ރެކޯޑް ދަމަހައްޓައި އިޓަލީ އާއި ސްޕެއިން ކޮލިފައިވުމާ ގާތަށް

ލިބުނު ޕެނަލްޓީއަޖުން ފިންލެންޑް ކޮޅަށް މޮޅުވި ގޯލް އިޓަލީގެ ޖޯޖީނިއޯ ޖަހަނީ

ޔޫރޯ ކޮލިފައިންގައި ހުރިހާ މެޗަކުން މޮޅުވުމުގެ ރެކޯޑް ދަމަހައްޓައި އިޓަލީ އާއި ސްޕެއިން އަންނަ އަހަރުގެ ޔޫރޯއަށް ކޮލިފައިވުމާ ގާތަށް ޖެހިލައިފި އެވެ. ކޮލިފައިންގައި ރޭ އިޓަލީ ރަށުން ބޭރުގައި ފިންލެންޑާ ވާދަކޮށް 2-1 އިން މޮޅުވި އިރު އަމިއްލަ ދަނޑުގައި ސްޕެއިން ވަނީ 4-0 އިން ފެރޯ އައިލެންޑްސް ބަލިކޮށްފަ އެވެ.

ރޭގެ މޮޅާ އެކު އިޓަލީ ހިމެނޭ ގްރޫޕް ޖޭގައި އެޓީމު އޮތީ ހަ މެޗުން 18 ޕޮއިންޓް ހޯދައި އެއް ވަނައިގަ އެވެ. ޔޫރޯއަށް ކޮލިފައިވާން ބާކީ ހަތަރު މެޗުން އިޓަލީއަށް ބޭނުންވަނީ ހަތަރު ޕޮއިންޓެވެ. ކޮލިފައިންގައި އަންނަ މަހު އެޓީމު ނުކުންނާނީ ގްރީސް އާއި ލިޗްޓެންސްޓިންއާ ދެކޮޅަށެވެ. މިދިޔަ އަހަރު ރަޝިއާގައި ވޯލްޑް ކަޕަށް ކޮލިފައި ނުވިނަމަވެސް ރޮބާޓޯ މަންޗީނީގެ އިރުޝާދުގެ ދަށުން އެޓީމުން މިހާރު އަންނަނީ މޮޅު ކުޅުމެއް ދައްކަމުންނެވެ. އިޓަލީ ހިމެނޭ ގްރޫޕުގެ ދެ ވަނައިގައި އޮތީ 12 ޕޮއިންޓް ހޯދާފައިވާ ފިންލެންޑެވެ. މި ގްރޫޕުގެ ތިން ވަނައިގައި ނުވަ ޕޮއިންޓާ އެކު އޮތީ އަރްމޭނިއާ އެވެ. ކޮންމެ ގްރޫޕަކުން އެންމެ ކުރި ހޯދާ ދެ ޓީމަށް ޔޫރޯގެ ސީދާ ޖާގައެއް ލިބޭއިރު ދެ ވަނައިގައި އޮތް ފިންލެންޑަށް ވަނީ ފުރަތަމަ ފަހަރަށް ބޮޑު މުބާރާތަކަށް ކޮލިފައިވުމުގެ ފުރުސަތު ބޮޑުވެފަ އެވެ.

ރަނގަޅު ފޯމެއްގައި އޮތް ފިންލެންޑާ ދެކޮޅަށް ކުޅުނު މެޗުގެ ފުރަތަމަ ގޯލު ޖެހީ އިޓަލީގެ ޗީރޯ އިމޯބިލް އެވެ. އެކަމަކު އޭގެފަހުން ފިންލެންޑަށް ލިބުނު ޕެނަލްޓީއަކުން މިވަގުތު ރަނގަޅު ފޯމެއްގައި ހުރި ނޯވިޗް ސިޓީގެ ފޯވާޑް ޓީމޫ ޕޫކީ ވަނީ ނަތީޖާ ހަމަހަމަ ކޮށްފަ އެވެ. މިއީ ކޮލިފައިންގެ ހަ މެޗުގައި ޕޫކީ ފިންލެންޑަށް ކާމިޔާބުކޮށްދިން ފަސް ވަނަ ގޯލެވެ. އެއްވަރުވާން ދަނިކޮށް ލިބުނު ޕެނަލްޓީއަކުން އިޓަލީ މެޗުން މޮޅުވި ގޯލު ކާމިޔާބުކޮށްދިނީ ޗެލްސީގެ މިޑްފީލްޑަރު ޖޯޖީނިއޯ އެވެ.

