ރޮނާލްޑޯ ހަތަރު ގޯލް ޖަހައި ޕޯޗުގަލް މޮޅުކޮށްދީފި

އަންނަ އަހަރު އޮންނަ ޔޫރޯ ޗެމްޕިއަންޝިޕަށް ކޮލިފައިވާ ޓީމުތައް ހޮވުމަށް ކުޅެމުން އަންނަ މެޗްތަކުގެ ތެރެއިން ގްރޫޕް ބީގައި ހިމެނޭ ޕޯޗްގަލް އާއި ލިތުއޭނިއާ ރޭ ބައްދަލުކުރި މެޗްގައި ކްރިސްޓިއާނޯ ރޮނާލްޑޯ ހަތަރު ގޯލް ޖަހައި ޕޯޗްގަލް މޮޅުކޮށްދީފި އެވެ. ލިތުއޭނިއާގެ އަމިއްލަ ފަސްގަނޑުގައި ކުޅުނު މެޗްގައި އެ ޓީމްގެ މައްޗަށް ޕޯޗްގަލް އިން ކުރި ހޯދީ 1-5 އިންނެވެ.

ރޭގެ މެޗްގައި އިޓަލީގެ ޔުވެންޓަސް އަށް ކުޅެމުން އަންނަ ރޮނާލްޑޯ ޖެހި ހަތަރު ގޯލާ އެކު އޭނާ ގައުމީ ޓީމަށް ޖަހައިދިން ގޯލްގެ އަދަދު 93 އަށް އެރީ އެވެ. މިއީ މިހާތަނަށް ގައުމީ ޓީމަށް އެންމެ ގިނަ ގޯލް ޖަހައިދިން ކުޅުންތެރިޔާގެ ރެކޯޑް އޮންނަ އީރާންގެ އަލީ ދާއީ ޖަހައިފައިވާ ގޯލްގެ އަދަދަށްވުރެ 16 ގޯލް މަދު އަދަދެކެވެ. އެކަމަކު އީރާންގެ ފުޓްބޯޅަ ލެޖެންޑް އަލީ ދާއީ މިހާރު ބައިނަލްއަގްވާމީ ފުޓްބޯޅައިން ރިޓާޔަ ކޮށްފައިވާތީއާއި ރޮނާލްޑޯ އަދިވެސް ރަގަޅު ފޯމެއްގައި ހުރުމާއެކު އަލީ ދާއީގެ ރެކޯޑް ރޮނާލްޑޯ މުގުރާލުމަކީ ވެދާނެ ކަމެއް ކަމަށް ގަބޫލުކުރާ މީހުން ގިނަ އެވެ.  

ރޭގެ މެޗްގައި ރޮނާލްޑޯ ޖެހި ހަތަރު ލަނޑުގެ ތެރެއިން ފުރަތަމަ ލަނޑަކީ މެޗްގެ ހަތް ވަނަ މިނެޓްގައި ލިބުނު ޕެނަލްޓީ އަކުން ކާމިޔާބުކުރި ލަނޑެކެވެ. ރޮނާލްޑޯގެ ދެވަނަ ލަނޑު ފެނުނީ މެޗްގެ 61 ވަނަ މިނެޓްގަ އެވެ. ލިތުއޭނިއާގެ ޕެނަލްޓީ އޭރިޔާ ބޭރުން ރޮނާލްޑޯ ފޮނުވާލި ބޯޅަ ލިތުއޭނިއާގެ ގޯލަށް ވަނީ އެ ޓީމްގެ ގޯލްކީޕަރުގެ ބޯމަތިން ގޮހެވެ. އޭގެ ހަތަރު މިނެޓް ފަހުން ބެނާޑޯ ސިލްވާ ދިން ޕާހަކުން ގޯލް ޖަހައި ރޮނާލްޑޯ ހެޓްރިކް ހެދިއިރު ހަތަރުވަނަ ގޯލް މެޗްގެ 76 ވަނަ މިނެޓްގައި ރޮނާލްޑޯ ކާމިޔާބުކުރީ ވެސް ސިލްވާ ދިން ޕާހަކުންނެވެ. ރޭގެ މެޗްގައި ޕޯޗްގަލް އިން ޖެހި ފަސް ވަނަ ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ މެޗްގެ އިތުރު ވަގުތުގައި ވިލިއަމް ކަވާލިއޯ އެވެ. މި މެޗްގައި ލިތުއޭނިއާ އިން ޖެހި ހަމައެކަނި ލަނޑު އެ ޓީމަށް ކާމިޔުާބުކޮށްދިނީ މެޗްގެ 28 ވަނަ މިނެޓްގައި އެންޑްރިއަސް ކެވިސިއަސް އެވެ.

ރޭގެ މެޗްގައި އުމުރުން 34 އަހަރުގެ ރޮނާލްޑޯ ހެދި ހެޓްރިކަކީ ގައުމީ ޓީމުގެ ޖޯޒީގައި އޭނާ ހެދި ހަތް ވަނަ ހެޓްރިކެވެ. ރޮނާލްޑޯ ވަނީ 2016 ވަނަ އަހަރު އެންޑޯރާ އާ ދެކޮޅަށް ކުޅުނު މެޗްގައި ވެސް ހަތަރު ގޯލް ޖަހައިފަ އެވެ.

ގްރޫޕް ބީގައި ރޭ ކުޅުނު އެހެން މެޗެއްގައި ގްރޫޕްގެ ތިން ވަނައިގައި އޮތް ސާބިއާ އިން ވަނީ ރަށުން ބޭރުގައި ކުޅެ 1-3 އިން ލަގްޒަންބާގް ބަލިކޮށްފަ އެވެ. މި ގްރޫޕްގެ އެއް ވަނައިގައި 13 ޕޮއިންޓާއެކު ޔޫކްރޭން އޮތް އިރު އެއް މެޗް މަދުން ކުޅެގެން ދެވަނައިގައި ޕޯޗްގަލް އޮތީ 8 ޕޮއިންޓާއެކު އެވެ. ކޮންމެ ގްރޫޕަކުން ވެސް އެންމެ ރަގަޅު ނަތީޖާ ހޯދާ ދެ ޓީމް އޮޓަމެޓިކުން މުބާރާތަށް ކޮލިފައިވާނެ އެވެ.

ކޮމެންޓް