ނޭމާ ގެނައުމުގެ މަސައްކަތް ހުއްޓައެއް ނުލާނަން: ބާސެލޯނާ

ޕީއެސްޖީގެ ބްރެޒިލް ތަރި ނޭމާ ގެންނަން ބާސެލޯނާއަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރާނެ ކަމަށް އެ ކްލަބުގެ ޑިރެކްޓަރު ހާވިއޭ ބޯޑަސް ބުނެފި އެވެ. ބޯޑަސް މިހެން ބުނިއިރު މި މަހުގެ ދެ ވަނަ ދުވަހު ނިމުނު ޓްރާންސްފާ ބާޒާރުގައި ނޭމާ ގެނައުމަށް ބާސެލޯނާއިން ކުރި މަސައްކަތް ވާނީ ކާމިޔާބު ނުވެފަ އެވެ.

ބާސެލޯނާގައި މޮޅު ކުޅުމެއް ދައްކަމުން ދަނިކޮށް މީގެ ދެ އަހަރު ކުރިން ނޭމާ އެ ކްލަބް ދޫކޮށް ޕީއެސްޖީއަށް ބަދަލުވީ ދުނިޔޭގެ ރެކޯޑް އަގަކަށެވެ. 246 މިލިއަން ޑޮލަރަށް ޕީއެސްޖީއަށް ބަދަލުވި ނަމަވެސް މިދިޔަ ދެ ސީޒަނުގައި އަނިޔާގެ ސަބަބުން ނޭމާއަށް ގިނަ މެޗުތަކެއް ގެއްލުނު އިރު އަހްލާގީ ބައެއް މައްސަލަތަކުގައި ކްލަބާއި ސަޕޯޓަރުންނާ ދެމެދު އޮތް ގުޅުން ވަނީ ހީނަރުވެފަ އެވެ. ނޭމާގެ ބައްޕަ އަދި އޭނާގެ އެޖެންޓް ބުނެފައިވަނީ ނިމުނު ޓްރާންސްފާ ބާޒާރުގައި ނޭމާއަށް ބާސެލޯނާއަށް ބަދަލު ނުވެވުނު ނަމަވެސް އަދި އެކަން ނުނިމޭ ކަމަށެވެ.

މިދިޔަ ޓްރާންސްފާ ބާޒާރުގައި ޕީއެސްޖީން ވަނީ ނޭމާ ވިއްކާލުމަށް ބާސެލޯނާއާ އެކު ގިނަ މަޝްވަރާތަކެއް ކޮށްފަ އެވެ. އެކަމަކު އަގުގެ މައްސަލައިގައި އެއްބަސްވުމަކަށް ނާދެވުމުން ބާސެލޯނާއަށް ނޭމާ ގެންނަން އުނދަގޫވީ އެވެ. ބޮޑު އަގު ދީފައި ނޭމާ ގަނެވެން ނެތުމުން ބާސެލޯނާއިން އެންމެ ބޮޑަށް ބޭނުންވީ ލޯނު އުސޫލުން ނޭމާ އެ ކްލަބަށް ގެނެސް ޓްރާންސްފާ ފީ އަންނަ އަހަރު ދެއްކުމަށެވެ. ލޯނު އުސޫލޫން ބާސެލޯނާއިން ވަނީ 35 މިލިއަން ޑޮލަރާއި ބައެއް ކުޅުންތެރިން ޕީއެސްޖީއަށް ހުށަހަޅައިފަ އެވެ. އެކަމަކު ފަހުން ޕީއެސްޖީން ބޭނުންވީ 112 މިލިއަން ޑޮލަރާއެކު ނޭމާގެ ޑީލް ކުރިއަށްގެންދާށެވެ.

“ނޭމާ އަންނަން ބޭނުންވާއިރު އަހަރެމެން ބަލާނަން ކުރެވެން ހުރި ކޮންމެ ކަމެއް ކޮށްގެންވެސް އަނބުރާ މި ކްލަބަށް ނޭމާ ގެންނަން. ފުޓްބޯޅައިގައި ކަންކަން އަންނަނީ އަބަދުވެސް ބަދަލުވަމުން. ނޭމާ ވާނީ ނޭމާއަށް. ކޮންމެ ގޮތަކަށް ކަންތައް ވިޔަސް އަހަރެމެން ބޭނުން ނޭމާ ގެންނަން” ބާސެލޯނާގެ ޑިރެކްޓަރު ސްޕެއިންގެ ނޫހަކަށް ދިން އިންޓަވިއުއެއްގައި ބުންޏެވެ.

