އާ އެއްބަސްވުމުގައި ސޮއިކޮށް ޑެހެއާ ޔުނައިޓެޑްގައި މަޑުކޮށްފި

ދެ އަހަރު ދުވަހުގެ މަޝްވަރާތަކަށް ފަހު މެންޗެސްޓަރ ޔުނައިޓެޑްގެ ސްޕެއިން ގޯލްކީޕަރު ޑޭވިޑް ޑެހެއާ އާ އެއްބަސްވުމުގައި ސޮއިކޮށް ކްލަބުގައި މަޑުކުރަން ނިންމައިފި އެވެ. އާ އެއްބަސްވުމާ އެކު 2023 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށް ޑެހެއާ ޔުނައިޓެޑްގައި މަޑުކުރާނެ އެވެ. އަދި، އެއްބަސްވުމުގައި ވާގޮތުން ޑެހެއާ ބޭނުންނަމަ އިތުރު އެއް އަހަރު ކްލަބުގައި މަޑުކުރުމުގެ ފުރުސަތު ލިބޭނެ އެވެ.

ރިޕޯޓުތައް ބުނާގޮތުން ޔުނައިޓެޑްގެ އެއްބަސްވުމުގައި ޑެހެއާ ސޮއިކުރީ ހަފްތާއަކު 375،000 ޕައުންޑް ލިބޭ ގޮތަށެވެ. މިއީ ގޯލްކީޕަރަކަށް ކްލަބަކުން ދޭނެ ރެކޯޑް މުސާރައެކެވެ. 2011 ވަނަ އަހަރު 18.9 މިލިއަން ޕައުންޑަށް ސްޕެއިންގެ އެތުލެޓިކޯ މެޑްރިޑުން ޑެހެއާ ޔުނައިޓެޑާ ގުޅުނީ ކާމިޔާބު ކޯޗު ސަރ އެލެކްސް ފާގަސަންގެ ދުވަސްވަރު އެވެ.

ޑެހެއާގެ އެއްބަސްވުން ހަމަވާން އޮތީ މި ސީޒަނުގެ ނިޔަލަށެވެ. އަދި، ޖެނުއަރީ މަހުގެ ކުރިން އެއްބަސްވުމަކަށް ނާދެވުނު ނަމަ އެ މަހު ހުޅުވޭ ޓްރާންސްފާ ބާޒާރުގައި އިންގްލެންޑަށް ނިސްބަތްނުވާ ކޮންމެ ކްލަބާއެކު ޕްރީ އެގްރީމެންޓަކަށް ދިއުމުގެ ފުރުސަތު ޑެހެއާއަށް ލިބޭނެ އެވެ.

“އަހަރެންގެ ކުރިމަގު މިހާރު މިއޮތީ މި ކްލަބާއެކު. އަހަރެން ބޭނުންވާ ހުރިހާ ކަމަކީ އިތުރު ތަށިތައް ކާމިޔާބުކޮށްދެން ޓީމަށް އެހީތެރިވެދިނުން. މި ކްލަބުގައި އަށް އަހަރު ހޭދަކުރެވުމަކީ ވަރަށް ބޮޑު ފަހުރެއް” 28 އަހަރުގެ ޑެހެއާ އާ އެއްބަސްވުމުގައި ސޮއި ކުރުމަށް ފަހު ބުންޏެވެ.

ޔުނައިޓެޑުގައި މިހާތަނަށް ހޭދަކުރި މުއްދަތުގައި ޑެހެއާ ވަނީ އެއް ފެންވަރެއްގައި ގިނަ އަހަރުތަކެއް ވަންދެން ކުޅެފަ އެވެ. އަދި، ދުނިޔޭގެ އެންމެ މޮޅު ކީޕަރުންގެ ލިސްޓުގައި ހިމެނޭ ޑެހެއާ ވަނީ ތިން ސީޒަނުގައި ޔުނައިޓެޑްގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދައިފަ އެވެ. ޔުނައިޓެޑްގެ މޮޅު ކުޅުންތެރިޔާގެ އިތުރުން ޑެހެއާ ވަނީ ލީގުގެ ގަދަ އެގާރައިގައި ފަސް ފަހަރު ހިމެނިފަ އެވެ. މިދިޔަ ސީޒަންތަކުގައި ކްލަބް އުނދަގޫ ހާލަތެއްގައި އޮތް ނަމަވެސް ޑެހެއާގެ މޮޅު ސޭވްތަކާއެކު މުހިއްމު ގިނަ މެޗުތަކަކުން ޔުނައިޓެޑް ވަނީ ބަލިނުވެ ސަލާމަތްވެފަ އެވެ.  

ޔުނައިޓެޑުން ވަނީ ޑެހެއާ ކްލަބުގައި މަޑުކުރަން ގާތްގަނޑަކަށް ދެ އަހަރު ދުވަސްވަންދެން މަޝްވަރާތައް ކުރިއަށް ގެންގޮސްފަ އެވެ. ޑެހެއާ ކްލަބުގައި މަޑުކުރަން ނިންމި އިރު މިދިޔަ ޖުލައި މަހު ޔުނައިޓެޑުން ވަނީ ޑެހެއާގެ އެއްބަސްވުމުގައި މުސާރާ އިތުރުކޮށްފަ އެވެ.

