16 އަހަރުގެ ކުއްޖެއްގެ އެހީތެރިކަމާ އެކު ރެންސް އިން ޕީއެސްޖީ ބަލިކޮށްފި

16 އަހަރުގެ ކަމަވިންގާ ޕީއެސްޖީގެ ހެރޭރާ ކައިރިން ބޯޅަ ހިފައިގެން ދަނީ. މުޅި މެޗުގައި ވެސް އޭނާ ވަނީ މޮޅު ކުޅުމެއް ދައްކައިފައި

އެންގޯލާއަށް އުފަން އުމުރުން އެންމެ 16 އަހަރުގެ އެޑުއާޑޯ ކަމަވިންގާގެ އެހީތެރިކަމާއެކު ފްރެންޗް ލީގުގައި ރެންސް އިން ރޭ ޕީއެސްޖީ ބަލިކޮށްފި އެވެ. ޕީއެސްޖީ ގޯލެއް ޖަހާފައި ވަނިކޮށް ރެންސް އިން ފަހަތުން އަރައި މެޗު ކާމިޔާބުކުރީ 2-1 އިންނެވެ. މެޗުގައި ރެންސް މޮޅުވި ގޯލު ޖަހަން އެހީތެރިވެދިނީ ފުރަތަމަ އެގާރައިގައި ހިމެނިގެން މޮޅު ކުޅުމެއް ދެއްކި 16 އަހަރާއި 9 މަހުގެ ކަމަވިންގާ އެވެ.

މިއީ ސީޒަން ހުޅުވަން ކުޅުނު ސުޕަ ކަޕް މެޗުން ރެންސްގެ މައްޗަށް ކުރި ހޯދި ޕީއެސްޖީ އަތުން އެޓީމުން ހިފި ބަދަލެކެވެ. އަނެއްކޮޅުން ރެންސް ވަނީ މިދިޔަ ސީޒަނުގެ ފްރެންޗް ކަޕްގެ ފައިނަލުގައި ވެސް ޕެނަލްޓީ ޖަހައިގެން ޕީއެސްޖީގެ މައްޗަށް ކުރި ހޯދާފަ އެވެ.

ރޭގެ މެޗުގައި ރެންސްގެ ކެޕްޓަން ޑަމިއެން ޑަ ސިލްވާ އަށް ހެދުނު ގޯހެއްގެ ފައިދާ ނަގައި ޕީއެސްޖީގެ ގޯލު ފުރަތަމަ ހާފުގެ 36 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އެޑިންސަން ކަވާނީ އެވެ. ކަވާނީގެ ގޯލަށް ފަހު ލީޑު ފުޅާކުރަން ޕީއެސްޖީގެ ކިލިއަން އެމްބާޕޭ ފޮނުވާލި ބޯޅަ ޖެހުނީ ހުރަސް ދަނޑީގަ އެވެ. އެކަމަކު ރެންސް އިން ވަނީ ފަހުން ކުޅުން ރަނގަޅުކޮށް ދެ ގޯލު ޖަހައި މެޗުގެ ނަތީޖާ އަނބުރާލައިފަ އެވެ. ފުރަތަމަ ހާފު ނިމެން މިނެޓެކަށް ވެފައިވަނިކޮށް ރެންސް އަށް ނަތީޖާ ހަމަހަމަ ކޮށްދިނީ އެމްބަޔާ ނިއާންގް އެވެ. އޭގެފަހުން ރެންސް މޮޅުވި ގޯލު ދެ ވަނަ ހާފު ފެށިގެން ތިން ވަނަ މިނެޓުގައި 16 އަހަރުގެ ކަމަވިންގާ ނަގައިދިން ހުރަހަކުން ބޮލުން ޖަހައި ވައްދާލީ ފޯވާޑް ރޮމައިން ޑެލް ކަސްޓީލޯ އެވެ. މިއާ އެކު ކަމަވިންގާ ވެފައިވަނީ ފްރެންޗް ލީގުގެ ތާރީހުގައި ގޯލެއް ޖަހަން މަގުފަހިކޮށްދިން އެންމެ ހަގު ކުޅުންތެރިޔާ އަށެވެ. މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ރެންސްގެ ސީނިއާ ޓީމަށް ސޮއިކުރި ކަމަވިންގާ ރޭ ޕީއެސްޖީއާ ދެކޮޅަށް ދެއްކި ކުޅުމަށް އެތައް ބަޔަކު އަންނަނީ ތައުރީފް ކުރަމުންނެވެ.