“ނޭމާގެ ކޭސް ވަރަށް ހާއްސަ. އެއީ އާދަޔާހިލާފު މޮޅު ކުޅުންތެރިއެއް އަނެއްކާ ނޭމާ ބޭނުންވާ ބާސެލޯނާއަށް އަންނަން. ނޭމާ އަދިވެސް ޕެރިހަކަށް ނުހޭނޭ. ޕީއެސްޖީއަށް ދިއުމަކީ ނޭމާއަށް ހެދުނު ގޯހެއް. ނޭމާ ވެސް ވަނީ އެހެން ބުނެފައި” ނޭމާ ގެނައުމުގައި ދޫދިނުމެއް ނެތްކަމަށް ބުނަމުން ބާސެލޯނާގެ ޑިރެކްޓަރު ބުންޏެވެ.

ނިމުނު ޓްރާންސްފާގައި ބާސެލޯނާއަށް ނޭމާ ހޯދުމުގެ ފުރުސަތު ގެއްލުމުން ދެން އެންމެ އަވަހަށް އެ ކްލަބަށް ނޭމާ ގެނެވޭނީ އަންނަ ޖެނުއަރީ މަހު އެވެ. އެކަމަކު އެއީ ސީޒަނުގެ މެދުތެރެއަށްވުމާ އެކު ޑީލް ކުރިއަށް ގެންދިއުމުގެ ފުރުސަތު ކުޑަ އެވެ. އަނިޔާގެ ސަބަބުން އަމިއްލަ ފަސްގަނޑުގައި ބްރެޒިލުން ކާމިޔާބުކުރި ކޮޕާ އެމެރިކާ ފުޓްބޯޅަ މުބާރާތުގައި ނޭމާއަށް ނުކުޅެވުނު އިރު މި ސީޒަނުގައި މިހާތަނަށް ޕީއެސްޖީން ކުޅުނު އެއްވެސް މެޗެއްގައި ނޭމާ ހިމެނިފައެއްނުވެ އެވެ. ޕީއެސްޖީން ނޭމާ ޓީމުން ބާކީކޮށްފައި ބެހެއްޓީ ކްލަބް ބަދަލުކުރުމުގެ ފުރުސަތު ބޮޑުވުމުން ނޭމާ ނުލައި ޓީމު ކުރިއަށް ދާން ކޯޗު ތޯމަސް ޓުޗެލް ޕްލޭން ކުރުމުންނެވެ. އެކަމަކު ނޭމާގެ ޓްރާންސްފާ ކަންތަކުގައި ޓުޗެލް ބުނެފައިވަނީ ރަނގަޅު ފެންވަރުގެ ކުޅުންތެރިއަކު ނުލިބޭނަމަ ނޭމާ ދޫކޮށްލަން އޭނާ ބޭނުންނުވާ ކަމަށެވެ.

ޓްރާންސްފާގެ ކުރިން ޕީއެސްޖީގެ ޖާޒީގައި ނޭމާ ނުފެނުނު ނަމަވެސް މި ހަފްތާ ނޭމާ ވަނީ ކުޅުމުގެ ތެރެއަށް އެނބުރި އައިސް ބްރެޒިލުން ކުޅުނު ރަހްމަތްތެރިކަމުގެ ދެ މެޗުގައި ވެސް ކުޅެފަ އެވެ. އެ ގައުމުން ކޮލަމްބިއާއާ ދެކޮޅަށް ކުޅެ 2-2 އިން އެއްވަރުވި މެޗުގައި ނޭމާ ގޯލެއް ޖެހިއިރު ޕެރޫ އަތުން 1-0 އިން ބަލިވި މެޗުގައި ނޭމާ ވަނީ ބެންޗުން ކުޅެން އަރާފަ އެވެ. ބައިނަލްއަގްވާމީ ފުޓްބޯޅައިގެ ބްރޭކް ނިމި ހޮނިހިރު ދުވަހު ލީގުގެ ކުޅުން އަލުން ފެށޭއިރު ޕީއެސްޖީ ޓީމުގައި ނޭމާ ހިމަނާނެ އެވެ. މި ސީޒަނުގައި ޕީއެސްޖީއާ އެކު ނޭމާ ކުޅޭ ފުރަތަމަ މެޗަކަށް ވެގެންދާނީ ހޮނިހިރު ދުވަހު ލީގުގައި އަމިއްލަ ދަނޑުގައި ސްޓްރަސްބާގްއާ ދެކޮޅަށް ކުޅޭ މެޗެވެ.

ކޮމެންޓް