ރަން ދުވަސްވަރުގެ މިތުރަށް އެހީވާން ފެބްރިގާސް މޮނާކޯ އަށް

ފެބްރިގާސް މޮނާކޯ އަށް ބަދަލުވުމަށްފަހު. އެޓީމުގައި ފެބްރިގާސް ބޭނުންކުރާނީ ޖާޒީ ނަންބަރު 44

އިނގިރޭސި ކްލަބް ޗެލްސީ އަށް ކުޅޭ ސްޕެއިންގެ މިޑްފީލްޑަރު ސެސް ފެބްރިގާސް ފްރާންސްގެ މޮނާކޯ އަށް ރަސްމީކޮށް ބަދަލުވެއްޖެ އެވެ. ޗެލްސީން ފުރުސަތު ނުލިބޭތީ އުމުރުން 31 އަހަރުގެ ފެބްރިގާސް އެޓީމާއި ގުޅޭނެކަމަށް ކުރިން ވެސް އޮތީ ބެލެވިފައެވެ.

ތިން އަހަރާއި ބައިގެ މުއްދަތަކަށް ފެބްރިގާސް މޮނާކޯ އަށް ބަދަލުވިއިރު އޭނާއަށް އިރުޝާދުދޭން ހުންނާނީ ފެބްރިގާސް އާއެކު އާސެނަލަށް ކުޅުނު  ތިއެރީ އޮންރީ އެވެ. މި ދެ ކުޅުންތެރިންވަނީ 2003 އިން 2007 ވަނަ އަހަރާއި ހަމައަށް އާސެނަލްގައި ކުޅެފައެވެ.

ފެބްރިގާސް އިންގްލެންޑުގައި އެންމެ ފަހުން ކުޅުނު މެޗަކީ އެފްއޭ ކަޕް ގައި މިދިޔަ ހޮނިހިރު ދުވަހު ނޮޓިންހަމް ފޮރެސްޓާ ވާދަކޮށް 2-0 އިން ޗެލްސީ މޮޅުވި މެޗެވެ. އެ މެޗަށްފަހު ފެބްރިގާސް ވަނީ ޗެލްސީގެ ސަޕޯޓަރުންނަށް އަލްވަދާއު ކިޔުމުގެ ގޮތުން ދަނޑު މަތީގައި ގިނަ އިރުތަކެއް ހޭދަކޮށްފައެވެ. އެރޭ ފެބްރިގާސް ދަނޑުން ފައިބައިގެން ދިޔައީ ރޮމުންނެވެ.

“މިއީ އާ ޕްރޮޖެކްޓެއް. އަހަރެން މިތާ މިހުރީ މި ޓީމަށް އެހީތެރިވެދޭން. ރަނގަޅު ފެށުމަކަށް އަހަރެން މިހުރީ އުއްމީދުކޮށްގެން” މޮނާކޯ އަށް ބަދަލުވުމަށްފަހު ފެބްރިގާސް ބުންޏެވެ.

ރިޕޯޓުތައް ބުނާގޮތުން މޮނާކޯ އިން ފެބްރިގާސް ގަތުމަށް ޗެލްސީ އަށް އަގެއް ދައްކާފައެއް ނުވެއެވެ. އެކަމަކު ކުޅުމަށް ބަލައި މޮނާކޯ އިން ޗެލްސީ އަށް ބޯނަސް ފައިސާ ދޭ ގޮތަށް ވަނީ ހަމަޖެހިފައެވެ.

އުމުުރުން 16 އަހަރުގައި ފެބްރިގާސް 2003 ވަނަ އަހަރު  އާސެނަލާއި ގުޅުނީ ބާސެލޯނާއިންނެވެ. އެޓީމާއި ގުޅުމަށްފަހު ފެބްރިގާސް ވަނީ 16 އަހަރުގައި ސީނިއާ ޓީމުން ޖާގަ ހޯދައިފައެވެ. 04-2003 ވަނަ އަހަރުގެ ލީގު ކަޕްގައި ވުލްވްސް ކޮޅަށް އުމުުރުން 16 އަހަރުގައި ގޯލު ޖަހައި ފެބްރިގާސް ވަނީ އެ ކްލަބަށް ގޯލު ޖަހައިދިން އެންމެ ޒުވާން ކުޅުންތެރިޔާގެ ޝަރަފް ހޯދައިފައެވެ. އެ ސީޒަނުގައި އާސެނަލް ބަލިނުވެ އިނގިރޭސި ޕްރިމިއާ ލީގު ކާމިޔާބުކުރި ނަމަވެސް ލީގުގައި އެއްވެސް މެޗެއް ނުކުޅޭތީ ފެބްރިގާސް އަށް އެ ކާމިޔާބީގެ މެޑަލް ލިބިފައެއް ނުވެއެވެ.

