އެލިސަން މަހެއްހާ ދުވަހަށް ކުޅުމާ ދުރަށް

ނޯވިޗް މެޗުގައި އަނިޔާވުމުން އެލިސަން ދަނޑުމަތީގައި. އެއް ވަނަ ކީޕަރަށް އަނިޔާވުމަކީ ލިވަޕޫލަށް ލިބުނު ބޮޑު ގެއްލުމެއް

އިނގިރޭސި  ޕްރިމިއާ ލީގުގެ ފުރަތަމަ މެޗުގައި އަނިޔާވި ލިވަޕޫލްގެ ގޯލްކީޕަރު އެލިސަން ބެކާ މަހެއްހާ ދުވަހަށް ކުޅުމާ ދުރުގައި ހުންނަން ޖެހިއްޖެ އެވެ. އެލިސަންގެ ކުޑަކަޅުވަޔަށް އަނިޔާވީ މިދިޔަ ހުކުރު ދުވަހުގެރޭ ނޯވިޗް ސިޓީ އަތުން ލިވަޕޫލް މޮޅުވި މެޗުގެ ފުރަތަމަ ހާފުގެ ފަހުކޮޅު އެވެ. އެލިސަން އަށް އަނިޔާވުމުން މެޗުގެ ބާކީ ބައިގައި އެޓީމުގެ ގޯލު ބެލެހެއްޓީ މި ފަހަރުގެ ޓްރާންސާފާގައި ވެސްޓް ހޭމް ޔުނައިޓެޑުން އެޓީމަށް ގެނައި އެޑްރިއަން އެވެ.

ބްރެޒިލާ އެކު ކޮޕާ އެމެރިކާ ފުޓްބޯޅަ މުބާރާތް ކާމިޔާބު ކުރުމަށް ފަހު ލިވަޕޫލްގެ ފަރިތަކުރުންތަކުގައި އެލިސަން ބައިވެރިވާން ފެށީ ސީޒަން ފެށެން ކުޑަ ދުވަސްކޮޅަކަށް ވެފައި ވަނިކޮށެވެ.

“އެލިސަންގެ އަނިޔާގެ އެންމެ ރަނގަޅެއް ނޫން. އަނިޔާގެ ސަބަބުން ކުރިއަށް އޮތް ހަފްތާތަކުގައި އެލިސަން ނުފެންނާނެ” 26 އަހަރުގެ ގޯލްކީޕަރުގެ އަނިޔާއާ ގުޅޭގޮތުން ލިވަޕޫލްގެ ކޯޗު ޔާގެން ކްލޮޕް ބުންޏެވެ.

މިދިޔަ އަހަރު 84.4 މިލިއަން ޕައުންޑަށް ރޯމާއިން ލިވަޕޫލަށް ބަދަލުވި އެލިސަން ވަނީ ލިވަޕޫލާ އެކު ފުރަތަމަ ސީޒަނުގައި މޮޅު ކުޅުމެއް ދައްކައި ޔޫއެފާ ޗެމްޕިއަންސް ލީގު އެޓީމަށް ކާމިޔާބުކޮށްދިނުމުގައި މުހިއްމު ދައުރެއް އަދާކޮށްފަ އެވެ.

“އަހަރެން ބޭނުމެއް ނޫން އެލިސަން އަންނާނެހެން ހީވާ ދުވަހެއް ބުނާކަށް. ޔަގީނުން ވެސް އަދި ދެހަފްތާއެއްހާ ދުވަސް ނަގާނެ. މިކަހަލަ އަނިޔާތަކުގަ ބައެއް ކީޕަރުން ހަ ހަފްތާ އަށް ވެސް ކުޅުމާ ދުރުގައި ހުންނަން ޖެހޭ. އެކަމަކު އެލިސަން އަކީ ކެރިއަރުގެ މިހާތަނަށް މާގިނައިން އަނިޔާވި ކީޕަރެއް ނޫން. އެހެންވެ އަހަރެމެން މިތިބީ އެލިސަންގެ އަނިޔާ އަށް އަންނަ ކުރިއެރުން ބަލަން. ޔަގީނުން ވެސް ކުރިއަށް މަދު ހަފްތާ ތަކުގައި އެލިސަން އެއް ނުފެންނާނެ” އެއް ވަނަ ކީޕަރުގެ އަނިޔާގެ ތަފްސީލް އިތުރަށް ހާމަކުރަމުން ކްލޮޕް ބުންޏެވެ.

