ޖަރުމަނު ގްރޫޕުގެ އެއް ވަނަ އަށް، ނެދަލެންޑްސް އާއި ބެލްޖިއަމަށް ފަސޭހަ މޮޅެއް

ގޯލު ޖެހުމަށް ފަހު ޖަރުމަނުގެ ކުޅުންތެރިން އުފާފާޅުކުރަނީ. މެޗުން މޮޅުވެ އެޓީމު ވަނީ ގްރޫޕުގެ އެއް ވަނައަށް ކުރިއަށް ޖެހިލާފައި

ޔޫރޯ ކޮލިފައިންގެ ގްރޫޕް ސީގައި ރޭ ރަށުން ބޭރުގައި ނޮދަން އަޔަލެންޑް ބަލިކޮށް ޖަރުމަނު ގްރޫޕުގެ އެއް ވަނައަށް ކުރިއަށް ޖެހިލައިފި އެވެ. ރަށުން ބޭރުގައި ޖަރުމަނުން ނޮދަން އަޔަލެންޑްގެ މައްޗަށް ކުރި ހޯދީ 2-0 އިންނެވެ.

ރޭގެ މެޗަށް ނުކުތްއިރު 12 ޕޮއިންޓާ އެކު ގްރޫޕުގެ އެއް ވަނައިގައި އޮތީ ނޮދަން އަޔަލެންޑެވެ. އެކެމަކު މެޗުން މޮޅުވެ ޕޮއިންޓުގެ ގޮތުން ޖަރުމަނުން ނޮދަން އަޔަލެންޑާ އެއްވަރުކޮށް ގޯލުގެ ތަފާތުން ވަނީ އެއް ވަނައަށް އަރައިފަ އެވެ. ރޭގެ މެޗުގެ ދެ ވަނަ ހާފު ފެށިގެން ތިން ވަނަ މިނެޓުގައި ޖަރުމަނުގެ ފުރަތަމަ ގޯލު މާސެލް ހަލްސްޓެންބާގް ޖެހިއިރު އެޓީމުގެ ފަހު ގޯލު އިތުރު ވަގުތުގައި ކާމިޔާބުކޮށްދިނީ ސާޖް ގްނެބްރީ އެވެ. މި މެޗުން ބަލިވުމުން އަންނަ އަހަރު އޮންނަ ޔޫރޯއަށް ކޮލިފައިވާން ނޮދަން އަޔަލެންޑަށް ވަނީ އިތުރު މަސައްކަތަކެއް ކުރަން ޖެހިފަ އެވެ.

ޖަރުމަނާއި ނޮދަން އަޔަލެންޑްގެ ފަހަތުން މި ގްރޫޕުގެ ތިން ވަނައިގައި އޮތް ނެދަލެންޑްސް ވަނީ ރޭ ރަށުން ބޭރުގައި 4-0 އިން އެސްޓޯނިއާ ބަލިކޮށްފަ އެވެ. މި މޮޅާއެކު އެއް މެޗު މަދުން ކުޅެފައިވާ ނެދަލެންޑްސް ތިން ވަނައިގައި އޮތީ ނުވަ ޕޮއިންޓާ އެކު އެވެ. ޔޫއެފާ ނޭޝަންސް ލީގުގެ ފައިނަލުގައި ޕޯޗުގަލް އަތުން ބަލިވި ނެދަލެންޑްސްއިން ރޭގެ މެޗުގައި ޖެހި ހަތަރު ގޯލުގެ ތެރެއިން ތަޖުރިބާކާރު ކުޅުންތެރިޔާ ރަޔަން ބަބެލް ވަނީ ދެ ގޯލު ޖަހައިފަ އެވެ. އެޓީމުގެ އަނެއް ދެ ގޯލު ކާމިޔާބުކޮށްދިނީ މެމްފިސް ޑިޕާއީ އާއި ޖިނީ ވައިނަލްޑަމް އެވެ.

ޔޫރޯ ކޮލިފައިންގެ ގްރޫޕް އައި ގައި ރޭ ރަށުން ބޭރުގައި ބެލްޖިއަމުން ވަނީ 4-0 އިން ސްކޮޓްލެންޑް ބަލިކޮށް ސަތޭކަ އިންސައްތަ ރެކޯޑް ދަމަހައްޓައިފަ އެވެ. ރޭގެ މޮޅާއެކު ހަ މެޗުން 18 ޕޮއިންޓް ހޯދައި ބެލްޖިއަމް ވަނީ ކޮލިފައިވުމާއި ގާތަށް ޖެހިލައިފަ އެވެ. ރޭގެ މެޗުގައި ބެލްޖިއަމްގެ މެންޗެސްޓަރ ސިޓީ މިޑްފީލްޑަރު ކެވިން ޑި ބްރޭނާ ވަނީ އެއް ގޯލު ޖަހައި ތިން ގޯލު ޖަހަން މަގުފަހިކޮށްދީފަ އެވެ. ރަނގަޅު ފޯމެއްގައި ހުރި ޑި ބްރޭނާގެ އެހީގައި ބެލްޖިއަމްގެ ފުރަތަމަ ތިން ގޯލު ޖަހައިދިނީ ރޮމެލޫ ލުކާކޫ އާއި ތޯމަސް ވެމާލަން އަދި ޓޮބީ އަލްޑަވެއިރެލްޑް އެވެ. ބެލްޖިއަމް ހިމެނޭ ގްރޫޕުގެ ދެ ވަނައިގައި 15 ޕޮއިންޓާ އެކު އޮތީ ރަޝިއާ އެވެ. ރޭގެ މެޗުން ބަލިވެ ހަ ޕޮއިންޓާ އެކު ސްކޮޓްލެންޑް އޮތީ ފަސް ވަނައިގަ އެވެ. ބޮޑު މުބާރާތެއްގައި ސްކޮޓްލެންޑުން އެންމެ ފަހުން ވާދަކުރީ މީގެ 22 އަހަރު ކުރިންނެވެ.

