ތާރީހީ ބަދަލަކާ އެކު ޕްރިމިއާ ލީގުގެ މެޗް ޝެޑިއުލް ނެރެފި

ޔުނައިޓެޑާ ޗެލްސީ މިދިޔަ ސީޒަނުގައި ވާދަކުރި މެޗުގެ ތެރެއިން. އާ ސީޒަނުގެ ފުރަތަމަ ހަފްތާގައި މި ދެޓީމު ވާދަކުރާނެ

ލީގުގެ ތާރީހުގައި ސީޒަންގެ މެދުތެރެއިން ޓީމުތަކަށް ފުރަތަމަ ފަހަރަށް ބްރޭކެއް ދޭން ނިންމައި އިނގިރޭސި ޕްރިމިއާ ލީގުގެ މެޗް ޝެޑިއުލް މިއަދު ނެރެފި އެވެ.

އަންނަ ސީޒަނުގައި ކޮންމެ ޓީމަކަށް ހަފްތާއެއްގެ ބްރޭކެއް ލިބޭނީ ފެބްރުއަރީ މަހުގެ މެދުތެރެއިންނެވެ. އެކަމަކު ބްރޭކް ދޭނީ 10 ޓީމު ދެ ހަފްތާއަށް ބަހާލައިގެންނެވެ. މިއިން ކޮންމެ ހަފްތާއެއްގައި ބާކީ އޮންނަ 10 ޓީމުގެ މެދުގައި ލީގުގެ ފަސް މެޗު ކުޅޭނެ އެވެ. ފުރަތަމަ 10 ޓީމަށް ބްރޭކް ލިބޭނީ ފެބްރުއަރީ މަހުގެ ދެ ވަނަ ހަފްތާގަ އެވެ. އަދި، ޖެހިގެން އަންނަ ހަފްތާގައި ބާކީ 10 ޓީމަށް އެއް ހަފްތާގެ ބްރޭކެއް ލިބޭނެ އެވެ. ޕްރިމިއާ ލީގުގެ ޝެޑިއުލް މިއަދު އާއްމުކުރީ ފެބްރުއަރީ މަހުގެ 8 ވަނަ ދުވަހު އެ ހަފްތާގެ މެޗުތައް ކުޅޭގޮތަށެވެ. އެކަމަކު ޓީމުތަކަށް ބްރޭކް ދިނުމަށް މި މެޗުތަކުގެ ޝެޑިއުލް އަންނަ ޑިސެމްބަރު މަހުގެ މެދަކާ ހަމައިން ބަދަލުކުރާނެ އެވެ.

ސީޒަނުގައި ގިނަ މެޗުތަކެއް ކުޅޭއިރު މެދުތެރެއިން ބްރޭކެއް ނުލިބުމަކީ ޕްރިމިއާ ލީގުގައި ވާދަކުރާ ކްލަބްތަކުންނާއި ކޯޗުން އަބަދަވެސް ކަންބޮޑުވުން ފާޅުކުރާ ކަމެކެވެ. ޔޫރަޕްގެ ގަދަ ފަސް ލީގުގެ ތެރެއިން އިނގިރޭސި ޕްރިމިއާ ލީގު ނޫން އެހެން ލީގުތަކުގައި ފިނިމޫސުމާ ދިމާކޮށް އަހަރުގެ ފަހުކޮޅު އަބަދުވެސް ބްރޭކެއް ދެ އެވެ. އެކަމަކު ޕްރިމިއާ ލީގުގައި އެދުވަސްވަރަކީ އެންމެ ގިނަ މެޗުތައް ކުޅޭ ދުވަސްވަރެވެ.

