މޮރީނިއޯ އެނބުރި އަންނަނީ، މިފަހަރު ކަމަކަށް އޮތީ ފާޑުކިޔުން

ދެ އަހަރާއި ބައިގެ މުއްދަތަކަށްފަހު މެންޗެސްޓަރ ޔުނައިޓެޑްގެ ކޯޗުކަމުން މިިދިޔަ މަހު ވަކިކުރި ޕޯޗުގަލްގެ ހޯސޭ މޮރީނިއޯ ފުޓްބޯޅަ ޕަންޑިތެއް ގޮތަށް އަންނަން ތައްޔާރުވެއްޖެ އެވެ. ކޯޗިން ކެރިއަރުން ޗުއްޓީއެއް ނެގުމަށްފަހު މޮރީނިއޯ މިފަހަރު ފެންނާނީ ބީއިން ސްޕޯޓްސްގެ ފުޓްބޯޅަ ޝޯތަކުންނެވެ.

ބީއިން ސްޕޯޓްސް އާއެކު މޮރީނިއޯ އެނަލިސްޓެއް ގޮތަށް ފުރަތަމަ ފެންނާނީ އޭއެފްސީ އޭޝިއަން ކަޕްގައި މި މަހުގެ 17 ވަނަ ދުވަހު ގަތަރާއި ސައުދީ އަރަބިއްޔާ ވާދަކުރާ މެޗުގައެވެ. ބީއިން ސްޕޯޓްސް މީޑިއާ ގްރޫޕުގެ އިދާރާތައް އެގާރަ ގައުމެއްގައި ހުންނައިރު ގަތަރުގެ ވެރިރަށް ދޯހާ އަކީ އެތަނުން އެއް ސިޓީ އެވެ. އޭޝިއަން ކަޕްގެ މެޗަށްފަހު އެނަލިސްޓެއް ގޮތަށް މޮރީނިއޯ ދެން ފެންނާނީ އިނގިރޭސި ޕްރިމިއާ ލީގުގައި އާސެނަލާއި ޗެލްސީ ބައްދަލުކުރާ މެޗުގައެވެ. މި މަހުގެ 19 ވަނަ ދުވަހުގެ ރޭ މި މެޗު ކުޅޭނީ އާސެނަލްގެ އެމިރޭޓްސް ސްޓޭޑިއަމް ގައެވެ. އެނަލިސްޓެއް ގޮތުގައި މޮރީނިއޯ ވަނީ މިދިޔަ އަހަރު ނިމުނު ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގައި ރަޝިޔާގެ ޗެނަލްއަކާއި އެކުވެސް މަސައްކަތް ކޮށްފައެވެ.

ޔުނައިޓެޑްގެ ކޯޗުކަމުން މިދިޔަ ޑިސެމްބަރު މަހު މޮރީނިއޯ ވަކިކުރީ ޓީމުގެ ކުޅުން ދަށްވެ ލީގުގެ ގަދަ ހަތަރަކުން ވެސް ފުރުސަތު ގެއްލުމުގެ ބިރު އޮތުމުންނެވެ. މޮރީނިއޯއާ ވަކިކުރުމާއި ހަމައަށް މި ސީޒަން ވެގެންދިޔައީ 1990 ވަނަ އަހަރަށްފަހު އެޓީމުން އެންމެ ދަށްކޮށް ނަތީޖާތައް ނެރުނު ސީޒަނަށެވެ. ޓީމުގެ ބައެއް ކުޅުންތެރިންނާއި މައްސަލަޖެހުނު އިރު މެނޭޖްމަންޓާއި މޮރީނިއޯއާ ދެމެދުވެސް ބަހުގެ ހަމަލާތަކެއް ވަނީ ބަދަލުކޮށްފައެވެ. ޔުނައިޓެޑުން މޮރީނިއޯ ވަކިކުރި އިރު އޭނާ ވަނީ އެޓީމަށް ޔޫރޮޕާ ލީގާއި އެފްއޭ ކަޕް ކާމިޔާބުކޮށްދީފައެވެ.

“ހޯސޭ (މޮރީނިއޯ) އަކީ ދުނިޔޭގައި މިހާތަނަށް އުފެދުނު އެންމެ މޮޅު އެއް ކޯޗު. އަހަރެމެން އުއްމީދުކުރަން މޮރީނިއޯ ތަޖުރިބާ އާއެކު ޗެނަލްތައް ބަލާ އެތައް މިލިއަން މީހުންނަށް ހިތްހަމަޖެހުން ލިބޭނެ ކަމަށް” ބީއިން ސްޕޯޓްސް އިން ނެރުނު ބަޔާނެއްގައި ބުނެފައިވެއެވެ.

ޔުނައިޓެޑްގެ ކޯޗުކަމުން ވަކިކުރުމަށްފަހު ލަންޑަނުގައި ހުންނާ އޭނާގެ ގެއަށް ބަދަލުވުމަށްފަހު މޮރީނިއޯ ބުނީ ފުޓްބޯޅައިން ބްރޭކެއް ނަގަން ބޭުންވާ ކަމަށާއި އޭނާއަށް އެކަމުގައި އޮންނަންޖެހޭ އަމިއްލަ މިނިވަންކަން ބޭނުންވާ ކަމަށެވެ. ބޮޑަށް ބެލެވޭ ގޮތުގައި މި ސީޒަން ނިމުމުން މޮރީނިއޯ ޔޫރަޕްގެ ކްލަބަކާއި ހަވާލުވާނެ އެވެ. ރިޕޯޓުތައް ބުނާގޮތުން އަންނަ ސީޒަނުގައި މޮރީނިއޯ އަލުން ރެއާލް މެޑްރިޑާއި ހަވާލުވުމުގެ ފުރުސަތު އެބައޮތެވެ.

ރެއާލްގެ އިތުރުން މޮރީނިއޯ ކުރިން އިރުޝާދުދިން ޕޯޗުގަލްގެ ބެންފީކާ އިން ވަނީ އޭނާ ގެންދިއުމަށް ދާފިފަހުން މަސައްކަތް ކޮށްފައެވެ. ބެންފީކާއިން މޮރީނިއޯ ގެންދަން މަސައްކަތް ކުރީ އެޓީމުގެ ކޯޗުކަމުން މިދިޔަ ހަފްތާ ރުއީ ވިކްޓޯރިއާ ވަކިކުރުމަށްފަހު އެވެ. އެކަމަކު ޕޯޗުގަލްގައި އަލުން މަސައްކަތް ކުރުމުގެ ޝައުގުވެރިކަން ނެތްކަމަށްބުނެ މޮރީނިއޯ ވަނީ އެ ފުރުސަތު ދޫކޮށްލައިފައެވެ.

avatar