މޮޅު ނުވެގެން އަދި ހާސްވާކަށް ނުވޭ، ކެތްތެރިވޭ: ލަމްޕާޑް

ޗެލްސީގެ ކޯޗު ލަމްޕާޑް. އަދި މޮޅެއް ލިބިފައިނުވިޔަސް ލަމްޕާޑް އެދެނީ ޓީމާ މެދު ކެތްތެރިވުމަށް

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ އަމިއްލަ ދަނޑުގައި ޗެލްސީގެ ކުރީގެ ލެޖެންޑް ފްރޭންކް ލަމްޕާޑް އިރުޝާދުދިން ފުރަތަމަ މެޗުން އެޓީމަށް މޮޅެއް ނުލިބުނަސް ކެތްތެރިވާންޖެހޭ ކަމަށް އޭނާ ބުނެފި އެވެ. ރޭ އަމިއްލަ ދަނޑުގައި ލެސްޓަ ސިޓިއާ ވާދަކުރި މެޗުން ޗެލްސީ އެއްވަރުވީ 1-1 އިންނެވެ.

ލީގުގެ ފުރަތަމަ މެޗުގައި ރަށުން ބޭރުގައި މެންޗެސްޓަރ ޔުނައިޓެޑް އަތުން 4-0 އިން ބަލިވެފައިވަނިކޮށް މިދިޔަ ބުދަ ދުވަހު ތުރުކީގެ އިސްތަންބޫލުގައި ކުޅުނު ޔޫއެފާ ސުޕަ ކަޕް މެޗުގައި ޕެނަލްޓީ ޖަހައިގެން ޗެލްސީ ވަނީ ލިވަޕޫލް އަތުން ބަލިވެފަ އެވެ. މި ތިން މެޗުގައި ވެސް ޗެލްސީގެ ފަރާތުން ރަނގަޅު ކުޅުމެއް ފެނުނު ނަމަވެސް އެޓީމަށް ދިމާވި މައްސަލައަކީ ގޯލު ނުޖެހުމެވެ. ރޭގެ މެޗަށްފަހު ލަމްޕާޑް ވެސް އެކަން ފާހަގަކޮށް ބުނީ އެޓީމުން ކުރާ މަސައްކަތައް ކެތްތެރިވުމަށެވެ.  

“އަހަރެމެން މި މަސައްކަތް ކުރަނީ ވަކި އަމާޒަކަށް ދާން. މިކަމުގައި އެބަޖެހޭ ކެތްތެރިވާން. މެޗުގައި ދޭން ނޫނީ ތިން ގޯލު ޖެހުން ނަމަ މޮޅެއް ލިބުނިސް. އެކަމަކު ލިބުނު ފުރުސަތުތަކުގެ ބޭނުމެއް ނުހިފުނު. މި ސީޒަނުގައި ޗެލްސީގެ އެންމެ ބޮޑު މައްސަލައަކީ މިއީ” ކުޅުންތެރިއެއްގެ ގޮތުގައި ޗެލްސީ އަށް ގިނަ ކާމިޔާބީތަކެއް ހޯދައިދިން ލަމްޕާޑް ބުންޏެވެ.

ރޭގެ މެޗު ފަށައިގެން ޗެލްސީން ވަނީ ގިނަ ފުރުސަތުކެއް ތަނަވަސްކޮށް ހަތް ވަނަ މިނެޓުގައި ލީޑު ނަގައިފަ އެވެ. ލެސްޓާގެ ވިލްފްރެޑް އިންޑިޑީ އަށް ހެދުނު ގޯހެއްގެ ފައިދާ ނަގައި ލީގުގައި ޗެލްސީގެ ފުރަތަމަ ގޯލު ކާމިޔާބުކޮށްދިނީ 20 އަހަރުގެ މޭސަން މައުންޓް އެވެ. މައުންޓް ވަނީ މިދިޔަ ސީޒަނުގައި ލަމްޕާޑް އިރުޝާދުދިން ޑާބީ ކައުންޓީގައި ވެސް މޮޅު ކުޅުމެއް ދައްކައިފަ އެވެ. ފުރަތަމަ ހާފުގައި ޗެލްސީ އަށް ގިނަ ފުރުސަތުތަކެއް ލިބި ބޭކާރުވިއިރު މެޗުގެ ދެ ވަނަ ހާފުގައި ލެސްޓާ އިން ވަނީ ވަރަށް ބޮޑަށް ކުޅުން ރަނގަޅުކޮށް ޗެލްސީގެ ގިނަ ހަމަލާތަކެއް ފޮނުވާލައިފަ އެވެ. މެޗުގައި ލެސްޓާގެ ގޯލު ދެ ވަނަ ހާފުގައި ލިބުނު ކޯނަރަކުން ބޮލުން ޖެހީ އެންޑިޑީ އެވެ. މި ގޯލަށް ފަހު ވެސް ލެސްޓާ އިން ވަނީ މޮޅަށް ކުޅެ ގޯލު ޖަހާނެ ފުރުސަތުތައް ތަނަވަސްކޮށްފަ އެވެ. އެކަމަކު އެޓީމަށް ދިމާވީ ނިންމާލުމުގެ މައްސަލަ އެވެ.

އަމިއްލަ ދަނޑުގައި ޗެލްސީއާ އެކު ލަމްޕާޑް ކޯޗެއްގެ ގޮތުގައި ނުކުތް ފުރަތަމަ މެޗުގައި ސަޕޯޓަރުން ވަނީ ހޫނު މަރުހަބާއެއް ކިޔައިފަ އެވެ.

“މިއީ އަހަރެންގެ ގެ. އަހަރެންގެ ކްލަބް. މިތަނުގަ އަހަރެން އެތައް އަހަރެއް ވަންދެން ކުޅުނިން. މެޗުން މޮޅު ނުވެވުމަކީ ލިބުނު ދެރައެއް. އެކަމަކު ސަޕޯޓަރުންގެ ފަރާތުން ލިބުނު ތަރުހީބަށް އަހަރެން ޝުކުރުވެރިވަން” މެޗަށް ފަހު ލަމްޕާޑް ބުންޏެވެ.

ލީގުގެ ދެ ވަނަ ހަފްތާގެ ފަހު މެޗުގައި މިރޭ ކުޅޭނީ މެންޗެސްޓަރ ޔުނައިޓެޑާއި ވުލްވްސް އެވެ. ވުލްވްސްގެ ދަނޑުގައި ކުޅޭ މި މެޗު ފަށާނީ މިރޭ ރާއްޖެ ގަޑިން ދަންވަރު 12 ޖަހާއިރު އެވެ.

ކޮމެންޓް