ރެއާލުން ލެވަންޑޯސްކީ އާއި ޕޮގްބާ ބޭނުންވި: ޕެރޭޒް

މެންޗެސްޓަރ ޔުނައިޓެޑްގެ ޕައުލް ޕޮގްބާ އާއި ބަޔާން މިއުނިކްގެ ރޮބާޓް ލެވަންޑޯސްކީގެ ސޮއި ހޯދަން ރެއާލް މެޑްރިޑުން ބޭނުންވި ކަމަށާއި، އެކަން ނުވީ އެ ކުޅުންތެރިންގެ ކްލަބުން ވިއްކާލަން އެއްބަސް ނުވުމުން ކަމަށް ރެއާލްގެ ރައީސް ފްލޮރެންޓީނޯ ޕެރޭޒް ބުނެފި އެވެ.

ރެއާލުން މިދިޔަ ދެ ސީޒަނުގައި ލެވަންޑޯސްކީއަށް ފާރަލީ އެޓީމަށް ނުވަ އަހަރު ކުޅެދިނުމަށް ފަހު މިދިޔަ އަހަރު ޔުވެންޓަސްއަށް ބަދަލުވި ކްރިސްޓިއާނޯ ރޮނާލްޑޯގެ މަގާމް ފުރުމަށެވެ. ރެއާލުން ހޯދި ގިނަ ކާމިޔާބީތަކުގައި ރޮނާލްޑޯ ގިނަ ގޯލުތަކެއް ޖެހިއިރު މިދިޔަ ސީޒަނުން ފެށިގެން އެޓީމަށް ވަނީ ގޯލު ޖެހުމުގެ މައްސަލަތައް ދިމާވެފަ އެވެ. ލެވަންޑޯސްކީގެ އިތުރުން ފްރާންސާ އެކު މިދިޔަ އަހަރު ވޯލްޑް ކަޕް ކާމިޔާބުކުރި ޕޮގްބާ ރެއާލަށް ބަދަލުވުމާއި ގުޅޭގޮތުން ނިމިދިޔަ ޓްރާންސްފާ ބާޒާރުގައި ގިނަ ވާހަކަތަކެއް ދެކެވުނެވެ. އަދި، ޔުނައިޓެޑް ދޫކޮށް އާ ތަޖުރިބާއެއް ކުރަން ބޭނުންވާކަމުގެ އިޝާރާތެއް ޕޮގްބާ ވެސް ދިނެވެ. އެކެމަކު ޓްރާންސްފާގެ މުއްދަތު ނިމުނު އިރު ރެއާލަށް ޕޮގްބާގެ ސޮއި ހޯދިފައެއްނުވެ އެވެ.

ޕެރޭޒް ބުނީ އެ ކުޅުންތެރިން ހޯދަން އުނދަގޫވީ ކްލަބުން ވިއްކަން ބޭނުން ނުވުމުންނާއި އެއްބަސްވުމުގައި ރިލީޒް ކްލޯސް ހިމަނާފައި ނެތުމުން ކަމަށެވެ. އެއްބަސްވުމުގައި ރިލީޒް ކްލޯސް ހިމަނައިފި ނަމަ އެ އަދަދު ދައްކައި ކުޅުންތެރިން ގަތުމުގެ ފުރުސަތު ކްލަބްތަކަށް ލިބިގެންދެ އެވެ.

“ތިބޭނެ ނުވިއްކާ ކުޅުންތެރިން. އަހަރެމެން ލެވަންޑޯސްކީ ހޯދަން އަހަރުތަކެއް ވަންދެން މަސައްކަތް ކުރިން އެކަމަކު އެއްވެސް ކަމެއް ނުވި. އެއީ ކުޅުންތެރިޔާގެ ރިލީޒް ކްލޯސް އެއްބަސްވުމުގައި ނެތުމާއި ބަޔާނުން ލެވަންޑޯސްކީ ވިއްކަން ބޭނުން ނުވުން. ހަމަ އެހެންވީ ޕޮގްބާ އަށް ވެސް. ބޭނުންވާ ކުޅުންތެރިން ގަންނަން ލިބޭ ނަމަ އެ ކުޅުންތެރިން ހޯދަން އަހަރެމެނަށް އުޅެވޭނެ” މަޝްހޫރު ގިނަ ކުޅުންތެރިންތަކެއްގެ ސޮއި ހޯދާފައިވާ ރެއާލުގެ ރައީސް ވިދާޅުވި އެވެ.