އާސެނަލާ އެކު އެފްއޭ ކަޕް ކާމިޔާބުކޮށް 2006 ވަނަ އަހަރުގެ ޗެމްޕިއަންސް ލީގުގެ ފައިނަލުގައި ބާސެލޯނާ އަތުން ބަލިވިއިރު ފެބްރިގާސް ވަނީ ކުޅެފައެވެ. އެއަށްފަހު ފެބްރިގާސް އޭނާގެ ކުރީގެ ކްލަބް ބާސެލޯނާ އަށް ބަދަލުވީ 2011 ވަނަ އަހަރު އެވެ. ބާސެލޯނާގައި ފެބްރިގާސް ވަނީ ހަ ތަށި ހޯދައިފައެވެ. އެޓީމާއެކު ސްޕެނިޝް ލީގާއި ކްލަބް ވޯލްޑް ކަޕް ވެސް ކާމިޔާބު ކުރުމަށްފަހު ފެބްރިގާސް ޗެލްސީ އަށް ބަދަލުވީ 2014 ވަނަ އަހަރު އެވެ. ޗެލްސީގައި ހޭދަކުރި މުއްދަތުގައި ފެބްރިގާސް ވަނީ އެޓީމާއެކު ދެ ފަހަރު ޕްރިމިއާ ލީގު ކާމިޔާބު ކޮށްފައެވެ. ހޯސޭ މޮރީނިއޯ އާއި އެންޓޯނިއޯ ކޮންޓޭގެ ކޯޗު ކަމުގައި ޗެލްސީން ލީގު ކާމިޔާބު ކުރިއިރު ފެބްރިގާސް ވަނީ މެދުތެރޭގައި މުހިއްމު ދައުރެއް އަދާކޮށްފައެވެ. އެކަމަކު މި ސީޒަނުގައި ޗެލްސީގެ ކޯޗުކަމާއި ހަވާލުވި މައުރީޒިއޯ ސާރީގެ ޕްލޭން ގައި ފެބްރިގާސް އަށް ލީގުގައި ފުރަތަމަ އެގާރައިން ފުރުސަތު ލިބުނީ އެންމެ މެޗެއްގައެވެ.

އިނގިރޭސިވިލާތުގައި ހޭދަކުރި މުއްދަތުގައި 501 މެޗު ކުޅެދީ ދެ ޕްރިމިއާ ލީގުގެ އިތުރުން ދެ އެފްއޭ ކަޕާއީ ލީގު ކަޕްވެސް ފެބްރިގާސް ވަނީ ކާމިޔާބުކޮށްފައެވެ. އަދި، 2008 ވަނަ އަހަރުގެ ސީޒަނުގައި އާސެނަލް ޓީމުގެ ކެޕްޓަންކަން ކުރިއިރު އެ ސީޒަނުގެ އެންމެ މޮޅު ޒުވާން ކުޅުންތެރިޔާގެ މަގާމްވެސް ފެބްރިގާސް ވަނީ ހޯދައިފައެވެ.

އޮންރީ އާއެކު ފެބްރިގާސް މޮނާކޯގައި  ކުރަން އޮތީ  ބުރަ އަދި ބޮޑު މަސައްކަތެކެވެ. ލީގުގައި ކުޅުނު 18 މެޗަށްފަހު ލިބުނު 13 ޕޮއިންޓާއެކު އެޓީމު މިވަގުތު އޮތީ ތާވަލުގެ 19 ވަނައިގައެވެ. ރެލިގޭޝަނުން ސަލާމަތްވާން ބޭނުންނަމަ އެޓީމު ދެ ވަނަ ބުރުގައި ފެބްރިގާސްގެ ތަޖުރިބާ ވަރަށް ބޮޑަށް ބޭނުންވާނެ އެވެ.  އޮންރީ އެޓީމާއި ހަވާލުވުމަށް ފަހުވެސް ހަމައަކަށް އެޅިފައިނުވާއިރު ލީގުގައި އެންމެ ފަހުން ކުޅުނު ނުވަ މެޗުގެ ތެރެއިން ހަ މެޗުން އެޓީމު ވަނީ ބަލިިވެފައެވެ. އެކަމަކު ފްރެންޗް ލީގު ކަޕުގެ ސެމީ ފައިނަލަށް އެޓީމު ވަނީ ދަތުރުކޮށްފައެވެ.

avatar