ޑި ބްރޭނާގެ އެހީތެރިކަމާ އެކު ލުކޫކު ގޯލަށް ބޯޅަ ފޮނުވާލަނީ. ބެލްޖިއަމް ވަނީ ކޮލިފައިވުމާއި ގާތަށް ޖެހިލާފައި

ރޭ ގްރޫޕް އީގައި ވޯލްޑް ކަޕްގެ ރަނަރަޕް ކްރޮއޭޝިއާ މޮޅުވިނުދީ އަޒަރުބައިޖާނުން ވަނީ ހިފަހައްޓައިފަ އެވެ. އަމިއްލަ ގައުމުގައި ކްރޮއޭޝިއާއާ ދެކޮޅަށް އަޒަރްބައިޖާން ކުޅުނު މެޗު ނިމުނީ 1-1 އިން އެއްވަރުވެގެންނެވެ. ލިބުނު ޕެނަލްޓީއަކުން ފުރަތަމަ ހާފުގެ ކުރީކޮޅު ކްރޮއޭޝިއާގެ ލޫކާ މޮޑްރިޗް ލީޑު ނަގައިދިން ނަމަވެސް އަޒަރްބައިޖާންގެ ޓަމްކިން ޚަލިލްޒާދު ވަނީ ގޯލެއް ޖަހައި އެ ގައުމަށް ޕޮއިންޓެއް ހޯދައިދީފަ އެވެ.

10 ޕޮއިންޓާ އެކު މި ގްރޫޕުގައި ކްރޮއޭޝިއާ އެއް ވަނައިގައި އޮތް އިރު ދެ ވަނައިގައި އޮތް ސްލޮވޭކިއާ އާއި ތިން ވަނައިގައި އޮތް ހަންގޭރީ ވަނީ ނުވަ ޕޮއިންޓް ހޯދައިފަ އެވެ. ރޭގެ މެޗުން އެއްވަރުވުމުން އަންނަ އަހަރުގެ ޔޫރޯއަށް ކޮލިފައިވާން ކުރަންޖެހޭ މަސައްކަތް ކްރޮއޭޝިއާއަށް ވަނީ އިތުރުވެފަ އެވެ.

ރޭގެ މެޗުގައި ބަބެލް ގޯލު ޖަހަނީ. މެޗުގައި ބަބެލް ދެ ގޯލު ޖެހި

ކޮލިފައިންގައި މިރޭ ކުޅޭ އެންމެ ފާހަގަކޮށްލެވޭ މެޗަކީ ގްރޫޕް އޭގައި އިންގްލެންޑާއި ކޮސޯވޯ ވާދަކުރާ މެޗެވެ. އިންގްލެންޑުގެ ސައުތެމްޓަން ދަނޑުގައި މި މެޗު ކުޅޭއިރު ކޮސޯވޯ އޮތީ އަށް ޕޮއިންޓާ އެކު ގްރޫޕް އޭގެ ދެ ވަނައިގަ އެވެ. މީގެ ތިން އަހަރު ކުރިން ފީފާގެ މެމްބަރަކަށް ވި ކޮސޯވޯ އަންނަނީ ފަހަކަށް އައިސް ރަނގަޅު ނަތީޖާތަކެއް ނެރެމުންނެވެ. އެންމެ ފަހުން ކުޅުނު 15 މެޗުން އެޓީމު ބަލިވެފައިނުވާއިރު އިންގްލެންޑް ވަނީ ވޯލްޑް ކަޕް އަދި ޔޫރޯ ކޮލިފައިންގައި ބަލިނުވެ 42 މެޗު ފުރިހަމަކޮށްފަ އެވެ. ކޮލިފައިން މެޗެއްގައި އިންގްލެންޑް އެންމެ ފަހުން ބަލިވީ 2009 ވަނަ އަހަރުގެ ފަހުކޮޅު ޔޫކްރޭން އަތުންނެވެ. އަނެއްކޮޅުން އިންގްލެންޑާ ދެކޮޅަށް ނުކުންނަ ކޮސޯވޯގެ ފަރާތުން ފެންނަ މޮޅު ކުޅުމާއެކު ނުވަ ޕޮއިންޓާ އެކު ގްރޫޕުގެ އެއް ވަނައިގައި އޮތް އިންގްލެންޑަށް މިރޭގެ މެޗު އުނދަގޫވާނެ ކަމަށް ބެލެވެ އެވެ. ފީފާގެ މެމްބަރަކަށް 2016 ވަނަ އަހަރު ވި ކޮސޯވޯއަށް ސާބިއާގެ ކިބައިން މިނިވަންކަން ލިބުނީ 2008 ވަނަ އަހަރު އެވެ.

ކޮމެންޓް