ފުޓްބޯޅައިގެ ތަޖުރިބާކާރުން ގަބޫލުކުރާ ގޮތުގައި ރޮނާލްޑޯ ކްލަބް ދޫކޮށްލުމުން ބަދަލުގައި ރަނގަޅު ކުޅުންތެރިއަކު ނުގެނެވުމަކީ މިދިޔަ ސީޒަނުގައި ރެއާލަށް ނާކާމިޔާބުވުމުގެ އެއް ސަބަބެވެ. މިދިޔަ ސީޒަނުގައި ސްޕެނިޝް ލީގުގެ ތިން ވަނަ ރެއާލަށް ލިބުނު އިރު ޔޫއެފާ ޗެމްޕިއަންސް ލީގުގައި ދެ ވަނަ ބުރުން ވަނީ މުބާރާތާ ވަކިވެފަ އެވެ. އެކަމަކު ޕެރޭޒް ވިދާޅުވީ މިދިޔަ ސީޒަނުގަ ރެއާލަށް މައްސަލަތައް ކުރިމަތިވީ އެއް ކުޅުންތެރިއަކު ކްލަބް ދޫކޮށްލުމުން ނޫން ކަމަށާއި، އެއީ ކްލަބުގެ މެންޓަލިޓީގެ މައްސަލައެއް ކަމަށެވެ. މިދިޔަ ސީޒަނުގައި އެހެން ވިޔަސް މި ސީޒަނުގައި އެ ކްލަބާ ގުޅުނު ކުޅުންތެރިންގެ އެހީތެރިކަމާ އެކު ކްލަބަށް ކުރިއަށް ދެވޭނެ ކަމަށް ޕެރޭޒް ވިދާޅުވި އެވެ.

“މިދިޔަ ސީޒަނުގަ އަހަރެމެންގެ ތިބި ބެލޮންޑިއޯއަށް ވާދަކުރި ނުވަ ކުޅުންތެރިން އަދި 1.2 ބިލިއަން ޔޫރޯގެ ޓީމެއް. މިދިޔަ ސީޒަނުގައި މައްސަލައަކަށްވީ ވަކި ކުޅުންތެރިއަކު ޓީމު ދޫކޮށް ދިއުމެއް ނޫން. އެކަމަކު އެންމެންގެ މެންޓަލިޓީގެ މައްސަލައެއް ފެނުނީ” މިދިޔަ ސީޒަނާއި ގުޅޭގޮތުން ޕެރޭޒް ބުންޏެވެ.

މި ސީޒަނުގައި އެޓީމަށް ގެނައި އެންމެ މަޝްހޫރު ކުޅުންތެރިއަކީ މިދިޔަ އަހަރުތަކުގައި ޗެލްސީގައި މޮޅު ކުޅުމެއް ދެއްކި ބެލްޖިއަމްގެ އެޑެން ހަޒާޑެވެ. އެކަމަކު އަނިޔާގެ ސަބަބުން ހަޒާޑަށް އަދި މި ސީޒަނުގައި ރެއާލަށް މެޗެއް ކުޅެވޭވަރެއްނުވެ އެވެ.

މި ސީޒަނުގައި ލީގުގައި ކުޅުނު ތިން މެޗުން ފަސް ޕޮއިންޓް ލިބި ރެއާލް މިވަގުތު އޮތީ ތާވަލުގެ ފަސް ވަނައިގަ އެވެ. ސީޒަން ހުޅުވަން ކުޅުނު މެޗުގައި ސެލްޓަ ވީގޯ އަތުން 3-1 އިން މޮޅުވި ނަމަވެސް އޭގެ ފަހުން ކުޅުނު ދެ މެޗު ނިމުނީ އެއްވަރުވެގެންނެވެ. ރެއާލްގެ ފެށުން ގޯސް ނަމަވެސް އެޓީމަށް ލިބޭ ހިތްހަމަޖެހުމަކީ މިދިޔަ ސީޒަނުގެ ޗެމްޕިއަން ބާސެލޯނާގެ ފެށުން ވެސް ރަނގަޅު ނުވުމެވެ. ލިއޮނަލް މެސީ ނުލައި ލީގުގައި ބާސެލޯނާ ކުޅުނު ފުރަތަމަ ތިން މެޗުން އެޓީމަށް ލިބިފައިވަނީ ހަތަރު ޕޮއިންޓެވެ.

ކޮމެންޓް