ކަރަން އާއެކު ބުއި ކޮފީ އިންޑިއާގެ ދެ ކުޅުންތެރިންނަށް ހިތިވެއްޖެ

އިންޑިއާގެ ކްރިކެޓް ޓީމުގެ ޕާންޑިޔާ އާއި ރާހުލް. މި ދެކުޅުންތެރިންވެސް ވަނީ ޓީމުން ބާކީކޮށްފައި

އޮސްޓްރޭލިއާގައި މިހާރު މެޗްތަކެއް ކުޅެމުން އަންނަ އިންޑިއާގެ ގައުމީ ކްރިކެޓް ޓީމުގެ ދެ ކުޅުންތެރިން ކަމަށްވާ ހަރްދިކް ޕާންޑިޔާ އާއި ކޭއެލް ރާހުލް ޓީމުން ބާކީކޮށް އަނބުރާ ގައުމަށް ފޮނުވާލަން އިންޑިއާގެ ކްރިކެޓް ބޯޑުން ނިންމައިފިއެވެ. ރޭ އިންޑިއާގެ ކްރިކެޓް ބޯޑުން އެގޮތަށް ނިންމީ އިންޑިއާގައި ކުރިއަށް ގެންދާ ޓީވީ ޝޯ އެއް ކަމަށްވާ “ކޮފީ ވިތް ކަރަން” ގައި ޕާންޑިޔާ އާއި ރާހުލް ދެއްކި ވާހަކަ ތަކަކާ ގުޅިގެން އެ ދެކުޅުންތެރިން ސަސްޕެންޑްކޮށްފައި ތިއްބައެވެ.

“ދެ ކުޅުންތެރިން އަނބުރާ ފޮނުވާލާކަން ކަށަވަރުކޮށްދެން. އެމީހުންގެ ޓިކެޓް މާދަމާ (މިއަދު) އަށް ލިބުނަސް އެމީހުން މާދަމާ ފުރާނެ. އެންމެ ލަސްވެގެންވެސް މާދަމާ ނޫން އަނެއް ދުވަހު (މާދަމާ) ފުރާނެ.” އިންޑިއާގެ ކްރިކެޓް ބޯޑްގެ އިސް އޮފިޝަލަކު އެގައުމުގެ ނޫސް އޭޖެންސީ އެއް ކަމަށްވާ ޕީޓީއައި އަށް މައުލޫމާތުދެމުން ބުނެފައިވެއެވެ.

ކްރިކެޓް ބޯޑްގެ އެ އޮފިޝަލް އިތުރަށް ފާހަގަކުރި ގޮތުގައި އިންޑިއާގެ ކްރިކެޓް ޓީމުން އޮސްޓްރޭލިޔާގައި ކުޅޭ މެޗްތައް ނިންމުމަށްފަހު ނިއުޒީލެންޑަށް ކުރާ ދަތުރުގައިވެސް އެ ދެ ކުޅުންތެރިންނަށް ބައިވެރިވެވޭނެ ކަމާމެދު މިވަގުތު ވަނީ ސުވާލު އުފެދިފައެވެ.

އިންޑިއާގެ ކްރިކެޓް ޓީމް ގެ މުހިއްމު ދެ ކުޅުންތެރިއެއްގެ މައްސަލައެއް ފެންމަތިވެފައި މިވަނީ އޮސްޓްރޭލިއާ އާއި އިންޑިއާ އާއި ދެމެދު އެއް ދުވަހުގެ ކްރިކެޓް މެޗްތަކެއް ހިމެނޭ ސީރީޒް އެއް ފަށަން ތައްޔާރުވެފައި އޮއްވައެވެ. ޖުމްލަ ތިން މެޗް ކުޅުމަށް ހަމަޖެހިފައިވާ މި ސީރީޒްގެ ފުރަތަމަ މެޗް މިއަދު އޮސްޓްރޭލިޔާގައި ކުރިއަށްދާނެއެވެ. އެއް ދުވަހުގެ މެޗްތައް ފެށުމުގެ ކުރިން މި ދެ ގައުމުގެ ދެމެދުގައި ވަނީ ޓެސްޓް މެޗްތަކުގެ ސީރީޒް އެއްވެސް ބާއްވައިފައެވެ. އެ ސީރީޒް 1-2 އިން ކާމިޔާބުކޮށްފައިވަނީ އިންޑިއާ އިންނެވެ.