އެލިސަން އަށް އަނިޔާވިއިރު ބަދަލު ކީޕަރު ސިމޯން މިނިއޮލޭ ވަނީ ކްލަބް ބަދަލުކޮށްފަ އެވެ. އަދި، އެޓީމުގެ ތިން ވަނަ ކީޕަރު ކައޯއިމްހިން ކެލެއާ ވެސް ހުރީ އަނިޔާގަ އެވެ. މި ތިން ކީޕަރުންގެ އިތުރުން ލިވަޕޫލްގެ ޒުވާން ކީޕަރު ކާމިލް ގްރަބަރާ ވަނީ ލޯނެއްގެ ދަށުން ޗެމްޕިއަންޝިޕްގެ ހަޑަސްފީލްޑް ޔުނައިޓެޑަށް ބަދަލުވެފަ އެވެ. އެހެންވެ ލިވަޕޫލުން މިހާރު ނިންމާފައިވަނީ މިދިޔަ ސީޒަނުގައި މިޑްލްސްބަރާ އަށް ކުޅުނު 35 އަހަރުގެ ކީޕަރު އެންޑީ ލޮނާގަން ކުރު މުއްދަތަކަށް ޓީމަށް ގެނައުމަށެވެ.

މިނިއޮލޭ ލިވަޕޫލް ދޫކޮށް އުފަން ގައުމުގެ ކްލަބް ބްރޫޖަށް ބަދަލުވުމުން މިދިޔަ ޕްރީ ސީޒަނުގައި ލިވަޕޫލާއެކު ފަރިތަކުރުމުގެ ފުރުސަތު ލޮނާގަން އަށް ވަނީ ދީފަ އެވެ. ކީޕަރުންގެ މައްސަލަ ކުރިމަތިވުމުން މާދަމާރޭ ތުރުކީގެ އިސްތަންބޫލްގައި ޗެލްސީއާ ދެކޮޅަށް ލިވަޕޫލުން ކުޅޭ ޔޫއެފާ ސުޕަ ކަޕް މެޗުގައި ބަދަލު ކީޕަރެއްގެ ގޮތުގައި ލޮނާގަން ފެނުމުގެ ފުރުސަތު ބޮޑެވެ. އެލިސަން އަށް އަނިޔާވުމުން މާދަމާރޭގެ ސުޕަ ކަޕް މެޗުގެ އިތުރުން ލީގުގައި އަންނަ ހޮނިހިރު ދުވަހު ސައުތެމްޓަން އާއި ދެކޮޅަށް ކުޅޭ މެޗާއި މި މަހުގެ އާސެނަލާއި ބާންލީއާ ދެކޮޅަށް ކުޅޭ މެޗު ވެސް ގެއްލޭނެ ކަމަށް ބެލެވެ އެވެ.

“މިދިޔަ ދުވަސްތަކުގައި ކީޕަރުންގެ އަނިޔާގެ މައްސަލަ މާ ބޮޑު. އެކަމަކު ކެލެއާ މިހާރު އަންނަނީ އެންމެ ފަހުގެ ފަރިތަކުރުންތަކުގައި ބައިވެރިވަމުން. ވަރަށް އަވަހަށް ޓީމާ ގުޅޭނެ. ޔަގީނުނަ ވެސް މިހާލަތުގަ އަހަރެމެން އެބަޖެހޭ ކީޕަރުންގެ ހައްލެއް ހޯދަން. އިތުރު ކަމެއް ގޯސް ނުވާނަމަ އެންޑީ ލޮނާގަން ހުންނާނެ. ލޮނާގަން ވަނީ ޕްރީ ސީޒަނުގައި ޓީމަށް ވަރަށް ބޮޑަށް އެހީވެދީފަ އެހެންވެ ކްލަބުން ނިންމާފައިވަނީ އޭނާއާ ގުޅިގެން މަސައްކަތް ކުރުމަށް” ކްލޮޕް ބުންޏެވެ.

ކޮމެންޓް