އިންގްލެންޑް، ޕޯޗުގަލް އަދި ފްރާންސަށް ބޮޑު މޮޅެއް

އަންނަ އަހަރު އޮންނަ ޔޫރޯ މުބާރާތުގެ ކޮލިފައިންގައި ރޭ ކުޅުނު މެޗުތަކުން އިންގްލެންޑާއި ޕޯޗުގަލް އަދި ފްރާންސުން ބޮޑު މޮޅެއް ހޯދައިފި އެވެ. އަމިއްލަ ދަނޑުގައި އިންގްލެންޑުން 4-0 އިން ބަލްގޭރިއާ ބަލިކުރި އިރު ޔޫރަޕާއި ޔޫއެފާ ނޭޝަންސް ލީގުގެ ޗެމްޕިއަން ޕޯޗުގަލް ވަނީ ރަށުން ބޭރުގައި 4-2 އިން ސާބިއާ ބަލިކޮށްފަ އެވެ. ދުނިޔޭގެ ޗެމްޕިއަން ފްރާންސް އަމިއްލަ ދަނޑުގައި އަލްބޭނިއާގެ މައްޗަށް ކުރި ހޯދީ 4-1 އިންނެވެ.

ގްރޫޕް އޭގައި އިންގްލެންޑުން ބަލްގޭރިއާ ބަލިކުރި އިރު ޓޮޓެންހަމް ހޮޓްސްޕާސްގެ ފޯވާޑް ހެރީ ކޭން ވަނީ ހެޓްރިކް ހަދައިފަ އެވެ. ކޭން ޖެހި ތިން ގޯލުގެ ތެރެއިން ދެ ގޯލު ޖެހީ ޕެނަލްޓީންނެވެ. މިއީ އިންގްލެންޑަށް ކުޅުނު 40 މެޗުގައި ކޭން ޖެހި 25 ވަނަ ގޯލެވެ. ޒުވާން ފޯވާޑް މާކަސް ރަޝްފާޑަށް ކުރި ފައުލަކަށް ފުރަތަމަ ޕެނަލްޓީ ދިން އިރު ދެ ވަނަ ޕެނަލްޓީ ލިބުނީ ކޭންއަށް ކުރި ފައުލަކަށެވެ. އިންގްލެންޑުގެ އަނެއް ގޯލު ކޭން ނަގައިދިން ހުރަހަކުން ކާމިޔާބުކޮށްދިނީ ރަހީމް ސްޓާލިން އެވެ. މެޗުގައި އިންގްލެންޑްގެ ކޯޗު ގަރެތު ސައުތުގޭޓް ވަނީ ޗެލްސީގެ ޒުވާން ކުޅުންތެރިޔާ މޭސަން މައުންޓަށް ފުރަތަމަ ފަހަރަށް ގައުމީ ޓީމުން ފުރުސަތުދީފަ އެވެ. މި ސީޒަނުގައި ޗެލްސީގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ މައުންޓް ރޭގެ މެޗުގެ ދެ ވަނަ ހާފުގައި ކުޅެން އެރީ މިޑްފީލްޑަރު ޖޯޑަން ހެންޑަސަންގެ ބަދަލުގަ އެވެ.

ޔޫރޯ އަދި ވޯލްޑް ކަޕް ކޮލިފައިން މެޗެއްގައި އިންގްލެންޑް އެންމެ ފަހުން ބަލިވީ 2009 ވަނަ އަހަރު އަމިއްލަ ދަނޑުގައި ޔޫކްރޭން އަތުންނެވެ. އެ އަހަރުގެ އޮކްޓޫބަރު މަހު ޔޫކްރޭން އަތުން 1-0 އިން ބަލިވިފަހުން ކޮލިފައިންގައި އެޓީމު ވަނީ ބަލިނުވެ 42 މެޗު ކުޅެފަ އެވެ.

ތިން މެޗުން ހޯދި ނުވަ ޕޮއިންޓާ އެކު ގްރޫޕުގެ އެއް ވަނައިގައި އޮތް އިންގްލެންޑް ދެން މެޗެއް ކުޅޭނީ އަންނަ އަންގާރަ ދުވަހު އެވެ. އިންގްލެންޑުގެ ސައުތެމްޓަންގައި ކުޅޭ މި މެޗުގައި އެޓީމު ނުކުންނާނީ އަށް ޕޮއިންޓާ އެކު ދެ ވަނައިގައި އޮތް ކޮސޯވޯއާ ދެކޮޅަށެވެ.

