މިއެޓް ފުޓްސަލް ފިއެސްޓާ: ކަންމަތި އެފްސީ އާއި އެޕޮކަލިޕްސް ފައިނަލަށް

Advertisement

މިއެޓް ފުޓްސަލް ފިއެސްޓާ: ކަންމަތި އެފްސީ އާއި އެޕޮކަލިޕްސް ފައިނަލަށް

ޢަލީ ޝަހީމް
ގްރޫޕް ސްޓޭޖުގެ މެޗެއްގައި އެޕޮކަލިޕްސްގެ ޝިޔާހް ގޯލު ޖެހުމަށް ފަހު. އެޓީމު ފައިނަލަށް ދަތުރުކުރީ ރޭ ޝިޔާހް ޖެހި ގޯލުން މޮޅުވެގެން. - ފޮޓޯ: މިއެޓް ޖަމިއްޔާ

މަލްޓި ޔޫތު އެސޯސިއޭޝަން އޮފް ތުލުސްދޫ (މިއެޓް) އިން އިންތިޒާމުކޮށްގެން ތުލުސްދޫ ދާއިރާގެ ރަށްތަކަށް ހުޅުވާލައިގެން މިހާރު އެރަށުގައި ކުރިއަށްގެންދާ މިއެޓް ފުޓްސަލް ފިއެސްޓާގެ ފައިނަލުގެ ޖާގަތައް އެންމެ ފަހުގެ ޗެމްޕިއަން ކަންމަތި ފުޓްބޯލް ކްލަބާއި މިއަހަރުގެ މުބާރާތަށް ވަރުގަދަ ޓީމެއް އެކުލަވާލި އެޕޮކަލިޕްސް ދަތުރުކޮށްފި އެވެ. މި ދެޓީމަކީ ވެސް މުބާރާތް ބާއްވާ ތުލުސްދޫއަށް ނިސްބަތްވާ ދެ ޓީމެވެ.

މުބާރާތުގެ ފައިނަލަށް އެޕޮކަލިޕްސް ދަތުރުކުރީ ރޭ ކުޅުނު ފުރަތަމަ ސެމީ ފައިނަލުގައި 1-0 ގެ ނަތީޖާއަކުން ހިންމަފުށި ފުޓްބޯޅަ ޓީމު ބަލިކޮށްގެންނެވެ. މިދިޔަ އަހަރުގެ ރަނަރަޕް ހޯދައި މި އަހަރު ވެސް މޮޅު ކުޅުމެއް ދައްކަމުން އައި ހިންމަފުށި ކޮޅަށް އެޕޮކަލިޕްސްގެ ހަމައެކަނި ގޯލު ކާމިޔާބުކޮށްދިނީ އަލީ ޝިޔާހް އެވެ. މުބާރާތުގެ މޮޅު ކުޅުމެއް ދައްކަމުން އަންނަ ޝިޔާހް ވަނީ ރޭގެ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ވެސް ހޯދާފަ އެވެ.

ކަންމަތި އެފްސީ އާއި ހުރާ އެފްސީ ގްރޫޕް ސްޓޭޖުގައި ކުޅުނު މެޗުގެ ތެރެއިން. ސެމީގައި ވެސް މި ދެޓީމުގެ ކުރިމަތިލުން ކާމިޔާބުކުރީ ކަންމަތި އެފްސީ އިން. – ފޮޓޯ: މިއެޓް ޖަމިއްޔާ

ފައިނަލުގެ ދެ ވަނަ ޖާގަ މަޝްހޫރު ގިނަ ކުޅުންތެރިންތަކެއް ހިމެނޭ ކަންމަތި އެފްސީ އިން ހޯދީ ހުރާ ފުޓްބޯލް ކްލަބް 6-1 އިން ބަލިކޮށްގެންނެވެ. މެޗުގައި ކަންމަތި އެފްސީގެ 6 ގޯލުގެ ތެރެއިން އިބްރާހީމް ސިނާހް (ސިނާ) ވަނީ ހެޓްރިކް ހަދައިފަ އެވެ. ސިނާ އަކީ ފަހަތުގައި ހުރެގެން ފުޓްސަލްގައި ޓީމު ލީޑު ކުރުމުގައި ރާއްޖޭގައި ހުރި އެންމެ މޮޅު އެއް ކުޅުންތެރިޔާ އެވެ. ސިނާގެ އިތުރުން މެޗުގައި ކަންމަތި އެފްސީއަށް ގޯލުތައް ޖަހައިދިނީ އާދަމް އަޒްމީން އާއި އަލީ އަރުޝަމް އަދި އިބްރާހީމް އަސްވަދު (ގަބޭ) އެވެ. ހުރާގެ ހަމައެކަނި ގޯލު ކާމިޔާބުކޮށްދިނީ އަހުމަދު ނައުޝާދު އެވެ. މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ލިބުނީ ހެޓްރިކް ހެދި ސިނާ އަށެވެ.

މިފަހަރުގެ މުބާރާތަށް ހުރާ ނުކުތީ ކުރިން ގައުމީ ޓީމަށް ކުޅުނު އެރަށަށް އުފަން މަޝްހޫރު ދެ ކުޅުންތެރިން ކަމަށްވާ އަބްދުﷲ އިބްރާހީމް (އަބުޅޯ) އާއި އަލީ ޝިހާމް (ހުރާ އައްޔަ) ގެ އިރުޝާދުގެ ދަށުންނެވެ. މުބާރާތުގެ ސެމީ ފައިނަލުން އެޓީމު ކެޓިއިރު ބަލިވި ދެ މެޗަކީ ވެސް ކަންމަތި އެފްސީއާ ދެކޮޅަށް ކުޅުނު މެޗުތަކެވެ. ގްރޫޕް ސްޓޭޖުގައި މިދެޓީމު ވާދަކުރި މެޗު ނިމުނީ 6-2 އިންނެވެ.

ކަންމަތި އެފްސީ އާއި އެޕޮކަލިޕްސް ވާދަކުރާ ފައިނަލް މެޗު ފަށާނީ މާދަމާ ރޭ ނުވައެއް ޖަހާއިރު އެވެ. މުބާރާތް އިންތިޒާމުކުރާ މިއެޓް ޖަމިއްޔާއިން ބުނީ ފައިނަލް މެޗު ފޯރިގަދަކުރުމުގެ ހަރަކާތްތަކެއް މާދަމާ ރޭ ދަނޑުގައި ކުރިއަށް ގެންދާނެ ކަމަށެވެ. މިގޮތުން ބާއްވާ އެންމެ ހާއްސަ އެއް ހަރަކާތަކީ 1438 ގެ ބޮޑުބެރު ގްރޫޕުގެ އައިޓަމްތަކެއް މެޗުގެ ކުރިން ގެނެސްދިނުމެވެ.

10 ޓީމަކުން ބައިވެރިވި މިފަހަރުގެ މުބާރާތުގެ ޗެމްޕިއަން ޓީމަށް 25،000 ރުފިޔާ ދޭގޮތަށް ހަމަޖެހިފައިވާއިރު ރަނަރަޕް ޓީމަށް ލިބޭނީ 10،000 ރުފިޔާ އެވެ.

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *