ލިވަޕޫލްގެ އުއްމީދުތައް ވަޅުލައި ސިޓީ އިން ލީގު ޗެމްޕިއަންކަން ދިފާއުކޮށްފި

ރަށުން ބޭރުގައި މިރޭ 4-1 އިން ބްރައިޓަން ބަލިކޮށް އިނގިރޭސި ޕްރިމިއާ ލީގުގެ ޗެމްޕިއަންކަން މެންޗެސްޓަރ ސިޓީ ހޯދައިފި އެވެ. މިރޭގެ  މޮޅާއެކު ސިޓީން ލީގު ޗެމްޕިއަންކަން ކަށަވަރު ކުރީ 98 ޕޮއިންޓާއެކު އެވެ. އެޓީމާ ގާތުން ފަހު މެޗާ ހަމައަށް ޗެމްޕިއަންކަން ހޯދަން ވާދަކުރި ލިވަޕޫލުން މިރޭ ވުލްސް ބަލިކުރި ނަމަވެސް އެޓީމަށް ލީގު ނިމުނުއިރު ލިބުނީ 97 ޕޮއިންޓެވެ.

މިއީ 2009 ވަނަ އަހަރުގެ ފަހުން ޓީމަކުން ލީގު ޗެމްޕިއަންކަން ޖެހިޖެހިގެން ހޯދި ފުރަތަމަ ފަހަރެވެ. އެ އަހަރު، ކާމިޔާބު ކޯޗު ސަރ އެލެކްސް ފާގަސަން ވަނީ މެންޗެސްޓަރ ޔުނައިޓެޑަށް ޖެހިޖެހިގެން ލީގު ހޯދައިދީފައެވެ. މިރޭ ސިޓީން ޗެމްޕިއަންކަން 98 ޕޮއިންޓާއެކު ހޯދިއިރު މިދިޔަ ސީޒަނުގެ ޗެމްޕިއަންކަން އެޓީމު ހޯދީ 100 ޕޮއިންޓާއެކު އެވެ. މިއީ ސިޓީން ޕްރިމިއާ ލީގުގެ ޗެމްޕިއަންކަން ހޯދި ހަ ވަނަ ފަހަރެވެ. އަދި، މިއީ މިދިޔަ އަށް އަހަރުތެރޭ ސިޓީން ލީގު ޗެމްޕިއަންކަން ހޯދި ހަތަރު ވަނަ ފަހަރެވެ.

މި ސިޒަނުގައި ކުޅުނު 38 މެޗު ތެރެއިން ސިޓީއަށް މޮޅު ނުވެވުނީ ހަ މެޗުންނެވެ. ހަތަރު މެޗުން ބަލިވިއިރު ދެ މެޗުން އެޓީމު ވަނީ އެއްވަރުވެފައެވެ. ލީގުގައި މި ސީޒަނުގައި ސިޓީން ވަނީ 95 ގޯލު ޖަހައިފައެވެ.

މެޗު ފެށިގެން ސިޓީން ގޯލެއް ޖަހަން މަސައްކަތް ކުރަނިކޮށް ބްރައިޓަން އަށް ލިބުނު ކޯނަރެއްގައި އެޓީމު ވަނީ ގޯލެއް ޖަހައި ސިޓީ ހާސްކޮށްލައިފައެވެ. މެޗުގެ 27 ވަނަ މިނެޓުގައި މި ގޯލު އެޓީމަށް ޖަހައިދިނީ ގްލެން މަރީ އެވެ. އެކަމަކު ސިޓީން ވަނީ ޖެހިގެން އައި މިނެޓުގައި އުފެއްދި ހަމަލާގައި ގޯލެއް ޖަހައި މެޗުގެ ނަތީޖާ ހަމަހަމަ ކޮށްފައެވެ. ޑޭވިޑް ސިލްވާ ދިން ޕާހަކުން މި ގޯލު ޖަހައިދިނީ ސާޖިއޯ އަގުއޭރޯ އެވެ. ފުރަތަމަ ހާފު ނިމުމުގެ ކުރިން ސިޓީން ވަނީ އިތުރު ގޯލެއް ޖަހައި މެޗުގައި ފުރަތަމަ ފަހަރަށް ލީޑު ނަގައިފައެވެ. މި ގޯލު 38 ވަނަ މިނެޓުގައި ކޯނަރަކުން ޖަހައިދިނީ ޑިފެންޑަރު އައިމެރިކް ލަޕޯޓް އެވެ.

ދެ ވަނަ ހާފު ފެށިގެންވެސް މޮޅަށް ކުޅެ ސިޓީން ވަނީ އިތުރު ދެ ގޯލު ޖަހައިފައެވެ. އެޓީމުގެ ތިން ވަނަ ގޯލު ޖަހައިދިނީ މިރޭ ފުރަތަމަ އެގާރައިގައި ހިމެނިގެން ކުޅުނު ރިޔާދް މާރޭޒް އެވެ. 63 ވަނަ މިނެޓުގައި ޖެހި މާރޭޒްގެ ގޯލަށްފަހު ސިޓީގެ ހަތަރު ވަނަ ގޯލު 72 ވަނަ މިނެޓުގައި ޖެހީ އިލްކާއީ ގުންޑޮގާން އެވެ. މިއީ ލިބުނު ހިލޭ ޖެހުމަކުން ގުންޑޮގާން ވައްދާލި ލަނޑެކެވެ.

ފަހު މެޗާ ހަމައަށް ލީގު ހޯދުމުގެ ރޭހުގައި ސިޓީއަށް ޕްރެޝަރު ކުރި ލިވަޕޫލް ވަނީ މިރޭ 2-0 އިން ވުލްވްސް ބަލިކޮށްފައެވެ. މިރޭގެ މެޗުގައި ލިވަޕޫލްގެ ދެ ގޯލު ވެސް ޖަހައިދިނީ ސަޑިއޯ މާނޭ އެވެ. މި ސީޒަނުގެ ލީގުގައި ލިވަޕޫލުން ބަލިވީ އެންމެ މެޗަކުންނެވެ. އެއީ ލީގުގެ ދެ ވަނަ ބުރުގައި ރަށުން ބޭރުގައި މެންޗެސްޓަރ ސިޓީއާ ވާދަކުރި މެޗުންނެވެ.

ލިވަޕޫލަށް ލީގު ގެއްލުނުއިރު އެޓީމުން ވަނީ ދެ ވަނަ ބުރުގެ މެދަކާ ހަމައަށްވެސް ލީގުގައި ބޮޑު ލީޑެއް ނަގައިފައެވެ. ހަތް ޕޮއިންޓުގެ ލީޑެއްގައި އޮއްވައި އެޓީމަށް ލީގު ހޯދުމުގެ ހުރަސްތަކެއް ކުރިމަތިވީ ސިޓީ އަތުން ބަލިވުމުންނެވެ. އޭގެފަހުން އެޓީމަށް ޕޮއިންޓް ގެއްލުނީ މެންޗެސްޓަރ ޔުނައިޓެޑާ ދެކޮޅަށް ކުޅުނު މެޗާއި، ލެސްޓާ ސިޓީ އަދި ރަށުން ބޭރުގައި އަވައްޓެރި އެވަޓަންއާ ދެކޮޅަށް ކުޅުނު މެޗުގައެވެ.

ލީގު ޗެމްޕިއަންކަން ސިޓީ ހޯދިއިރު އެޓީމު ވަނީ ލީގު ކަޕްގެ ޗެމްޕިއަންކަން ވެސް ހޯދައިފައެވެ. އަދި، މި މަހުގެ 18 ވަނަ ދުވަހު އެފްއޭ ކަޕްގެ ފައިނަލުގައި އެޓީމު ވެޓްފޯޑާ ދެކޮޅަށް ނުކުންނާނެ އެވެ.

ކޮމެންޓް