އަނިޔާވި ކުއްޖާއާ މެދު ސަލާހް ކަންކުރި ގޮތުން ދޮންބައްޕަ އަންތަރީސްވެއްޖެ

އެއީ މިދިޔަ ހޮނިހިރުދުވަހެވެ. ލިވަޕޫލްގެ ކުޑަކުޑަ ސަޕޯޓަރަކު އޭނާގެ އެންމެ މަގްބޫލު ކުޅުންތެރިޔާ ކަމުގައިވާ މުޙައްމަދު ސަލާޙް ފެނޭތޯ ކުރި މަސައްކަތުގެ ނަތީޖާއަކަށްވީ އޭނާގެ ނޭފަތް ފެޅި ލޭ އައުމެވެ. އެހެންނަމަވެސް އެކުއްޖާއަށް އެކަމުގައި ލިބުނު ވޭނާއި ކެކުޅުން ހަނދާން ނައްތުވާލައި އުފާވެރިކަން ގެނުވީ ސަލާހް އެކުއްޖާގައިގައި ބައްދާލައި ފޮޓޯއަކަށް ހުއްޓިލުމުންނެވެ.

11 އަހަރުގެ ލުއިސް ފައުލަރ މަގުމަތީ ހޮޅިދަނޑިއެއްގައި ޖެހި ނޭފަތް ފަޅައިގެން ދިޔައީ ސަލާހު ކާރުގައި އަންނަތަން ފެނިގެން އޭނާއަށް އަތްހޫރާ ސަލާމްކުރުމަށް ކާރުގެ އެއްފަރާތުން ދުވެފައި ދަނިކޮށެވެ. އެވަގުތު އޭނާއާއެކު އޭނާގެ ކޮއްކޮ އިސާކުވެސް ދުވެފައި ދިޔައެވެ. ލުއިސް ވެއްޓި އަނިޔާވިތަން ފެނުމާއެކު ސަލާހް ކާރު އަނބުރާލާފައި އެކުދިންގެ ގާތަށް އައިސް މަޑުކޮށް ކާރުން ފައިބައި އެކުދިންނާއެކު  ފޮޓޯނަގައި އެކުދިންގެ ހިތްހަމަޖައްސައިދިނެވެ.

“އަހަރެމެން އެމްބިއުލަންސަށް ގުޅަން ތިއްބާ ފެނުނީ މޯ (މުޙައްމަދު ޞަލާހް) އަށް އެމަންޒަރު ފެނިގެން ކާރު އަނބުރާލާފައި އެކުދިން އޯކޭތޯ ބަލަން އެދެކުދިންގެ ގާތަށް އައިތަން ” ލުއިސްގެ ދޮން ބައްޕަ ޖޯއީ ކޫޕަރ ސްކައިނިއުސް އަށް ކިޔައިދިނެވެ.

” އޭނާ ކާރުން ފޭބިތަން ފެނިގެން އެދެކުދިން އުފަލުން ހަޅޭއްލަވަމުންދިޔަ. އިސާކު ހީވީ އުފަލުންގޮސް މޮޔަވިހެން އަދި ގޮސް ބައްދާލި. މޯ އުޅުނުގޮތުން ހީވީ އެއީ އޭނާގެ ސަބަބަބުން ވީކަމެއްހެން. އޭނާ ވަރަށް ރަނގަޅު. އެހެންމީހުންނަށް ވަރަށް އަޅާލާ، ވަރަށް އޯގާތެރި. މޯ އަކީ ޙަޤީޤީ މާނައިގައި ޖެންޓްލްމަން އެއް.” ޖޯއީ ބުންޏެވެ.

ޖޯއި ވަނީ މިކަމާއި ގުޅިގެން ޓްވިޓަރ ގައި މިކަން ހިއްސާކޮށް ސަލާހަށް ވަރަށް ބޮޑަށް ޝުކުރު އަދާކޮށްފައެވެ.

ކޮމެންޓް