ޖުލައި މަހު ޔޫއެފާ ނޭޝަންސް ލީގުގެ ޗެމްޕިއަންކަން ހޯދި ޕޯޗުގަލް ރޭ ސާބިއާ ދެކޮޅަށް ކުޅުނު މެޗުގެ ފުރަތަމަ ހާފު ނިންމާލީ މިޑްފީލްޑަރު ވިލިއަމް ކަވާލިއޯގެ ގޯލުން ކުރީގައި އޮވެގެންނެވެ. 4-2 އިން ނިމުނު މެޗުގެ ބާކީ ގޯލުތައް ފެނުނީ ދެ ވަނަ ހާފުގަ އެވެ. ކަވާލިއޯގެ އިތުރުން ޕޯޗުގަލަށް މެޗުގައި ގޯލުތައް ޖަހައިދިނީ ގޮންޒާލޯ ގުއެޑޭޒް އާއި ކްރިސްޓިއާނޯ ރޮނާލްޑޯ އަދި ބެނާޑޯ ސިލްވާ އެވެ. ސާބިއާގެ ގޯލުތައް ކާމިޔާބުކޮށްދިނީ ނިކޮލާ މިލެންކޮވިޗް އަދި އަލެކްސަންޑަ މިޓްރޮވިޗް އެވެ.

ކޮލިފައިންގައި ޕޯޗުގަލް ހިމެނޭ ގްރޫޕް ބީގެ އެއް ވަނައިގައި އޮތީ ފަސް މެޗުން 13 ޕޮއިންޓް ހޯދާފައިވާ ޔޫކްރޭން އެވެ. ދެ ވަނައިގައި ޕޯޗުގަލް އޮތީ ތިން މެޗުން ފަސް ޕޮއިންޓް ލިބިގެންނެވެ. ކޮލިފައިންގައި އަންނަ އަންގާރަ ދުވަހު ޕޯޗުގަލް ކުޅޭނީ އެއް ޕޮއިންޓާ އެކު ގްރޫޕުގެ ފުލުގައި އޮތް ލިތުއޭނިއާއާ ދެކޮޅަށެވެ.

ގްރޫޕް އެޗްގައި އަލްބޭނިއާ އަތުން 4-1 އިން ފްރާންސް މޮޅުވި މެޗު ފެށުނީ 10 މިނެޓު ފަހުންނެވެ. މެޗު ފެށުން ލަސްވީ އަލްބޭނިއާގެ ގައުމީ ސަލާމުގެ ބަދަލުގައި މި ގްރޫޕުގެ ފުލުގައި އޮތް އެންޑޯރާގެ ގައުމީ ސަލާމް އޮޅުމަކުން ޖެހުމުންނެވެ. އަލްބޭނިއާ ކުޅުންތެރިން އެ ގައުމުގެ ގައުމީ ސަލާމަށް ތައްޔާރުވެގެން ތިއްބައި އޮޅުމަކުން އެންޑޯރާގެ ގައުމީ ސަލާމް އިއްވުމުން އެކަމަށް ފްރާންސުން ވަނީ މައާފަށް އެދިފަ އެވެ. އެންޑޯރާ އަކީ އަންނަ އަންގާރާ ދުވަހު ފްރާންސާ ދެކޮޅަށް އެގައުމުގައި ކުޅެން ހަމަޖެހިފައިވާ ޓީމެވެ.

އަނިޔާގެ ސަބަބުން ރޭގެ މެޗުގައި ފްރާންސްގެ ކިލިއަން އެމްބާޕޭ އާއި ޕައުލް ޕޮގްބާ އަދި އުސްމާން ޑެމްބެލޭ ކުޅެފައެއްނުވެ އެވެ. އަދި، ދިގު އިންތިޒާރަކަށް ފަހު ގައުމީ ޓީމުން ފުރުސަތު ލިބުނު މެންޗެސްޓަރ ސިޓީގެ ޑިފެންޑަރު އައިމެރިކް ލަޕޯޓަށް ވެސް ވަނީ އަނިޔާގެ ސަބަބުން މެޗު ގެއްލިފަ އެވެ.

ރޭގެ މެޗުގައި ފްރާންސްގެ ހަތަރު ގޯލުގެ ތެރެއިން ދެ ގޯލު ޖެހީ ބަޔާން މިއުނިކްގެ ކިންގްސްލީ ކޯމާން އެވެ. ކޯމާންގެ އިތުރުން އެޓީމަށް ގޯލު ކާމިޔާބުކޮށްދިނީ އޮލިވިއޭ ޖިރޫޑް އާއި ޖޮނަތަން އިކޯނޭ އެވެ. މިއީ ފްރާންސްގެ ލީލް އަށް ކުޅޭ އިކޯނޭ ގައުމީ ޓީމުގައި ހިމެނިގެން ކުޅުނު ފުރަތަމަ މެޗެވެ.

ހަ ގައުމު ހިމެނޭ ގްރޫޕް އެޗްގެ ކުރީގައި އުޅޭ ތިން ޓީމުން ވަނީ 12 ޕޮއިންޓް ހޯދައިފަ އެވެ. ގޯލުގެ ތަފާތުން އެއް ވަނަ ފްރާންސަށް ލިބޭއިރު ދެ ވަނައިގައި އޮތީ ތުރުކީ އެވެ. ތުރުކީއަށް ވުރެ ފައިދާ ފަސް ގޯލު ފަހަތުން ތިން ވަނައިގައި އޮތީ އައިސްލެންޑެވެ.

ކޮމެންޓް