ޗެމްޕިއަންކަން ލިބުނަސް ލިވަޕޫލަކީ ޔޫރަޕްގެ އެންމެ މޮޅު ޓީމެއް ނޫން: ކްލޮޕް

މިދިޔަ ސީޒަނުގައި ޔޫއެފާ ޗެމްޕިއަންސް ލީގު ކާމިޔާބުކުރުމުން ޔޫރަޕްގައި އޮތް އެންމެ މޮޅު ޓިމަށް ލިވަޕޫލް ނުވާ ކަމަށް ކޯޗު ޔާގެން ކްލޮޕް ބުނެފި އެވެ. ޔޫރަޕްގެ ޗެމްޕިއަންކަން ހަ ވަނަ ފަހަރަށް މިދިޔަ ސީޒަނުގައި ލިވަޕޫލުން ހޯދީ މެޑްރިޑްގައި ކުޅުނު ފައިނަލުގައި 2-0 އިން ޓޮޓެންހަމް ހޮޓްސްޕާސް ބަލިކޮށްގެންނެވެ.

މި ސީޒަނުގެ ޗެމްޕިއަންސް ލީގުގެ ކުޅުން މިރޭ ފަށާއިރު ނަޕޯލީ އާއި ގެންކް އަދި ސާލްސްބާގާ އެކު ލިވަޕޫލް ހިމެނުނީ ގްރޫޕް އީގަ އެވެ. ފުރަތަމަ މެޗުގައި ރަށުން ބޭރުގައި ލިވަޕޫލް މިރޭ ނުކުންނާނީ ނަޕޯލީއާ ދެކޮޅަށެވެ. މިރޭގެ މެޗުގެ ކުރިން ކްލޮޕް ބުނީ ކުރީގެ ކާމިޔާބީން ޓީމުގެ ކުޅުން ރަނގަޅު ނުކުރެވޭނެކަމަށެވެ. ޔޫރަޕްގެ އެންމެ މޮޅު ޓީމަކީ ލިވަޕޫލް ނޫންކަމަށް ބުނިއިރު ކްލޮޕް ވަނީ ދުނިޔޭގެ އެންމެ މޮޅު ޓީމަކީ މެންޗެސްޓަރ ސިޓީ ކަމަށް ބުނެފަ އެވެ.

“މޮޅެތި ވަރަށް ބައިވަރު ޓީމުތައް އެބަހުރި. އެންމެ މޮޅު ޓީމުކަން ސާބިތުކޮށްދޭން އެއް ފެންވަރެއްގައި ކުޅެންޖެހޭ. މެންޗެސްޓަރ ސިޓީއަކީ ދުނިޔޭގެ އެންމެ މޮޅު ޓީމަށް ވާއިރު އަހަރެމެނަށް ޔޫރަޕްގެ އެންމެ މޮޅު ޓީމަށް ނުވެވޭނެ” ލިވަޕޫލާއެކު ހޯދި ފުރަތަމަ ކާމިޔާބީއަށް ނިސްބަތްކޮށް ކްލޮޕް ބުންޏެވެ.

މިދިޔަ ސީޒަނުގެ ޗެމްޕިއަންސް ލީގު ކާމިޔާބުކުރި އިރު އެޓީމަށް ދެ ވަނަ ބުރުން ފުރުސަތު ލިބުނީ ފަހު މެޗުގައި ނަޕޯލީ ބަލިކޮށް ހަނި ގޮތަކަށެވެ. އެކަމަކު އޭގެ ފަހުން ޗެމްޕިއަންކަމާއި ހަމައަށް ލިވަޕޫލުން ވަނީ މޮޅު ކުޅުމެއް ދައްކައިފަ އެވެ. ޗެމްޕިއަންސް ލީގުގެ ފައިނަލަށް ލިވަޕޫލް ދަތުރުކުރީ ފުރަތަމަ ލެގްގައި ބާސެލޯނާ އަތުން 3-0 އިން ބަލިވެފައިވަނިކޮށް އަމިއްލަ ދަނޑުގައި ކުޅުނު ދެ ވަނަ ލެގްގައި 4-0 އިން މޮޅުވެގެންނެވެ.

“މިދިޔަ ސީޒަނުގަ އަހަރެމެން ވަރަށް މޮޅަށް ކުޅުނިން. އެކަމަކު އަހަރެންނަށް ޔަގީނެއް ނޫން އަހަރެމެންނަކީ ޔޫރަޕްގެ އެންމެ މޮޅު ޓީމު ކަމަކަށް. އެކަމަކު މުހިއްމު ދަނޑިވަޅުތަކުގައި އަހަރެމެން މޮޅަށް ކުޅުނިން އެހެންވެ ޗެމްޕިއަންސް ލީގު ކާމިޔާބުކުރެވުނީ” ގިނަ ބަޔަކު ހައިރާންކޮށްލުމަށް ފަހު ފައިނަލަށް ދަތުރުކޮށް ލިވަޕޫލަށް ތަށި ހޯދައިދިން ކޯޗު ބުންޏެވެ.