ލީގުގެ ފުރަތަމަ ހްފާތަގައި ކުޅުމަށް ހަމަޖެހިފައިވާ މެޗުތައް

20-2019 ވަނަ ސީޒަނުގެ ލީގުގެ ކުޅުން ފަށާނީ އޮގަސްޓް 10 ވަނަ ދުވަހުގެ ހަވީރު ލިވަޕޫލާ އަލަށް ޕްރޮމޯޓްވި ނޯވިޗް ސިޓީގެ މެޗުންނެވެ. މިދިޔަ ސީޒަނުގެ ޗެމްޕިއަން މެންޗެސްޓަރ ސިޓީ ފުރަތަމަ މެޗުގައި އޮގަސްޓް 10 ވަނަ ދުވަހު ރަށުން ބޭރުގައި ނުކުންނާނީ ވެސްޓް ހޭމް ޔުނައިޓެޑާ ދެކޮޅަށެވެ. ހަމަ އެދުވަހު ޓޮޓެންހަމް ހޮޓްސްޕާސް އަމިއްލަ ދަނޑުގައި އެސްޓަން ވިލާއާ ދެކޮޅަށް ނުކުންނައިރު އާސެނަލްގެ ފުރަތަމަ މެޗުގައި އާދީއްތަ ދުވަހު ރަށުން ބޭރުގައި އެޓީމު ނުކުންނާނީ ނިއުކާސަލް ޔުނައިޓެޑާ ދެކޮޅަށެވެ. ފުރަތަމަ ހަފްތާގެ މެޗުތައް ނިމޭނީ މެންޗެސްޓަރ ޔުނައިޓެޑްގެ ދަނޑުގައި ޗެލްސީއާ ވާދަކުރާ މެޗުންނެވެ.

އެހެން މެޗުތަކަށް ބަލާއިރު މިދިޔަ އަހަރުގެ ލީގަށް ވާދަކުރި ސިޓީއާ ލިވަޕޫލްގެ ފުރަތަމަ ކުރިމަތިލުން އޮންނާނީ ނޮވެމްބަރު މަހުގެ ނުވަ ވަނަ ދުވަހު އެވެ. މި މެޗު ލިވަޕޫލްގެ ދަނޑުގައި ކުޅޭއިރު ދެ ވަނަ ލެގްގައި ސިޓީ ދަނޑުގައި މި ދެޓީމު ކުޅޭ މެޗު އޮންނާނީ އޭޕްރީލް ހަތަރު ވަނަ ދުވަހު އެވެ. މިދިޔަ ސީޒަނުގެ ލީގު ޗެމްޕިއަންކަން ސިޓީން 98 ޕޮއިންޓާއެކު ކަށަވަރު ކުރިއިރު ލިވަޕޫލް ދެ ވަނައިގައި ނިންމާލީ 97 ޕޮއިންޓާއެކު އެވެ.

އިނގިރޭސި ފުޓްބޯޅަ ސީޒަން ފެށޭނީ އޮގަސްޓް ހަތަރު ވަނަ ދުވަހު ސިޓީއާ ލިވަޕޫލް ކުޅޭ ކޮމިއުނިޓީ ޝީލްޑް މެޗުންނެވެ. އަދި، އޮގަސްޓް 14 ވަނަ ދުވަހު ޔޫއެފާ ސުޕަރ ކަޕްގައި ޗެލްސީއާ ލިވަޕޫލް ވާދަކުރާނެ އެވެ. ޔޫރަޕްގެ ދެ ޗެމްޕިއަނުންގެ މި މެޗު ކުޅޭނީ ތުރުކީގެ އިސްތަންބޫލުގަ އެވެ. އެ މެޗަށްފަހު ލިވަޕޫލް ލީގުގައި ރަށުން ބޭރުގައި ސައުތެމްޓަންއާ ދެކޮޅަށް ނުކުންނައިރު އެ ހަފްތާ އަމިއްލަ ދަނޑުގައި ޗެލްސީ ނުކުންނާނީ ލެސްޓަ ސިޓީއާ ދެކޮޅަށެވެ.  

މިފަހަރުގެ ލީގަށް އަލަށް ޕްރޮމޯޓްވީ ނޯވިޗް ސިޓީގެ އިތުރުން ޝެފީލްޑް ޔުނައިޓެޑް އަދި އެސްޓަން ވިލާ އެވެ.

ކޮމެންޓް