ކޮލިފައިންގައި ސްޕެއިން ރޭ ފަސޭހަކަމާ އެކު ފެރޯ އައިލެންޑްސް ބަލިކުރިއިރު އެޓީމުގެ ގޯލުތައް ޖަހައިދިނީ ވެލެންސިއާގެ ފޯވާޑް ރޮޑްރީގޯ އާއި ބޮރޫޝިއާ ޑޯޓްމަންޑްގެ ފޯވާޑް ޕަކޯ އަލްކަސާ އެވެ. މެޗުގެ ފުރަތަމަ ދެ ގޯލު ރޮޑްރީގޯ ކާމިޔާބު ކުރިއިރު އަލްކަސާ ފަހު ދެގޯލު ޖެހީ ބެންޗުން އަރަ އެވެ. ފަސޭހަ މޮޅަކަށް އުއްމީދުކުރި ސްޕެއިނުން ރޭގެ މެޗަށް ނުކުތީ ގިނަ ބަދަލުތަކަކާ އެކު އެވެ. އެޓީމުގެ ފުރަތަމަ އެގާރައިގައި އާއްމުކޮށް ކުޅޭ ކުޅުންތެރިންގެ ބަދަލުގައި ރޭގެ މެޗު ފެށިއިރު ޒުވާން ގިނަ ކުޅުންތެރިންތަކަކަށް ކޯޗު ރޮބާޓޯ މޮރޭނޯ ވަނީ ފުރުސަތުދީފަ އެވެ. އެކަމަކު ތަޖުރިބާކާރު ކެޕްޓަން ސާޖިއޯ ރާމޯސް ރޭގެ މެޗުގައި ކުޅުމާ އެކު އޭނާ ވަނީ ސްޕެއިނަށް އެންމެ ގިނަ މެޗު ކުޅެދިން އީކާ ކަސިޔަސްގެ ރެކޯޑާ ހަމަކޮށްފަ އެވެ. މި ދެކުޅުންތެރިން ވެސް ވަނީ ގައުމީ ޓީމަށް 167 މެޗު ކުޅެފަ އެވެ. ގޯލްކީޕަރު ކަސިޔަސް މިހާރު ގައުމީ ޓީމަށް ނުކުޅޭތީ މި ރެކޯޑް ސާޖިއޯ ރާމޯސް ހެދުމުގެ ފުރުސަތު ވަރަށް ބޮޑެވެ.  

ގްރޫޕް އެފްގައި ސްޕެއިން އެއް ވަނައިގައި އޮތީ ހަ މެޗު ކާމިޔާބުކޮށް 18 ޕޮއިންޓް ހޯދައިގެންނެވެ. މި ގްރޫޕުގެ ދެ ވަނައިގައި އޮތީ 11 ޕޮއިންޓާ އެކު ސްވިޑެން އެވެ. 10 ޕޮއިންޓާ އެކު ތިން ވަނައިގައި އޮތީ ރުމޭނިއާ އެވެ. ކޮލިފައިންގައި ސްވިޑެން ރޭ އަމިއްލަ ދަނޑުގައި ނޯވޭއާ 1-1 އިން އެއްވަރުވި އިރު ރުމޭނިއާ ވަނީ 1-0 އިން މާލްޓާ ބަލިކޮށްފަ އެވެ.

ކޮމެންޓް