އޮސްޓްރޭލިޔާގެ މައްޗަށް އިންޑިއާއިން ކާމިޔާބު ހޯދި ޓެސްޓް ސީރީޒްގައިވެސް މުހިއްމު ރޯލެއް ކުޅުނު ޕާންޑިޔާ އާއި ރާހުލް ސަސްޕެންޑް ކުރުމުގެ ކުރިން އެ ދެކުޅުންތެރިން އަންހެނުންނަށް އިހާނެތިކަން ލިބޭ ފަދަ މޭރުމަކުން ދައްކައިފައިވާ ވާހަކަތައް އިންޑިއާގެ ގައުމީ ކްރިކެޓް ޓީމްގެ ކެޕްޓަން ވިރާތް ކޯލީ ވެސް ވަނީ ކުށްވެރިކޮށްފައެވެ.

“އިންޑިއާގެ ކްރިކެޓް ޓީމްގެ ކުޅުންތެރިއެއްގެ ހައިސިއްޔަތުންނާއި، ޒިންމާދާރު ކްރިކެޓް ކުޅުންތެރިއެއްގެ ހައިސިއްޔަތުން އަހަރެމެން އެ ވާހަކަތަށް ބަލައެއް ނުގަންނަން، އެއީ ވަކި ބައެއްގެ އަމިއްލަ ހިޔާލު. އެކަމާ މެދު ނިންމާ ގޮތެއް ބަލަން މަޑުކޮށްގެން މިތިބީ.” ހުކުރު ދުވަހު ސިޑްނީ ގައި އޮތް ނޫސް ކޮންފަރެންސް އެއްގައި ވާހަކަދައްކަމުން ކޯލީ ބުނެފައިވެއެވެ.

ބޮލީވުޑްގެ ގިނަ ފިލްމު ތަކެއް އުފައްދައިފައިވާ ޕްރޮޑިއުސަރ ކަރަން ޖޯހަރު ހުށަހަޅައިދެމުން އަންނަ އަދި ގިނަ ބައެއްގެ މަގްބޫލްކަން ހޯދައިފައިވާ ސެލެބްރިޓީ ޝޯ ގައި ވާހަކަ ދައްކަމުން ޕާންޑިއާ ބުނެފައިވަނީ ބާ ތަކުގަޔާއި ނައިޓް ކްލަބްތަކުގައި އަންހެނުން އުޅޭ ގޮތް ބަލައިލަން ހިތް އެދޭ ކަމަށެވެ. ޕާންޑިޔާ ފަހުންވަނީ އޭނާ ދެއްކި ވާހަކަތަކާ ގުޅިގެން ސޯޝަލް މީޑިޔާގައި މައާފަށްވެސް އެދިފައެވެ.

“އަހަރެންގެ ވާހަކަތަކުގެ ސަބަބުން އެއްވެސް މީހެއްގެ ހިތަށް އަސަރުކޮށްފައިވާނަމަ އެމީހެއްގެ ކިބައިން އަހަރެން މައާފަށް އެދެން. ތެދުތެދަށް ބުނަންޏާ ޝޯ ގެ މާހައުލު އެވަގުތު އޮތްގޮތުން އަހަރެންނަށް އެހާ ބޮޑަށް ވިސްނާ ނުލެވުނީ. އެއީ އެއްވެސް ހާލެއްގައި މީހަކަށް އިހްތިރާމް ކުޑަކުރުމުގެ ގޮތުން ދެއްކި ވާހަކަތަކެއް ނޫން.” ޕާންޑިއާ ސޯޝަލް މީޑިޔާ ގައި ހާމަކޮށްފައިވެއެވެ.

avatar