ލީޑުގައި އޮތް ރެންސް އަށް ތިން ވަނަ ގޯލު ޖަހަން ލިބުނު ފުރުސަތުގައި އެޓީމުގެ ޖެރެމީ ގެލިން ފޮނުވާލި ބޯޅަ އަމާޒުވީ ދަނޑިއަށެވެ. ނަތީޖާ ހަމަހަމަ ކުރަން މަސައްކަތް ކުރި ޕީއެސްޖީގެ އެމްބާޕޭއާ ކަވާނީ އަށް މެޗުގެ ފަހުކޮޅު ފުރުސަތުތަކެއް ލިބި ވަނީ ބޭކާރުވެފަ އެވެ.

މިދިޔަ ސީޒަނުގެ ލީގު ޗެމްޕިއަންކަން 16 ޕޮއިންޓުގެ ތަފާތަކާ އެކު ޕީއެސްޖީ ހޯދިއިރު ލީގުގައި އެޓީމު ބަލިވީ ފަސް މެޗުންނެވެ. އެކަމަކު މިދިޔަ ސީޒަނުގައި 10 ވަނައިގައި ނިންމާލި ރެންސް އިން ވަނީ ރޭގެ މެޗުގައި ޕީއެސްޖީއާ ދެކޮޅަށް މޮޅު ކުޅުމެއް ދައްކައިފަ އެވެ.

ރޭގެ މެޗަށް ވެސް ޕީއެސްޖީން ނުކުތީ ނޭމާ ނުލަ އެވެ. އަންނަ މަހުގެ ދެ ވަނަ ދުވަހުގެ ނިޔަލަށް ޓްރާންސްފާ ބާޒާރު ބަންދުވުމުގެ ކުރިން ނޭމާ ބޭނުންވަނީ ކްލަބް ބަދަލުކުރާށެވެ. ޕީއެސްޖީން ވެސް ވަނީ ނޭމާ ދޫކޮށްލަން މަޝްވަރާތައް ކުރަމުން އަންނަ ކަމަށް ބުނެފަ އެވެ. އެކަމަކު ރޭގެ މެޗަށް ފަހު ޕީއެސްޖީގެ ކޯޗު ތޯމަސް ޓުޗެލް ބުނީ މެޗުގައި ނޭމާ ނެތްތަން އެޓީމަށް ދެއްކި ކަމަށާއި، ކްލަބުން ނޭމާ ދޫކޮށްލާނީ ބަދަލުގައި ރަނގަޅު ފެންވަރުގެ ކުޅުންތެރިއަކު ލިބިއްޖެ ނަމަ އެވެ.

“ބަދަލުގައި ކުޅުންތެރިއަކު ނުލިބި ނޭމާ ދޫކޮށްލުމަކީ ނުވާނެ ކަމެއް. އެކަން ވަރަށް ސާފު. ނޭމާ މަޑުކޮށްފި ނަމަ އަހަރެމެން މެޗުތަކުން މޮޅުކޮށްދެވޭ ކުޅުންތެރިއަކު ހުންނާނެ. މެޗުގައި ނޭމާ އަށް ނުކުޅެވުނީ އެހެން ކުޅުންތެރިން ގޮތަށް ފަރިތަކުރުންތައް ކުރިއަށް ނުގެންދެވުނީމަ” މެޗުން ބަލިވުމުން މާޔޫސްވެފައި ހުރި ކޯޗު ޓުޗެލް ބުންޏެވެ.

ކޮމެންޓް