ވަކިވާންޖެހޭތީ ކުރި އަސަރުން މަރޭ އަށް ރޮވިއްޖެ
މިއަހަރުގެ މެދެއްހާ ހިސާބުގައި އިނގިރޭސިވިލާތުގައި އޮންނަ ވިމްބަލްޑަން ޓެނިސް މުބާރާތަށްފަހު ޓެނިހުން ރިޓަޔަރ ކުރާނެ ކަމަށް އެ ގައުމުގެ އެންމެ މަޝްހޫރު ޓެނިސް ކުޅުންތެރިޔާ އެންޑީ މަރޭ ބުނެފިއެވެ. އެކަމަކު ތިން ގްރޭންޑް ސްލޭމް މުބާރާތް ކާމިޔާބުކޮށްފައިވާ އުމުރުން 31 އަހަރުގެ މި ކުޅުންތެރިޔާގެ އެންމެ ފަހު މުބާރާތަށް އަންނަ ހޯމަ ދުވަހު ފަށާ އޮސްޓްރޭލިޔަން އޯޕަން ވެދާނެ ކަމުގެ ބިރު އެބައޮތްކަމަށްވެސް މަރޭ ބުނެފައިވެއެވެ.
ފޫކޮޅުގެ މަސްގަނޑަށް ލިބުނު އަނިޔާއަކަށް ފަރުވާ ކުރުމުގެ ގޮތުން މިދިޔަ އަހަރު ކުރި އޮޕަރޭޝަނަކަށް ފަހު ކުޅުމުގެ ތެރެއަށް އައުމަށް މަސައްކަތްކުރަމުން އަންނަ މަރޭ އޭނާގެ ރިޓާޔަމަންޓްގެ ވާހަކަ ހާމަކޮށްފައި މިވަނީ އިއްޔެ ހެނދުނު އޮސްޓްރޭލިޔާގެ މެލްބަންގައި އޮތް ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ. ނޫސްވެރިންގެ ބައްދަލުވުމުގައި މަރޭ އެވާހަކަތައް ދައްކަމުން އައީ ފެންކަޅިވެފައި އިނދެއެވެ.
“އަނިޔާގެ ސަބަބުން މި އިހްސާސްކުރަންޖެހޭ ތަދާއެކު އަހަރެންނަކަށް ހިޔެއް ނުވޭ ކުރިއަށް އޮތް ހަތަރެއް ނުވަތަ ފަސް މަސް ދުވަސް ވަންދެން އަހަރެންނަށް ކުޅުން ކުރިއަށް ގެންދެވޭނެހެނެއް. އަހަރެން ބޭނުންވަނީ ވިމްބަލްޑަން މުބާރާތުގަ ކުޅެފަ ހުއްޓާލަން. އެކަމަކު އެކަން ކުރެވޭނެ ކަމުގެ ޔަގީންކަމެއް ނެތް.” މަރޭ ބުންޏެވެ.
މީގެ ކުރިން ދުނިޔޭގެ އެއް ވަނަ ޓެނިސް ކުޅުންތެރިޔާގެ މަގާމުގައިވެސް ހުރި މަރޭ އޮޕަރޭޝަން ކޮށްފައިވަނީ މިދިޔަ އަހަރުގެ ޖެނުއަރީ މަހުއެވެ. އޮޕަރޭޝަނަށްފަހު އޭނާ އަލުން ކުޅުމުގެ ތެރެއަށް އެނބުރި އައީ މިދިޔަ އަހަރުގެ ޖޫން މަހުގެ ތެރޭގައެވެ. އެކަމަކު އޭގެ ފަހުން އޭނާ ކުޅެފައިވަނީ އެންމެ 14 މެޗެވެ. އޮސްޓްރޭލިއަން އޯޕަންގެ ފުރަތަމަ ބުރުގައި މަރޭ ވާދަކުރަން ހަމަޖެހިފައި އޮތީ 22 ވަނަ އަށް ސީޑް ކޮށްފައިވާ ސްޕެއިން ގެ ރޮބާޓޯ ބައުޓިސްޓާ އާއެވެ.
މަރޭ މިދިޔަ އަހަރު އަލުން ކުޅުމުގެ ތެރެއަށް އެނބުރި އައި ނަމަވެސް އޭނާ ވަނީ ސެޕްޓެމްބަރު މަހުގެ ތެރޭގައި ސީޒަން ނިންމާލައި ރިހެބިލިޓޭޝަން އެކްސްޕާޓެއް ކަމަށްވާ ބިލް ނޯލްސް އާއެކު އަލުން ފޯމަކަށް އަންނަން ބުރަ މަސައްކަތްތަކެއް ކޮށްފައެވެ. އެހެން ނަމަވެސް މިދިޔަ ބުރާސްފަތި ދުވަހު ދުނިޔޭގެ އެއް ވަނަ ކުޅުންތެރިޔާގެ މަގާމުގައި މިހާރު ހުރި ސާބިޔާގެ ނޮވާކް ޖޮކަވިޗް އާއެކު މެލްބަންގައި ކުރިއަށްގެންދިޔަ އޯޕަން ޕްރެކްޓިސް މެޗެއްގައި މަރޭ ފެނުނީ ބޮޑު މުބާރާތެއްގައި ވާދަކުރެވޭ މިންވަރަށް ފިޓްވެފައި ނެތް ތަނެވެ.
“އަހަރެން އަދިވެސް ރަނގަޅެއް ނުވޭ. ވަރަށް ގިނަ ދުވަސްވެއްޖެ އަހަރެން މިކަމުން އަރައިގަތުމަށް މަސައްކަތްކުރަމުން އަންނަތާ. މި ތަދާއެކު އަހަރެން އުޅޭތާ މިހާރު ވިހި މަސްދުވަސް މިވީ. މިކަމުން އަރައިގަތުމަށްޓަކައި ކުރެވެން ހުރި ހުރިހާ މަސައްކަތެއް އަހަރެން ކޮށްފިން. އެކަމަކު އެކަން ކާމިޔާބުވާގޮތެއް ނުވި.” ރޮވިފައި އިން މަރޭ ބުންޏެވެ.
“އަހަރެންގެ މިހާރުގެ ހާލަތު މީގެ ހަ މަސްދުވަސް ކުރިއާ ބަލާއިރު ރަގަޅު. މުބާރާތުގައި އަހަރެންނަށް ކޮންމެވެސް ވަރެއް ކުރެވިދާނެ. އެކަމަކު ކުރީގަ އަހަރެން ކުޅުނު ފެންވަރަކަށް ނުކުޅެވޭނެ.” މަރޭ އިތުރަށް ބުނެފައިވެއެވެ.
މަރޭ ވަނީ 2002 ވަނަ އަހަރުގެ ޔޫއެސް އޯޕަން އަދި 2013 ވަނަ އަހަރާއި 2016 ވަނަ އަހަރުގެ ވިމްބަލްޑަން މުބާރާތް ކާމިޔާބުކޮށްފައެވެ. އެކަމަކު ގްރޭންޑް ސްލޭމް އަނެއް ދެ މުބާރާތް ކަމަށްވާ އޮސްޓްރޭލިއަން އޯޕަން އާއި ފްރެންޗް އޯޕަން އަދި މިހާތަނަށް މަރޭ އަށް ކާމިޔާބު ކުރެވިފައެއް ނުވެއެވެ.
Advertisement
Leave a Reply