ޔުނައިޓެޑްގައި މަޑުކުރަން ޑެހެއާ ނިންމި އިރު ވޭތުވެދިޔަ އަހަރުތަކުގައި އޭނާ ގެންދަން އެންމެ ބޮޑަށް މަސައްކަތްކުރީ ސްޕެއިންގެ ރެއާލް މެޑްރިޑުންނެވެ. ރެއާލްގެ އިތުރުން ޕީއެސްޖީ އާއި ޔުވެންޓަސް ވެސް ޑެހެއާ ގެންދަން ޝައުގުވެރިކަން ފާޅުކުރި އެވެ. ރެއާލުން ޑެހެއާ ގެންދިއުމާ އެންމެ ގާތަށް ޖެހިލީ 2016 ވަނަ އަހަރު ޖެނުއަރީ މަހު އެވެ. 29 މިލިއަން ޕައުންޑަށް ޑެހެއާ ގެންދަން ދެ ކްލަބުން އެއްބަސްވެފައިވަނިކޮށް ޑީލް ކުރިއަށް ނުދިޔައީ ޓްރާންސްފާ ބާޒާރުގެ ވަގުތު ހަމަވިއިރު ލިޔެކިއުން ބަދަލު ނުކުރެވުމުންނެވެ.

ޑެހެއާ ވަނީ ވޭތުވެދިޔަ އަށް އަހަރު ޔުނައިޓެޑަށް 367 މެޗު ކުޅެދީ ގިނަ ކާމިޔާބީތަކެއް ހޯދައިފަ އެވެ. ޔުނައިޓެޑާ އެކު 13-2012 ވަނަ ސީޒަނުގެ އިނގިރޭސި ޕްރިމިއާ ލީގު ކާމިޔާބުކުރި އިރު އޭގެ ތިން ސީޒަން ފަހުން ޑެހެއާ ވަނީ ޔުނައިޓެޑާ އެކު އެފްއޭ ކަޕް ކާމިޔާބުކޮށްފަ އެވެ. އަދި 17-2016 ވަނަ ސީޒަނުގައި ޔޫއެފާ ޔޫރޮޕާ ލީގާއި ލީގު ކަޕް ޑެހެއާ ވަނީ ޔުނައިޓެޑާ އެކު ކާމިޔާބުކޮށްފަ އެވެ. ސްޕެއިންގެ ގައުމީ ޓީމުގެ ފުރަތަމަ އެގާރައިން ފަހަކަށް އައިސް ފުރުސަތު ނުލިބޭ ޑެހެއާ ވަނީ އެ ގައުމަށް 40 މެޗު ކުޅެދީފަ އެވެ.

“އަހަރެން މި ކްލަބަށް ބަދަލުވުމަށް ފަހު ހިތަކަށް ނާރާ 350 މެޗު ޔުނައިޓެޑަށް ކުޅެދެވިދާނެ ކަމަކަށް. އަހަރެން މިހުރީ އުނދަގޫ އަދި ރަނގަޅު ހާލަތުގައި ވެސް ސަޕޯޓަރުން ވެދިން އެހީތެރިކަމުގެ ބަދަލުދޭން ތައްޔާރަށް” ޑެހެއާ ބުންޏެވެ.

މި ސީޒަނުގައި ޔުނައިޓެޑުން ލީގުގައި ކުޅުނު ފަސް މެޗުގައި ވެސް އެޓީމުގެ ގޯލު ބެލެހެއްޓި ޑެހެއާ އެވެ. ޔުނައިޓެޑްގެ ކޯޗު އޮލެ ގުނަ ސޯލްޝެއާ ބުނީ ޑެހެއާ ދިގު މުއްދަތަކަށް ކްލަބުގައި މަޑުކުރުމަކީ ލިބުނު ވަރަށް ބޮޑު އުފަލެއް ކަމަށާއި ކީޕަރެއްގެ ފަރާތުން ބޭނުންވާ ހުރިހާ ކަމެއް ޑެހެއާގެ ފަރާތުން ފެންނަ ކަމަށެވެ.

“މިދިޔަ އަހަރުތަކުގައި ޑޭވިޑް (ޑެހެއާ) ސާބިތުކޮށްދީފި ދުނިޔޭގައި ހުރި އެންމެ މޮޅު ކީޕަރުގެ ގޮތުގައި ހުރެވޭނެކަން. މެންޗެސްޓަރ ޔުނައިޓެޑް އަސްލު މަގާމަށް ގެންދިއުމުގެ ޕްލޭންގައި ޑެހެއާ އަކީ ވަރަށް މުހިއްމު ކުޅުންތެރިއެއް” ސޯލްޝެއާ ބުންޏެވެ.

ކޮމެންޓް