އާސެނަލް އަށް ދެ ވަނަ ގޯލެއް ޖަހައި ލީޑް ފުޅާ ކުރަން މަގުފަހިވީ ފްރޭންކްފަޓްގެ ޑޮމިނިކް ކޯރް އަށް ދެވަނަ ރީދޫ ކާޑަކާ އެކު ރަތް ކާޑެއް ދައްކައި ދަނޑުން ފޮނުވާލި ހިސާބުންނެވެ.

ކޮމެންޓް