ޖެހިޖެހިގެން ދެ ވަނަ ސީޒަނުގައި ނަޕޯލީއާ ދެކޮޅަށް ނުކުންނައިރު ޓީމުތަކުން މިފަހަރު ލިވަޕޫލާ ދެކޮޅަށް ނުކުންނާނީ ޗެމްޕިއަނުން ކަމަށް ދެކިގެން ކަމަށާއި، އެއީ އެޓީމުތަކުން އިތުރު ހިތްވަރެއް ލާނެ ސަބަބެއް ކަމަށް ކްލޮޕް ބުންޏެވެ. މިދިޔަ ސީޒަނުގައި ނަޕޯލީގެ ދަނޑުގައި 1-0 އިން ބަލިވިޔަސް ކްލޮޕް ބުނީ މިފަހަރުގެ މުބާރާތުގެ އެއްވެސް މެޗެއް ގެއްލެން ބޭނުންނުވާ ކަމަށެވެ. އަދި ނަޕޯލީއާ ދެކޮޅަށް ކުޅޭއިރު ރަނގަޅަށް ޑިފެންސް ނުކުރެވިއްޖެ ނަމަ މޮޅުވުމުގެ ފުރުސަތެއް ނޯންނާނެކަމަށް ކްލޮޕް ބުންޏެވެ.

“މިދިޔަ ސީޒަނުގަ ލިވަޕޫލުން ދިޔައީ މެޗަކަށް ފަހު މެޗަކުން ކަންކަން ދަސްކުރަމުން. މިފަހަރު އަހަރެމެން ޖެހޭނެ އެ ތަޖުރިބާގެ ބޭނުންކުރަން. ސަބަބަކީ ނަޕޯލީއާ ދެކޮޅަށް ރަނގަޅަށް ޑިފެންސް ނުކުރެވިއްޖެ ނަމަ އަހަރެމެނަށް ފުރުސަތެއް ނޯންނާނެތީ. އެއީ ވަރަށް ވަރުގަދަ ޓީމެއް” ކްލޮޕް ބުންޏެވެ.

މިދިޔަ ސީޒަނުގައި އަމިއްލަ ދަނޑުގައި ކުޅުނު މެޗުގައި ލިވަޕޫލާ ދެކޮޅަށް ނަޕޯލީން ވަނީ މޮޅަށް ކުޅެ ގިނަ ހަމަލާތަކެއް ފޮނުވާލައިފަ އެވެ. ކްލޮޕް ބުނީ ނަޕޯލީ އަކީ ކުޅުމުގެ ފެންވަރު ރަނގަޅު އަދި ކައުންޓަ އެޓޭކުގައި ވަރުގަދަ ވެފައި އުފެންދުންތެރި ޓީމެއް ކަމަށެވެ.

މިރޭގެ މެޗަށް ނުކުންނައިރު މިދިޔަ ސީޒަނުގައި ލިވަޕޫލުން ޗެމްޕިއަންސް ލީގު ކާމިޔާބުކުރި އިރު ސެމީ ފައިނަލުގައި ބާސެލޯނާ އަތުން މޮޅުވި ގޯލާއި ފައިނަލުގައި ޓޮޓެންހަމް ކޮޅަށް ގޯލު ޖެހި ބެލްޖިއަމްގެ ފޯވާޑް ޑިވޯކް އޮރީގީ ހުރީ އަނިޔާގަ އެވެ. އޮރީގީއަށް ނުކުޅެވޭއިރު ލިވަޕޫލުން ވަނީ ޒުވާން ކުޅުންތެރިޔާ ރިއާން ބްރުސްޓާ ޓީމުގައި ހިމަނައިފަ އެވެ. އަނިޔާގެ ސަބަބުން މިރޭގެ މެޗުގައި ލިވަޕޫލްގެ ގޯލްކީޕަރު އެލިސަން ބެކާ އާއި ނަބީ ކެއިޓާ ވެސް ނުފެންނާނެ އެވެ. އެކަމަކު ލީގުގައި އެންމެ ފަހުން ނިއުކާސަލް އަތުން 3-1 އިން މޮޅުވި މެޗުގައި ކުޑަ އަނިޔާއެއްވި އެންޑީ ރޮބާޓްސަން ފިޓުވާނެކަމަށް ބެލެވެ އެވެ.

ލިވަޕޫލާއި ނަޕޯލީ ވާދަކުރާ މެޗު ފަށާނީ މިރޭ ރާއްޖެ ގަޑިން 12 ޖަހާއިރު އެވެ.

ކޮމެންޓް